އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝަހީދު ޔޫޝަޢު ވަކިވެދިއުން: ދަންނަ އެންމެންގެ ލޮލުން އަދިވެސް ކަރުނަ ނުހިކޭ!- ސަބަބުތައް ބައިވަރު!

ޝަހީދު ޔޫޝަޢު ވަކިވެދިއުން: ދަންނަ އެންމެންގެ ލޮލުން އަދިވެސް ކަރުނަ ނުހިކޭ!- ސަބަބުތައް ބައިވަރު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު

އިންސާނެއްގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރަނިކޮށް ދުނިޔެ ދޫކުރަން ޖެހުމުން އެމީހަކީ ޝަހީދުންގެ ދަރަޖަ ލިބިގެންދާނެ މީހަކަށްވުމަށް އުންމީދުކުރަމުއެވެ. އިންސާނުންނަށް އޮތީ އުންމީދުކުރުމެވެ. ނިންމެވުން ވަނީ ﷲ ތަޢާލާއަށެވެ. 

އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު އަމަލެވެ. ޔޫޝަޢު ގެނބެމުންދިއަ 1 ގެ ފުރާނަ ސަލާމަތްކުރިއެވެ. ހޭނެތި ގެނބުނީ ދެވަނަ މީހާގެ ފުރާނަ ސަލާމަތްކުރަން އުޅުމުގެ ތެރޭގައެވެ. އޮޔާ ދެކޮޅަށް އެތައް ހިސާބަކަށް ފަތާފައި ގޮސް އެއިރު ގެނބެމުންދިއަ އަންހެނެއްގެ ފުރާނަ ސަލާމަތްކުރަން އުޅުމުގެ ތެރޭގައެވެ. 

ޔޫޝަޢުއަކީ އަޚްލާޤީ ގޮތުން ވަރަށް ފުރިހަމަ ނަމޫނާ ޒުވާނެކެވެ. ގިނަބައެއްގެ ވަރަށް ގާތް އެކުވެރިއެކެވެ. ދިރިއުޅުމުގެ ތެރެއިންވެސް އެހެން މީހުންނަށް އެހީތެރިވުމުގައި ވަރަށް ފުރިހަމަ ނަމޫނާއެކެވެ.

ޔޫޝަޢުގެ ވަރަށް ގާތް އެކުވެރިއަކު ބުނެފައިވެއެވެ. 

"މިހުގެ 27 ވަނަ ދުވަހު ފުޅަދޫ އާއި ގޮއިދޫ އާ ދޭތެރޭގައި ގެނބެމުން ދިއަ ބައަކު ސަލާމަތްކުރަން މަސައްކަތްކުރުމުގެ ތެރޭގައި ޝަހީދުވި ޔޫޝަޢު ވަކިވެގެން އެދިއައީ ވަރަށް ހިތްވަރުގަދަކަން ދައްކަމުން. ޔޫޝަޢުއަކީ އަބަދުވެސް ވަރަށް ހިތްވަރުގަދަ އެކުވެރިއެއް. އެކުވެރިންނަށް ޖެހޭ ކަންކަމުގައި އަމިއްލައަށް ޒިންމާ ނަގައިގެން އެހީތެރިވެދޭ ޒުވާނެއް. ނުބުނި ނަމަވެސް ކަންކަން ކޮށްދޭނެ! އެހައިވެސް ގާތްކަން އެންމެންނާވެސް ބާއްވާ އެކުވެރިއެއް! 

އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ޔޫޝަޢު ދަތުރުގޮސް އުޅުނީ ކައިވެންޏަށް 7 ވަރަކަށް އަހަރުވީ އޭނާގެ ހިތުގެ ރާނީ، އަނބިމީހާވެސް ގޮވައިގެން. އެއިރު އެ އޮއިގަނޑުގަ ޖެހުނު މީހުންގެ ތެރޭގަ އަނބިމީހާވެސް ހިމެނޭ. ނަމަވެސް ޔޫޝައު ސަމާލުކަން އެދިނީ އެންމެ ބޮޑަށް އެހީތެރިކަމަށް ބޭނުންވެފައި އޮތް ފަތަން ނުދަންނަ މީހާ ސަލާމަތްކުރަން. މީނޫންތޯ މުސްލިމް ޒުވާނުންގެ ހުންނަން ޖެހޭނެ ސިފަތަކަކީ.؟" 

ޔޫޝަޢު ފަދަ ޒުވާނުންގެ މިފަދަ އަގުހުރި ޚިދުމަތްތައް ފެނިގެން މިދަނީ ހަމަތިބެފައެއް ނޫނެވެ. އެޒުވާނުންނަށް ދެވޭ ތަރުބިއްޔަތުގެ ސަބަބުންނެވެ. މައިންބަފައިންގެ ބުރަމަސައްކަތުންނެވެ. އަދި އެކުދިންގެ ހިތްވަރުންވެސްމެއެވެ. 

މަރުވާނެ ތަނަކާއި ވަގުތު ނޭނގޭނެކަމަށް ބުނެވެނީ މިފަދަ ކަންކަން ހިނގާތީއެވެ! މާލޭގައި ހުރެފައި ޔޫޝަޢުއަށް އެ ދަތުރު އެދެވުނީ ތަޤްދީރުގައި އެކަންކަން އެގޮތަށްވުމަށް ލިޔުއްވެވިގެންވާތީއެވެ. ދުނިޔޭގައި ތިބި ޒުވާނުންނާ އެންމެން ހޭލުންތެރިވާށެވެ! ކޮންމެވަގުތަކު ކޮންމެ ތަނެއްގައި ހުއްޓާވެސް ދުނިޔެދޫކުރަން ޖެހިދާނެ ކަމަށެވެ. 

ޙަމްދު ޘަނާ ޙައްޤުވެގެންވަނީ ﷲ ތަޢާލާއަށެވެ. އައްސަރިބަހާ ތަޢްރީފް ޙައްޤުވެގެންވަނީ ޔޫޝަޢު ތަރުބިއްޔަތުކުރި މައިންބަފައިންނަށެވެ. ދޮންބައްޕަގެ "ބައްޕަވަންތަކަމާ" ހަރުދަނާކަން ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. 

ޔޫޝަޢުއަށް ޝަހީދެއްގެ ދަރަޖަދެއްވަވާށި! ސުވަރުގޭގެ ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވަވާށި! އާމީން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް