އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ފިރިމީހާދެކެ ލޯބިވާވަރުން، ވިހައިފިނަމަ ސިފަގެއްލި ބާކީވެދާނެކަމުގެ ބިރަށް ދަރިއަކު ހޯދަން ފަސްޖެހުނު އަންހެނަކަށް ކުރަންޖެހުނު ހިތާމަ މާބޮޑުވި ގޮތުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ފިރިމީހާދެކެ ލޯބިވާވަރުން، ވިހައިފިނަމަ ސިފަގެއްލި ބާކީވެދާނެކަމުގެ ބިރަށް ދަރިއަކު ހޯދަން ފަސްޖެހުނު އަންހެނަކަށް ކުރަންޖެހުނު ހިތާމަ މާބޮޑުވި ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 21 ސިކުންތު

"އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިންގެ ތެރޭގައި ވަރަށް ރީތި އަންހެން ކުއްޖަކު ހުރެއެވެ. އުޅެނީ ކައިވެނިކޮށްގެންނެވެ. ފިރިމީހާ ކުއްޖަކު ބޭނުންވެއެވެ. އަނބިމީހާ ހަދަނީ މަކަރެވެ. އެއީ ވިހައިފިނަމަ އޭނާގެ ސިފަ ހުތުރުވެދާނެކަމަށާއި އެއިރުން ވަރިކޮށްލައިފާނެ ކަމުގެ ބިރަށެވެ.  

މިޙާލަތުގައި އެކުވެރިޔާއަށް ވިސްނައިދޭން ދޭނެ ނަބޭޙަތެއް ބުނެދެއްވަފާނަންތޯ؟"  

ތިއަފަދަ ގޮތްގޮތަށްވިސްނާ ކުދިންވެސް އުޅެއެވެ. އަދި އެގޮތަށް ވިސްނީމާ މިވާހަކައިގައި އެޖެހޭ ޙާލުވެސް ޖެހެއެވެ. ރާނީކަމުން ނޯކަރަކަށްވެސް ބަދަލުވާންޖެހެއެވެ. އަދި ބައެއް ފަހަރު "ވަޒީފާ" ގެއްލިގެން އެނބުރި ގެއަށްދާންވެސް ޖެހެއެވެ.  

އެހެންކަމުން ތިރީގައިވާ ވާހަކަ ޙިސްޞާކޮށްލުން ރަނގަޅުކަމަށް ފެނެއެވެ.  

ކައިވެނިކުރެވުމާއިއެކު ފިރިމީހާ ބޭނުންވީ ދަރިއަކަށެވެ. 2، 3 އަހަރު ފާއިތުވެގެންދިއައިރުވެސް ދަރިއަކު ނުލިބުމުން ފިރިމީހާ ހުރީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އެކަން އެގޮތަށް މެދުވެރިވީ ހަމަ އަހަރެންގެ ސަބަބުންނެވެ. އަހަރެން ދަރިއަކު ވިހަން ބޭނުންނުވީއެވެ. އެއީ ދަރިން ވިހެއުމުން އަންނަ ބަދަލުގެ ސަބަބުން ފިރިން ފޫހިވެ އެހެން އަންހެނުންގެ ކިބައިން އުފާ ހާދާކަމުގެ ވާހަކަތައް އަޑުއިވިފައިވާތީއެވެ. ފިރިމީހާދެކެ އިންތިހާއަށް ލޯބިވާތީ ފިރިމީހާގެ ކިބައިން އެފަދަ ކަމެއް މެދުވެރިވުމަށް ނުއެދޭތީއެވެ.  

ވަރަށް ވިސްނުމަށްފަހު ފިރިމީހާއަށް ހިތްވަރުދީގެން ފިރިމީހާ ލައްވައި ދެވަނަ ކައިވެންޏެއް ކުރުވީމެވެ. އެއީ ފިރިމީހާ ބޭނުންވާ ފަދައިން ދަރިންގެ އުފާވެރިކަން އޭނާއަށް ހޯދައިދިނުމަށެވެ. ޔަޤީންކޮށްގެން ހުރީ އޭނާ ދަރިން ވިހެއުމުން ފިރިމީހާ އޭނާ ދެކެ ފޫހިވެ އަހަރެންދެކެ ލޯބިވުން އިތުރުވާނެ ކަމަށެވެ.  

ދުވަނަ އަނބިމީހާ ދިއައީ އަހަރު ދެކޮޅު ވިހަމުންނެވެ. ދެ ދަރިން ވިހެއުމަށްފަހު 3 ވަނަ ފަހަރު ވިހެއީ އެއްމާބަނޑ 2 ކުދިންނެވެ. ކަންތައްތަ ބަދަލުވީ އަހަރެންނަށް ވިސްނިފައި އޮތް ގޮތަކަށް ނޫނެވެ. ދަރިން ވިހަމުންދިއަވަރަކަށް ފިރިމީހާގެ ހިތުގައި ދިއައީ އޭނާއަށް ލޯބި އިތުރުވަމުންނެވެ. އޭނާގެ ކޮޓަރީގައި ހޭދަކުރާ ވަގުތުވެސް އިތުރުވަމުންނެވެ. އެއްމާބަނޑު 2 ކުދިން ލިބުނުފަހުން ގޭގައި އުޅޭ ވަގުތުތަކުގައި އެ ކޮޓަރިން ނުކުންނަނީވެސް ހަމައެކަނި ދަރިން ސިޓިންގރޫމްގައި ގެންގުޅޭ ވަގުތުގައެވެ.  

އެންމެފަހުން އަހަރެންދެކެ ފޫހިވާންވެސް ފެށީއެވެ. އެކީގައި ރޭކުރާއިރުވެސް އަޅައިލުންވެސް ކުޑަކުރަން ފެށީއެވެ. ނަތީޖާއަކަށްވީ އަހަރެން މުޅިން ބާކީވުމެވެ. އެހިސާބަށް ކަންކަން ދިއުމުން ދަރިއަކު ވިހޭތޯ ވަރަށް މަސައްކަތްކުރީމެވެ. ނަމަވެސް އެތައް އަހަރެއްވީއިރުވެސް އެކަން ކާމިޔާބެއް ނުވިއެވެ. ކިތަންމެހައިވެސް ދެރަވިއެވެ. ރޮއި ކަރުނައެޅީމެވެ. ނަމަވެސް އަމަލުން އެކަމެއް ނުދައްކަމެވެ.  

އަހަރެން އަމިއްލަ އަށް ފޭއްސި އިލޮށިގަނޑު އަހަރެންގެ ލޮލަށް ހެރި ނިމުނީއެވެ. މިއަދު އަހަރެން ބަދަލުވެފައިމިވަނީ ގޭގައި ގެންގުޅޭ މީހަކަށެވެ. އަހަރެންނަށް ކުރަންޖެހޭ ކަމަކީ ދެވަނަ އަނބިމީހާ ވިހެއި ދަރިން ބެލުމެވެ. ގޭގެ މަސައްކަތްކުރުމެވެ. ދެވަނަ އަނބިމީހާއަށް ގޭގެ މަސައްކަތްކުރާނެ ވަގުތެއް ނުވެއެވެ. އަބަދުވެސް އުޅެނީ ދަރިންގެ ކަންކަން ކުރުމުގައެވެ. އެއީ އެކަން ވާނެގޮތްކަމަށްވެސް ޤބޫލުކުރީމެވެ.  

އަހަރެން ހިތްބުރައެއް ނުކުރަމެވެ. 4 ދަރިން ބެލެހެއްޓުމަކީ ކިހައި ބުރަކަމެއްކަން މިއަދު އަހަރެންނަށްވެސް އިޙްޞާޞް ކުރެވޭތީއެވެ. އަދި މިޙާލަތު ކުރިމަތިވީ އޭނާގެ ސަބަބުން ނޫންކަމާއި އަހަރެންގެ ކޮށި ވިސްނުމުގެ ސަބަބުންކަންވެސް އިޙްޞާޞްކުރެވޭތީއެވެ.  

އަހަރެންގެ މޮޔަކަން ވިސްނި ހިތާމަކޮށް ކަރުނަ އަޅައި ކުރަމުން ގެންދިއަ ދުޢާގެ ސަބަބުން އުމުރުން 35 އަހަރުގައި ބަލިވެއިނެވެ. ލިބުނީވެސް އެއްމާބަނޑު 2 ކުދިންނެވެ. އެއިގެ 2 އަހަރުފަހުން އަނެއްކާވެސް ބަލިވެއިނެވެ. އެފަހަރުވެސް ލިބުނީ ހަމަ އެއްމާބަނޑު ދެދަކުދިންނެވެ. އެހިސާބުން ގެއަށް 8 ދަރިން ހަމަވީއެވެ.  

އަހަރެން ފުރަތމަ ފަހަރު ބަލިވެއިނުމާއިއެކު ފިރިމީހާގެ ލޯތްބާއި އަޅައިލުން އިތުރުވާންފެށިއެވެ. އަދި ވިހެއުމުން ހިތްފުރޭވަރަށް ލޯބިލިބެންފެށިއެވެ. މިހާރު ދިރިއުޅެމުން މިގެންދަނީ ހަމަ އެންމެ އުފަލުގައެވެ. މިއަދު އެންމެ ބޮޑަށް ދެރަވަނީ އަހަރެން އަމިއްލައަށް ބަތްތަށީގެ އެއްފަޅި އެހެން އަންހެނަކަށް ކާންދެވުނީތީއެވެ. ނަމަވެސް ފިރިމީހާގެ ލޯތްބާއި އަޅައިލުން އަހަރެންނަށްވެސް އިންތިހާއަށް ލިބޭތީ މިހުންނަނީ ހަމަ ވަރަށް އުފަލުންނެވެ.  

ފިރިމީހާގެ ވަރަށް ގާތް ދީނީ ޢިލްމުވެރިއަކު މަހަކު 2 ފަހަރުހެން ގެއަށް ޒިޔާރަތްކުރައްވައި ދީނީ ނަޞޭޙަތް ދެއްވާނެއެވެ. އެގޮތުން ޒިޔާރަތްކުރެއްވި ދުވަހަކު ވިދާޅުވިއެވެ. "އަހަރެންނަށް ވިސްނޭގޮތުން މިގޭގެ އުޖާލާކަން ގެއްލެމުން ދަނިކޮށް އަލުން އުޖާލާކަން ލިބުނީ ސީމާގެ ރަނގަޅުކަމުންނެވެ. ފާޠިމާގެ ދަރިންނަށް ހެޔޮކޮށްހިތައި ޚިދުމަތްކުރީތީއެވެ. އިންޞާފަށް ލޯބިކޮށް ޙައްޤުމަގުގައި ހުންނަން މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް ﷲ އުފާވެރިކަން ދެއްވަވާނެތެވެ."  

އަހަރެންގެ ދިރިއުޅުމުގެ މިވާހަކަތައް ޙިއްޞާ ކުރުމުގެ ބޭނުމަކީ އަހަރެންނަށް ކުރިން ޤަބޫލުކުރެވުނު  ފަދައިން ދަރިން ވިހެއުމަކީ ފިރިމީހާ ފޫހިވާ ބަދަލެއް އަންނަކަމެއްކަމަށް ޤަބޫލުކުރާ އަންހެނުންނަށް އެއީ އެގޮތަށް ހުރިހާ ފަހަރަކު އެންމެންނަށް މެދުވެރިވާކަމެއް ނޫންކަން ބަޔާންކޮށްދިނުމެވެ. ކޮންމެ ފިރިއަކީ އެއް ފިކުރެއްގެ މީހެއް ނޫނެވެ. ހުރިހާ ފިރިން ކަންކަން ކުރާނީ އެއްގޮތަކަށްވެސް ނޫނެވެ. ވީމާ މީހެއްގެ ފިރިއަކު ޢަމަލުކުރިގޮތަށް ތިމާގެ ފިރިމީހާވެސް ޢަމަލުކުރާނެކަމަށް ޤަބޫލުކުރުމުން ލިބޭނީ އަހަރެންނަށްވެސް މިލިބުނު ފަދަ ދެރައެއްކަން ބަޔާންކުރުމަށެވެ.

 

- ސީމާ، މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް