އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ބަލިޙާލުގަ އޮތް ބައްޕައަށް އޯގާތެރިވުމުން 7 ދަރިންނާއެކު އެކަނިވެރި މައަކަށް ލެއްވެވި ބޮޑު ރަހްމަތުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ބަލިޙާލުގަ އޮތް ބައްޕައަށް އޯގާތެރިވުމުން 7 ދަރިންނާއެކު އެކަނިވެރި މައަކަށް ލެއްވެވި ބޮޑު ރަހްމަތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 11 ސިކުންތު

އެއިރު އަޅުގަނޑުގެ އުމުރަކީ 36 އަހަރެވެ. ކުރި 2 ކައިވެނިން ކުރި ހަމައެކަނި ފައިދާއަކީ 7 ދަރިން ލިބި ބައްޕައިންގެ އެހީތެރިކަމާއި ނުލައި 7 ދަރިން ބަލަންޖެހުމެވެ. 

ދެ ފިރިންވެސް އަޅުގަނޑު ދޫކޮށްލީ އެމީހުންގެ ޙައްޤުތައް އަދާކޮށްނުދީގެނެއް ނޫނެވެ. އެމީހުންގެ ބޭނުންތަކުގެ ކުރިއަށް ﷲ ތައާލާ އަށް އަދާކުރަންޖެހޭ ކަންކަން ކުރުން ނެރޭތީއެވެ. ފުރަތަމަ ފިރިމީހާ އަޅުގަނޑު ދޫކޮށްލީ ބުރުގާ ނަގައި ޖީންސް ނުލައިގެންނެވެ. ދެވަނަ ފިރިމީހާ އަޅުގަނޑު ދޫކޮށްލީ މެންދުު ކާން ގެއަށް އައިއިރު ޢަޞްރު ނަމާދުކުރަން ހުރެގެންނެވެ. އެކަން ތަކުރާރުވާކަމަށް ބުނެއެވެ. 

ކޮންމެއަކަސް ދެވަނަ ކައިވެނި ރޫޅުނުތަނާހެން ބައްޕަ ވަރަށް ބޮޑަށް ބަލިވެ އެނދުމަތިވެއްޖެއެވެ. ބައްޕަގެ އެންމެ ދޮށީ އަންހެން ދަރިއަކީ އަޅުގަނޑެވެ. އެހެންކަމުން ބައްޕަ ތާހިރު ކުރުމުގެ ކަންކަން އަޅުގަނޑަށް ނުކުރެވުނު ނަމަވެސް ދެން ކުރަންޖެހޭ ކަންކަން ދިއައީ ވަރަށް ބަރާބަރަށް ކުރަމުންނެވެ. އަނގައަސް ލަވައި ކާން ދިނުމުން ފެށިގެން ހުރިހާ ކަމެއް އައީ ކުރަމުންނެވެ.

އެކަމުގެ ސަބަބުން ދުނިޔޭގައިވެސް އަޅުގަނޑަށް ވަރަށް ބޮޑު 2 ރަޙްމަތް ލެއްވެވިއެވެ. ފުރަތަމަ ރަޙްމަތަކީ އަޅުގަނޑުގެ ދަރިންނާއި އަޅުގަނޑުގެ ކަންކަން ވަރަށް ރަނގަޅަށް އަޅުގަނޑުގެ އަޚުންނާއި އުޚުތުން ބަލަހައްޓައިދިންކަމެވެ. ދެވަނަ ކަމަކީ ލެއްވެވި އެންމެ ބޮޑު ނިޢްމަތެވެ.

ބައްޕަ ނިޔާވީ އެ ޙާލަތުގައި 3 އަހަރު އޮންނެވުމަށްފަހުގައެވެ. ކުޑައިރު މާލެ ގެންނަވައި ބައްޕަ ބަލައި ބޮޑުކުރެއްވި މިހާރު ތަނަވަސް ފިރިހެން ކުއްޖަކު ހުރެއެވެ. އެދުވަސްވަރު ވަރަށް ގިނައިން އޭނާ ގެއަށް އައިސް ބައްޕަ ގާތު ވަގުތު ހޭދަކުރިއެވެ. ބައްޕައަށް އެހީތެރިވެދީ ކަންކަން ވަރަށް ގާތުން ބެލެހެއްޓިއެވެ.    

ބައްޕަ ނިވާވިތަނާ އޭނާ ކުރީ މެސެޖެކެވެ. "ނިސްއެވެ. ނިސް އަބަދުހެން ފިރުމައި ޚިދުމަތްކުރި އަހަރެންގެވެސް ބައްޕަ ނިޔާވީއެވެ. އެއީ ﷲ ގެ ނިންމެވުމެވެ. ނިސް މިހާރު ހުންނާނީ ވަރަށް ފޫހިވެސް ވެފައިދޯއެވެ." 

"ޖަވާބުގައި ބުނީމެވެ. "އެހައި ފޫއްސެއް ނުވެއެވެ. ވަގުތުވާވަރަކުން އަޅުކަންކޮށް ބައްޕައަށް ހެޔޮ ދުޢާކުރަނީއެވެ. ދެން ދަރިންގެ ކަންކަންކޮށްފައި އެހައި ގިނަ ވަގުތު ހުހަށް ހުންނާކަށް ނުލިބެއެވެ." 

އޭނާގެ ދެވަނަ މެސެޖެވެ. "މިހައިތަނަށް ތިއައީ އަހަރެންގެ ދޮށީ ދައްތައެވެ. ނަމަވެސް އަހަރެންގެ ހިތުގައި މަޤާމް ބަދަލުވެއްޖެއެވެ. މިއަދަކު ނޫނެވެ. ދައްތަ ބައްޕައަށް ކޮށްދިން ޚިދުމަތް ފެނުމުންނެވެ. ދައްތައަށް އެނގޭނެފަދައިން ޝާއިރާގެ ގެ އަޅައިދީ ނިމުނުއިރަށް ޝާއިރާ އެވަނީ އަހަރެންނާއި ވަކިވެފައެވެ. ވީމާ ފުރުޞަތު ދީފިނަމަ އަހަރެން ބޭނުމީ ނިސް އާއި ކައިވެނިކުރާށެވެ. ޢުމުރުގަ 5 އަހަރުގެ ތަފާތު ހުރިކަން އެނގެއެވެ. އެކަން ދެކެނީ ރަޙްމަތެއްގެ ގޮތުގައެވެ. އަހަރެންގެ 3 ކުދިން ފަދައިން ނިސްގެ 7 ކުދިންވެސް ބަލަހައްޓާނަމެވެ. އެކަން ޔަޤީން ކުރާށެވެ." 

މެސެޖް ކިޔާފައި އިތުރަށް ބުނާނެ އެއްޗެއް ނެތެވެ. 5 އަހަރު ދޮށިއިރުވެސް އޭނާ އެހެރީ އަހަރެން ބަލައިގަންނާށެވެ. 7 ދަރިންވެސް ބަލާށެވެ. އަހަރެންގެ ދިރިއުޅުމާއި ހުރިހާ ޙަޤީޤަތެއް އޭނާއަށް އެނގެއެވެ. އިތުރަށް ކިޔައިދޭންޖެހޭ ކަމެއް ނެތެވެ. އެހެންވެ އަހަރެން ރުހި ޤަބޫލުވީމެވެ. 

އޭނާ އަހަރެންނާއި ބައްދަލެއް ނުކުރެއެވެ. އިތުރު ވާހަކައެއްވެސް ނުދައްކައެވެ. ފޮނުވީ ހެކިވެރިންނެވެ. ހަފްތާއެއްވީއިރު ތިބީ ކައިވެނިކޮށްގެންނެވެ. މިހާރު އަޅުގަނޑުގެ އުމުރަކީ 62 އަހަރެވެ. ކައިވެންޏަށް 24 އަހަރު ފުރިއްޖެއެވެ. ހިތްހަމަ ނުޖެހެނީ މިވެނިކަމަކުން ކަމަށް ބުނާނެ އެއްވެސް ކަމެއް ނެތެވެ. 

އަޅުގަނޑުގެ ޙަޔާތް މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ ބަލިމީހަކު ބަލައި އެހީތެރިވުމުން ގެއަކާއި ގޯއްޗެއް ލިބުނު ކަމުގެ ވާހަކަ މީހަކު ކިޔައިދީފައި އޮއްވައި ފެނުމުން ބަލިމީހުންނަށް ޚާއްޞަކޮށް މައިން ބަފައިން ބަލިޙާލުގައި ޖެހުމުން އެހީތެރިވުމުން ދުނިޔޭގައި ވެސް ލައްވަވާ ރަޙްމަތް އަލުގަނޑުވެސް ތަޖުރިބާކުރަމުންދާތީ ހަމަ ހިއްޞާކޮށްލުމުގެ ގޮތުންނެވެ. ކިޔުންތެރިންނަށް ޢިބްރަތަކަށްވާނެ ކަމުގެ އުންމީދުގައެވެ. 

- ނިސްރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް