އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: އަޅުގަނޑުގެ ބޮލުގަ ދޮގުތުހުމަތު އަޅުވައި އިތުރު ކައިވެންޏެއް ކުރިއަ ނުދޭން ފިރިމީހާ ސިހުރު ހެދީމާ ކައިވެނިކުރެވުން ވީއަވަސް!

ޙަޤީޤީ ޙާދިސާ: އަޅުގަނޑުގެ ބޮލުގަ ދޮގުތުހުމަތު އަޅުވައި އިތުރު ކައިވެންޏެއް ކުރިއަ ނުދޭން ފިރިމީހާ ސިހުރު ހެދީމާ ކައިވެނިކުރެވުން ވީއަވަސް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 19 ސިކުންތު

ސިހުރުހަދާ މީހުން އެނުބައި ޢަމަލުކުރުމަށްފަހު އެއީ ކުރެވުނު މޮޅުކަމެއްކަމަށް ދެކެގެން ވާހަކަދައްކައެވެ. "މިވެނި މީހަކަށް ދެން ކައިވެންޏެއްވެސް ނުކުރެވޭނެ!" ކަމަށްވެސް އެބަ ބުނެއެވެ! 

މިފަދަ ބަސްތައް ބުނާއިރު ސިހުރު ހަދަނީ ކުރިމައްޗަށް އަރަން ނުކެރޭ އެންމެ ބޮޑުފިނޑިންކަން ވެސް ހަމަ ނޭނގެނީހެއްޔެވެ؟ ހިތްވަރުގަދަ، ހިތްވަރުހުރި މީހުން ކަންކަން ކުރާނީ ކުރިމަތީގައެވެ. ފިލައި ހުރެގެނެއް ނޫނެވެ. 

އަދި ކީއްހެއްޔެވެ؟ ކައިވެނި ނުކުރެވޭނެ ގޮތަށް ސިހުރު ހަދާފައި ހުއްޓައި ކައިވެނިކުރެވެނީ މަދަކުން ނޫނެވެ. އަދި އެ ސިހުރު އަނބުރާ އެމީހަކަށް ޖެހެނީވެސް މަދަކުން ނޫނެވެ! 

އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑުގެމައްޗަށް ކަނޑައެލިގެން ދޮގު ތުހުމަތުތަކެއް ކުރިއެވެ. ލޯބީގެ ގޮތުން އެއްވެސް ގުޅުމެއް ނެތް މީހަކު ދެކެ އަޅުގަނޑު ލޯބިވާކަމަށް ތުހުމަތުކުރިއެވެ. އަދި އޭނާ އާއި އަޅުގަނޑާއި ގުޅުން ކަނޑުވާލަން ބޮޑެތި ސިހުރުތައް ހެދިއެވެ. އަދި އަޅުގަނޑަށް އިތުރު ކައިވެންޏެއް ނުކުރެވޭނެ ގޮތަށްވެސް ބޮޑެތި ސިހުރުތައް ހެދިއެވެ. 

ސިހުރުހެދިވަރަކަށް ދިއައީ ގުޅުން ބަދަހިވަމުންނެވެ! ފިރިމީހާ އަށް އޭނާ ހެދި ސިހުރުތައް ކާމިޔާބުވެއްޖެކަން ޔަޤީންކުރެވުމުން އަޅުގަނޑު ވަރިކުރިއެވެ. އަޅުގަނޑު ހެދި ސިހުރުގައި ޖެހުނީއެވެ. 

އަޅުގަނޑަށް ހެދި ސިހުރުތައް އަޅުގަނޑަށް ފެނުނީ ހުވަފެނުގައެވެ. އެހިސާބުން އަޅުގަނޑު މަސައްކަތްކުރީ އަމިއްލައަށް ރުޤްޔާކުރާށެވެ. އެއްވެސް މީހެއްގެ ގާތަކަށްވެސް ނުދަމެވެ. އަމިއްލައަށް ރުޤްޔާކުރަމުން ދުޢާކުރީއެވެ! 

އިތުރަށް އަޅުގަނޑު ހެދި ސިހުރަކީ ފިރިމީހާ ގާތު އެކުވެރިޔާއަށް އެއްޗެތިގޮވަން ފެށުމެވެ. އޭނާގެ ނުބައިވާހަކަ ދެއްކުމެވެ. އެކަންކުރީ އެކުވެރިޔާގެ ކިބައިން ހުއްދަވެސް ނަގައިގެންނެވެ. އަޅުގަނޑު ބުނި އެބަސްތަކުގެ އަޑު އިވެންފެށުމުން އޭނާގެ ސިހުރު ކާމިޔާބުވެއްޖެކަން ޔަޤީންކުރެވި އަވަހަށް ވަރިކުރީއެވެ. 

ޙަޤީޤަތަކީ އަޅުގަނޑަކީ ދޮށީ އަނބިކަމަށްވުމުން މުސްކުލިވީއެވެ! 4 ދަރިންގެ މަންމަ ބާކީކޮށް އެއްލާލަން ބަހަނާއެއް ހޯދީއެވެ!  

ފިރިމީހާ އަޅުގަނޑު ވަރިކޮށް ޢިއްދަ ހަމަވި ދުވަހު އެކުވެރިޔާ އަޅުގަނޑު ގާތަށް ހެކިވެރިން ފޮނުވާފައި ބުނީ އެވަރުގެ އަޑެއްކީމާ ރެނދެއް ލައްވާލަން ފެންނަ ކަމަށެވެ. ބޭނުންނަމަ ކައިވެނިކުރަން ރަން ކިޔުމަށެވެ. އަޅުގަނޑުވެސް ހަމައެނިޔަތުގައި ރަންކިޔައި ކައިވެނިކުރީއެވެ. އެހައިތަނަށް އެފަދަ އެއްވެސް ވާހަކައެއްވެސް ދެމީހުންގެ މެދުގައި ދެކެވިފައެއް ނުވާނެއެވެ. 

ކައިވެންޏަށް 2 ވަނަ އަހަރު ކުރީގެ ފިރިމީހާއަށް ކޮންމެވެސް ބައްޔެއް ޖެހި ހިނގައި ނޫޅެވޭވަރުވުމުން ކޮންމެވެސް އެއްޗެއް ހިތަށް އަރައިގެން މާފަށް އެދުނެވެ. އަދި އަލުން އޭނާ އާއި ކައިވެނިކޮށްފިނަމަ ގޯތިން ބައެއް ދޭންވެސް ބުންޏެވެ. 

ޖަވާބުގައި އަޅުގަނޑު ބުނީމެވެ. "ތިއަ ހަދަނީ އަނެއް ސިހުރެވެ! މާފަށް އެދުމުން މާފުކޮށްފީމެވެ. ނަމަވެސް ތިއަ ހެދި ސިހުރަކު ނުޖެހޭނަމެވެ. އިތުރު ސިހުރެއް ހަދައިގެން ގަދަނުވެ އެނދުގައި ތިއަ އޮންނަނީ ކީއްކުރަންހެއްޔެވެ؟ ސިހުރު ހަދައިދިން މީހާ މަރުވީހެއްޔެވެ؟" 

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! މާތް ﷲ އަށް ބިރު ނުގަންނަ ނުބައި ނުލަފާ، ޝަރީކުކުރަންވެސް ފަސްނުޖެހޭ ޖައްބާރުން ސިހުރު ހަދާނެއެވެ! ބިރުނުގަންނާށެވެ! އެފަދަ ކަމަކަށް ޝައްކުކުރެވިއްޖެނަމަ އަވަހަށް އަމިއްލައަށް ނަމަވެސް ރުޤްޔާ ކުރާށެވެ! ދަމުނަމާދުކޮށް ދުޢާކުރާށެވެ! ހުރިހާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ، ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވާ މާތް ﷲ ހިންމަވައިދެއްވަވާނެތެވެ! އިން ޝާ ﷲ

- ޚަދީޖާ ފަހީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް