އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަރަކައަށް ވަންނަން ބޭނުން ނުވާ މީހުންނަށް މިބުނެދެނީ ވަރަށް ޢިބްރަތްތެރި ވާހަކަކޮޅެއް!: ޢުމަރު ސުލައިމާން

ނަރަކައަށް ވަންނަން ބޭނުން ނުވާ މީހުންނަށް މިބުނެދެނީ ވަރަށް ޢިބްރަތްތެރި ވާހަކަކޮޅެއް!: ޢުމަރު ސުލައިމާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

ﷲ ތަޢާލާ އެއްވެސް ބުއްދިއެއް ދެއްވަވާފައި ނުވާ ކުދިކުދި ދޫނިތައް އުދުހެމުން ގޮސް ރޯވެ އަނދަމުންދާ އަލިފާންގަނޑަށް ވެއްޓޭތަން އަހަރެމެން އެންމެން ވެސް އެބަ ބަލަމުއެވެ. ނަމަވެސް މިވަނީ ކީއްކަމާއިމެދު ވިސްނައި ޢިބްރަތް ޙާޞިލެއް ނުކުރެވެއެވެ. އަދި ކީއްހެއްޔެވެ؟ އެއީ ކިހާ މަތިވެރި ޢިބްރަތެއް ޙާޞިލުކުރަންޖެހޭ ކަމެއް ކަމާއިމެދުގައިވެސް ނުވެސް ވިސްނަމުއެވެ. 

އެހެންކަމަށްވާއިރު އަހަރެމެންނަށް ދެއްވެވި ބުއްދީގެ ބޭނުން އެބަ ހިފޭ ހެއްޔެވެ؟ 

އަލިފާންގަނޑުގެ އަލިކަން ފެނުމުން ކުދި ދޫނިތައް ގޮސް އަލިފާންގަނޑަށްވެއްޓިގަނެއެވެ. އެއީ އަލިފާން ކަމާއި ކައިރިވެއްޖެ ނަމަ އަނދައިގެންދާނެކަން އެ ކުދި ދޫނިތަކަކަށް ނުއެނގެއެވެ. ކައިރިވުމުން ހޫނުވެސް ވާނެއެވެ. ނަމަވެސް މިވަނީ ކީއްކަން ނުއެނގެނީސް އަލިފާނުގެ ހޫނުން އަނދައިގެންދަނީއެވެ. 

ﷲ ތަޢާލާ ބުއްދި ދެއްވަވައި ވިސްނުމުގެ ބާރު ދެއްވެވި އަހަރެމެން އިންސާނުން ހަމަ އެ މިސާލުގައި މިދަނީ ނަރަކައަށް ވެއްޓެމުންނެވެ. ތަފާތަކީ މި ވެއްޓެނީ ނަރަކައަށްކަން މީސްތަކުންނަށް ރަނގަޅަށް އެނގޭ ކަމެވެ. އެނގި ތިބެވެސް ވެއްޓެމުންދާކަމެވެ. މިދުވަސް އަންނާނެކަން ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

މިއަދު މިވާ ގޮތަކީ މިދެވެނީ ނަރަކައާއި ގާތްވެވެމުންކަން އެންމެންނަށްވެސް އެނގެއެވެ. ނަމަވެސް ދުނިޔޭގެ އެދުމަށް އޮތް ދަހިވެތިކަން ބޮޑުކަމުން ކައިރިވެވެނީއެވެ. އަދި ކުޑަތަންކޮޅެއް ކައިރިވެލި ނަމަވެސް އެއީ މައްސަލައެއް ނޫން ކަމާއި ސަލާމަތް ވެވޭނެ ކަމަށް ޤަބޫލުކުރެވެނީއެވެ. އިބިލީސް ދޭ އެ ޔަޤީންކަމުގައި ހުއްޓައި މަރުވެ ނަރަކައަށް ވެއްޓެނީއެވެ. 

މީސްތަކުންނޭވެ! ޤިޔާމަތް ދުވަހަކީ އެއްވެސް މީހަކަށް އެހެން މީހަކަށް އެއްވެސް އެހީއެއް ފޯރުކޮށްދެވޭނެ ދުވަހެއް ނޫނެވެ. ޚުދު ރަސޫލް (ޞޢވ) އަށްވެސް އެދުވަހުން އެއްވެސް މީހަކާއިމެދު ގޮތް ނިންމެވުމުގެ ފުރުޞަތު ލިބިވަޑައެއް ނުގަންނަވައެވެ. އެންމެންނާއިމެދު ވެސް ޙުކުމް ކުރައްވަވާނީ ހަމަ ﷲ ތަޢާލާއެވެ. 50000 އަހަރަށް ދެމިގެންދާ އެދުވަހަކީ ކޮންމެ މީހަކާއިމެދު ވަކިވަކިން ޙުކުމް ކުރައްވަވާނެތެވެ. 

ދުނިޔޭގައި އެމީހަކު ކުރި ހެޔޮ އަމަލެއްގެ މައްޗަށް މެނުވީ އެދުވަހު އެއްވެސް ނަޞީބެއް ނެތްކަން ﷲ ތަޢާލާ ވަނީ ކީރިތި ޤްރުއާނުގައި ވަޙީކުރައްވަވައި އަންގަވައި ދެއްވަވައިފައެވެ. އެ ފޮތް އަހަރެމެން އެބަ ކިޔަމުއެވެ. އެއާޔަތްތައްވެސް އެބަ ކިޔަމުއެވެ. އަޑުއަހަމުއެވެ. ނަމަވެސް އަމަލެއް ނުކުރެވެއެވެ. މިފަދަ ކަންކަމަށް ވިސްނައި ހޭލުންތެރިވާން އަދިވެސް ނުވަނީހެއްޔެވެ؟ 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް