އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒަމާނީ ޤުދުސް އާއި މަސްޖިދުލްއަޤްސާ މަރާމާތު ކުރެއްވި ސުލްޠާން ސުލައިމާނުލް ޤާނޫނީ

ޒަމާނީ ޤުދުސް އާއި މަސްޖިދުލްއަޤްސާ މަރާމާތު ކުރެއްވި ސުލްޠާން ސުލައިމާނުލް ޤާނޫނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 39 ސިކުންތު

ޕޯޗުގީޒުންނަށް ދިވެހިރާއްޖޭގައި އެމީހުންގެ ނުފޫޒު ފަތުރާން ފުރުސަތު ލިބުނު އަހަރަކީ، 1517 އެވެ. މިއީ ގޯވާއާއި މާލާބާރުގެ ކަނޑު ސަރަހައްދުގައި ވިޔަފާރި ކުރުމަށް ޕޯޗުގީޒުން އެނބުރުނު ދުވަސްވަރެވެ. ރާއްޖެވެސް އޮތީ ސިޔާސީ ހަލަ ބޮލޮކަމެއްގައެވެ. ތިން ބުރަށް ވެރިކަމަށް އިސްވެވަޑައިގަތް ކަޅު ހަސަން ރަސްގެފާނުއާއި އޭނާއަށްފަހު އޭނާގެ އައުލާދުން ދިޔައީ ރަސްކަމަށް ވާދަކުރަމުން އާއިލީ ހަމަނުޖެހުމެއްގެ ތެރެއަށް ގައުމު ގަންބަމުންނެވެ.

ޕޯޗުގީޒުން ރާއްޖެއަށް ނުފޫޒު ފޯރުވި އަހަރު، ތުރުކީ ސުލްތާން ސަލީމް އެއް ވަނަ، މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅުގައި  ފުރަތަމަ މަންޒިލަކަށް ހެއްދެވީ މަސްޖިދުލް އަޤްސާ އެވެ. އެ މިސްކިތުގައި ނަމާދު ކުރައްވައި މިސްކިތާއި ގުދުސްގެ ޙާލަތާމެދު ކީރިތި ކުރައްވައި ހެއްދެވިއެވެ.

ސުލްޠާން ސަލީމް އެކެއްގެ މި ދަތުރުފުޅަށް ފަހު ފެށިގެން ދިޔައީ މަސްޖިދުލް އަގްސާއާއި ޤުދުސްގެ ރަސް ޒަމާނެކެވެ. ސުލްޠާން ސަލީމަށް ފަހު ވެރިކަމަށް އިސްވެ ވަޑައިގަތީ އޭނާގެ ދަރިފުޅު ސުލްޠާން ސުލައިމާން އަލްޤާނޫނީ އެވެ. ދިގު މުއްދަތަކަށް ތުރުކީގެ ރަންސަންދާނައިގައި އިންނެވިއެވެ. އަދި ގިނަ ޢުމްރަނީ ތަރައްގީގެ މަސައްކަތްތަކެއް ޤުދުސްއާއި ދެ ޙަރަމްފުޅާއި އިސްލާމީ ސަހަރުތަކުގައި ހިންގެވިއެވެ.

ސުލްޠާން ސުލައިމާނުލް ޤާނޫނީ ވެރިކަން ކުރެއްވީ 1520ން ފެށިގެން 1566އަށެވެ.

ޤާނޫނީ ވެރިކަމަށް އިސްވެވަޑައިގަތް އިރު އިސްލާމީ ދައުލަތް އޮތީ ރޫޅިފައެވެ. މިސްރާއި ޝާމް ކަރައާއި ޙިޖާޒް ކަރައިގައި ވެރިކަން ކުރި މަލާލީކް މީހުންގެ ވެރިކަމުގެ ފަހު އަހަރުތަކުގައި އެތެރޭގެ ކޯޅުންތަކުން ހުރިހައި ދިމާލެއްގައި ރެނދުލައި، ވެރިރަށްތައް އޮތީ ވިރާނާވެފައެވެ. ރައްޔިތުން ބައިބައިވެ، ރަށްފުށުގެ ދިރިއުޅުން އޮތީ ފަގީރުވެފައެވެ.

ޤާނޫނީ ވެރިކަމާ ޙަވާލުވެވަޑައިގެން މިސްރާއި ޝާމްކަރައާއި ޙިޖާޒް އޭނާގެ ދަށަށް ގެންނެވިއެވެ. ޚާދިމުލްޙަރަމައިންގެ ލަޤަބް ނެންގެވިއެވެ.

ގުދުސްގައި އިމާރަތް ކުރައްވަން ފެށްޓެވިއެވެ. މަސްޖިދުލް އަގްސާގެ މަރާމާތާއި ގުއްބު އަލުން މަރާމާތު ކުރުމުގެ މަސައްކަތެވެ. މަސްޖިދުލްއަގްސާގެ މިހާރުވެސް އެހެރަ ގުއްބަކީ، ހިޝާމް ބިން އަބްދުލް މަލިކު ބިނާ  ކުރެއްވި އޮނިގަނޑަށް ގެނެވޭ މަރާމާތެވެ. ޤާނޫނީގެ ވެރިކަމުގައި ދިހަ އަހަރު ވަންދެން ގުއްބާއި މިސްކިތުގެ މަރާމާތުގެ މަސައްކަތް ކުރެވެމުން ދިޔައެވެ. އުންމަތުގެ އެންމެ ހުނަރުވެރި މާހިރުންގެ މަސައްކަތާއެކު، އައު ކުލައާއި އައު މާއްދާތަކާއި އައު ޑިޒައިންތައް ބޭނުން ކުރައްވައިގެން މަސައްކަތް ކުރިއަށް ގެންދެވިއެވެ. އަދި އެންމެ މޮޅަށް އަރަބި ލިޔުން ލިޔާ ފަންނުވެރިނާއި އަތު ލިޔުމުގެ މަސައްކަތުގެ ފަންނުކާރުން ޖާމިނު ކުރެއްވިއެވެ.

މަސްޖިދުލްއަގްސާގެ ވަށައިގެން ފެންނާން އެހެރެ ކުދި ޓައިލްސް ނުވަތަ މޮޒާއިކް (އަރަބި ބަހުން ފުސައިފިސާ)ގެ މަސައްކަތަކީ ޤާނޫނީގެ އިންޖިނިއަރުންގެ މަސައްކަތެވެ.

ތުރުކީގެ ޖާމިއުއްސުލްޠާން ސުލައިމާންގެ ލިޔުންތައް ތައްޔާރު ކުރި ފަންނާން، އަޙްމަދު ޤުއްރާއާއި ލިޔުމުގެ ބޮޑެތި މަސައްކަތް ޙަވާލު ކުރެއްވިއެވެ. މިހާރު ފެންނާން އެހެރީ އެ ލިޔުންތަކެވެ. މުޅި މިސްކިތުގެ ޙަރިއްމައާއި ވަށައިގެންވާ ސަރަހައްދުގައި 40 އަހަރު ވަންދެން ކަވި މަސައްކަތްތަކެއް ކޮށް މުޅި ހިސާބުގަނޑު ހިތްގައިމު ބަގީޗާއަކަށް ބަދަލު ކުރެއްވިއެވެ.

ގުދުސްގެ ވަށައިގެން ފެންނާން އެހަރަ ހަތަރު ފަރާތުން ލެވިފައިވާ ފާރަކީ، ސުލްޠާން ސުލައިމާނުލް ޤާނޫނީގެ އަމުރުފުޅަށް އެދުވަސްވަރު ބިނާ ކުރެވުނު ބޮޑު ފާރެވެ. ސޮލީބީންގެ ބަލާވެރިކަމުން ސަލާމަތްވާންށާއި މިސްކިތް ސަލާމަތް ކުރުމަށް މިފަދަ ފާރެއްގެ މުހިންމު ކަން ޤާނޫނީއަށް ވިސްނިވަޑައިގަތެވެ.

އޭގެ ކުރިން ޤުދުސްގެ ވަށައިގެން ހުރި ފާރުތައް މީލާދީން 1219 ގައި މަލިކުލް މުޢައްޒަމް އީސާ އަލްއައްޔޫބީގެ އަމުރަށް ވައްޓާލެވުނެވެ. 300 އަހަރު ވަންދެން ފާރެއް ނެތި ދިޔައެވެ.

ފަރަންޖީންގެ ރަސްގެފާނު ފްރެޑްރިކްއަށް ތަބަކެއްގައި ގުދުސް ލިބިގެން ދިޔައީ މިފާރުތައް ތަޅާލާފައި ވުމާއި އައްޔޫބީ ރަސްގެފާނު އަލްކާމިލު މުޙައްމަދު ކުރުނީސްކޮށް، ފްރެޑްރިކްއާއެކު ގުދުސް ހަވާލު ކުޅައުމަށް މަޖުބޫރުވެގެން ސޮއި ކުރެއްވުމުންނެވެ. އެއަށްފަހު މަސްޖިދުލްއަގްސާއަށް ވީރާނާކަން ވެރިވާން ފެށިއެވެ.  

ސުލައިމާނުލް ޤާނޫނީ ބިނާ ކުރެއްވި ފާރުގެ ފުޅާ މިނުގައި ތިން މީޓަރު ހުއްޓެވެ. އުހުގައި 12 މީޓަރާއި 15 މީޓަރެވެ. މި ފާރު ބިނާ ކުރީ މިސްރާއި  ސޫރިޔާގެ ޙަލަބްއާއި އިސްތަމްބޫލުން ގެނައި ބުރުޒު ރޭނުމުގެ ހުނަރު ލިބިފައިވާ ރާނާ މީހުންގެ މަސައްކަތުންނެވެ. ގުދުސްގެ ބޮޑު ފާރު ބިނާކޮށް ނިމެން ފަސް އަހަރު ނެގިއެވެ.

މިފާރުގައި ބަހައްޓާފައިވާ ލިޔުން އަދިވެސް ފެންނާން ހުންނާނެއެވެ. އޭގައި ވަނީ "މި ބަރަކާތްތެރި ފާރު ބިނާ ކުޅައުމަށް އަމުރު ކުރެއްވީ މައުލާނާ އައްސުލްޠާން ސުލައިމާން ބިން ސަލީމް ޚާން އެވެ. އެއީ ނުވަ ސަތޭކައާއި ސާޅީހަތް ވަނަ އަހަރުގައެވެ."

މި ފާރު ބިނާ ކުރުމުގެ ޚަރަދަށް ތިންލައްކަ ރަން ފައުނު ޚަރަދުވިކަމަށް މުއައްރިޚުން ބުނެތެވެ. މި ފާރާއި އެކު ރެއާދުވާލު ފޯރިއަށް މީހުން ތިބޭނެ ބުރުޒުތައްވެސް ބިނާ ކުރެއްވިއެވެ. މިހާތަނަށް ފެންނާން ހުރި އެންމެ މަޝްހުރު ބުރުޒަކީ، ބުރުޒު ދާއޫދެވެ. މިހާރު ނަން ކިޔޭ ބޮޑު ދޮރުތަކަކީވެސް އެޒަމާނުގެ ދޮރުތަކެވެ. ބާބުލްޚަލީލްއާއި (ޝެއިޚް ޖައްރާހް އަވަށު މީހުން މިހާރު މުޒާހަރާތައް ބާއްވާ) ބާބުލް ޢަމޫދެވެ.

ސަލާމަތީ ގޮތުން ވަރުގަދަ ސިޓީއަކަށް ޤުދުސް ހެއްދެވީ ޤާނޫނީއެވެ. ކުރިން މަމްލޫކް ރަސްރަސްކަލުން ބިނާ ކުރެއްވި ކިއްލާ ހުރީ ހަމަލަތައް އަމާޒުވެ ވީރާނެ ގޮސްފައެވެ. މިކިއްލާވެސް އަލުން މަރާމާތު ކުރައްވައި އަބަދުވެސް އެތާގައި އަސްކަރުން ތިބޭގޮތަށް ވަރުގަދަ ކުރެއްވިއެވެ.  

މިކިއްލާގެ އެކި ބައިބައިގައި ސިފައިން ބޭތިއްބެވިއެވެ. ކޮންމެ ފައުޖެއްގައި 200 މީހުންނެވެ.

ފެން ލިބުން ތަދުވެފައި ވުމާއެކު ބޯފެން ލިބޭނެ ފަސް "'ސަބީލު" ގާނޫނީ އިތުރު ކުރެއްވިއެވެ. މިއީ ފެންބޯ އިސްކުރެވެ.

ގުދުސްގައި އަމިއްލަ ފެން ލިބޭކަށް ކޯރެއް ނޯވެއެވެ. ގުދުސްއަށް ފެން ނަގަނީ ބިރްކަތުއްސުލްޠާންގެ ނަމުން ގުދުސްގެ ހުޅަނގުން އޮންނަ ފެންގަނޑަކުންނެވެ. މިތަނުން މަސްޖިދުލްއަގްސާގެ ހަރިއްމައަށް ފެން އަބަދުވެސް ލިބި ހުންނަ ގޮތަށް ކޯރު ހެއްދެވިއެވެ.

ޤާނޫނީގެ ވެރިކަމުގައި ޤުދުސްގެ ހައިބަތު އިތުރުވެ އާރާސްތު ވެފައިވާ އައު ސިޓީއަށް ރަށް ބަދަލު ވެގެން ދިޔައެވެ. ރަށުގެ އިގްތިސާދީ ހާލަތުވެސް ތަނަވަސް ވެގެން ދިޔައެވެ. އުސްމާނީ ސުލްޠާނުން ވެރިކަން ކުރެއްވި ހަތަރު ސަތޭކަ އަހަރު ވަންދެން ގުދުސްއަކީ ފަރަންޖީންނަށް ހަމަލައަށް ނުވަދެވޭ އަދި މަގު ފޭރޭ މީހުންނަށް ތޮރުފި ނުގަނެވޭ ވަރުގެ އަމާން ސިޓީއަކަށް ސިޓީ ވެގެން ދިޔައެވެ.

ޔަހޫދީން މިތަން ފޭރެން އައުމާ ހަމައަށެވެ. ޔަހޫދީންނަށް ގުދުސް ފޭރިގަތުމަށް ފަހިވީ، މާތްﷲ އެމީހަކަށް ތާއަބަދު ލަޢުނަތް ލައްވާނެ، އިނގިރޭސި ޚާރިޖީ ވަޒީރު އާތަރ ބެލްފޯރ ޔަހޫދީންނަށް ފަލަސްތީނު ދިނުމަށް ނިންމި "ބެލްފޯރ ޑެކްލަރޭޝަން" ނިންމުމުންނެވެ.

މާތްﷲ ޤުދުސް އަނބުރައި އުންމަތާ ޙަވާލު ކުރައްވާނދޭވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު