އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު
އަޅުގަނޑުގެ މަންމަ އާއި ބައްޕަ ވަނީ މުސްކުޅިވެފައެވެ. މަންމަގެ ލޮލަށް ފެންނަނީ ވަރަށް ކުޑަކޮށެވެ. ބައްޕަގެ ލޯވެސް އަނދިރިއެވެ. ނަމަވެސް އުޅެލެވޭ ވަރުވެއެވެ. އަޅުގަނޑަށް ލިބިހުރި މިންވަރުން އެމީހުންގެ ލޮލުގެ ފެނުން ރަނގަޅުކުރެވޭތޯ ވަރަށް ގިނަ މަސައްކަތްތައް ކުރީމެވެ. ނަމަވެސް ޑޮކްޓަރުން ބުނަމުން އައީ އެއުމުރުގައި ކުރެވޭނެ މާބޮޑު އިތުރު ކަމެއް ނެތް ކަމަށެވެ.
އެކަން މަންމަ އާއި ބައްޕަވެސް ޤަބޫލުކުރެއެވެ. ނަމަވެސް އެމީހުންގެ ކަންބޮޑު ވުމެއްވެސް އޮވެއެވެ. އެއީ މުސްކުޅިވި ދުވަހު ޤުރްއާން ކިޔަވައި ނުލެވޭކަމެވެ. އެހެންވެ ދޭތެރެއަކުން އެވާހަކަ ދައްކާނެއެވެ. ކަންކަން ހުރިގޮތް އެނގޭއިރުވެސް އެކަމަށް ބޭނުންވާ ވަރުން ދެއްކެނީއެވެ.
ދުވަސްތަކެއް ފާއިތުވިފަހުން އެނގުނީ އަޅުގަނޑުގެ އެކުވެރިއެއްގެ ލޮލަށް ފެނުމުން މަޙްރޫމްވެފައިވާ ބޭބެއަކު ހުންނަކަމެވެ. އޮޕަރޭޝަންކުރެވިއްޖެނަމަ އޭނާގެ ލޮލަށް ފެނުމުގެ އުންމީދު އެބައޮތްކަމެވެ. ނަމަވެސް އޮޕަރޭޝަން ކުރެވެން އޮތީ ބޭރުންކަމާއި އެމީހުން ފަރުވާ ނުހޯދިފައި ތިބީ އަތުގައި ފައިސާ ނެތުމުން ކަމެވެ.
އަޅުގަނޑުގެ ސޭވިންގްސްގައި އެވަގުތު ހުރިފައިސާކޮޅުގެ ޢަދަދު ބަލައިލުމަށްފަހު އެކުވެރިޔާ އާއި މަޝްވަރާކޮށްލުމުން އެނގުނީ އެވަރުން ފުދޭނެ ކަމެވެ. އެކައުންޓު ހަމަ އެކުގައި ކަހާލާފައޭ ބުނާވަރަށް ހުސްކޮށްލާފައި އެކުވެރިޔާއަށް ހަދިޔާކުރީމެވެ. އަޅުގަނޑުގެ ހުރިހާ ވެސް ދުޢާއަކީ އޭނާގެ ލޮލަށް ފެނުމެވެ. އަދި އެޞަދަޤާތުގެ ޘަވާބު މަންމައާއި ބައްޕައަށް ދެއްވެވުމަށް އެދުނީމެވެ.
ދެން މިދަންނަވަނީ އެކަމުގެ ނަތީޖާއެވެ. ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުގެ މަންމަ އާއި ބައްޕަގެ ލޮލުގެ ފެނުން ރަނގަޅުވާން ފެށިއެވެ. މަޑުމަޑުން އައިސް ޤުރްއާން ކިޔަވާލައި ފޮތް ކިޔާލައި ހެދޭވަރުވިއެވެ. ދެމަފިރިން އުފަލުން ފޮޅުނެވެ.
އެކަން އެހެން އެވީ އަޅުގަނޑުކުރި ޞަދަޤާތުގެ ސަބަބުން ކަމަށް ބުނާކަށް ނެތީމެވެ. އެކަން މޮޅަށް ދެނެވޮޑިގެންވާނީ ﷲ އެވެ. ނަމަވެސް އެކަން އެހެންވީ އެއްވެސް ބޭސްފަރުވާއަކުން ނޫންކަމަށް ބުނެވެން އެބައޮތެވެ!
މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަކޮޅު ޙިއްޞާމިކުރީ ޢިބްރަތަކަށްވާނެ ކަމުގެ އުންމީދުގައެވެ. ހެޔޮ ޢަމަލުކުރުން ގިނަކޮށް ޞަދަޤާތްކުރުން ގިނަކުރަން ހިތްވަރުދިނުމުގެ ގޮތުންނެވެ. އިތުރަށް ވަކި ވާހަކައެއް ބުނާކަށް ނެތީމެވެ.
ހަމައެކަނި ދަންނަވާލަން އޮތީ މިއީ މީގެ 15 ވަރަކަށް އަހަރުކުރީގެ ވާހަކައެވެ. އެއިރުވެސް މިއަދުވެސް އަޅުގަނޑުމެންނަށް ކަންކަން ހިންމަވައި ދެއްވަވަނީ ހަމަ ﷲ ތަޢާލާއެވެ. އެއީ ބަދަލުވާނެ ކަމެއް ނޫނެވެ.
--ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
27 ފެބްރުއަރީ 2022