އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ދަމުނަމާދަށް ގޮވާތީ އަނބިމީހާގެ އަނގަމަތީގަ ޖެހި މީހެއްގެ އަތުން ވާގިދިއަ ގޮތުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ދަމުނަމާދަށް ގޮވާތީ އަނބިމީހާގެ އަނގަމަތީގަ ޖެހި މީހެއްގެ އަތުން ވާގިދިއަ ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 52 ސިކުންތު

އަޅުގަނޑުގެ ލޯބިވެރިޔާ އަޅުގަނޑުދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. ހަމައެފަދައިން އަޅުގަނޑުވެސް އޭނާދެކެ ވަރަށް ބޮޑަށް ލޯބިވަމެވެ. އަޅުގަނޑުގެ ލޯބިވެރިޔާގެ ތަފްޞީލެއްދޭނަމަ ފުރަތަމަވެސް ބުނަންޖެހޭނީ އޭނާއަކީ ވަރަށް ދީންވެރި ތަޤްވާވެރި ކުއްޖެއް ކަމަށެވެ. ދެވަނަކަމަކަށް ބުނަން ޖެހޭނީ އޭނާގެ މައިންބަފައިންނަކީ ފަޤީރުން ކަމަށްވުމުން އޭނާއަށް ލިބިފައިވާ ތަރުބިއްޔަތަކީ ވެސް މަދުފައިސާކޮޅުން ފުއްދަންއެނގޭ، ލިބުނުމިންވަރަކަށް ޝުކުރުކުރުމުގެ ތަރުބިއްޔަތު ކަމަށެވެ. މަޑުމައިތިރި ހިތްހެޔޮ ކުއްޖެކެވެ. 

ކައިވެނިކުރަން ގާތްވެގެން އައިއިރުވެސް ވަރަށް ގިނައިން ބުނެއެވެ. "ދަމުނަމާދަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. ކައިވެނީގެ އަލަތުރޭ ދަމުނަމާދުކުރަންވާނީ ދެމީހުން އެކުގައެވެ. ނަމާދު ނިމުމުން އެމީހަކު ބޭނުންވާކަމަށް އެމީހަކު ދުޢާކުރާނީއެވެ." 

ޙަޤީޤަތުގައި އަޅުގަނޑަކީ އެހައި ތަޤްވާވެރި މީހެއް ނޫނެވެ. ދަމުނަމާދު ނުވެސްކުރަމެވެ. ނަމަވެސް އެވާހަކަ ބުނެފިނަމަ އޭނާ އަޅުގަނޑާއި ކައިވެނި ނުކުރާނެ ކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރެވޭތީ އެވާހަކައެއްނުބުނަމެވެ. އަދި އަޅުގަނޑު ހުންނަނީ ނަމާދުކޮށްގެންތޯ ސުވާލުކޮށްފިނަމަވެސް ހެދެނީ ދޮގެވެ. 

ކޮންމެއަކަސް ކައިވެނިކުރެވިއްޖެއެވެ. ދިރއުޅެން ފެށީ އަޅުގަނޑުމެންގެ ގޭގައެވެ. އަޅުގަނޑުގެ މައިންބަފައިންނާއިއެކުގައެވެ. އޭނާ ބުނެފައި އޮތްފަދައިން ފުރަތަމަ ރެއިން ފެށިގެން މެންދަމު 3 ޖަހާ 3.30 ގައި އަޅުގަނޑު ދަމުނަމާދަށް ހޭލައްވައެވެ. މިކަން ހުއްޓުވާނެ ގޮތެއް ނުއެނގިގެން އަޅުގަނޑަކީ ނިދާދަފައޮއްވާ ގޮވީމާ ބޮލުގަ ރިއްސާ މީހެއްކަމަށް އަނބިމީހާ ގާތުގައި ބުނެދޭން މަންމަ ގާތުގައި އެދުނީމެވެ. ނަމަވެސް މަންމަ އެކަމަށް ކުރީ ފުރަތަމަވެސް އިންކާރެވެ. އެހެންވެ އެކަންވެސް ކާމިޔާބެއް ނުވިއެވެ. 

ކައިވެނިކުރިތާ ދެހަފްތާވެސް ނުވަނީސް އެއްރޭ އަޅުގަނޑަށް ގޮވުމުން ރުޅިއާދެވުނެވެ. ބޮލުގަ ރިއްސާކަމަށްވެސް ބުނީމެވެ. އަނބީމާ ބުނީ ތެދުވެ ދަމުނަމާދުކޮށް ދުޢާކުރީމާ ބޮލުގަ ރިއްސުން ރަނގަޅުވެދާނެ ކަމަށެވެ. އެރޭވެސް ނުތެދުވެ ސަލާމަތެއް ނުވެވުނެވެ. 

ޖެހިގެން އައި ރެއެވެ. ދެފަހަރަކު ގޮވާލުމުން ހޭލެވިއްޖެއެވެ. ނަމަވެސް ތެދުވާން ބޭނުންނުވެއޮތްވަރުން ރުޅިގަދަވެވުނެވެ. ހޫރާލެވުނު އަތުން ޖެހުނީ އަނބިމީހާގެ އަނގަމަތީގައެވެ. ތުންފަތަށް ދަތްވަދެ ލޭވެސް އައެވެ. ނަމަވެސް އަނބިމީހާ އެކަން ކަމަކަށް ނުހަދައެވެ. އެގޮތަށް އެކަން ކުރެވުނީތީ ފަހުން ވަރަށް ދެރަވެސްވިއެވެ. 

އަނެއްދުވަހު ހެނދުނު ހޭލެވުނުއިރު އަތުގައި ތަދެއްހުއްޓެވެ. ތަދު ދިއައީ ގަދަވަމުންނެވެ. ޑޮކްޓަރުންނަކަށް ބައްޔެއް ނުހޯދުނެވެ. ދެ ތިން ދުވަސްވީއިރު އަތުން ކައިބޮއިހެދޭވަރެއްވެސް ނުވެއެވެ. ރިއްސާވަރުން އަތް ހިއްލާ ވެސް ނުލެވެއެވެ. އެހާލެއްގައި މަހެއްހައި ދުވަހު އުޅުނުފަހުން ތަދުކެނޑިއްޖެއެވެ. ނަމަވެސް އަތަކު އެއްވެސް ބާރެއް ނުހުރެއެވެ.

ލަންކާއިންވެސް އިންޑިއާއިންވެސް ޑޮކްޓަރަށް ދައްކައިފީމެވެ. ބައްޔެއް ނުހޯދުނެވެ. އެކަން އެގޮތަށް މެދުވެރިވީ ކީއްވެގެން ކަމެއްވެސް ނުއެނގުނެވެ. އެހިސާބުން އަޅުގަނޑަށް ޔަޤީންކުރެވުނެވެ. ސަބަބަކީ އެރޭ އަނބިމީހާގެ ގައިގާ ޖެހުނު ކަމެވެ. 

ކޮންމެއަކަސް އަޅުގަނޑު ތައުބާވީމެވެ. ފަރުޟްނަމާދުތަކާއި ސުންނަތް ނަމާދުތައްކުރަން ފެށީމެވެ. ދަމުނަމާދުވެސް ކުރާހިތުން ކުރަންފެށީމެވެ. ކޮންމެ ނަމާދެއްގެ ފަހުގައި ފާފަފުއްސެވުން އެދި ދުޢާކުރީމެވެ. ނަތީޖާވެސް ފެނުނެވެ. ދެމަހެއްހައި ދުވަސްފަހުން އަތުގައި ބާރުޖެހި ކުރިއާއިއެއްގޮތްވިއެވެ. 

މިއީ މާކުރީގެ ވާހަކައެއް ނޫނެވެ. މިކޮވިޑްތެރޭގައި ދިމާވި ކަމެކެވެ. އަތް އެކުގައި ރަނގަޅުވީ މިދިއަ ނޮވެމްބަރުމަހުއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑަށް ދިމާވިގޮތް މިކިޔައިދިނީ މިވާހަކަކޮޅުން ފައިދާއެއް ކޮށްފާނެ ކަމުގެ އުންމީދުގައެވެ. އަދި އަޅުގަނޑުގެ އުންމީދުވެސް ބުނެލާނަމެވެ. އެއީ އަޅުގަނޑުގެ އަނބިމީހާ ފަޒޫ މިޒަމާނުގައި މަދުން ނޫނީ ނުލިބޭނެފަދަ ރަނގަޅު އަންތބަކަށްވާތީ ދުވަހަކުވެސް ފަޒޫގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރުމެވެ. އުމުރަށް ލޯބިން އެކުގައި އުޅެ އެކުގައި ސުވަރުގެވެސް ވަނުމެވެ. އިން ޝާ ﷲ

 

--އިޤްބާލް / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް