އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ފިރިމީހާ ލޯބިނުވާކަން އެނގުމުން އަވަހަށް ވަކިވެ ދުޢާކުރުމުން ދެއްވެވި ފިރިމީހާ ހުރިހާ ގޮތަކުންވެސް މާފުރިހަމަ: ޝިބާނާ

ޙަޤީޤީ ޙާދިސާ: ފިރިމީހާ ލޯބިނުވާކަން އެނގުމުން އަވަހަށް ވަކިވެ ދުޢާކުރުމުން ދެއްވެވި ފިރިމީހާ ހުރިހާ ގޮތަކުންވެސް މާފުރިހަމަ: ޝިބާނާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 31 ސިކުންތު

އަޅުގަނޑުވެސް ކައިވެނިކުރީ ޢުމުރަށް ލޯބިން އެކުގައި އުޅެވޭނެ ކަމުގެ އުންމީދުގައެވެ. އެގޮތަށް އުޅެވުނީ އެންމެ 2 އަހަރު ދުވަހުއެވެ. ކަންކަން ބަދަލުވާން ފަށައިފިއެވެ. 2 އަހަރުވީއިރު ދަރިއަކު ނުލިބުމަކީ އަޅުގަނޑުގެ ސުންޕާކަން ކަމަށް ބުނަން ފަށައިފިއެވެ. ސިއްރުން ކަންކަން ކުރަން ފަށައިފިއެވެ. ކޮންމެވެސް އަންހެނަކުދެކެ ލޯބިވެސް ވެއްޖެއެވެ. 

އެކަންކަން ފަޅާއެރުމުން އަޅުގަނޑު އެދުނީ އެންމެ ކަމަކަށެވެ. އެއީ ވައުދުވީފަދައިން އެކުގައި ނޫޅެވޭނެނަމަ އަޅުގަނޑު މިނިވަންކޮށް ދޫކޮށްލައި ދިނުމަށެވެ. ފިރިމީހާ ޚިޔާރުކުރީ އަޅުގަނޑު ދޫކޮށްލުމެވެ. އެކަމަށް އެއްވެސް ޝަކުވާއެއްވެސް ނުކުރަމެވެ. އެއީ ދެވަނަ މީހަކުދެކެ ލޯބިވާނީ އަޅުގަނޑު ދެކެ ލޯބިނުވާތީކަމަށް އަޅުގަނޑު ޤަބޫލުކުރާތީ އާއި ލޯބިނުވާ ފިރިއަކާއިއެކުގައި ދިރިއުޅެން މަސައްކަތް ކުރާނަމަ ލިބޭނީ އިތުރު އަނިޔާތައް ކަމަށްވާތީއެވެ. 

އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑު ވަރިކޮށްފައި ގެއަށް ފޮނުވާލި ވަގުތުން ފެށިގެން ފޯނުގެ ބޭނުމެއް ނުކުރަމެވެ. އަޅުގަނޑަށް ލިބޭ ހުރިހާ ވަގުތުތަކެއް ބޭނުންކުރީ ހެޔޮ ޢަމަލުކުރުމުގައެވެ. ފަރުޟާއި ސުންނަތް އަޅުކަމުގައެވެ. ދަމުނަމާދުކުރުމުގައެވެ. ޛިކުރުކޮށް ދުޢާކުރުމުގައެވެ. 

ފޯނުން އެއްވެސް މީހަކާ ވާހަކަ ދައްކާހިތްނުވި އެންމެ ބޮޑު ސަބަބަކީ ފޯނުގެ މާޒީއެވެ. ލޯބީގެ ގޮތުން އޭނާ އާއި ގުޅިގެން އުޅުނުއިރު ބައެއް ދުވަސްދުވަހު މުޅި ދުވަސްވެސް ފޯނުގައި ހޭދަކުރެވިފައިވާނެއެވެ. 

ފިރިމީހާގެ ޚިޔާނާތް ފަޅާއެރީވެސް ފޯނުންނެވެ. އޭނާގެ ލޯބިވެރިޔާއަށް ފޮނުވި މެސެޖުތަކެއް އޮޅިގެން އަޅުގަނޑުގެ ފޯނަށް ކުރެވުމުންނެވެ. އަދިވަރިކުރިކަމާ ގެއިން ނުކުމެގެންދާން އެންގީވެސް ފޯނުންނެވެ. މިހުރިހާ ސަބަބުތަކާއިހުރެ ފޯނު ދެކެ ހަމަ ފޫހިވީއެވެ. 

ނަމަވެސް ޢިއްދަ ހަމަވިތާ 3 ވަނަ ރޭ ފޯނުހުޅުވައިލާހިތްވެގެން ފޯނު ހުޅުވައިލީމެވެ. ފޯނުހުޅުވިނަމަވެސް އެއްވެސް ބޭނުމެއް ނުކުރަމެވެ. ކައިރީގައި ޞާއްވައިގެން އޮތީއެވެ. އެގޮތަށް އޮންނަތާ ބައިގަޑިއެއްހައިއިރުވީތަނާ ފޯންރިންގވާންފެށުމުން ބަލައިލިއިރު ނުދަންނަ ނަންބަރަކުންނެވެ. 

އަޅުގަނޑަކީ ނުދަންނަ ނަމްބަރުތަކުން ގުޅުމުން ފޯނުނަގާ މީހެއްވެސް ނޫނެވެ. ނަމަވެސް އެކޯލް ނެގީމެވެ. "އައްސަލާމް ޢަލައިކުމް- ޖީޒާ! ކޮބާ ގޭގަތަ؟" ޖަވާބުގައި ގޭގައިކަމަށްބުނުމުން ސުވާލުކުރިއެވެ. "ތީހަމަ ޖީޒާތަ؟ ހާދަ އަޑު ތަފާތޭ!" 

"ލައްބަ އަޅުގަނޑުގެ ނަމަކީވެސް ޖީޒާ! ފަހަރެއްގަ ތިއަ ހޯއްދަވާ ޖީޒާ ނޫންކަމަށްވެދާނެ!" 

އެކަންވީ ހަމައެހެންނެވެ. އޭނާގުޅީ އަޅުގަނޑަކަށް ނޫނެވެ! އޭނާގެ ކޮއްކޮއަކަށެވެ. އޮޅުމަކުން އަޅުގަނޑުގެ ނަންބަރަށް ގުޅުނީއެވެ. އެއީ ހަމަ އިއްތިފާޤެކެވެ. ސަބަބަކީ އަޅުގަނޑުގެ ނަންބަރު އެއިރު ހަމައެކަކަށްވެސް ނޭނގޭނެއެވެ. އެދުވަހު ނެގި އައު ނަންބަރަކަށްވާތީއެވެ! 

ކޮންމެއަކަސް އެކޯލްވީ އެހައި ފަސޭހައިން ނމުނު ކަމަކަށް ނޫނެވެ. ކޮންމެ ދުވަހަކު އެކޯލް ލިބެން ފަށައިފިއެވެ. ރޭގަނޑުވެސް ލިބެން ފަށައިފިއެވެ. ދުވަހެއް ދުވަހަކަށް ލިބޭ ހޯލް ގިނަވެ ގިނަވަގުތު ހޭދަކުރެވެން ފަށައިފިއެވެ. 

އެއިގެ ދެތިން ދުވަސްފަހުން ފުރަތަމަ ފަހަރަށް ދެމީހުން ބައްދަލުކުރީމެވެ. އަޅުގަނޑު ހުށަހެޅީ ހަމަ އެންމެ ކަމަކަށެވެ. އަޅުގަނޑު ކަމުދާނަމަ އަވަހަށް ކައިވެނިކުރުމަށެވެ. އެކަން އޭނާ ޤަބޫލުކުރިއެވެ. ދިހަވަރަކަށް ދުވަސްތެރޭހައިވެނިކޮށްފިއެވެ. 

އެއީ ދިރިއުޅެން ބުރަ މަސައްކަތްކުރާ މީހެކެވެ. ތަޤްވާވެރިއެކެވެ. އަނބިންގެ ޙައްޤުތައް އެނގޭ މީހެކެވެ. އެކަމުގެ ހެޔޮ ނަތީޖާ ޢާއިލާއަށް ފުރިހަމައަށް ކުރެއެވެ. ދުވާލު ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް ރޭގަނޑު ބޭރަށްދަނީ ބަރަށް މަދުރެއަކުއެވެ. ބޭރަށް ދިއަ ނަމަވެސް ލަސްވެގެން 11 ޖަހަންވާއިރަށް ގެއަށް ވަދެއެވެ. 

މިކަންކަމަކީ ކުރީގެ ފިރިމީހާގެ ކިބައިން ދުވަހަކުވެސް ފެނުނު ކަންކަން ކަމުގައި ނުވާތީ ޤަބޫލުކުރަންވެސް އުނދަގޫވިއެވެ. ފުރަތަމަ ހީކުރެވުނީ އެއީ ކުޑަ ދުވަސްކޮޅެއްގެ ކަމެއް ކަމަށެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އެކަން ބަދަލުވެފައެއް ނެތެވެ. 

ކައިވެންޏަށް އަހަރުވީއިރު ދަރިއަކުވެސް ވަނީ ލިބިފައެވެ. ދަރިފުޅު ލިބުނީ ހަމަ މިއަހަރުއެވެ. ދރިއުޅެމުން މިދަނީ ހިތްހަމަޖެހުމާއި އުފާވެރިކަންމަތީގައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ހަމަ ކުރިންވެސް ބުނެވުނު ވާހަކައެކެވެ. ލޯބިނުވާ ފިރިއަކާއިއެކުގައި ދިރިއުޅެން މަސައްކަތް ކުރާނަމަ ލިބޭނީ އިތުރު އަނިޔާތަކެވެ. ލޯބިނުވާކަން އެނގޭ ހިސާބުން އޮތް އެންމެ ރަނގަޅު ގޮތަކީ އަވަހަށް ވަކިވެ އަލުން ދިރިއުޅުމެއް ފަށަން މަސައްކަތްކުރުމެވެ. ދުޢާކުރުމުން މާތް ﷲ މަގުދައްކަވައިދެއްވަވާނެއެވެ. އިން ޝާ ﷲ 

- ޝިބާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް