އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 3 ސިކުންތު
ޑެންމާކުގެ ނިންމުންތަކުން އެނގުނީ މިހާރުގެ ޙާލަތުގަ މާސްކް އަޅަން ޖައްސުވަނީ ޞިއްޙީ ޚިދުމަތް ދިނުމުގަ ފޭލްވެފަވާ ޤައުމުތަކުންކަން ކޮވިޑާއި ގުޅިގެން ޑެންމާކުން ނިންމި ނިންމުންތަކުން ހާމަވެއްޖެއެވެ.
ކޮވިޑުން ސަލާމަތްވުމަށް ޑެންމާކުން ކުރި މަސައްކަތްތަކުގެ ރަތީޖާ ރަނގަޅުވެ ފިޔަވަޅުތައް އުވާލުމުން ކޮވިޑާއި ގުޅުވައިގެން ނާޖާއިޒު ފައިދާ ނަގަމުންއައި ފަރާތްތަކަށް އެކަންކުރުމުގެ ފުރުޞަތު މިހާރުވަނީ ގެއްލިފައެވެ. އަދި ގޭގައި ތިބެގެން އަމިއްލައަށް ކޮވިޑް ޓެސްޓް ހެދުމުގެ މަގު ޑެންމާކު ސަރުކާރުން ފަހިކޮށްދިނުމުން ގިނަ ރައްޔިތުން އެފުރުޞަތުގެ ބޭނުން ހިފާފައިވާތީ ސޭލް އަޅުވައިގެން ޓެސްޓް ހަދައިދީގެން އެކަމުންވެސް ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތުވެސް ވަރަށް ބޮޑަށް ކުޑަވެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
ޑެންމާކުން މިފަދަ ނިންމުމެއް ނިންމިއިރު އިނގިރޭސިވިލާތުގެ ބޮޑުވަޒީރުވެސް ވަނީ އެޤައުމުގެ އެއްވެސް ސަރަހައްދެއްގައި މާސްއަޅަން ނުޖެހޭނެކަން އިއުލާނުކުރައްވައިފައެވެ.
ޑެންމާކުގެ ނިންމުން:
"ކޮވިޑްބަލި ފެތުރުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތައް އުވާލުމުގެ ސަބަބުން ޑެންމާކްގައި މިހާރު މާސްކް އަޅާކަށް ނުޖެހެއެވެ."
ކޮވިޑްބަލި ފެތުރުން ހުއްޓުވަން އަޅާފައިވާ ހުރިހާ ފިޔަވަޅުތައް އުވާލި ޔޫރަޕްގެ ފުރަތަމަ ގައުމަކަށް ޑެންމާކް ވެއްޖެއެވެ. ޑެންމާކުން ކޮވިޑްގެ ހުރިހާ ފިޔަވަޅުތައް އުވާލައި ގައުމު މި ހުޅުވާލީ، އޮމިކްރޮން ވޭރިއެންޓްގެ ސަބަބުން ކޮވިޑްޖެހޭ މީހުންގެ އަދަދު އެގައުމުގައި އިތުރުވަމުން ދިއުމާވެސް އެކުގައެވެ.
އެހެން ނަމަވެސް، ފިޔަވަޅުތައް އުވާލުމުގައި ސަރުކާރުން ބަލާފައިވަނީ، ވެކްސިން ޖަހާފައިވާ މީހުންގެ މަތީ ރޭޓާއި އަދި އޮމިކްރޮން ވޭރިއެންޓުން ބަލިޖެހޭ މީހުންގެ ހާލަތު ގޯސްނުވުމާއި، ފެންނަ އަލާމާތްތައްވެސް ލުއިވުމެވެ.
5.8 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޑެންމާކްގައި ބޮޑެތި މީހުންގެ އާބާދީގެ ވަރަށް ބޮޑު ނިސްބަތަކަށްވަނީ ކޮވިޑް ވެކްސިންގެ ތިން ޑޯޒް ޖަހާފައެވެ. އަދި މުޅި އާބާދީގެ 60 އިންސައްތައަށްވުރެ ގިނަމީހުންވަނީ ވެކްސިންގެ ތިންޑޯޒް ޖަހާފައެވެ.
މިއާއެކު، ޑެންމާކްގެ ސިއްހީ އިދާރާތަކުން ބުނެފައިވަނީ، ޑެންމާކްގެ އާބާދީގެ 80 އިންސައްތަ މިހާރުތިބީ، ކޮވިޑްބަލީގެ ނުރައްކާތެރި ހާލަތުން ރައްކާތެރިކުރެވިފައި ކަމަށެވެ.
ކޮވިޑްބަލި ފެތުރުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތައް އުވާލުމުގެ ސަބަބުން ޑެންމާކްގައި މިހާރު މާސްކް އަޅާކަށް ނުޖެހެއެވެ.
އަދި ތަންތަނަށް ވަންނައިރު ވެކްސިންޖެހިކަމުގެ ފާސް ދެއްކުމުގެ އުސޫލުވެސް އުވާލައި، ރެސްޓޯރަންޓްތަކަށް ވަންނަ އަދަދު ލިމިޓްކޮށްފައި އޮތް އޮތުންވެސް ވަނީ އުވާލާފައެވެ.
ހުރިހާ ފިޔަވަޅުތައް އުވާލި ނަމަވެސް، ޑެންމާކް ހިމެނޭ ސްކަންޑިނޭވިއަން ސަރަހައްދުގެ ބޭރު ގައުމަކުން ޑެންމާކަށް އެތެރެވާ ވެކްސިން ނުޖަހާތިބޭ މީހުންނަށް އަދިވެސް ފިޔަވަޅުތަކާ ކުރިމަތިލާން ޖެހެއެވެ.
ޑެންމާކް ސަރުކާރުން ނޮވެމްބަރު މަހުން ފެށިގެން ވަނީ ލުއިތައް ދޭން ފަށާފައެވެ.
މި ނިމުނު ޖެނުއަރީމަހުގެ ކުރީކޮޅު ދިން ލުއިތަކުގައި ސިނަމާތަކާއި، ޒޫތަކާއި، މިއުޒިމްތަކާއި ތިއޭޓަރުތައް ފަދަ ތަންތަން އާންމުންނަށް ހުޅުވާލަން ހުއްދަ ދީފައި ވެއެވެ.
އިންޑޯރ އަދި އައުޓްޑޯރ ކުޅިވަރު ހަރަކާތްތައް، ކަނޑައެޅިފައިވާ ވަކި އަދަދަކަށް މީހުން ވައްދައިގެން ބޭއްވުމުގެ ހުއްދަވެސް ދީފައި ވެއެވެ. އިންޑޯރ އަދި އައުޓްޑޯރ ކުޅިވަރު ހަރަކާތްތަކަށް ވަންނަ މީހުން ޖެހެނީ މާސްކް އަޅައިގެން ވަންނާށެވެ.
އަދި އެފަދަ ތަންތަނަށް ވަދެވޭނީ ވެކްސިން ޖަހާފައިވާ ކަމުގެ ހެކި ދެއްކުމުން ނުވަތަ ކޮވިޑްޖެހި ބަލިން ފަސޭހަވެ، ނުވަތަ ފަހުން ހަދާފައިވާ ކޮވިޑް ޓެސްޓުގެ ނެގަޓިވް ނަތީޖާ ދެއްކުމުން ކަމަށްވެސް ކަނޑައަޅާފައި ވެއެވެ.
ޑެންމާކްގެ ޔުނިވަރސިޓީ އޮފް ރޮސްކިލްޑޭގެ އެޕިޑެމިއޮލޮޖިސްޓް ލޯން ސިމިއޮންސެން ވިދާޅުވީ، ވެކްސިން ޖަހާފައިވާ މީހުންނަށް އޮމިކްރޮންއަކީ ނުރައްކާތެރި ބައްޔަކަށްނުވާތީ، ފިޔަވަޅުތައް އެއްކޮށް އުވާލުމަކީ އެންމެ ރަނގަޅު ކަމެއްކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ފިޔަވަޅުތައް އުވާލި ނަމަވެސް، އާންމު ރައްޔިތުން އެމީހުންގެ މައްޗަށްއޮތް ފަރުދީ ޒިންމާ އަދާކުރުންމަތީ ދެމިތިބުމަށް ސިއްހީ ތަޖުރިބާކާރުންވަނީ ގޮވާލައްވާފައެވެ.
ޑެންމާކްގެ ގިނަ ރައްޔިތުން ކޮވިޑްބަލި ހުރިކަން ދެނެގަތުމަށް ޓެސްޓްތައް ހަދަމުންދިޔައީ ގޭގައި ތިބެގެން އަމިއްލައަށެވެ. އަދި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ގޭގައި ތިބުމަށް ސަރުކާރުން ގެންދިޔައީ އިރުޝާދު ދެމުންނެވެ.
ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ ހަތަރު ދުވަހު ގޭގައި އައިސޮލޭޓްވުމަށް ޑެންމާކްގެ ހެލްތު އޮތޯރިޓީން މިހާރުވަނީ ރެކޮމެންޑް ކޮށްފައެވެ. އަދި ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން މިހާރު ކަރަންޓީނުވާން ނުޖެހޭނެ ކަމަށްވެސް އަންގާފައި ވެއެވެ.
ޑެންމާކުގެ ނިންމުން: -- ސައިފް އަޒްހަރު / ވީނިޔުސް
Advertisement
2 ފެބްރުއަރީ 2022