އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: މަންމައަށް ޚިދުމަތްކުރަން ހުރަސްއެޅުމުން ތަނަވަސް ފިރިމީހާގެ ގާތުން ވަރިވުމުން މަންމަ ކުރިދުޢާގެ ބާރުންވީ މިޒަމާނުގައި ނުވާނެ ކަމެއް!

ޙަޤީޤީ ޙާދިސާ: މަންމައަށް ޚިދުމަތްކުރަން ހުރަސްއެޅުމުން ތަނަވަސް ފިރިމީހާގެ ގާތުން ވަރިވުމުން މަންމަ ކުރިދުޢާގެ ބާރުންވީ މިޒަމާނުގައި ނުވާނެ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 14 ސިކުންތު

އަޅުގަނޑުވެސް ކައިވެނިކުރީ ވަރަށް ލޯބިވި މީހަކާއެވެ. ލޯބިން އެކުގައި އަހަރެއްހައިދުވަހު އުޅުމަށްފަހުގައެވެ. އެކުގައި ދިރިއުޅެން ފެށީ ވަރަށް އުންމީދާއިއެކުގައެވެ. އަބަދުހެން ހިނިތުންވެ ތިބެގެންނެވެ. ނަމަވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކަންކަން ބަދަލުވާން ފަށައިފިއެވެ. 

ކުރާ އަމުރުތައް ގިނަވާން ފަށައިފިއެވެ. އޮފީހުގައި އެކުގަ މަސައްކަތްކުރާ އަންހެންކުދިންނާ އޮންނަ ގުޅުންތައްވެސް ކުޑަކުރަން ފަށައިފިއެވެ. ރައްޓެއްސަކާއެކު ބޭރަށް ދިއުން މުޅިން މަނާކޮށްފިއެވެ. ފިރިމީހާ ބޭނުންވާ ހެދުމެއް ނޫނީ ލުން މަނާކޮށްފިއެވެ. އެހުރިހާ ކަންކަންވެސް އަޅުގަނޑު ބަލައިގަތީމެވެ. އެއްވެސް ޝަކުވާއެއްވެސް ނުކުރަމެވެ. ޤަބޫލުކުރީ އެއީ އަޅުގަނޑަށް ރަނގަޅަކަށް ކަމަށެވެ. އަޅުގަނޑު ދެކެ ލޯބިވާތީ ކަމަށެވެ. އެހެންވެ އެކަމުގެ ސަބަބުން ލޯބިވުންވީ އިތުރެވެ. 

ބުނިހާ ގޮތަކަށް ކިޔަމަންވެގެން ހުއްޓާ ދުވަސްކޮޅެއް ފަހުން މަންމައާއި ބައްދަލުކުރުން މަނާކޮށްފިއެވެ. އެކަން ބަލައެއް ނުގަނެވުނެވެ. އެއީ މަންމަ ކަމަށްވެފައި އަޅުގަނޑަކީ ބައްޕައެއްގެ އެހީތެރިކަމެއް ނެތި މަންމަ އެކަނި ގެންގުޅެ ބޮޑުކޮށްފައި ހުރި ދަރިއަކަށްވުމުންނެވެ. އެހެންވެ މަންމަ ގާތަށް ދަމެވެ. އޮފީހުން ނިމިގެން އަންނަނީ މަންމައާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލާފައެވެ. ކަމަކަށް ބޭނުންވެގެން ހުރިނަމަ އެކަމެއްވެސް ކޮށްދީފައެވެ. 

އެއީ މަންމަ ބޮލުގަ ރިއްސަތީ އުޅުނު ދުވަހެކެވެ. އެހެންވެ ބޯމޮޑެދޭން އިންދައި ފިރިމީހާ އައިސް ގެއަށް ވަދެއްޖެއެވެ. ބުނީ ހަމަ މިހާރު އޭނާ އާއިއެކު ދިއުމަށެވެ. އެދުވަހު އެކަމަށް ދެކޮޅު ހެދީމެވެ. ނަމަވެސް މަންމަބުނީ ފިރިމީހާގެ ބަސް ޤަބޫލުކުރުމަށެވެ. އެހެންވެ ދިއައީމެވެ. 

އެދުވަހު އެންގީ ދެން މަންމަގެ ގެއަށް ވަދެގެން ނުވާނެ ކަމަށެވެ. އަޅުގަނޑު ބުނީ ތިދިއައީ މާމައްޗަށް ކަމަށެވެ. ފިރިމީހާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދެމުން މަންމައަށް ޚިދުމަތްކުރުން ނުހުއްޓުވޭނެ ކަމަށެވެ. އެހެންކަމުން ރަނގަޅު ގޮތަކަށް ދެން ވާނީ އަވަހަށް ވަރިކުރުން ކަމަށެވެ. 

ފިރިމީހާ ހީކުރީ އޭނާއަކީ ތަނަވަސް މީހަކަށްވުމުން އޭނާގެ އަޅަކަށް ހެދޭނެ ކަމަށެވެ. ފިރިމީހާދެކެ ކިތަންމެ ވަރަށް ލޯބިވީނަމަވެސް އަދި އޭނާއަކީ ކިތަންމެ ތަނަވަސް މީހެއް ނަމަވެސް އެހުރިހާ ކަމަކަށްވުރެ އަޅުގަނޑަށް މުހިންމީ އަޅުގަނޑުގެ މަންމަކަމަށް ބުނީމެވެ. 

ފިރިމީހާގެ ނިންމުމެއް ކަމުގައި ހެދީ އަޅުގަނޑު ވަރިކުރުމެވެ. ދެރައެއް ނުވަމެވެ. ބުނީމެވެ. "ޝުކުރިއްޔާއެވެ! އަޅުގަނޑަށް މުހިންމީ މަންމައެވެ. ފިރިއަކު ލިބިދާނެއެވެ. މަންމައެއް ނުލިބޭނެއެވެ. މިއަދު މަންމަ މަރުވިނަމަވެސް މަންމައަށް ޚިދުމަތްކުރުމުގެ ފުރުޞަތު ގެއްލުނީއެވެ. އެއިރުން ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެއެވެ." 

ވަރިކުރުމުން އެނބުރި ގެއަށް ގޮސް މަންމައާއިއެކު އަލުން ދިރިއުޅެންފެށީއެވެ. ކައިވެނި ކުރެވުނުކަންވެސް ހިތަކު ނުބާއްވަމެވެ. ހިތުގައި ބޭއްވީ މަންމައަށް ޚިދުމަތްކުރުމެވެ. 

އެއިގެ ދެއަހަރު ފަހެވެ. ކުރީގެ ފިރިމީހާ އަޅުގަނޑުމެންގެ ގެއަށް އައިސް ބައްދަލުކޮށްފިއެވެ. އަލުން ކައިވެނިކުރަން ބޭނުންކަމަށް ބުނެފިއެވެ. އަޅުގަނޑުގެ މަންމައަށް ދެރަވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި މަންމަ އާއި ބޭނުންވަރަކަށް ގުޅުން ބާއްވަން އެއްވެސް ހުރަހެއް ނުއަޅާނެ ކަމަށްވެސް ބުންޏެވެ. އަދި އޭނާގެ ހިތުގައި އަޅުގަނޑުގެ މައްޗަށާއި އަޅުގަނޑުގެ މަންމަގެ މައްޗަށް ވަރަށް ބޮޑަށް ލޯބި އުފެދި އިތުރުވެއްޖެ ކަމަށްވެސް ބުންޏެވެ. 

އަޅުގަނޑު ބުނީ ޢަމަލުން އެކަން ދެއްކީމާ ކައިވެނިކުރާނެ ކަމަށެވެ. އޭނާގެ ޢަމަލުން އެކަން ދެއްކިއެވެ. އަދި އަޅުގަނޑާއިއެކު މަންމަ އޭނާގެ ގެއަށް ގެންދަންވެސް އެއްބަސްވިއެވެ. އެހިސާބުން މަންމްގެވެސް އެދުމާއިއެކު ދެވަނަ ފަހަރަށް ކައިވެނިކުރީމެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ދެވަނަ ކައިވެންޏަށް 15 ވަނަ އަހަރު މަރުބަލީގައި އޮވެގެން މަންމަ ދިން ނަޞޭޙަތެވެ. "ދަރިފުޅާއެވެ! މަންމަ ދެކެ ދަރިފުޅު ތިއަ ލޯބިވީވަރަށް ދަރިފުޅުގެ ދަރިންވެސް ދަރިފުޅުދެކެ ލޯބިވޭތޯ މަސައްކަތްކުރާށެވެ. އެކަމަށް ކުރަން އޮތް ކަމަކީ ދީނުގައި އޮތްމަގުން މަނަމައެއްގެ ވާޖިބު އަދާކުރުމެވެ. ދަރިފުޅާއެވެ! ދަރިންނަށްޓަކައި ކެނޑިނޭޅި ދުޢާކުރާށެވެ! ދަރިފުޅު އެހާ ލޯބިން ކައިވެނިކުރި އެހާ ލޯބިވާ ފިރިއަކާއި ވަކިވެގެން މަންމައަށް ޚިދުމަތްކުރަން އައުމުން މަންމައަށް ހާދަ އަސަރެއްކުރިއެވެ. ދަރިފުޅަށް ނުދެއްކިނަމަވެސް ހާދަ ރުއިމެއް ރުއީމެވެ. ދަރިފުޅު ލޯބިވާ މީހާގެ ހިތުގައި ދަރިފުޅުގެ މައްޗަށް ލޯބިޖެހި ދެމީހުން އަލުން ކައިވެނިކޮށްގެން އުފަލުގައި ދިރިއުޅޭދުވަހެއް ދައްކަވާތޯ ހާދަވަރަކަށް ދުޢާކުރީމެވެ. ދެއަހަރުގެ މުއްދަތެއް ނެގިއެވެ. ނަމަވެސް ކަންކަން ހިންމަވައިދެއްވެވި ގޮތް ނިކަން ދެކިބަލާށެވެ! އޭނާގެ ހިތުގައި ލޯބި އެއުފެދުނީ ދަރިފުޅަށް އެކަންޏެއް ނޫނެވެ. މަންމައާއިމެދުގައިވެސްމެއެވެ. ބޭނުންވާ ގޮތް ދޫކޮށްލައި އަހަރެމެންފަދަ ނިކަމެތިންގެ ގާތަށް އެނބުރި އައުމަކީ މިޒަމާނުގެ ތަނަވަސް ފިރިހެނުން ކުރާނެ ކަމެއް ނޫނެވެ. ނަމަވެސް މަތިން ޖެއްސެވީމާ ނުވާނެ ކަމެއް ނުއޮންނާތީ އެކަން އެގޮތަށް މެދުވެރިވީއެވެ."

އިތުރަށް އަޅުގަނޑު ބުނާނެ އެއްޗެއް އަޅުގަނޑަކަށް ނުވިސްނެއެވެ. ނަމަވެސް ފިރިމީހާ ބުނި ބަހެއް ބުނެލާނަމެވެ. "ރާނިޔާ ނޫން އަންހެނަކާ ކައިވެނިކުރަން ވަރަށް ވިސްނީމެވެ. 4،5 ކުއްޖަކާ ގުޅެންވެސް ގުޅުނީމެވެ. ވީގޮތެއް ނުއެނގެއެވެ. ހަމަ ކުރިއަށްދާހިތް ނުވީއެވެ. ހިތް މަޖުބޫރުކުރުވީ އެނބުރި ރާނިޔާގެ ގާތަށް ދިއުމަށެވެ." ﷲ ގެ ރަޙްމަތްފުޅުގެ ބޮޑުކަމާއެވެ!  

- ރާނިޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް