އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަރަކައަށް ވަންނަން ޖެހޭ ސަބަބުތަކުގެ ތެރެއިން 2 ސަބަބު- ޤުރްއާނުން!

ނަރަކައަށް ވަންނަން ޖެހޭ ސަބަބުތަކުގެ ތެރެއިން 2 ސަބަބު- ޤުރްއާނުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 58 ސިކުންތު

ﷲ ތަޢާލާ އެއްވެސް މީހަކަށް ޙައްޤު ނޫން ޖަޒާއެއް ޛައްރެއްގެ މިންވަރަށްވެސް ނުދެއްވަވާނެއެވެ. އަދި ޙައްޤު މިންވަރުން ޛައްރެއްގެ މިންވަރުވެސް އުނި ނުކުރައްވަވާނެތެވެ. އެކަލާނގެއީ ހިސާބު ބެއްލެވުމުގައި އިންޞާފުވެރިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. ވީމާ ނަރަކައަށް ވައްދަވާ މީހުން ނަރަކައަށް ވައްދަވާނީވެސް އެކަން އެމީހަކަށް އެންމެ ފުރިހަމަގޮތުގައި ޙައްޤުވީމައެވެ. 

ނަރަކައަށް ވައްދަވައިފި މީހަކަށް އަލުން ދުނިޔެއަށް އައިސް އޭނާއަށް ނަރަކައަށް ވަންނަން ޖެހުނު ސަބަބު ބުނެދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ކަމުން ނަރަކައަށް ވެއްދެވުނު މީހެއްގެ ދުލުން އޭނާއަށް ނަރަކައަށް ވަންނަން ޖެހުނު ސަބަބު އަހަރެމެންނަކަށް ބުނެއެއް ނުދެވޭނެއެވެ. 

ނަމަވެސް ނަކައަށް ވެއްދުވުނީ ކީއްވެގެންތޯ ކުރެވޭ ސުވާލުގެ ޖަވާބު ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. ކީރިތި ޤްރުއާނުގައެވެ. އެހެންކަމުން ނަރަކައަށް ވެއްދުނު މީހާއަށް ނަރަކައަށް ވަންނަން ޖެހުނު ސަބަބު މިއޮތީ ހާމައަށް ފެންނާށެވެ! ނަރަކައަށް ވެއްދުނު މީހާއާއި އިންޓަރވިޔުކޮށްލަމާ ހިނގާށެވެ! 

"ތިއަބައިމީހުން ނަރަކަޔަށް ވެއްދީ ކޮންކަމެއް ހެއްޔެވެ؟ (42) " ސުވާލު މިވަނީ ކުރެވިފައެވެ. ދެން ބަލައިލަންވީ ޖަވާބަށެވެ! 

"އެއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެއަކު ތިމަންމެން ނުވަމުއެވެ. (43) އަދި ތިމަންމެން މިސްކީނުންނަށް ކާންދީއެއް ނޫޅެމުއެވެ. (44) އަދި ބާޠިލު ވާހަކަ ދައްކާ މީހުންނާ އެކުގައި، ތިމަންމެން ބާޠިލު ވާހަކަ ދައްކައި އުޅުނީމުއެވެ. (45) އަދި ތިމަންމެން ޤިޔާމަތް  ދުވަސް ދޮގުކޮށް އުޅުނީމުއެވެ. (46) ޔަޤީންކަން (އެބަހީ: މަރު) ތިމަންމެންނާ ހަމައަށް އަތުވެއްޖައުމަށް ދާނދެނެވެ." (47) (އަލްމުއްދަޘިރު: 42،43،44،45،46،47)

މީގެ މާނައަކީ އެމީހަކު ކުރާ އިތުރު ފާފަތަކުގެ ސަބަބުން ނަރަކައަށް ވަންނަން ނުޖެހުމެއް ނޫނެވެ. އަދި ނަރަކައަށް ވަންނަން ޖެހޭނެ ހަމަ އެކަނި ސަބަބުތަކަކީ މިއީ ކަމަށް ބުނުމެއް ވެސް  ނޫނެވެ. ކީރިތި ޤްރުއާނުގައި މިފަދަ އިތުރު އެތައް އާޔަތްތަކެއް ވަނީ ބަޔާންވެގެންނެވެ. ހަމައެކަނި މިއާޔަތްތކަށް ބަލައިލިނަމަވެސް ބިރުން ހީބިހި ނުނަގާ ހެއްޔެވެ؟

ޤިޔާމަތް ދުވަސް އަންނާނެ ކަމާއި ހިސާބު ބެއްލެވޭނެ ކަން ޤަބޫލުކުރާ ކަމަށް ދުލުން ބުނަމުން ޤިޔާމަތް ދުވަހަށް ތައްޔާރު ނުވުމަކީ އެކަންކަން ޤަބޫލުނުކުރުން ކަމުގައި ނުބެލެވޭނެ ހެއްޔެވެ؟ 

މީގެ އިތުރުން ނިކަން ވިސްނައިލަބަލާށެވެ! މިސްކީނުންނަށް ކާންދެވޭ ހެއްޔެވެ؟ އެހީތެރިވެދެވޭ ހެއްޔެވެ؟ ބާޠިލު ވާހަކަތައް ދައްކާ މީހުންނާއިއެކު އުޅެ ބާޠިލު ވާހަކަތައް ނުދައްކަމު ހެއްޔެވެ؟ 

މި ހާމަކުރީ ހަމައެކަނި މިއާޔަތްތަކެވެ. އެންމެ ބޮޑު ބޭނުމަކީ ގިނަ ބައަކު އެންމެ ބޮޑަށް އިހްމާލުވަމުންދާ ނަމާދާއިމެދު ހޭލުންތެރި ކުރުވުމެވެ. ނަމާދު ވަގުތުން ވަގުތުން އަދާކުރުމުގެ މުހިންމުކަން ބަޔާންކުރުމެވެ. ނަމާދު އަޅައިގެން ނަރަކައިން ސަލާމަތް ނުވެވޭނެކަން ހާމަކުރުމެވެ. މަރުގެ މަލާއިކަތާ ފުރާނަ ހިއްޕަވަން ވަޑައިގަންނަވަންދެން ޣާފިލުކަންމަތީގައި ތިބެގެން ނަރަކައިން ސަލާމަތް ވެވެން އެބަ އޮތް ހެއްޔެވެ؟ 

މީސްތަކުންނޭވެ! ކީރިތި ޤްރުއާނުގައި މިފަދަ އާޔަތްތައް ބަޔާންވެގެންވަނީ އެ ޢާޔަތްތަކާއިމެދު ވިސްނައި ފިކުރުކުރުމަށެވެ. ނަރަކައިން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރުމަށް މަގު ދައްކަވައިދެއްވެވުމަށެވެ. ވީމާ ޤިޔާމަތް ދުވަހު ތިމާއަށް ކަންކަން ނުއެނގުނީ ކަމަށް ބުނުމުގެ އެއްވެސް ފުރުޞަތެއް ނުއޮންނާނެއެވެ. 

އަންނަނިވި އާޔަތްތަކަށްވެސް ވިސްނައިލާށެވެ! "ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ ޤްރުއާނަކީ ހަނދާންކޮށްދިނުމެކެވެ. (54) ފަހެ، ބޭނުން މީހަކު އެ ޤްރުއާން ހަނދުމަކުރާހުށިކަމެވެ! (55) އަދި ﷲ އިރާދަކުރެއްވިއްޔާ މެނުވީ، އެއުރެންނަކަށް ހަނދާނެއް ނުކުރެވޭނެތެވެ. އެކަލާނގެއީ (މީސްތަކުން އެކަލާނގެއަށް ބިރުވެތިވެ) ތަޤްވާވެރިވުން ޙައްޤު ވެގެންވާ، އަދި (ކިޔަމަންގަތް އަޅުންނަށް) ފާފަތައް ފުއްސެވުމުގެ ވެރިރަސްކަލާނގެއެވެ. (56) (އަލްމުއްދަޘިރް: 54،55،56)

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް