އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެނަކަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްދަތިކަމަކީ އޭނާގެ ކުށެއްގެ ސަބަބުން ފިރިމީހާ ދެވަނަ އަންތބަކު ގޮވައިގެން ލޯބިން އުޅޭތަން ފެނުން: ސަޢީދާ

އަންހެނަކަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްދަތިކަމަކީ އޭނާގެ ކުށެއްގެ ސަބަބުން ފިރިމީހާ ދެވަނަ އަންތބަކު ގޮވައިގެން ލޯބިން އުޅޭތަން ފެނުން: ސަޢީދާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 14 ސިކުންތު

އިސްލާމް ދީނުގައި ހުއްދަވެފައި އޮތުމުން ފިރިހެނުންނަށް އެއް އަންތބަށްވުރެ ގިނަ އަނބިން ގެންގުޅެވިދާނެއެވެ. އަދި އަނހެނުންނަށް އޮތް އެންމެ ރަނގަޅު ގޮތަކީވެސް އަނބިންގެ މެދުގައި ހަމަހަމަކުރާނަމަ އެކަމަށް ކެތެރިވުމެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ހިތްދަތި ކަމެކެވެ. އަންހެނުންގެ ނަފްސަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއްވެސް މެއެވެ. 

މިއީ ދެބަސްވެވެން އޮތް ކަމެއް ނޫނެވެ. ރަސޫލް ﷺ ވަނީ އަނބިންނަށް ހަމަހަމަ ކުރެއްވެވުމުގައި އުންމަތަށް ނަމޫނާ ދައްކަވައިފައެވެ. ނަމަވެސް އަނބިކަނބަލުންގެ ހިތްޕުޅުގައި އުފެދިފައިވަނީ ހިތްދަތިކަން ކަމާއިމެދު ދެބަސްވެވޭކަށް ނެތެވެ. އެކަންކަމަށް ކެތް ނުކުރެއްވެވިގެން ފުރައްސާރަކުރެއްވެވުމުގެ ބަސްފުޅުތައް ވިދާޅުވެފައިވާކަން ޙަދީޘްފުޅުތަކުން ސާބިތުވާން އޮތްއިރު އަހަރެމެންގެ ޙާލު ހުންނާނީ ކިހިނަކުން ހެއްޔެވެ؟ 

އަޅުގަނޑު މިކަން މިހާމަކުރީ އެއްވެސް ޙާލެއްގައި އުޚުތް ޖަމީލާއަށް ރައްދެއް ދޭކަށް ނޫނެވެ. ނަމަވެސް އުޚުތް މިކަން ބަޔާން ކުރައްވަން ފަސްޖެހިލެއްވުމުން ޖަމީލާގެ ވާހަކައިން އުނިވެފައި އޮތްބައި ފުރިހަމަކޮށްލުމަށެވެ. 

މިއަދުނޫހުގައި ކުރިއަށް ގެންދާ "ޙަޤީޤީ ޙާދިސާ" ސިލްސިލާގެ ތެރެއިން" ޙަޤީޤީ ޙާދިސާ: ފިރިމީހާގެ މަންމަ ނުބަލަންވެގެން ހެދި ދޮގެއްގެ ސަބަބުން ދަރިއަކު ނުލިބި ހުންނަން ޖެހުނު އަންހެނެއްގެ ވޭނީ ތަޖުރިބާ-" މިސުރުޚީގެދަށުން ލިޔެފައިވާ ލިޔުން ކިޔާލުމަށްފަހު އަޅުގަނޑުގެ ވިސްނުން ހާމަކޮށްލަންބޭނުންވީ ހަމަ އުޚުތުންނަށް މިކަން ވިސްނައިދިނުމަށެވެ. އުޚުތުންނަށް އެހީތެރިވުމަށެވެ. 

ޖަމީލާ ބުނެފައި އެވަނީ އޭނާއަށް ދަރިއަކު ނުލިބި ލަސްވުމުން ކުރަންޖެހުނު ހިތާމައިގެ ވާހަކައެވެ. އެއްވެސް ޝައްކެއްނެތެވެ. އެއީ ވެސް ހަމަ ވަރަށް އަސަރުކުރާނެ ކަމެކެވެ. ނަމަވެސް ގޭގެ ވެރިކަން ކުރަމުން އައި އަންހެނަކު ގޮތަކަށް ގެއިން ބޭރުކުރެވެނީއެވެ. ދިރިއުޅޭ މައި ފަންގިފިލާ ނޫން ފަންގިފިލާއަކަށް ބަދަލުކުރެވުނީއެވެ. ފިރިމީހާ ދެވަނަ ކައިވެންޏެއް ކުރީއެވެ. ގޭގެވެރިކަމަށް އެހެން އަންހެނަކު އިސްކުރެވުނީއެވެ. ކިތަންމެ ރީތި ޢިބާރާތެއް ބޭނުންކުރެވުނުނަމަވެސް މިޙާލަތަށް ކިޔަންޖެހޭނީ ބާކީވުމެވެ. 

އެޙާލަތުގައި ފިރިމީހާ ދެވަނަ އަންތބަކު ގޮވައިގެން ލޯބިން ދިރިއުޅޭތަން ބަލަންޖެހުން ސިފަކުރަންޖެހޭނީ ހިތަށް އަލިފާނުން ހޫނުކުރުމަށްވުރެ ލިބޭނެ އަނިޔާ ބޮޑުކަމެއް ކަމަކަށެވެ. މެޔަށް ދޮންދަގަނޑު ހެރުން ފަދަ ކަމަކަށެވެ. 

އަޅުގަނޑަށްވެސް ހަމަ އެފަދަ ޙާލަތެއް މެދުވެރިވާން އުޅުނެވެ. މައިދައިތަ ބަލަން ޖެހުމުންނެވެ. އަދި އަޅުގަނޑުގެ މައިދައިތައަކީ ފިސާރި މައިދައިތައެކެވެ. އަނގަ ހުއްޓާލާ ވަގުތެއް ނާންނާނެއެވެ. ނުބެހޭ ކަމެއް ނޯންނާނެއެވެ. ބާޒާރުން އެންމެ ކުޑަމިނުން ކާބޯތަކެތިގަނެގެން އައިނަމަވެސް އެއެއްޗެތި ބަލައި ގަތްއަގުވެސް އޮޅުންފިލުވާނެއެވެ. 

އަޅުގަނޑު ކިރައިލީ ދެކަމެކެވެ. މައިދައިތަގެ ސަބަބުން ސިކުނޑިއަށް ލިބޭނެ ބުރައާއި މައިދައިތަ ބަލަން ދެކޮޅު ހެދުމުން އަޅުގަނޑު ދޫކޮށްލައިފިނަމަ ނުވަތަ ދެވަނަ އަންތބަކު ހޯދައިފިނަމަ އަޅުގަނޑަށް ކުރާނެ އަސަރެވެ. ލިބޭނެ ނިކަމެތި ކަމެވެ. އެދެކަންތައް ކިރާލުމުން އަޅުގަނޑަށް ވިސްނުނީ މައިދައިތަގެ ސަބަބުން ސިކުނޑިއަށް ވާނެ އުނދަގުލުގައި އެއްވެސް ބުރަދަނެއް ނެތްކަމަށެވެ. ފިރިމީހާ އަޅުގަނޑު ދޫކޮށްލައިފިނަމަ ނުވަތަ ދެވަނަ އަންތބަކު ހޯދައިފިނަމަ އަޅުގަނޑަށް ކުރާނެ އަސަރާއި ލިބޭނެ ދެރަ މާބޮޑުވާނެ ކަމަށެވެ. އެހެންވެ އަޅުގަނޑު އިޚްތިޔާރުކުރީ ކޮންމެ ޙާލެއްގައިވެސް މައިދައިތަ ގޮވައިގެން ދިރިއުޅޭށެވެ. 

އެކަމުން ކުރި ފައިދާވެސް ވަރަށް ބޮޑުވިއެވެ. ފިރިމީހާގެ ހިތުގައި އަޅުގަނޑަށް ލޯބި އިތުރުވިއެވެ. އަދި އަޅުގަނޑަށާއި އަޅުގަނޑުގެ ޢާއިލާއަށް އަޅައިލުން އެތައް ގުނައަކަށް އިތުރުވިއެވެ. 

މިފަދަ ވާހަކަތައް ހިއްޞާނުކޮށް މިހާރު ތިބެވޭކަށް ނެތެވެ. ކާމިޔާބީ އާއި ނާކާމިޔާބީ ހިއްޞާކޮށްގެން ނޫނީ ދިރިއުޅުން ކާމިޔާބުކުރެވޭކަށް ނެތެވެ. އަނގަ ހުޅުވަން ލަދުން ތިބެގެން އެއްވެސް ކަމެއް ޙައްލުކުރެވޭކަށް މިހާރަކު ނެތެވެ. އަޅުގަނޑު އެދެނީ ހަމަ ހުރިހާ އުޚުތުންވެސް މިބާވަތުގެ ކަންކަމުގައި މައުލޫމާތު ހިއްޞާކުރުމެވެ. އެމީހެއްގެ ތަޖުރިބާތައް ކިޔައިދިނުމެވެ. އެއިރުން ކޮންމެވެސް ބައަކަށް އެކަމުގެ ފައިދާ ކުރާނެތީއެވެ. އިން ޝާ ﷲ 

އަޅުގަނޑު އެދެނީ އަޅުގަނޑުގެ ވާހަކައަށްވެސް ފާޑުވިދާޅުވުމެވެ. 

- ސަޢީދާ މުޙައްމަދު / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް