އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ލޯބިވެރިޔާގެ ފަޤީރުކަމަށް ނުބަލައި ކައިވެނިކުރުމުން ހުރިހާ ކަމެއް ފުރިހަމަވެ ރަށުގަ އެންމެ ކާމިޔާބު ދެމަފިރިންނަށްވީ ގޮތުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ލޯބިވެރިޔާގެ ފަޤީރުކަމަށް ނުބަލައި ކައިވެނިކުރުމުން ހުރިހާ ކަމެއް ފުރިހަމަވެ ރަށުގަ އެންމެ ކާމިޔާބު ދެމަފިރިންނަށްވީ ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 20 ސިކުންތު

އަޅުގަނޑު ނިޞްބަތްވަނީ އުތުރުގެ ރަށަކަށެވެ. ކުޑައިރު އެކުގައި ކުޅެން އުޅުނު އެކުވެރިންގެ ތެރޭގައި އެއިރުވެސް އަޅުގަނޑު ވަރަށް ގަޔާވާ އަންހެން ކުއްޖަކު ހުރެއެވެ. އެއީ އަވަށްޓެރި ކުއްޖެކެވެ. ޢިޝްޤީ ލޯބިވުމަކީ ކޮބައިކަން ނުއެނގޭއިރުވެސް އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމުގެ ލޯބި އޮވެއެވެ. 

އަޅުގަނޑުގެ މަންމަ އޭނާ ދެކެ ވަރަށް ބޮޑަށް ރުޅި އާދެއެވެ. އެއީ އޭނާއަކީ ބައްޕަ  މަރުވެ ޔަތީމްވެފައިވާ ވަރަށް ފަޤީރު ކުއްޖަކަށްވާތީއެވެ. އެހެންވެ އޭނާ އާއިއެކު ކުޅެން ނޫޅެންވެސް ބުނެއެވެ. އެކަމަކުވެސް އުޅެމެވެ. އެހެންވެ އެއްޗެތިވެސް ގޮވައެވެ. 

ކޮންމެއަކަސް ބޮޑުވެ ޢިޝްޤީ ލޯތްބަކީ ކޮބައިކަން އެނގުނުއިރު ދެމީހުންނަސްވެސް ވަނީ އެލޯބިވެވިފައެވެ. އެކަން މަންމަމެންނަށް ޔަޤީންވާތީ ދެމީހުން ދުރުކުރުމުގެ ގޮތުން ކިޔަވަން ކަމަށް ބުނެ އަޅުގަނޑު މާލެ ފޮނުވައިލިއެވެ. މާލެ އައުމަށްފަހު ކޮންމެ ދުވަހަކުވެސް ދެމީހުން ފޯނުން ވާހަކަ ދައްކަމުން އައިސް ކުއްލިއަކަށް އޭނާ އަޅުގަނޑުގެ ފޯނު ނެގުން ހުއްޓާލައިފިއެވެ. 

ވަރަށް ދެރަވިއެވެ. އޭނާގެ ޚަބަރެއް ބަލައިލެވޭނެ ގޮތެއްވެސް ނެތެވެ. ކޮންމެއަކަސް ކިތަންމެ ބޮޑަކަށް ދެރަވިނަމަވެސް ކުރެވޭނެ އިތުރުކަމެއް ނެތުމުން ޖެހުނީ މަޑުން ހުންނާށެވެ. ބައްދަލުވާނެ ދުވަހެއްގެ އިންތިޒާރުގައި ހުންނާށެވެ. ކެތްނުކުރެވިގެން އެނެމެފަހުކަމެއްގެ ގޮތުން އަޅުގަނޑުގެ މަންމަ ގާތުގައި އޭނާ ކޮބައިތޯ؟ ބައްދަލުވޭތޯ އަހައިލީމެވެ. 

މަންމަ ބުނީ އަޅުގަނޑު މާލެ އައިތަނުން އޭނާ އެހެން މީހަކާ ކައިވެނިކޮށްފި ކަމަށެވެ. އެޚަބަރުލިބުމުން ވަރަށް ދެރަވިއެވެ. އަދި ޤަބޫލުކުރަންވެސް އުނދަގޫވިއެވެ. އަޅުގަނޑަކީ ފިރިހެން އެކުވެރިންނާއި އޭނާގެ ވާހަކަ އެއްވެސް ވަރަކަށް ދެއްކި މީހެއް ނޫނެވެ. އަލޫގަނޑުމެންގެ ގުޅުން އެނގޭނީ ހަމައެކަނި މަންމައަށެވެ. އެހެންވެ އެކުވެރިއެއްގެ ގާތުގައި އަހާލަން ވިސްނުމަކަށްވެސް ނައެވެ.   

ކޮންމެއަކަސް ކޯސް ނިމިގން ރަށަށް ދެވުނީ 2 އަހަރުފަހުންނެވެ. ގޯތިތައް ހުންނަ ގޮތުން އަޅުގަނޑުމެންގެ ގެއަށް ދެވޭނީ އޭނާގެ ގެ ހުރަސްކޮށެވެ. ވީމާ އަރައިގެންގޮސް ފުރަތަމަ އަރާހަމަވެވުނީ އޭނާގެ ގެއަށެވެ. އަޅުގަނޑު ފެންނައިރަށް ދުވެފައިގޮސް ގޭތެރެއަށް ވަދެއްޖެއެވެ. 

ކެތެއް ނުކުރެވުނެވެ. ފަހަތުން ވަނީއެވެ. ވަންއިރު އިނީ އުނދޯލީގައި ރޯށެވެ. އެތައް ވަރަކަށް ސުވާލުކުރުމުން އެނގުނީ އޭނާ ކައިވެނި ނުކުރާ ކަމާއި އަޅުގަނޑާއި ބައްދަލުވަންދެން އިންތިޒާރުގައި ހުރީ ކަމެވެ. އަދި ފޯނު ނެގުން ހުއްޓާލީ ހުއްޓާލީ ދެމީހުންގެ ގުޅުން ބާއްވާނަމަ ކިޔަވައިނުދީ ރަށަށް ގެނެސް މަހަށް ފޮނުވާނީކަމަށް އަޅުގަނޑުގެ މަންމަ ބުނުމުން އެފަދަ ބޮޑު ދެރައެއް އަޅުގަނޑަސް ނުދޭންވެގެން ކަމަށެވެ. 

ގެއަށް ވަދެފައި އެބަ އަންނަން ކަމަށް ބުނެފައި އަޅުގަނޑު އައީ ގެއަށެވެ. ފެންވަރާ ހަދައިގެން ދިއައީ ކޯޓަށެވެ. ކައިވެނިކުރަން ކުރަންޖެހޭ ކަންކަން އޮޅުންފިލުވައިގެން އޭނާގެ ގާތަށް ގޮސް ހަމަ އެރޭ ކައިވެނިކުރަން ބޭނުންކަމަށް ބުނީމެވެ. އޭނާހުރީ އެކަމަށް ރުހި ޤަބޫލުވެގެންނެވެ. 

އަޅުގަނޑު މާލޭގައި ކިޔަވަންހުރިއިރު ފިހާރައެއްގައި މަސައްކަތްކުރީމެވެ. އެމަސައްކަތުން އެއްކުރެވިފައި ހުރި ފައިށާކޮޅެއް އަތުގައި ހުއްޓެވެ. އެފައިސާކޮޅުން ބޭނުންކޮށްގެން ހަމައެރޭ ކައިވެނިކުރީއެވެ. 

އަޅޫގަނޑުގެ އަނބިމީހާ އަޅުގަނޑުގެ ގެއަކަށް ނުގެންދަމެވެ. އަނބިމީހާ ދިރިއުޅޭ "ޖިފުޓިއަށް" ބަދަލުވީ އަޅުގަނޑެވެ. އެއީ ގެއަށް އަނބިމީހާ ގެންގޮސްފިނަމަ މަންމަ ޖަހާނެ މަޅިތައް އެނގޭތީއެވެ. ދެމީހުން ގުޅުނަ ނުދޭން އެހައިވަރަށް ހިފާލާފައި ހުރި މަންމަ ދެމީހުން ދުރުކުރުވަން ނުކުރާނެ ކަމެއް ނުއޮންނާނެކަން ޤަބޫލުކުރެވޭތީއެވެ. 

އެގޭގައި ދެމީހުން ނިދާނެ ކޮޓަރިއެއް ނެތުމުން އުނދޯލީގައި ހުރަހަށް އޮށޯވެގެން ތިއްބާ އަޅުގަނޑުގެ ބޮޑުބޭބެއަށް އެކަން އެނގިގެން އައިސް އަޅުގަނޑުމެން އެގެއަށް ގެންގޮސް ނިދާނެ ކޮޓަރިއެއް ދިނެވެ. އެގެއިން ނުކުތީ އަންހެނުންގެ ޢާއިލީ ގޯތީގާ ދެމީހުންނަށް ދިރިއުޅެލެވޭވަރުގެ ކޮޓަރިއެއް އަޅައިގެންނެވެ. 

އަޅުގަނޑުމެން ގެންދަން މަންމަ ވަރަށް މަސައްކަތްކުރިއެވެ. އެގޮތަށް ކަންކަންކުރީ އަޅުގަނޑަށް ރަނގަޅަކަށްކަން ވިސްނައިދޭން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އަޅުގަނޑު ބުނީމެވެ. "މަންމައަކާ ރުޅިއެއް ނޫނެވެ. ލޯބިވެސް ވެއެވެ. ނަމަވެސް އަޅުގަނޑުގެ ދިރިއުޅުމުގެ ތެރެއަށް އެއްވެސް ވަރަކަށް މަންމަ ވައްދުވާކަށް ބޭނުމެއް ނޫނެވެ." 

އަޅުގަނޑުގެ އަނބިމީހާ އަކީ ބައްޕަ ނިޔާވެފައިވާ ނިކަމެތި އަންހެންކުއްޖެކެވެ. އެންމެން މުއްސަންޖެއް ނުވާނެއެވެ. އެންމެންގެ މައިންބަފައިން ހަމައަކަށްވެސް ނުތިބޭނެއެވެ. އެއީ މައްސަލައެއް ކަމަކަށްވެސް ނުދެކެމެވެ. ތަޤްދީރު މިކިޔަނީ އެކަންކަމަށެވެ. 

އަޅުގަނޑުގެ އަނބިމީހާގެ ކިބައިން އަޅުގަނޑު ބޭނުންވާ ކަންކަމުގައި އޭނާއަކީ މުޅި ރަށުންވެސް "ނަމްބަރު ވަން" އެވެ. އަޅުގަނޑު ދެކެ އިންތިހާއަށް ލޯބިވެއެވެ. ހެޔޮކަމުން އިންތިހާއެވެ. ކިޔަމަންތެރިކަމުގައި ނަމޫނާއެކެވެ. އެއްވެސް ކަމެއްގައި ދެވަނަ ފަހަރު ބުނާކަށް ނުޖެހެއެވެ! ދެން އިތުރަށް ބޭނުންވާނީ ކޮންކަމެއްތޯއެވެ؟ 

މިކިޔައިދިނީ މީގެ 20 އަހަރުކުރިން ދިރިއުޅުން ފަށައިގަތް ގޮތެވެ. މިއަދު ދިރިއުޅެމުން މިދަނީ އަމިއްލަ ޯތީގައި އަމިއްލަ ގެއެއްގައެވެ. މަހުޖަނު ނުވިޔަސް ފުދި އިތުރުވެސް ވެގެންނެވެ. ދެމީހުން 2 ފަހަރު ޢުމުރާ ވެއްޖައީމެވެ. 1 ފަހަރު ޙައްޖުވެއްޖައީމެވެ. މިހާރު މިކުރާ މަސައްކަތަކީ މުފްތީ މެންކުގެ ބަހުރުވައިން (މިއަދުނޫހުގެ ލިޔުންތަކުން) ބުނާނަމަ އާޚިރަތަށް ގެންދާނެ ވީހާ ބޮޑު ލަގެޖެއް ތައްޔާރުކުރުމެވެ. އެކަމުގައިވެސް އެންމެ ކުރީގައި ހުރީ އަނބިމީހާއެވެ. ރޭގަނޑުގެ ފަހު ދަންފަޅިއަށް އެޅުމުން ނިދިއަކަ ނުދެއެވެ. 

މުޅި ރަށަށް ގޮންޖަހާފައި ބުނަންކެރިޑާނެއެވެ. އަޅުގަނޑުމެން ދެމަފިރިން ވާނީ މިބުނި ކަންކަމުގައި މުޅި ރަށް ބެލިނަމަވެސް އެންމެ ކާމިޔާބު ދެމަފިރިންނަށެވެ. 

އަޅުގަނޑުގެ މަންމައަށް ދެރަބަހެއް ބުނާކަށް ނެތީމެވެ. ވީމާ މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތްބަހަކީ އަޅުގަނޑުގެ ޙަޔާތުން މިކިޔައިދިން ވާހަކަކޮޅުން ޢިބްރަތް ޙާޞިލުކުރުމަށެވެ. ކިތަންމެ ނިކަމެތި ނަމަވެސް ތިމާދެކެ ޙަޤީޤީ ލޯބިވާ އަނހެނަކު ދޫކޮށްނުލާށެވެ! އެ ފުރުޞަތު ފަހުން ހަމަ އެއްގޮތަކަށްވެސް ނުލިބިދާނެއެވެ. 

- ޢަލީ ރަޝީދު / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް