އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ފުރަތަމަ އެއްޗެތިގޮވުމަށްފަހު ޙަޤީޤަތް އެނގުމުން ކޭކުފަޅައި ދޮންމަންމަގެ ނަން "ދެވަނަ މަންމަ"އަށް ބަދަލުކުރަންޖެހުނު އަސަރުގަދަ ވާހަކައެއް-

ޙަޤީޤީ ޙާދިސާ: ފުރަތަމަ އެއްޗެތިގޮވުމަށްފަހު ޙަޤީޤަތް އެނގުމުން ކޭކުފަޅައި ދޮންމަންމަގެ ނަން "ދެވަނަ މަންމަ"އަށް ބަދަލުކުރަންޖެހުނު އަސަރުގަދަ ވާހަކައެއް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 2 ސިކުންތު

އަޅުގަނޑުގެ ބައްޕައަކީ އެހައި ތަނަވަސް ނޫން ނަމަވެސް ވިޔަފާރިވެރިއެކެވެ. ލިބޭ އާމްދަނީން ފުދިގެން އުފާވެރި ދިރިއުޅުމެއްއައި މީހެކެވެ. މަންމަ ދެކެ ބައްޕަ ވަރަށް ލޯބިވެއެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި އުޅޭގޮތުން ގިނަފަހަރު ހީވާނީ ދެ އެކުވެރިން ވަރަށް ލޯބިން އުޅޭހެންނެވެ. 

މަންމަ ނިޔާވިއިރު އަޅުގަނޑުގެ އުމުރަކީ 14 އަހަރެވެ. ކޮއްކޮގެ ޢުމުރަކީ 12 އަހަރެވެ. މަންމަ ނިޔާވިތާ ކުޑަދުވަސްކޮޅެއްގެތެރޭގައި ބައްޕަ އެހެން އަންހެނަކާއި ކައިވެނިކުރުމުން އަޅުގަނޑުމެން ދެބެއިންނަށް އެކަން ބަލައެއް ނުގަނެވުނެވެ. ޢާއިލާގެ އިސް ބައެއް ދައްތައިން ދައްކާވާހަކަތަކުން ޤަބޫލުކުރެވުނީ ދޮންމަންމަ ބޭނުންވެގެން އުޅެނީ ބައްޕަގެ ތަނަވަސްކަން ކަމަށެވެ. 

އެހެންވެ ދޮންމަންމައާއި ދިމާލަށް ނުބައި ބަސްތައްވެސް ބުނެވުނެވެ. ހިތުގައިވެސް ޖެއްސުނެވެ. ކެއްކުމުން ނުކާން ބޮޑާވެސް ހޭކުނެވެ. އެއީ ރަނގަޅު ގޮތް ނޫންކަން ވިސްނައިދޭން ބައްޕަ ދެއްވި ނަޞޭޙަތްތައްވެސް ޤަބޫލެއް ނުކުރެވުނެވެ. ދިއައީ ހަމަ އެކަންކަން ކުރެވުނެވެ. ފާހަގަކުރެވުނު އެއްކަމަކީ އަޅުގަނޑުމެން ދެބެއިން ކޮންމެ އެއްޗެއް ބުނި ނަމަވެސް ދޮންމަންމަ ރައްދު ނުދޭކަމެވެ. އަދި އެވާހަކަ ބައްޕަ ގާތުގައި ދައްކައި ފިތުނަ ނުއުފައްދާކަމެވެ. 

ބައްޕަގެ ކައިވެންޏަށް ހައެކަމަސްވީތަނާ ބައްޕައަށް ސްޓްރޯކެއް ޖެހި ދެން ހިނގައި އުޅެވޭނެކަމުގެ އުންމީދު ކެނޑުނެވެ. ދޮންމަންމައަކީ ވަރަށް ރީތި އަންހެނެކެވެ. އެދުވަސްވަރު ވަރަށް ގިނަ މީހުން ދޮންމަންމައަށް ފޯނުކުރާތީ އަހަރެމެން ދެބެން ވަރަށް ކަންބޮޑުވިއެވެ. ހީކުރެވުނީ ދޮންމަންމަ ޢާއި ގުޅިގެން އަހަރެމެންނަށް ދެރައެއް ދޭން ބައަކު އުޅެނީ ކަމަށެވެ. އެހެންވެ ދޮންމަންމަ ފޯނުން ދައްކާވާހަކަ ދެބެއިން ސިއްރުން އަޑުއަހަން ފެށީމެވެ. 

އެމީހުން ގުޅަނީ ބައްޕައަށް ދެން ނުހިނގޭނެތީ އެކަން ބަހަނާއަކަށް ދައްކައިގެން ދޮންމަންމަ ވަރިކުރުވައިގެން ކައިވެނިކުރަން ބޭނުންވެގެންނެވެ. ނަމަވެސް ދޮންމަންމަ ދޭ ޖަވާބަކީ ދުވަހަކު ނުހިނގުނު ނަމަވެސް ބައްޕަ ދޫކޮށްލާފައި ނުދާނެ ކަމަށެވެ. ކިތަންމެ ފަޤީރު ޙާލުގައި ދިރިއުޅެން ޖެހުނު ނަމަވެސް ދިރިއުޅޭނީ ބައްޕައާއިއެކުގައިކަމަށެވެ. ވަރަށް ތަނަވަސް މީހުންނަށްވެސް ދޮންމަންމަ އެ ޖަވާބުދިންކަން އެނގުނެވެ. 

ހަމަ އެއާއިއެކު ދޮންމަންމަ ކޮންމެ ރެއަކު ފިހާރައަށް ދަނީ އަހަރެމެން ދެބެއިންވެސް ގޮވައިގެންނެވެ. ލިބޭ އެއްޗަކާއި ކުރެވޭ ޚަރަދުގެ ހިސާބުތައް ބަލަނީ އަހަރެމެންގެ ކުރިމަތީގައެވެ. ފައިސާ އެކައުންޓަށް ޖަމާކުރެވޭކަން އަހަރެމެން ދެބެއިންނަށްވެސް އަންގައިދެއެވެ. 

ކަންކަން ނިމިގެން ދިއައީވެސް ހީވެސް ނުކުރެވޭފަދަ ގޮތަކަށެވެ. ދެން އެކަނި ހިނގޭނެކަމުގެ އުންމީދު ޑޮކްޓަރުން ކަނޑާލާފައި އޮތް ނަމަވެސް 2 މަހެއްހައި ދުވަހުގެ ތެރޭގައި ބައްޕައަށް ހިނގާ އުޅެވެން ފަށައިފިއެވެ. އެކަން އެގޮތަށް ވެގެންދިއައީ މާތް ﷲ ގެ ވާގިފުޅާއިއެކު ދޮންމަންމަ ކުރި ބުރަ މަސައްކަތުންކަން އަހަރެމެންނަށް އެނގެއެވެ. ބައްޕަގެ ނުރުހުމުގައިވެސް ތަންމަތިން ނަގައިގެން ކަސްރަތުކުރުވައި ކަންކަންކުރީ އަހަރެމެންގެ ލޯމަތީގައެވެ. 

ބައްޕަ ގަދަވެ ހިނގައި އުޅެވި ޢާންމު ޙާލަތަށް ދިއުމުން އަހަރެމެން ސިއްރުން އަޑުއެހި ފޯނުކޯލްތަކުގެ ވާހަކައާއި ދޮންމަންމަ ކަންކަން ކުރިގޮތުގެ ވާހަކަ ދޮންމަންމަގެ ކުރިމަތީގައި ބައްޕައަށް ކިޔައިދިނީމެވެ. އަދި ކުރިން ބުނެވުނު އިހާނެތި ބަސްތަކަށާއި ކުރެވުނު ނުރަނގަޅު ކަންތައްތަކަށް މާފަށްވެސް އެދުނީމެވެ. އަދި ކޭކެއް ފަޅައި ދޮން މަންމަގެ ނަން "ދެވަނަ މަންމަ"އަށް ބަދަލުކުރީމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! ކަންދިމާވިގޮތުން އަޅުގަނޑަށްވެސް ވާންޖެހުނީ ދޮންމަންމައަކަށެވެ. ފިރިމީހާގެ ދަރިއަކު ހުރުމުންނެވެ. އަޅުގަނޑަށް ބަލަންޖެހުނު ދަރިފުޅުގެ ޢުމރަީ 2 އަހަރެވެ. ވީމާ އަޅުގަނޑާއި ދިމާއަށް ނުބައި ބަސްތަކެއް ނުބުނެވޭނެތާއެވެ! ނަމަވެސް އަޅުގަނޑު މަސައްކަތްމިކުރަނީ އެދަރިފުލުވި ބޮޑުވެގެން ނުބުނާނެ ގޮތަށް ކަންކަން ކުރެވޭތޯއެވެ.

ބުނެލަން ބޭނުންވަނީ އެނެމެންނަކީ ދޮންމަންމައިންނެއް ނޫނެވެ! ދެވަނަމައިންވެސް ތިބޭކަން ހަނދާންކުރުން ރަނގަޅުވާނެއެވެ! 

- ޢާއިޝަތު އިބްރާހީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް