އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 44 ސިކުންތު
އަޅުގަނޑުގެ މައިންބަފައިންގެ އަޅުގަނޑާއިއެކު 7 ދަރިން ތިބެއެވެ. އެއިގެ ތެރެއިން ވަޒީފާއެއްގައި މަސައްކަތްކުރަނީ އެންމެ ދޮށީ ބޭބެއެވެ. ދެން ބައްޕައެވެ. ދެންތިބި 6 ބެއިން ކިޔަވަނީއެވެ. މައިންބަފައިންނަކީ ތަނަވަސް ބައަކަށް ނުވުމާއިއެކު ދިރިއުޅެމުން އައީ ވަރަށް ދަތި ގޮތަކަށެވެ.
ގްރޭޑް 10 ނިންމާފައި އެއިރު އޮންނަ ގޮތުން 11، 12 ހަދައިގެން ނޫނީ ކުރިއަކަށް ނުދެވޭނެއެވެ. މަންމަ އާއި ބައްޕަ ބޭނުންވީ ދަތިޙާލުގައިވެސް 11، 12 ހަދާށެވެ. ނަމަވެސް އަޅުގަނޑު ބޭނުންވީ ވަޒީފާއަދާކުރަމުން ކިޔަވާށެވެ. ވަޒީފާ އަދާކުރަމުންވެސް ކިޔެވިދާނެތީއެވެ.
ވަޒީފާއެއް ލިބޭތޯ އަޅުގަނޑު ކުރި މަސައްކަތުން ކުރާނެ މަސައްކަތެއް ލިބުނީ ފިހާރައަކުންނެވެ. ރަނގަޅު ވަޒީފާއެއް އޮފީހަކުން ނުލިބެން ދިމާވި ސަބަބަކީ 18 އަހަރު ނުފުރުމެވެ. ވަޒީފާ ލިބުނުތަނަކީ މާލޭގެ ނަން މަޝްހޫރު އެއް ސްޕަރމާކެޓެވެ. އަޅުގަނޑު އެފިހާރައިގާ މަސައްކަތްކުރަން ފެށުމުން ވަރަށް ގާތް ބައެއް މީޙުންނާ އަޅުގަނޑުގެ މައިންބަފައިންގެ ބައެއް އެކުވެރިންވެސް މަލާމާތް ކުރިއެވެ. މައިންބަފައިންގެ ގާތުގައި ޝަކުވާވެސް ކުރިއެވެ. އެއީ ބައްޕައަކީ މާލޭގެ ޤަދަރުވެރި ޢާއިލާއަކަށް ނިޞްބަތްވާ މީހަކަށްވާތީއެވެ. އަދި މިފަދަ ޝަކުވާތަކާއި ގުޅިގެން ވަޒީފާ ދޫކޮށްލަންވެސް މައިންބަފައިން ބުނެއެވެ.
ނަމަވެސް އަޅައެއް ނުލަމެވެ. ލިބެނީ މަހަކު 5000 ރުފިޔާއެވެ. ބަހަނީ ދެބައަށެވެ. އެއްބައި މަންމަމެންނަށެވެ. އަނެއްބައި ކިޔެވުމާއ އަޅުގަނޑުގެ އެހެން ޚަރަދުތަކަށެވެ. ކިޔަވަން ކޮލެޖަށް ފައިސާ ދައްކަމުން އަމިއްލަ ޚަރަދުތައް ކުރަމުން އުޅެންޖެހުނު ދަތިޙާލު ކިޔައިދޭންވެސް ފަސޭހައެއް ނޫނެވެ. 2،3 މަހުންވެސް އޮންނަނީ އެންމެ ކުޑަމިނުން ހެދުމެއްވެސް ނުހޯދިފައެވެ.
މައްސަލައެއް ނެތްތާއެވެ. 3 އަހަރުން ފައުންޑޭޝަނާއިއެކު ކިޔެވި ކޯސް ނިންމުނެވެ. ކިޔަވައި ނިމި ސެޓުފިކެޓްލިބުމުން އެތަނުގެ ވެރިންނަށް ދައްކާލަން ހުށްހެޅީމެވެ. 2 ދުވަހެއް ފަހުން އަޅުގަނޑު ގެންގޮސްފައި ބުނީ އޮފީހުގެ މާކެޓިންގ ޑިޕާޓްމަންޓަށް ވަޒީފާ ބަދަލުކުރަނީކަމަށެވެ. އަދި ފެށޭ މުސާރައަކީ މަހަކު 12،000 (ބާރަހާސް ރުފިޔާ) ކަމަށާއި ކޮންމެ އަހަރަކުވެސް ބޯނަސް ވެސް ދޭނެ ކަމަށެވެ.
ކިޔަވާ ނިމުމަށްފަހު އެކުންފުނީގައި ވަޒީފާއަދާކުރީ 6 އަހަރުއެވެ. އެހިސާބުން ފިރިމީހާގެ އަތުގައި ހިފައިގެން އޭނާވެސް ގޮވައިގެން އަމިއްލަ މަސައްކަތްކުރަން ނުކުތީމެވެ. ކުންފުނި ހެދީ އަޅުގަނޑާއި ބައްޕަގެ ނަމުގައެވެ. އެކަން އެހެން ކުރީ ކޮންމެ ވަގުތަކުވެސް ފިރިމީހާ އަކީ ދޫކޮށްލާފައި ހިނގައިދާނެ މީހަކަށްވާތީއެވެ. ހަމަގައިމުވެސް ބައްޕއަށް އަޅުގަނޑާ ދުރެއް ނުވެވޭނެ ކަމުގެ ވިސްނުމުގައެވެ.
އަމިއްލައަށް މަސައްކަތްފެށިތާ މިއީ 7 ވަނަ އަހަރެވެ. ލޭބަރުން ކުރާ މަސައްކަތުން ފެށިގެން އިދާރީ މަސައްކަތާއި ހަމައަށް ބެލިނަމަވެސް ޢާއިލާގެ ގިނަބައަކު އަޅުގަނޑުގެ މަސައްކަތުގައި ބައިވެރިއެވެ. ޅިޔަންފަހަރިންނާއިއެކު ގާތްގަނޑަކަށް 28 ވަރަކަށް ޢާއިލީ މީހުން އެބަ މަސައްކަތްކުރެއެވެ. އަޅުގަނޑަށް އެނގިގެން ޅިޔަން ފަހަރިއަކަށްވެސް ވަޒީފާއެއް ނުލިބިގެން ހުންނާކަށް ނުޖެހޭނެއެވެ.
މިހައި ގިނަ އަދަދެއްގެ ޢާއިލީ މީހުން ގެންގުޅޭތީ ވަރަށް ގިނަ ބައަކު ކަންބޮޑުވެއެވެ. އެކަން ކުރާގޮތާއިމެދު ގިނަބައަކު ސުވާލުވެސް ކުރެވެއެވެ. އެހެންވެ މިދަންނަވަނީއެވެ. އެޗްއާރު ކަންކަން ބަލަހައްޓަން ޙަވާލުކޮށްފައި ހުންނާނީ ދުރުހިލޭ މީހަކާއެވެ. ވީމާ އޮންނަ ޤަވާއިދަށް ޢަމަލުނުކުރާނަމަ އެމީހަކީ ކާކުތޯ ނުބަލައި ފިޔަވަޅުއަޅާނެއެވެ. އަދި އެންމެންނަށްވެސް އަންގާފައި އޮންނާނީ އެފަދަ ކަމެއްގައި އެއްވެސް މީހަކު އަޅުގަނޑުގެ ގާތަށް އައިސްގެން ނުވާނެ ކަމަށެވެ. ވީމާ ވަޒީފާގައި ގާތް މީހުން ކިތަންމެ ގިނަ ނަމަވެސް މުވައްޒިފުންގެ ކަންކަން ބަލަހައްޓަންޖެހޭ އުޞޫލުން ބަލަހައްޓާނަމަ އެއީ އެއްވެސް މައްސަލައެއް ކަމަކަށް އަޅުގަނޑު ނުދެކެވެ.
މިއަދުނޫހުގެ ކިޔުންތެރިންނާއި މިވާހަކަކޮޅު ޙިއްޞާ މިކުރީ އެންމެ ބޭނުމަކުއެވެ. އެއީ އަޅުގަނޑުމެންގެ ތެރެއިން ގިނަބއަކަށް އަދިވެސް ޤަބޫލުކުރެވިފައި އޮންނަނީ ޢާއިލީ މީހުން އެކުގައި ގެންގުޅުމަކީ މަސައްކަތަށް ގެއްލުންވާ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ކުރެވޭ ކޮށެކެވެ. ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ވަޒީފާގެ މާހައުލުގައި ތިމާގެކަން ނުބާއްވާށެވެ. ތިމާގެކަން އެއީ ހަމައެކަނި ގޭގައި ބާއްވާ ކަމަކަށްހަދައިފިނަމަ ޢާއިލީ މީހުން ކިތަންމެ ގިނަ ނަމަވެސް ގޮވައިގެން މަސައްކަތްކުރުމަކީ މައްސަލައެއް ނޫންކަން އަޅުގަނޑު ތަޖުރިބާކޮށްފީމެވެ.
އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ވަޒީފާ ލިބުން މިހައި އުނދަގޫ، އަދި ވަޒީފާގެ މާހައުލުގައި ކުރިމަތިވާ ކަންކަމުގެ ނުރައްކައުތެރިކަން މިހާބޮޑު ޒަމާނެއްގައި ޢާއިލާގެ ގިނަ ބައަކު އެކުގައި މަސައްކަތްކުރާނަމަ އެކަމުގެ ފައިދާ ވަރަށް ގިނަ ގޮތްގޮތުން ކުރާނެއެވެ. މިހެން ދެންނެވިނަމަވެސް ޢާއިލާގެ މީހާއަށް ވަޒީފާ ދިނީމާ ކަންނެތްވެއްޖެނަމަ ޖެހޭނީ އެމީހަކު އަވަހަށް އެތަނުން ބޭރުކުރާށެވެ. ޢާއިލާގެ މީހާ ޢާއިލާގެ މީހާއަށް މަސައްކަތްކޮށްދޭންވާނީ އެނޫންމީހުންނަށްވުރެ މާރަނގަޅަށެވެ. ކުރިނަ މިބުނެވުނު ފަދަ ރަނގަޅު ނަތީޖާތައް ނެރެވޭނީ އެއިރުންނެވެ.
- މަރީ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
21 ފެބްރުއަރީ 2022