އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ދެވަނަ ފުރުޞަތުދިނުމުން އަނބިމީހާގެ ގެދޮރު ސަލާމަތް ކުރެވުނީ ވެސް ދުޢާކުރިވަރުން ފެނުނު އާދައާ ޚިލާފް ހުވަފެނެއްގެ ސަބަބުން!

ޙަޤީޤީ ޙާދިސާ: ދެވަނަ ފުރުޞަތުދިނުމުން އަނބިމީހާގެ ގެދޮރު ސަލާމަތް ކުރެވުނީ ވެސް ދުޢާކުރިވަރުން ފެނުނު އާދައާ ޚިލާފް ހުވަފެނެއްގެ ސަބަބުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 14 ސިކުންތު

އަޅުގަނޑަކީވެސް މީހަކު ދެކެ ލޯބިވެގެން އެކުގައި އުޅެފައި ކައިވެނިކުރި އަންހެނަކީމެވެ. ނަމަވެސް އެކަން ދެމިއޮތީ ދަރިއަކު ލިބެންދެންނެވެ. ދަރިފުޅު ލިބުނުތަނާހެން ފިރިމީހާ ދެމައިން ދޫކޮށްލާފައި ހިނގައްޖެއެވެ. 

ދަރިފުޅަށް 4 ވަނަ އަހަރު ފިރިމީހާ އަތުވެއްޖެއެވެ. އައިސް ބުނީ އޭނާގެ މަސައްކަތުން މިހާރު އޭނާއަކީ އަމިއްލަ ވިޔަފާރިކުރާ ތަނަވަސް މީހަކު ކަމަށެވެ. އަދި އެނބުރި މިއައީ އެތަނަވަސްކަން ދެމައިންނަށް ހީއްޞާކޮށްގެން އެކުގައި އުޅެން ބޭނުންވާތީކަމަށެވެ. 

އޭނާ އާއި އަލުން ގުޅެން އަޅުގަނޑު ބޭނުމެއް ނުވެއެވެ. ނަމަވެސް ދަރިފުޅަށް އޭނާގެ ބައްޕަގެ ލޯބި ބޭނުންވާނެތީ އަލުން އޭނާ އާއި ގުޅުނީމެވެ. ގުޅުނުފަހުން ފިރިމީހާ އުޅެމުން އައީވެސް ވަރަށް ރަނގަޅަށެވެ. ދެމައިންނާއި އަޅައިވެސްލައެވެ. ލޯބިވެސް ދެއެވެ. އެގޮތަށް 2 އަހަރެއްހައި ދުވަހު އެކުގައި އުޅެފައި އޭނާ ބޭނުންވީ ގެ މޯގޭޖްކޮށްފައި އިތުރު ފައިސާކޮޅެއް ހޯދާށެވެ. ބުނީ ލޯނަށް ލިބޭ ފައިސާއިން އެއްބައި އޭނާގެ ވިޔަފާރިއަށް އިންވެސްޓްކޮށްފައި އަނެއްބައިން ގެހަދަން ފަށާނީ ކަމަށެވެ. މަދުވާބައި ވިޔަފާރިން ނަގައި ގެ ނިންމާނީ ކަމަށެވެ. 

އޭނާގެ ވާހަކަ ޤަބޫލުކުރެވި އެކަމަށް އެއްބަސްވެވުނެވެ. ގެ މޯގޭޖްކޮށްފައި ލޯނުވެސް ނަގައިދިނީމެވެ. ނަމަވެސް ދަންނަވަންތޯއެވެ؟ އެފައިސާ ލިބުނުތާ 2،3 ދުވަސް ފަހުން ފިރިމީހާ ގެއްލިއްޖެއެވެ. ގެއަށް ނާންތާ އެއް ދުވަސްވުމުން ފިހާރައަށްދިއައިރު ހުރީ މުދައު ހުސްކޮށް ތަޅުވެސް ލައިފައެވެ. ޢިމާރާތުގެ ވެރިފަރާތުން ހުރީ ތަން ކުއްޔަށްދޭން ލިޔުންވެސް ހިއްޕައިފައެވެ.

ފުލުހުންނާއި ގުޅައި ކުރި މަސައްކަތުން އެނގުނީ ރާއްޖެއިން ފުރައިގެން ގޮސްފައިވާ ކަމަށެވެ. ކޮންމެއަކަސް އޭނާ ފިލުމަކީ އަޅުގަނޑު ކަންބޮޑުވި ކަމެއް ނޫނެވެ. ނަމަވެސް ގެ މޯގޭޖްކުރުވައި ލޯނު ނަގައި އެފައިސާކޮޅު ހިފައިގެން ފިލުންވީ ވަރަށް ބޮޑު ކަމަކަށެވެ. ލޯނު ނުދެއްކުނީމާ ގެވިއްކާލާނެތީއެވެ. 

ﷲ އަށް ދުޢާކުރުން ފިޔަވައި ކުރާނެ އަދި ކުރެވޭނެ ކަމެއް ނެތެވެ. އަޅުގަނޑު ހިތަށް އެރީ ދެން ރަނގަޅުވާނީ އެކަމަށް ނުވިސްނުން ކަމަށެވެ. ﷲ އަށް ވަކީލްކޮށްގެން ހުންނާނީއެވެ. ގެއިން ނުކުންނަން މިންވަރުކުރައްވަވައިފިނަމަ ނުކުންނާނީއެވެ. އެކަލާނގެ ކޮންމެވެސް މަގެއް ދައްކަވާނެތެވެ.

އެކަން މެދުވެރިވިތާ 39 ވަނަ ދުވަހުގެ ރެއެވެ. ދަމުނަމާދުކޮށް ދުޢާކުރުމަށްފަހު ކިޔަވަން އިރުކޮޅަކު އިންތަނާ ނިދިއަންނަ ގޮތްވުމުން އޮށޯވެލިތަނާ ނިދުނެވެ. ހުވަފެނުގައި ފެނުނީ ނުރަ، ދިގު ތުބުޅިއެއްލާފައި ހުރި ހުދު ހެދުމެއްގައި އައި މުސްކުޅި ފިރިހެނެކެވެ. އޭނާއައިސް އަޅުގަނޑުގެ އަތަށް ކަރުދާސްގަނޑެއްދީފައި ދިއައީއެވެ. 

ދެން އެކަރުދާސްގަނޑު ކިޔައިލީމެވެ. "ފިރިމީހާ ރާއްޖެއިން ފުރިނަމަވެސް އެފައިސާ ރާއްޖެއިން އަދި ނުގެންދެވެއެވެ. ބޭންކަށް ގޮސް ރަނގަޅަށް ކަންކަން ބަލާށެވެ!" އަދިވެސް އިތުރަށް ލިޔެފައި ހުއްޓެވެ. ނަމަވެސް ނުކިޔެނީސް ހޭލެވިއްޖެއެވެ. 

ހޭލެވުމުން އަވަސް އަވަހަށް ވުޟޫކޮށްލައިގެން 2 ރަކްއަތް ނަމާދެއް ކުރީމެވެ. އެއީ ޝުކުރުވެރިވުމަށެވެ. އަދި އެއީ ޙަޤީޤަތަކަށްވުމަށާއި އެފައިސާ އަނބުރާ ދެއްވެވުން އެދި ދުޢާކުރީމެވެ. 

އެދުވަހު އޮފީހަށްވެސް ނުގޮސް ދިއައީ ބޭންކަށެވެ. ބޭންކުން ބައްދަލުވި އިސް އަންހެން މުވައްޒިފަކަށް ފިރިމީހާ ކަންކަން ކުރި ގޮތް ކިޔައިދިނީމެވެ. އަދި ހުވަފެނުގައި ފެނުނު ކަންކަންވެސް ކިޔައިދިނީމެވެ. އެއީ ވަރަށް ރަނގަޅު ކުއްޖެކެވެ. އޭނާ އަޅުގަނޑުގެ އެކައުންޓާއި ފިރިމީހާގެ އެކައުންޓު ބެލުމުން ހުރިހާ ކަމެއް އެނގިއްޖެއެވެ. އަދި ލޯނުގެ ފައިސާ އޭނާގެ ދެވަނަ އަނބިމީހާގެ އެކައުންޓަށް ޓްރާންސްފަރކޮށްފައި އެބަހުރި ކަމާއި އެއެކައުންޓުން ނަގަމުން ގޮސް މަދުވަނީ ވަރަށް މަދު ފައިސާކޮޅެއް ކަމަށްވެސް ބުންޏެވެ. 

އެހިސާބުން އޭނާ ގޮސް ވެރިންނާ ވާހަކަ ދައްކާފައި އޭނާގެ އެކައުންޓް ފްރީޒްކުރިއެވެ. އަދި ގުޅައިގެން ވަގުތުން ބޭންކަށް ގެނެސް ފިރިމީހާގެ އެކައުންޓުން އޭނާގެ އެކައުންޓަށް ޖަމާކުރި އަދަދަށް ބޭންކަށް ވަގުތުން ޖަމާކުރަން އެންގިއެވެ. އޭނާ ބަހަނާތައް ދައްކަން އުޅުމުން މިއީ މަކަރާ ހީލަތުގެ މައްސަލައެއް ކަމަށާއި ޙަވާލުކުރާނީ ފުލުހުންނާ ކަމަށް ބުނުމުން ގެއިން ފައިސާ ގެނެސް ބޭންކަށް އެފައިސާތައް ޖަމާކޮށްދީފިއެވެ. 

އެހިސާބުން އޭނާ ބުނީ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ނިންމާގޮތް އަންގާނެ ކަމަށެވެ. އެއިގެ އެއް އަހަރުފަހުން އަޅުގަނޑު ބޭންކަށް ގެންގޮސް މޯގޭޖްކުރަން ދިން ރަޖިސްޓްރީ އާއި ލިޔުންތައްވެސް އަނބުރާ ދީފިއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ ދެވަނަ ފުރުޞަތު ދިނުމުން ފިރިމީހާ އަޅުގަނޑާއިމެދު ކަންކަން ކުރި ގޮތެވެ. ފަހުން އެނގުނު ގޮތުގައި ފުރަތަމަ ފަހަރު އަޅުގަނޑު ވަރިކުރިތަނާހެން ދެވަނަ ކައިވެނިކޮށްފިއެވެ. ދެވަނަ ފަހަރަށް އަޅުގަނޑާއި ގުޅުނީވެސް އޭނާ އާއި ކައިވެނިކޮށްގެން ހުރެއެވެ. ގޯތި މޯގޭޖް ކުރުވައި ފައިސާކޮޅު ދަމައިގަންނަން ދެމީހުން ރާވައިގެންނެވެ. 

އަޅުގަނޑުގެ ވަރަށް ގާތް އެކުވެރި އަންހެނަކު އޭނާގެ ފިރިމީހާއަށް ލޯނެއް ނަގައިދިން މައްސަލައެއްގައި އޭނާގެ ގޭގެކަންކަން މިހާރު އުޅެނީ ނީލަންކިޔުމުގެ މަރުޙަލާގައެވެ. އެހެންވެ މިފަދަ ކަންކަމަށް ސަމާލުވުމަށް ކިޔުންތެރިންގެ ގާތުގައި ބުނެލަންވީއެވެ.

- އައިމިނަތު / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް