އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 24 ސިކުންތު
އަހަރެން ކައިވެނިކުރީ އުމުރުން 26 އަހަރުގައެވެ. އަނބިމީހާގެ އުމުރަކީ 24 އަހަރެވެ. ކައިވެންޏަށް 5 އަހަރުވީއިރުވެސް ދަރިއަކު ނުލިބުން ވީވަރަށްބޮޑު ހިތާމައަކަށެވެ. ގޭތެރެ ފަޅުވެފައި އޮންނަ އޮތުމާއިމެދު ދެމަފިރިންވެސް ވަރަށް ދެރަވެއެވެ.
ދެމަފިރިން އެއްބަސްވެ ދަމުނަމާދުކުރަން ފެށީމެވެ. ޛިކުރުކޮށް ދުޢާކުރުމުގައި ގިނަ ވަގުތުތައް ކޮންމެރެއަކުވެސް ހޭދަކުރަންފެށީމެވެ. ލެއްވެވި ރަޙްމަތްވެސް ވަރަށް ބޮޑެވެ. އެގޮތަށް ކަންކަން ކުރަންފެށިތާ އަހަރެއްހައި ދުވަސްތެރޭ އަންހެނުން ބަލިވެ އިނދެއްޖެއެވެ.
ނަމަވެސް ޑޮކްޓަރު ދިނީ ވަރަށް ދެރަވާންޖެހުނު ޚަބަރެކެވެ. ބަނޑަށް 4 މަހުގައި ޑޮކްޓަރު ބުނީ ވިހެއުމަށްފަހު އަނބމީހާއަށް ތަކްލީފްތަކެއް އުފުލަން ޖެހިދާނެކަމަށެވެ. ބައެއް ޞިއްޙީ މައްސަލަތައް ކުރިމަތިވުން ގާތް ކަމަށެވެ. އެއީ ދަރިފުލު އަށަގެންފައި އިންތަނުން ކަމަށްވެސް ބުންޏެވެ. އަދި ބޭނުންނަމަ ވައްޓާލާފައި އަލުން ބަލިވެއިނުމަށްވެސް ލަފާދިނެވެ.
ދެމަފިރިން މަޝްވަރާކުރީމެވެ. އަނބިމީހާ ބޭނުންވީ ކޮންމެ ޙާލެއްގައި ދިރިއުޅެން ޖެހުނު ނަމަވެސް ވިހާށެވެ. އެހެންވެ އެގޮތަށް އަހަރެންވެސް ރުހުނީމެވެ.
ވިހެއުމުގައި އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވެއެވެ. ކުރިން ލަފާކޮށްފައި އޮތް ގޮތަށް ސިޒޭރިއަން ހަދާކަށްވެސް ނުޖެހެއެވެ. ނަމަވެސް ވިހޭތާ ހަފްތާއެއްވެސް ނުވަނީސް އަންހެނުން އާދައާ ޚިލާފަށް ވަރުބަލިވާންފެށިއެވެ. ތެދުވެ އުޅެންވެސް އުނދަގޫވިއެވެ. ޑޮކްޓަރަށް ދެއްކުމުން ޓެސްޓްތައް ހަދާފައި ބުނީ ފަރުވާކުރަންޖެހޭ މައްސަލައެއް ނެތް ކަމަށެވެ.
އެއިރުވެސް އަހަރެން ދިއައީ ދަމުނަމާދުކުރަމުންނެވެ. އަނބިމީހާއަށް ހިނައިގަނެވުމުން ދެމީހުން އެކުގައި ދަމުނަމާދުކުރަން ފެށީމެވެ. ވަރުބަލިވާވަރުން ނަމާދުކުރީ ގޮނޑީގައި އިނދެގެންނެވެ.
އެދުވަސްވަރު އަހަރެންނަށް ވަރަށް ބުރައެވެ. އޮފީހުގައި ވަޒީފާ އަދާކުރަމުން އަނބިމީހާ އާއި ދަރިފުޅުގެ މަސައްކަތްވެސް ކުރަންޖެހުމުން އަދި ކައްކަމުން އުޅެންޖެހުމުން ރޭވާއިރު ހުންނަނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ނަމަވެސް އަނބިމީހާއަކަށް އެކަމެއް ނުވެސް އަންގަމެވެ.
ކިޔުންތެރިންނޭވެ! އެފަދަ ޙާލެއްގައި އުޅެމުންދަނިކޮށް ދަރިފުޅަށް ދެއަހަރު ފުރުނުތަނާ ކުއްލިއަކަށް އެއްފަހަރާ 4 ޕްރަމޯޝަން ލިބިއްޖެއެވެ. ކުންފުނީގެ އެއް ޑިޕާޓްމަންޓްގެ އިސް މީހަކަށް ވެވިއްޖެއެވެ. އެއީ ކައިރި މުސްތަޤްބަލެއްގައި ވާނެ ކަމަށް އުންމީދުކުރިވެސް ކަމެއް ނޫނެވެ.
މުސާރައަށް އައި ހެޔޮ ބަދަލާއިއެކު ފުރަތަމަވެސް ހޯދީ ގޭގައި ގެންގުޅޭނެ އަންހެނެކެވެ. ބޭރުން އަންހެނަކު ގެނައީއެއް ނޫނެވެ. ކުޑަ ދަރިފުޅަކާއިއެކު އެކަނިވެރިވެފައި ހުރި މައަކު ގެއަށް ގެނެސް އެދަރިފުޅުގެ ބެލެނިވެރިކަމާއިވެސް ޙަވާލުވީއެވެ.
ދެން ބުނަން އޮތީ ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކައެވެ. މަހެއްހައި ދުވަސްތެރޭ އަނބިމީހާގެ ގައިގައި ވަރުޖެހެން ފެށީއެވެ. 3، 4 މަސްވީއިރު ހަމަ މުޅިން ފަސޭހަވެ ކުރިއާއި އެއްގޮތް ވެއްޖެއެވެ.
މިވާހަކަ ވަރަށް ގާތް ޝައިޚަކާއި ހިއްޞާކުރުމުން ޝައިޚް ވިދާޅުވިއެވެ. "އަޚާއެވެ! ތިބާ ތިއަކުރީ ހެޔޮކަން މަތިމައްޗަށެވެ. ފުރަތަމަ ކަމަކީ ދެމަފިރިން އެކުގައި ދަމުނަމާދުކުރުމެވެ. ދެވަނަ ކަމަކީ އެޙާލުގައި އަނބިމީހާ އާއި ދަރިފުޅުގެ ކަންކަން އެހައި ރަނގަޅަށް ބެލެހެއްޓުމެވެ. ޕްރަމޯޝަން ލިބުނީ އެކަމުގެ ނަތީޖާއެއްގެ ގޮތުން ކަމަށްވެދާނެއެވެ. ޕްރަމޯޝަން ލިބި ތަނަވަސްކަން ލިބުމުން ދެން ތިއަކުރެވުނީ ހެޔޮކަން މަތިމައްޗަށެވެ. އެއީ އެފަދަ އެކަނިވެރި މައަކަށް އެހީތެރިވެދިނުމެވެ. އުޖޫރަ ދިނުމުގެ އިތުރުން ދަރިފުޅުވެސް ބަލަހައްޓައިދިނުމެވެ. ވީމާ ފެނިގެން ދިއައީ ނުއެނގި ހުރެ ނަމަވެސް މަތިމައްޗަށް ކުރެވުނު ހެޔޮ ޢަމަލުތަކުގެ ނަތީޖާ ކަމަށްވުން އެކަށީގެންވެއެވެ."
ކިޔުންތެރިންނޭވެ! އަޅުގަނޑުގެ ތަޖުރިބާ ހިއްޞާ މިކުރީ ހަމަ ކޮންމެ ބޭފުޅަކަށްވެސް ފައިދާކުރާނެ ކަމުގެ އުންމީދުގައެވެ.
- ޙުސައިން- މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
9 ޖޫން 2021