އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ފިރިމީހާ ސިއްރުން ކައިވެނިކޮށް ދަރިއަކު ހޯދައިފިކަން އެނގުމުން ރައީފާ ޢަމަލުކުރިގޮތުން ލިބުނު އުފާވެރިކަން މާބޮޑު!

ޙަޤީޤީ ޙާދިސާ: ފިރިމީހާ ސިއްރުން ކައިވެނިކޮށް ދަރިއަކު ހޯދައިފިކަން އެނގުމުން ރައީފާ ޢަމަލުކުރިގޮތުން ލިބުނު އުފާވެރިކަން މާބޮޑު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 54 ސިކުންތު

އަޅުގަނޑުމެންގެ ކައިވެންޏަށް 3 ވަނަ އަހަރުން ފެށިގެން ފިރިމީހާ އަޅުގަނޑާއި ދުރުހެލިވާން ފަށައިފިއެވެ. އެކުގައި ނިދަން އޮށޯތްނަމަވެސް އަޅުގަނޑަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. އަދި ދަރިއަކު ބޭނުންވެގެން އާދޭސްކުރާއިރުވެސް އެކަމަށްވެސް ސަމާލުކަމެއް ނުދެއެވެ. 

ފިރިމީހާގެ ހިތް އަޅުގަނޑުގެ މައްޗަށް ލެންބުވޭތޯ އަޅުގަނޑަށް ކުރެވުނުހައި މަސައްކަތެއް ކުރީމެވެ. ނަމަވެސް އެއިން އެއްވެސް މަސައްކަތަކުން އެއްވެސް ނަތީޖާއެއް ނުނުކުމެއެވެ. އެހެންކަމާއިއެކުގައިވެސް އުންމީދު ކަނޑައެއް ނުލަމެވެ. 

މިފަދަ ޙާލެއްގައި އުޅެމުން ގޮސް ކައިވެންޏަށް 6 ވަނަ އަހަރު އަޅުގަނޑަށް އެނގުނީ ފިރިމީހާގެ ދެވަނަ އަންތބެއް އިންނަކަމާއި 2 އަހަރުގެ ދަރިއަކުވެސް ލިބިފައިވާ ކަމެވެ. އެވާހަކަ ދެއްކުމުން ފުރަތަމަ ކުރީ އިންކާރެވެ. ނަމަވެސް އެއިރު އެކަމުގެ ފުރިހަމަ ހެކި އަޅުގަނޑުގެ އަތުގައިހުރުމުން އަނބިމީހާ އާއި ދަރިފުޅުގެ ނަން ބުނުމުން އެއްބަސްވެ އެވާހަކަ ކިޔައިދީފިއެވެ.

ފިރިމީހާ ބުނީ އަޅުގަނޑާއި ދުރުހެލިވީވެސް އެކުގައި ރޭނުކުރަނީވެސް އަޅުަނޑަށް ދަރިއަކު ލިބިއްޖެނަމަ 2 ދަރިންނަށް ޚަރަދުނުކުރެވޭނެތީކަމަށެވެ. އެހެން ބުނުމުން އަޅުގަނޑު ދިއައީ ހަމަ ތަރިބުރައިގެންނެވެ. ފިރިމީހާގެ ނިޔަތަކަށްވެފައި އެއޮތީ އަޅުގަނޑަށް އަންތބެއްގެ ނުދިނުމާއި މުޅި އުމުރު އޭނާގެ އަޅެއްގެ ގޮތުގައި ބަހައްޓަންކަން އެނގުމުންނެވެ.

2، 3 ދުވަސްވަންދެން ވިސްނީމެވެ. އެންމެފަހުން ބުނީމެވެ. "މިހައިތަނަށްވީ ހުރިހާ ކަމަކަށް އެއްވެސް މައްސަލައެއް ނެތެވެ. ހަމަ ހިތް ޙަލާލެވެ. ހަގު އަންބަށާއި ދަރިފުޅަށްވެސް ހަމަ ހިތް ޙަލާލެވެ. ދެމައިންނަށް އަހަރެންގެ ހެޔޮދުޢާ ސަލާމް ރައްދުކޮށްދޭށެވެ. ތިހާ މަދު ފައިސާކޮޅެއް ލިބޭއިރު 2 އަނބިން ގެންގުޅުންވާނީ ވަރަށް ބޮޑު ތަކްލީފަކަށެވެ. ކޮންމެ މީހަކަށްވެސް އިސްކަން ދެވޭނީ ދަރިފުޅަށެވެ. ދަރިފުޅުގެ މަންމަ އަށެވެ. ވީމާ އަހަރެން ވަރިކޮށްލައިދޭށެވެ." 

އެއިރު އަހަރެންގެ ހިތުގައި އަޅަމުންދިއަ ވޭން އެނގޭނީ ހަމަ އަހަރެންނަށެވެ. ނަމަވެސް އެކަމެއް ބޭރުފުށަކުން ނުދައްކަމެވެ. ނަޞީބަކުން އޭނާ އަޅުގަނޑު ވަރިކުރިއެވެ. ކައިވެނިކޮށްގެން ގެއިން ނުކުތީ އެނބުރި ގެއަށް ދިރިއުޅެން ދާނަ ނުޖެހޭނެކަމުގެ ވަރަށް ފޮނި އުންމީދާއިއެކުގައެވެ. ނަމަވެސް ވަރިކުރުމުން އެނބުރިގެއަށް ދިއައީއެވެ. މައިންބަފައިން އަހަރެންނަށް ހަމްދަރުދީވެ މަރުޙަބާ ކިޔެވެ.   

ގޭގައި ފިހާރައެއް ހުރެއެވެ. އެތަން ހުންނަނީ ކުއްޔަށްދީފައެވެ. ފިހާރަ ހިފައިގެން އުޅޭ މީހާ ގާތު ބުނުމުން ވަރަށް ފަސޭހައިން އަހަރެންނަށް ވަޒީފާދިނެވެ. ވަޒީފާގައި އުޅެން ފެށުމުން ދެމީހުންގެ މެދުގައި ގާތް ގުޅުމެއް އުފެދި ލޯތްބަށް ބަދަލުވުމުން ދެމީހުން ކައިވެނިކުރީއެވެ. ކައިވެނިކުރިތަނާ ދަރިއަކުވެސް ލިބިއްޖެއެވެ. އެކުގައި އުފާވެރި ދިރިއުޅުމެއްވެސް ލިބިއްޖެއެވެ. 

ކައިވެންޏަށް މިހާރު 5 އަހަރެވެ. އަދި އިރާދަކުރެއްވިއްޔާ އެއްވެސް މައްސަލައެއް ނުޖެހެއެވެ. އުފަލުގައި އެބަ ދިރިއުޅެވެއެވެ. ދުޢާއަކީ އެކުގައި ޢުމުރަށް ދިރިއުޅެވުމެވެ. ތަނަވަސްކަމަށް ބަލައިފިނަމަ ގޯތިން ލިބުނު ތަންކޮޅުގައި ދެމީހުން އެކުގައި ކުރާ މަސައްކަތުން 5 ބުރިއަށް ގެއެއް އެޅިއްޖެއެވެ. އިތުރު 2 ފިހާރަ ހުޅުވިއްޖެއެވެ. އެންމެ އުފާވާ ކަމަކީ މަސައްކަތުގައި ނޫން ގޮތަކަށް ފިރިމީހާ ގެއިން ބޭރަށްދާނަމަ، ޚާއްޞަކޮށް ރޭގަނޑު ބޭރަށްދާނަމަ ކޮންމެ ތަނަކަށް ދާނަމަވެސް ދެމީހުން އެކުގައި ނޫނީ ނުދާކަމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އަޅުގަނޑަށް ކުރިމަތިވިފަދަ ޙާލަތެއް  މެދުވެރިވެއްޖެނަމަ ފުރަތަމަކަމަކަށް ފިރިމީހާއަށް ލިބިފައިވާ ދަރިންނަށް ހިތްބަރުނުކޮށް ހެޔޮދުޢާކުރާށެވެ. އެކުދިންގެ އެއްވެސް ކުށެއް ނޯންނާނެއެވެ. ކުށްވެރިއަކީ ކުށްކުރި މީހާއެވެ. ފިރިމީހާއެވެ. ދެވަނަ ކަމަކަށް ބުނެލަން ބޭނުމީ ޝަކުވާކުރަން މަޑުނުކުރާށެވެ. އެކަމުން ލިބޭނީ ހިތްދަތިކަމާއި އިތުރު އަނިޔާއެވެ. ތެދުވެރި ގޮތުގައި ހުރިނަމަ މާއުފާވެރި ޙަޔާތެއް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

- ރައީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް