އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު
މިހާރު ކުރިއަށްދާ އުރީދޫ ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ކެޕްޓަން މުޙައްމަދު ފައިޞަލަށް އަނިޔާވެގެން އަށިގަނޑުގައި ބާލަންޖެހުން ވެގެންދިއައީ ދިވެހި ސަޕޯޓަރުން ރޮއްވައިލި ކަމަކަށެވެ. ހަމައެވަގުތުން ފެށިގެން ކީޕަރު ފައިޞަލަށް އަވަސް ޝިފާއަކަށް އެދި ގިނަ ބައަކު ދުޢާކުރަންފެށިއެވެ.
ފައިޞަލް މިއަދު ވަނީ ސޯޝަލް މީޑިއާގައި ސަޕޯޓަރުންނަށް އުފާވެރި ޚަބަރެއް ދީފައެވެ. ފައިސަލް ބުނެފައި ވަނީ ސަޕޯޓަރުންގެ ހެޔޮ ބަސްތަކާއި ހެޔޮ ދުއާއަށް ޝުކުރު އަދާކުރާ ކަމަށެވެ. "ﷲ ގެ އިރާދަފުޅުން ޓެސްޓުތަކުގައި މާ ބޮޑު މައްސަލައެއް ނެތް." "އިރާދަކުރެއްވިއްޔާ އެނބުރި އަންނާނީ ވަރުގަދަކޮށް" ކަމަށެވެ.
ބުދަ ދުވަހު ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗްވެގެންދާނީ ސެމީ ފައިނަލަށެވެ. މެޗުން އެއްވަރު ކުރެވުނު ނަމަވެސް ފައިނަލަށްދާނީ ރާއްޖެއެވެ. ބަލިވެއްޖެނަމަ މުބާރާތުން ރާއްޖެ ކެޓީއެވެ. ސަޕޯޓަރުން ބޭނުންވަނީ މެޗުން މޮޅުވެ އަދި މުބާރާތުގެ ތަށި ރާއްޖޭގައި ބަހައްޓާށެވެ.
އެހެންކަމުން އެންމެ މުހިންމު ކަމެއްގެ ގޮތުން ކުރަން އޮތް އެއްކަމަކީ ފައިޞަލަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރުން ގިނަކުރުމެވެ. ފައިޞަލަށް ކުޅެވުމަކީ ކުޅުންތެރިންގެ ހިތްވަރު އިތުރުވެގެންދާނެ ކަމެކެވެ. އަދި ސަޕޯޓަރުންނަށްވެސް ލިބޭނެ އިތުރު ހިތްވަރެކެވެ.
ދުޢާއަކީ ފައިޞަލަށް ކުޅެވުމެވެ. އަދި މެޗުން އިންޑިއާ ބަލިކޮށް ފައިނަލަށް ގޮސް ފައިނަލުންވެސް މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއަށް ލިބުމެވެ. އިން ޝާ ﷲ
Advertisement
11 އޮކްޓޯބަރ 2021