އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

3 އަހަރު ކޯމާގަ އޮތް އިރުވެސް ލޯބީގާ އިޚްލާޞްތެރިވެ ފޫހިކަމެއްނެތި ޚިދުމަތްކުރި އަންހެނަކަށް އިނާމަކަށް މިލިއަނަރު ފިރިއެއް ލިބުނު ގޮތުގެ ވާހަކަ-

3 އަހަރު ކޯމާގަ އޮތް އިރުވެސް ލޯބީގާ އިޚްލާޞްތެރިވެ ފޫހިކަމެއްނެތި ޚިދުމަތްކުރި އަންހެނަކަށް އިނާމަކަށް މިލިއަނަރު ފިރިއެއް ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 22 ސިކުންތު

އަޅުގަނޑު ލޯބީގެ ގޮތުން މީހަކާ ގުޅުނީ އުމުރުން 24 އަހަރުގައެވެ. އަޅުގަނޑު ފަދައިން އޭނާވެސް އަޅުގަނޑުދެކެ އިންތިހާއަށް ލޯބިވެއެވެ. އެހެންވެ ކައިވެނި އަވަސްކުރަން އައީ މަޝްވަރާކުރަމުންނެވެ. ކައިވެނިކުރާނެ ދުވަހަކާއިމެދު ބަހުސްކުރެވެމުން ދަނިކޮށް ކުއްލިއަކަށް ލޯބިވެރިޔާ ބަލިވެއްޖެއެވެ. ގަދަހުމެއް ޖެހުނީއެވެ. ހުންޖެހުނުތާ 2،3 ދުވަސްތެރޭ ކޯމާއަކަށް ހިނގައްޖެއެވެ. 

ދުވަސްތައް މަސްތަކަށް ބަދަލުވަމުން ގޮސް އަހަރު ދެއަރަހަށް ބަދަލުވިއިރުވެސް ފޫހިކަމެއް ނެތި ލޯބިވެރިޔާއަށް ޒިޔާރަތްކުރަމެވެ. އޭނާގެ ހަށިގަނޑާއިއެކު ވަގުތު ހޭދަކުރަމެވެ. އޭނާގެ ހަށިގަނޑާއި ވާހަކަދައްކަމެވެ. އޭނާ ކިޔައި އުޅުނު ސީރީޒްގެ ވާހަކަތައް ނެރުމުން ފޮތްވެސް ކިޔައިދެމެވެ. ނަމަވެސް އެހައިތަނުން ހުރިހާ އެކުވެރިންވެސް އަޅުގަނޑަށް މަލާމާތާއި ފުރައްސާރަކުރަން ފަށައިފިއެވެ. ބުނަމުން ގެންދިއައީ އޭނާދެކެ ލޯބިވީ ނަމަވެސް އެހެން މީހަކާއިއެކު ދިރިއުޅުމެއް ފެށުމަށެވެ. ޖަވާބުގައި އަޅުގަނޑު ބުނަމުން ގެންދިއައީ އޭނާ ދުނިޔޭގައި އޮތްހައިހިނދަކު އެހެން ފިރިހެނަކު ބަލައިނުގަނެވޭނެ ކަމަށެވެ. 

އެފަދަ ގޮތަކަށް ކަންކަން ވަމުން އައިސް ކޯމާއަށް ދިއަތާ 3 އަހަރުފުރުމުން ޑޮކްޓަރުން މުޅިން އުންމީދު ކަނޑައިލިއެވެ. އަދި އިތުރަށް ލައިފްސަޕޯޓްގައި ބޭއްވުމުގެ ބޭނުމެއް ނެތްކަމަށާއި ހޭނާރާނެ ކަމަށް ބުނަންފެށުމުން ޢާއިލާއިންވެސް އައީ އެވާހަކަތައް ޤަބޫލުކުރަމުންނެވެ. އެކަމަށް ދެކޮޅުހަދަމުން އައީ ހަމައެކަނި އަޅުގަނޑެވެ. 

ކޮންމެއަކަސް އެންމެފަހުގެ ނިންމުމަކަށްވީ އަނެއްދުވަހު މެންދުރު މެންދުރު 12 ޖަހާއިރު ޢާއިލާގެ އެންމެން ތިބެގެން ލައިފްސަޕޯޓް ކަނޑާލަން ނިންމުމެވެ. އަޅުގަނޑަށް އެކަން ހުއްޓުވޭނެ ނަމަ ހުއްޓުވީމުހެވެ. އަޅުގަނޑު އަތުގައި ހޮސްޕިޓަލުގެ ޚަރަދުތައް ކުރާނެ ފައިސާ ހުރިނަމަ އެކަނި ހުރިހާ ކަމެއް ކުރަން ޖެހުނު ނަމަވެސް އެކަން ކުރިއަކަ ނުދޭނަމެވެ. 

ކޮންމެއަކަސް އެނިންމުން ނިންމީންސުރެ ގެއަކަށް ނުދަމެވެ. ގާތުގައި އިނީއެވެ. އެރޭ ދަމުނަމާދުކުރީވެސް ހޮސްޕިޓަލުގައެވެ. އެރޭ 3 ގަޑިއިރުވަންދެން ދަމުނަމާދުކުރީމެވެ. ދުޢާކުރަން ސަޖިދައިގައި އޮވެވުނީ ކިހައިއިރެއްވަންދެންކަން ބުނާކަށް ނުއެނގެއެވެ. އަދި ދަމު ނަމާދަށްފަހުގައިވެސް ދުޢާކުރީމެވެ. ފަތިސްނަމާދަށްފަހުގައިވެސް ދުޢާކުރީމެވެ. ލޯބިވެރިޔާ އާއި އަޅުގަނޑާއި ވަކިނުކުރެއްވެވުން އެދިއެވެ. އޭނާއަށް ޝިފާ ދެއްވެވުން އެދިއެވެ. 

ފަތިސްނަމާދުން ނިމުނުތަނާ ނިދިއައުމުން ގޮނޑީގައި އޮށޯވެ ނިދައިލީމެވެ. ނިދުނުތަނާހެން ހޭލެވިއްޖެއެވެ. ހޭލެވުމާއިއެކު ގާތަށް ގޮސް މޫނުގައި ފިރުމާލާފައި ދުޢާކޮށްފައި ގޮސް އަނެއްކާވެސް އޮށޯތީއެވެ. އެފަހަރުވެސް ހަމަ ނިދުނުތަނާ ސިއްސައިގެން ގޮސްފައި ހޭލެވުމުން ހަމަ ކުރީ ފަހަރު ކަންތައްކުރިގޮތަށް ކަންތައް ކުރީމެވެ. އެފަހަރު ކުޑައިރުކޮޅަކު ނިދުނެވެ. ނަމަވެސް ހަމަ ސިއްސައިގެން ގޮސްފައި ހޭލެވިއްޖެއެވެ. 

އަވަސްއަވަހަށް ތެދުވެގެންގޮސް އެނދުކައިރީގައި ހުއްޓުމުން ޙައިރާން ކުރުވަނވި މަންޒަރެކެވެ. ލޮލަށް ފެންނަ ގޮތް ޔަޤީން ނުވެގެން ލޯފުހެލީމެވެ. ނިދި ހުރިވަރުން ފެންނަ ގޮތެއްކަމަށް ޝައްކުކުރެވިގެން މޫނުގައި ފެންވެސް ލުމުންވެސް ފެނުނީ ހަމައެއް މަންޒަރެކެވެ. ލޯބިވެރިޔާ ހޭއަރައިފިއެވެ. ދެލޯ ހުޅުވައިފިއެވެ. އެކަން ޔަޤީންވުމުން ދުވެފައިގޮސް މޫނާދިމާއަށް ގުދުވެ ބޮސްދިނީމެވެ. އެތައް ފަހަރަކު ބޮސްދިނީމެވެ. ހިތްފުރޭވަރަށް ބޮސްދިނުމަށްފަހު ބެލްޖަހައި ނަރުސްކުދިން ގެނުވީމެވެ. 

ނަރުސްކުދިން ޑޮކްޓަރު ގެނުވުމުން ޑޮކްތަރުބުނީ އިހަށް ވާހަކަދައްކަވަން ނުއުޅުމަށެވެ. އަމިއްލައަށް ވާހަކަދައްކާތޯ ބަލަން ބޭއްވުމަށެވެ. ނޫންނަމަ ސިކުނޑިއަށް މާބާރުބޮޑުވެދާނެ ކަމަށެވެ. 

ޢާއިލާގެ މީޙުންނަށްވެސް ވަގުތުން ގުޅީމެވެ. އެމީހުންނަށް އާދެވުނީ ގަޑިއެއްހައިރުފަހުންނެވެ. ލޯބިވެރިޔާއަށް ވާހަކަދެއްކެން ފެށީ ހެނދުނު 10 ޖަހާއެހާކަންހާއިރުއެވެ. ފުރަތަމަވެސް ބުނި ބަހަކީ އަވަހަށް ކައިވެނިކޮށްގެން އެކުގައި ޙައްޖަށްދަމާ ހިނގާށެވެ! 

ދެމީހުން ލޯބިވެގެން އުޅުނުއިރުވެސް އޭނާގެ ޢާއިލާގެ އެއްވެސް ވާހަކައެއް ކިޔައެއް ނުދެއެވެ. އަދި އޭނާގެ މައިންބަފައިންނާއި ހޮސްޕިޓަލުންނާއި ބައްދަލުވަމުން އައިއިރުވެސް އެމީހުންވެސް އެއީ ކޮންބައެއްކަން ކިޔައެއް ނުދެއެވެ. އެއީ ކޮންފެންވަރެއްގެ ބައެއްކަން އެނގުނީ ހޮސްޕިޓަލުން 7 ދުވަސްފަހުން ދޫކޮށްލުމުން ލޯބިވެރިޔާގެ ގެއަށް ދެވުމުންނެވެ. 

އޭނާގެ މައިންބަފައިންނަކީ ތަނަވަސްކަމުގެ ގޮތުން އަރާތިބި ބައެކެވެ. މިލިއަނަރުންނެވެ. އަދި އަޅުވެރިކަމުގައިވެސް އަރައިތިބި ބައެކެވެ. މަންމަ ބުނީ އެރޭ މަންމަވެސް ނުނިދާ ކަމަށާއި ދުޢާކުރަން މުސައްލަމަތީގައި ހޭލައި އިންކަމަށެވެ. އަދި ބައްޕަވެސްމެއެވެ. އަދި އޭނާއަކީ އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު ކަމަށެވެ. 

ގެއަށް ދެވުނު ދުވަސް ނޫން އަނެއް ދުވަހު އަޅުގަނޑުމެންގެ ކައިވެނިކޮށްދީފިއެވެ. މިހާރު ކައިވެންޏަށް 20 އަހަރު ފުރިއްޖެއެވެ. 5 ދަރިންވެސް ލިބި ބޮޑެތިވަނީއެވެ. ފިރިމީހާ ސަމާސައަށް ހަދާފައި ދޭތެރެއަކުން ބުނާނެއެވެ. "އަހަރެންނަކީ ހަމައެކަނި ފިރިމީހާއެއް ނޫނެވެ. އަހަރެންނަކީ ސީމާގެ އަޅެކެވެ. އަހަރެން މަރުވެފައި އޮއްވައި އަލުން ދުނިޔެއަށް ގެނެސްގެން ތިއައުޅެނީ ސީމާއެވެ." ފިރިމީހާ ބުނަނީ އޭނާ ކޯމާގައި އޮތް އިރުވެސް ގާތުގައި ދެކެވުނު ވާހަކަތައް އަޑުއިވުނު ކަމަށެވެ. 

މިއީ އެކުވެރިއަކު އަޅުގަނޑާ ޙިއްޞާކުރި ވާހަކައެކެވެ. އެއީ އަޅުގަނޑުގެ ޙަޔާތާއިވެސް ގުޅުންހުރި ވާހަކައަކަށްވާތީއެވެ. އަޅުގަނޑަކީ ހިނގޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ޒުވާނަކަށް އެހީތެރިވެދީގެން އޭނާއަށް ހިނގޭތޯ 2 އަހަރު ވަންދެން ކުރި މަސައްކަތުން ހިނގޭގޮތްވުމުން އޭނާ އެދުމުން އޭނާ އާއި ކައިވެނިކޮށްގެން ދިރިއުޅޭ އަންހެނަކީމެވެ. އަޅުގަނޑު އެކަންކުރީ އޭނާއަކީ އެކުގައި ކިޔަވަންއުޅުނު އެކުވެރިއަކަށްވާތީއެވެ. 

އަޅުގަނޑަށް ކުރެވުނު މަސައްކަތާއިމެދު އަޅުގަނޑު ފަޚުރުވެރިވަމެވެ. އެމަސައްކަތްކުރީ އެއްވެސް ޙާލެއްގައި އޭނާ އާއި ކައިވެނިކުރުމުގެ ނިޔަތުގައެއް ނޫނެވެ. ޢިޝްޤީ ލޯބިވެގެނެއްވެސް ނޫނެވެ. އެކުވެރިކަމުގެ ލޯބީގައެވެ. ވީމާ އެކަމަށް ﷲ ދެއްވަވާ އެއްޗެއް ލިބޭނެއެވެ. އިން ޝާ ﷲ 

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ އަޅުގަނޑުގެ ފިރިމީހާޢަކީވެސް ވާހަކައިގާ އެބުނާ ފަދައިން އަޅުގަނޑުގެ އަޅެއް ކަމަށް ނުބުނި ނަމަވެސް އަޅުގަނޑަށް ވަރަށް ބޮޑަށް ޤަދަރުކުރާ އަދި އަޅުގަނޑު ކުރި ޚިދުމަތުގެ އަގު ވަޒަންކުރާ ފިރިއެކެވެ. އެހެންވެ އަޅުގަނޑުމެންގެ ދިރިއުޅުމަކީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. އިން ޝާ ﷲ 

ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިޚްލާޞްތެރިކަމާއިއެކު ކުރާ ޚިދުމަތުގެ ފައިދާގައި މިންއަޅަންވެސް ނުއެނގޭނެކަމަށެވެ. ކޮންމެ ފަހަރަކު އެއީ ބައިވަރު ފައިސާތަކަކަށް ނުވެދާނެއެވެ. ބޮޑު ތަނަވަސްކަމެއް ނުލިބިދާނެއެވެ. އެހެން ނަމަވެސް އުފަލާއި ހިތްހަމަޖެހުމަކީ ފައިށާއަށްވުރެ މާ މުހިންމު އެއްޗެއް ކަމަށެވެ. 

- ވަދީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް