އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ފިރިހެނުންނަށް އިތުބާރުކޮށް ދެމަފިރިންގެ ދޭތެރެއަށް ވަންނަނަމަ ހަމަ އަހަރެމެންފަދަ އަންހެނަކަށް ދެވޭ ބޮޑު އަނިޔާއަކަށްވެދާނެ!: ސަޢީދާ

ޙަޤީޤީ ޙާދިސާ: ފިރިހެނުންނަށް އިތުބާރުކޮށް ދެމަފިރިންގެ ދޭތެރެއަށް ވަންނަނަމަ ހަމަ އަހަރެމެންފަދަ އަންހެނަކަށް ދެވޭ ބޮޑު އަނިޔާއަކަށްވެދާނެ!: ސަޢީދާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 58 ސިކުންތު

އަޅުގަނޑަށްވެސް ލޯބީގެ ގޮތުން ފުރަތަމަ ގުޅެވުނީ މީހެއްގެ ފިރިއަކާއިއެވެ. ނަމަވެސް އެކަން އެނގުނީ ގުޅުމަށް އަހަރުވެސް ފުރުނުފަހުންނެވެ. ކަންކަންއެނގުނުއިރު އެނާއަކީ 3 ދަރިންގެ ބައްޕައެކެވެ. ދިރިއުޅެމުން އަންނަނީ އަނބިމީހާ އާއި އަދި 3 ދަރިންނާއިވެސް އެކުގައެވެ. 

އަންތބަކާއި 3 ދަރިން ތިބެމެ އަޅުގަނޑާއި ލޯބީގެ ގޮތުން ގުޅުނު ސަބަބުކަމަށް އޭނާ ބުނީ ކުދިން ލިބުނު ފަހުން ދެމަފިރިންގެ މެދުގައި ގުޅުން ކުޑަކަމެވެ. އޭނާއަށް ދޭންޖެހޭ ސަމާލުކަން ނުދޭކަމެވެ. އެހެންވެ އޭނާ އާއި އަޅައިލާނެ މީހަކާއިއެކު ދެވަނަ ދިރިއުޅުމެއް ބޭނުންވަނީ ކަމަށެވެ. 

ކޮންމެއަކަސް ދެމީހުންގެ ގުޅުމަށް 3 އަހަރު ފުރުނުއިރުވެސް ކައިވެނިކުރާކަށް ނުއުޅުނެވެ. ކައިވެނީގެ ވާހަކަ ދައްކަން ފަށާއިރަށް ކޮންމެވެސް ބަހަނާތަކެއް ދައްކައެވެ. އޭނާއަކީ ތަނަވަސް މީހެކެވެ. އެހެންވެ އަޅުގަނޑަށް ބޭނުންވާ ކަންކަން ކޮށްދެއެވެ. ނަމަވެސް އަޅުގަނޑަށް ވިސްނުނީ އެއީ އަދި އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އެއީ އަޅުގަނޑުވެސް ދިރިއުޅެންވާނީ ފިރިއަކާއިއެކުގައި ކަމަށެވެ. ނޫންނަމަ އެއީ ޙަޔާތުން ބާކީކޮށްލެވޭ ދުވަސްތަކެއް ކަމަށެވެ. 

ކޮންމެއަކަސް އެކަމުގައި ގޮތެއް ނިންމަން އުނދަގޫވިއެވެ. އެއީ އޭނާ އަޅުގަނޑަށް ޚަރަދުތަކެއްކޮށްފައިވާތީއެވެ. ވީމާ ސަބަބެއް ނުދައްކައި ވަކިވުމަކީ އިންޞާފަކަށް ނުވާނެތީއެވެ. އެކަންކުރާނެ ގޮތަކަށް ވިސްންމުން ގޮސް ލިބުނު ވަރަށް ހަނި ފުރުޞަތެއްގެ ތެރެއިން އޭނާގެ އަނބިމީހާ އާއި ގުޅުން އުފެއްދީމެވެ. 

ކަންކަން މިވާގޮތަށްބެލިއިރު އޭނާގެ ކިބައިގައި ތަނަވަސްކަން ހުރިނަމަވެސް އަނބިމީހާ ލައްވައިވެސް މަސައްކަތްކުރުވައެވެ. އަދި ދިރިއުޅެން އަނބިމީހާއަށް ލިބޭ މުސާރަވެސް ބޭނުންކުރެއެވެ. އެހެންވެ އަނބިމީހާ ހެނދުނު އޮފީހަށްދެއެވެ. ގެއަށް ދެވެނީ އިރުއޮއްސޭފަހުންނެވެ. ގެއަށް ދިއުމަށްފަހު އުޅެންޖެހެނީ އަނެއްދުވަހު ކުދިން ސްކޫލަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގައާއި ފިރިމީހާއަށް ކޮށްދޭންޖެހޭ މަސައްކަތްތަކުގަ އާއި އަދި އޭނާވެސް އޮފީހަށްދާން ކުރަންޖެހޭ މަސައްކަތްތަކުގައާއި އަދި ގޭތެރޭގެ އެހެން މަސައްކަތްތަކުގައެވެ. 

ގޭގައި ކުދިން ބަލަން އަންހެނަކު ގެންގުޅުނު ނަމަވެސް މިކަންކަން އަނބިމީހާ ކުރަނީ އޭނާއަމިއްލައަށެވެ. އެއަންހެން މީހާލައްވައި ކުރުވަނީ ވަރަށް އާދައިގެ ކަންކަމެވެ. ވީމާ ފިރިމީހާ ގެއަށް އަންނައިރަށް އޭނާގެ ފައިމޮޑެދޭން ނުއިނދެވެނީއެވެ. 

އެގެއަށް ގޮސް މިކަންކަން ހިނގަމުން އަންނަ ގޮތް އަމިއްލަ ލޮލުން ބެލީމެވެ. އެގެއަށް ދިއަރޭ އޭނާއަށް އަޅުގަނޑު ފެނުނެވެ. ނަމަވެސް ދެމަފިރިންގެ ދިރިއުޅުމުގެ ތެރެއަށް ވަންނަން ބޭނުން ނުވާތީ އެނގޭ މީހަކަށްވެސް ނުހަދަމެވެ. 

އެރޭ އެގެއިން އައިސް އޭނާއަށް މެސެޖެއް ކުރީމެވެ. "އަަހަރެމެންގެ މާޒީ ހަނދާން ނައްތައިލާށެވެ. ތިބާގެ އެއްވެސް އަޅައިލުމެއް އެހީތެރިކަމެއް އަދި ބައިވެރިވުމެއް ނެތި އަނބިމީހާ އެކުރާ މަސައްކަތްތައް ނިކަން ދެކިބަލާށެވެ. ދިރިއުޅެން އާމްދަނީ ހޯދަމުންވެސް އެ އުފުލާ ބުރައިގެ އަގު ނިކަން ވަޒަންކޮށްލަބަލާށެވެ! ފިރިމީހާގެ އެހީތެރިކަމެއް ނެތި އޭނާ އެކުރަނީ ހަމަގައިމުވެސް އަހަރެންނަށް މަސައްކަތްކުރެވޭނެ ކުރެވޭނެ ވަރަށްވުރެ މާބުރަކޮށެވެ! ވީމާ އެފަދަ އަންތބަކު ހިތުގަ ޖެހޭނެ އެއްވެސް ކަމެއް ކުރާކަށް ނުވާނެއެވެ. އަހަރެންނަކީ މިހާރު ތިބާގެ އަނބިމީހާގެ ވަރަށް ގާތް އެކުވެރިއެކެވެ. ވީމާ އެގުޅުން އެގޮތަސް ބާއްވަން ބޭނުމެވެ. މިހާވަރުން ފުއްދައިލާށެވެ. އަހަރެންވެސް ފިރިއަކަށް ބޭނުންވެއެވެ. ވީމާ ފިރިއަކު ހޯދަން މަސައްކަތްކުރާނަމެވެ. ވަރަށް ހެޔޮ ދުޢާ ސަލާމް." 

ނިންމަންޖެހުނީ ނިންމަން ވަރަށް އުނދަގޫވި ނިންމުމެކެވެ. ނަމަވެސް ހިތްވަރުކޮށްފައި ނިންމީއެވެ. އެފަދަ ރަނގަޅު އަންހެނެއްގެ ދިރިއުޅުމަށް އަޅުގަނޑުގެ ފަރާތުން ހުރަސްއެޅުނަ ނުދިނުމަށެވެ. އެހިސާބުން ދެން އަޅުގަނޑު މަސައްކަތްފެށީ ލޯބިވެގެން އުޅޭނެ މީހެއްގެ ބަދަލުގައި ކައިވެނިކުރާނެ މީހަކު ހޯދާށެވެ. އަހަރެއްހައި ދުވަސްތެރޭގައި އެކަންވެސް ކާމިޔާބުކުރެވުނެވެ. ހުހަށްހުރި ޒުވާނަކާއި ގުޅުން އުފެދި ކައިވެނިކުރެވުނެވެ. އެކައިވެންޏަށް މިހާރު 11 އަހަރުވީއެވެ. ކުދިންވެސް ލިބިއްޖެއެވެ. ދިރިއުޅެމުންވެސް މިދަނީ ހަމަ އުފަލުގައެވެ. އިން ޝާ ﷲ 

މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް އަންހެނުންނަށް ބުނެލަން އޮތީ ދެމަފިރިއެއްގެ ދެމެދަށް ވަންނަން ޖެހޭ ޙާލަތެއް އަތުވެއްޖެނަމަ ވަރަށް ރަނގަޅަށް ކަންކަން ބަލާފައި ނޫނީ އެކަން ނުކުރުމަށެވެ. ފިރިހެނުން ދައްކާ ވާހަކަ އެއީ ހަމަތެދުކަން ޔަޤީންކުރަންވާނެއެވެ. ނޫންނަމަ ހަމަ އަހަރެމެންފަދަ އަންހެނަކަށް ކިތަންމެ ބޮޑު އަނިޔާއެއްވެސް ދެވިދާނެއެވެ. މަސައްކަތްކުރަންވީ އެހެން އަންހެނެއްގެ ހިތުގައި ނުޖައްސައި ދިރިއުޅުމެއް ހޯދާށެވެ. މަސައްކަތްކުރީމާ ލިބޭނެއެވެ. އިން ޝާ ﷲ 

- ސަޢީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް