އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު
ޢުމުރުގެ ތަފާތު ބޮޑު ނަމަވެސް ކައިވެނިކުރެއެވެ. ދިރިއުޅުމުގެ ބޭނުންތައް ފުދެމުން އަންނަނަމަ އެކަން އެއީ މައްސަލައަކަށްވެސް ނުވެ އުފަލުގައިވެސް ދިރިއުޅެއެވެ. ނަމަވެސް މިފަދަ ކައިވެނިތަކުން ގިނަ ފަހަރަށް ފެނިގެންދަނީ ދުނިޔަވީ ބޭނުންތައް ޙާޞިލުނުކުރެވޭ ދުވަހެއް އަތުވެއްޖެނަމަ ދެމަފިރިންގެ މެދުގައި މައްސަލަތައްޖެހި ކައިވެނިވެސް ރޫޅިގެންދާތަނެވެ.
ހަމައެއާއިއެކު ގަދަކަމުން ކައިވެނި ރޫޅައިލުމަށްފަހު ހިތާމަކުރަންޖެހޭ މީހުންވެސް މަދެއް ނޫނެވެ. ފިރިހެނެއް އަދި އަންހެނެއް ނަމަވެސްމެއެވެ. މިބަޔާންކުރަނީ އަހަރެން ކިޔާފައިވާ ވާހަކައެކެވެ.
ދަނޑުވެރި މުސްކުޅިއަކު އުޅުނީ ވަރަށް ޒުވާން އަންހެން ކުއްޖަކާއި ކައިވެނިކޮށްގެންނެވެ. އޭނާއަށް ލިބުނުހައި ފައިސާތަކެއް ޚަރަދުކުރީ އަންހެންކުއްޖާއަށް ގަހަނާ ޢާއި އެނޫންވެސް ތަކެތި ގަނެދިނުމަށެވެ. ނަމަވެސް ދަނޑުވެރިޔާގެ އުމުރުން ދުވަސްވެ މަސައްކަތް ނުކުރެވި އާމްދަނީ ލިބުން މަދުވުމުން ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހެން ފެށިއެވެ.
އެގޮތުން އެއްރޭ ދެމަފިރިން ކުރި ޒުވާބު ވަގަކަށް އަޑުއިވުނެވެ. އަނެއް ދުވަހު ވަގުކަލޭގެ އަންހެން ކުއްޖާއާއި ބައްދަލުކޮށްފައި ބުންޏެވެ. "ރޭ ދެމަފިރިން ކުރި ޒުވާބު އަޑުއެހީމެވެ. ކޮންމެ ގޮތެއްވިނަމަވެސް އެހައި ބޮޑު މުސްކުޅިއަކަށް ތިބާ ފަދަ ޒުވާން އަންހެން ކުއްޖެއްގެ ބޭނުންތައް ފުއްދައެއް ނުދެވޭނެއެވެ. އަހަރެންގެ އަނބިމީހާވަނީ މަރުވެފައެވެ. އަތުގައި ފައިސާ އެބަހުއްޓެވެ. ބޭނުންނަމަ ކައިވެނިކޮށްގެން އުފަލުގައި ދިރިއުލެވިދާނެއެވެ."
ވަގުކަލޭގެ ދެއްކި ވާހަކަތައް ޤަބޫލުކޮށް އަންހެންކުއްޖާ، އޭނާއަށް ފިރިމީހާ ހޯދައިދީފައިވާ ގަހަނާތަކާއި ފިރިމީހާ ރައްކާކޮށްފައި ހުރި ފައިސާކޮޅުވެސް ވަގަށް ނަގައިގެން އެވަގުކަލޭގެ އާއިއެކު ދިއައީއެވެ.
ކޯރެއްގެ އައްސޭރިއަށް ދެވުމުން ބުންޏެވެ. "ހުރަސްކުރެވޭނީ އެފަރާތުން ބޮއްކުރައެއް ގެނެސްގެންނެވެ. ބޮއްކުރައެއް ހިފައިގެން އަންނާނަމެވެ. އަތުގައި ތިއަހުރި އެއްޗެތި ދޭށެވެ. ނޫނީ އެކަނި މިތަނުގައި އިންދާ ވަގުން އައިސް ފޭރިގެންފާނެއެވެ."
އަތުގައި ހުރި ހުރިހާ އެއްޗެއް ދިނުމުން ބޮއްކުރާ ބަލައި ދިއަ މީހާ އިރުއޮއްސި އަނދިރިވީއިރުވެސް އެނބުރި ނައުމުން އޭނާ ފިލީކަން ވިސްނުނެވެ. ހުސްއަތާ އެނބުރިދާންޖެހުނީ މުސްކުޅިޔާގެ ގެއަށެވެ.
މިހުންނަނީ ވަރަށް ޢިބްރަތްތެރި ވާހަކަތަކެވެ. އެކުގައި ދިރިއުޅެމުން ގޮސް އެކަކު މުސްކުޅިވެ ބަލިކަށިވުމުން ނުވަތަ ބަލި ހާލުގައި ޖެހުމުން އެއްލާލާފައިދާން ހެޔޮނުވާނެއެވެ. އެއީ އެންމެ ބޮޑު އަނިޔާއެވެ. އެފަދަ ކަމެއްކުރި މީހަކު ވާނީ އެންމެ ބޮޑެތި އަނިޔާވެރިންގެ ތެރެއިންނެވެ. ﷲ ތަޢާލާގެ ކޯފާ އެމީހަކާއި އަރައި ހަމަކުރާނެތެވެ. ނުއެނގޭނީ އެކަން މެދުވެރި ކުރައްވަވާނީ ކޮން ދުވަހަކު ކޮން ސިފައެއްގައި ކަމެވެ.
އަޅުގަނޑުގެ ބައްޕައަކީ މިއަދު މިފަދަ ބޮޑު ނިކަމެތިކަމެއް ލިބިފައިވާ މީހެކެވެ. 20 އަހަރުވަންދެން ބައްޕަ ކުރެއްވި މަސައްކަތް ހިފައިގެން ޒުވާން ދޮންމަންމަ ވަނީ ފިލައިފައެވެ. ދޮންމަންމަ ގާތު ބުނެލަން ބޭނުންވަނީ ގެންދިއަ އެއްވެސް އެއްޗެއްވެސް ފައިސާއެއްވެސް ބޭނުމެއް ނޫނެވެ. ބައްޕައަށް އެއްވެސް ކަމެއް ކޮށްނުދިންނަމަވެސް އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް ބައްޕަ ގާތު ހުރެލަން އައިސްދޭށެވެ!
- ޒައުޝާން / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
4 އޮގަސްޓް 2021