އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 31 ސިކުންތު
އަޅުގަނޑުގެ ބައްޕައަކީ މާލޭގެ ތަނަވަސް މީހެކެވެ. އަޅުގަނޑު ހަނދާން ހުންނަން ފެށީންސުރެ ގެންގުޅުނީ ބައްޕައެވެ. މަންމަ އާއި ބެހޭ ގޮތުން ސުވާލުކޮށްފިނަމަ ބައްޕަވެސް ބައްޕަގެ ޢާއިލާގެ މީހުންވެސް ބުނަނީ އަޅުގަނޑު ވިހާފައި އަޅުގަނޑު އެއްލާލާފައި މަންމަ ފިލީކަމަށެވެ.
ތަންކޮޅެއް ބޮޑުވިފަހުން މަންމަ ދިރިއުޅެނީ ވަރަށް ނިކަމެތި ޙާލުގައިކަންވެސް އެނގުނެވެ. ނަމަވެސް އެކަން އަޅުގަނޑަކަށް މާބޮޑު ކަމަކަށް ނުވިއެވެ. އެއީ މަންމަ އަޅުގަނޑާއިމެދު ކަންކަން ކުރި ގޮތުން މަންމަ ދެކެ އެއްވެސް ވަރަކަށް ލޯބިނުވާތީއެވެ.
މަންމަ އާއިމެދު ދެވަނަ ވިސްނުމަކުން ވިސްނައިލެވުނީވެސް ޢުމުރުން 18 އަހަރުވީފަހުންނެވެ. ހިތަށް އެރިއެވެ. "ބައްޕަ ފަދަ ތަނަވަސް މީހަކާއި ކައިވެނިކޮށްގެން ހުރެފައި ދަރިއަކު ލިބުމުން ދަރިފުޅު އެއްލާލާފައި މަންމަ ހިނގައިދާނެ ބާވައެވެ! ދާންޖެހެންވީ ސަބަބަކީ ކޮބައިބާވައެވެ!"
މިފަދަ ޚިޔާލުތައް ކުރެވެން ފެށުމުން އެއް ރޭ މަންމަ ހޯދަން ދިއައީމެވެ. އެއީ މުޅި ޢުމުރުގައިވެސް މަންމަ ހޯދަންދިއަ ފުރަތަމަ ފަހަރެވެ. މަންމަގެ ފިރިމީހާވެސް ދަރިންވެސް އަޅުގަނޑަށް މަރުޙަބާ ކިޔައި ގެންގޮސް މަންމަ ދެއްކިއެވެ. އެއިރު މަންމަ އޮތީ އެއްފަޅި ވާގިނެތިފައެވެ. ވާހަކަ ދެއްކެނީވެސް ކިރިޔާއެވެ.
މަންމަ އެޙާލުގައި އޮއްވާ ފެނުމުން ވަރަށް ދެރަވިއެވެ. ގޮސް މަންމަގާތުގައި އިށީނުމުން ފުރަތަމަވެސް ފެށީ ރޯށެވެ. އެތައް އިރަކު ރޮއެފައި މަޑުމަޑުން ވާހަކަދައްކަން ފެށިއެވެ. "ދަރިފުޅާއެވެ. މަންމަ އާއިމެދު ދަރިފުޅުގެ ބައްޕަ ކިޔައިދީފައި އޮންނާނީ ކޮން ގޮތަކަށް ކަމެއް ނުއެނގެއެވެ. ނަމަވެސް ޙަޤީޤަތަކީ ދަރިފުޅަށް 2 އަހަރުވީތަނާ މަންމަ ވަރިކޮށްލާފައި ފޮނުވައިލީއެވެ. މަންމަ ރޮއިރޮއި އިންދައި ކޮއްޕާ ގެއިން ނެރެލީއެވެ. މަންމައަކީ ފަޤީރަކަށްވުމުން ދަރިފުޅުގެ ބެލެނިވެރިކަން ލިބުނީ ބައްޕައަށެވެ. މަންމައަށް އަންގަމުން ދިއައީ ދަރިފުޅު ދެކެން ދިއަ ނަމަވެސް އަނިޔާކުރާނެ ކަމަށެވެ. އަދި މަންމަގެ އިތުރުން ދަރިފުޅަށްވެސް އަނިޔާކުރާނެ ކަމަށެވެ. ދަރިފުޅަށް އެއްވެސް އަނިޔާއެއް ކޮށްފާނެ ކަމުގެ ބިރަށް މަންމައަށް ދުރުގައި ހުންނަން މަޖުބޫރުވީއެވެ. މަންމައަށް މިކަމެއް ޖެހުނީވެސް ހަަމަ ދަރިފުޅުގެ މަތިން ހަނދާންކޮށް ވިސްނަން ހަދައިގެން ކަމަށް ބުނަން ކެރިދާނެއެވެ. އެއީ އެހެން އެއްވެސް ކަމަކާ މަންމަ ދެރަވެ ނުވިސްނާތީއެވެ. މަންމަގެ ލޭމައްޗަށްދާންވީ އެހެން ސަބަބެއް ނެތީމައެވެ."
މަންމަގެ ވާހަކަތައް ނިމުމުން ދޮންބައްޕަވެސް އެފަދަ ވާހަކަތަކެއް ދެއްކިއެވެ. "އަނބިމިހާ ދަރިފުޅު ހޯދަން އަތުވެއްޖެ ނަމަ ހަދާނެ ގޮތް ދައްކާލާނަން" ކަމަށް ބައްޕަގެ ޢާއިލާއިން ބުނެ އެތައްފަހަރަކު އިންޒާރުދިން ވާހަކައެވެ.
އަޅުގަނޑު މަންމަ ގާތުން ނުކުމެގެން އައީ އެނބުރި އަންނާނެ ކަމަށް ބުނެފައެވެ. ގެއަށް ގޮސް ފޮށްޓަކަށް ދެތިން ހެދުން ލައިގެން ނުކުނަން އުޅެން ފެށުމުން ތިއަދަނީ ކޮންތަނަކަށްތޯ ބައްޕަ ސުވާލުކުރިއެވެ. ޖަވާބުގައި ބުނީމެވެ. "މަންމަ އާއިމެދު ބޮޑެތި ދޮގުތައް 18 އަހަރުވަންދެން ހަދައިފީމުއެވެ. އަޅުގަނޑު ހުއްޓުވަންވީއެއް ނޫނެވެ. ރޮއިއާދޭސްކުރަނިކޮށް މިގެއިން މަންމަ ނެރެލި ގޮތަށް ނެރެލަންވީއެވެ. އަލުގަނޑާހެދި ވިސްނަން ހަދައިގެން މަންމަ އެއޮތީ އެނދުމަތިވެފައެވެ. މިދަނީ މަންމަ ބަލަން މަންމަ ގާތުގައި ހުންނާށެވެ! އެކަމެއް ނުހުއްޓުވޭނެއެވެ."
އަޅުގަނޑުގެ ބަސްތައް އަޑު އިވުމުން ބައްޕައަށް ވަރަށް އަސަރުކުރިއެވެ. އެއީ މަންމަގެފަހުން ބައްޕަ 3 ކައިވެނިކުރިނަމަވެސް ދަރިއަކު ލިބިފައި ނެތުމުންނެވެ. އަދި އަޅުގަނޑު އެދަނީ ވަރަށް ފަޤީރު ޙާލުގައި ދިރިއުޅެންކަން އެނގުމުންނެވެ.
ބައްޕަ ބުނީ ބައްޕަ، ބައްޕަގެ އެހެން ގެއަކަށް ބަދަލުވެދާނެ ކަމަށާއި މަންމަ ގެނެސްގެން އެގޭގައި ގެންގުޅުމަށެވެ. އަދި ބައްޕަ ޚަރަދުވެސް ކުރާނެ ކަމަށެވެ. އަޅުގަނޑަށް އެގޮތް ޤަބޫލެއް ނުކުރެވުނެވެ. އަޅުގަނޑު ބުނީ ބައްޕަ ބޭނުންނަމަ ބައްޕަގެ އެހެން ގެއެއް ދެނިކޮށް އެގޭގައި މަންމަ ގޮވައިގެން އުޅެފާނެ ކަމަށެވެ. ނަމަވެސް މަންމަ އެހައި ނިކަމެތި ގޮތަކަށް ނެރެލެވުނު ގެއަކަށް މަންމަ ވައްދަން ބޭނުން ނުވާކަމަށެވެ. އަދި އަޅުގަނޑުވެސް އެގޭގައި އިތުރަށް ދިރިއުޅެން ބޭނުން ނުވާ ކަމަށެވެ!
ބައްޕަ އަޅުގަނޑު ބުނި ގޮތް ޤަބޫލުކޮށް ބައްޕަގެ އެހެން ގެއެއް އަޅުގަނޑަށް ދިނުމުން އަޅުގަނޑު އެގެއަށް ބަދަލުވީމެވެ. އަދި އެގެއަށް މަންމަ ޢާއި މަންމަގެ ޢާއިލާވެސް ގެނެސް ގެގުޅެން ފެށީމެވެ. ދުވަސްކޮޅަކުން މަންމައަށް ތެދުވެ ހިނގާލައި އުޅެވޭވަރުވެއްޖެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑު ބުނެލަން ބޭނުން އެއްވާހަކައަކީ ދެމަފިރިންކުރެ ކޮންމެ މީހަކު ބޭނުންވެގެން ކައިވެނި ރޫޅައިލިނަމަވެސް ޙަޤީޤަތް ދަރިންނަށް އޮޅުވާލައި މިފަދަ ފިތުނަތައް ނުއުފައްދާށެވެ! ދަރިން ބޭނުންވާނީ ވަކި މީހެއްގެ ލޯތްބެއް ނޫނެވެ. މަންމަ އާއި ބައްޕަގެ ލޯބިވެސް ބޭނުންވާނެއެވެ. އަދި ކުދިންނަށް ބުނެލަން އޮތީ ވަކި މީހަކު ދައްކާ ވާހަކަ އެކަނި ޤަބޫލުނުކުރާށެވެ! ދެމީހުންގެ ވާހަކަވެސް އަޑުއަހާށެވެ! ނޫންނަމަ އަޅުގަނޑަށް ކުރިމަތިވި ފަދަ ދެރަ ގޮތެއްވެސް މެދުވެރިވެދާނެއެވެ!
އަޅުގަނޑަށް މަންމަގެ ގާތަށް ގޮސް މަންމަގެ ވާހަކަތައް އަޑުނާހައި ހުއްޓާ މަންމަ އެބަލީގަ ނިޔާވިނަމަ ޤިޔާމަތް ދުވަހު އަޅުގަނޑަށް ޖެހޭނީ ކޮން ޙާލެއް ހެއްޔެވެ؟
- ނަޖީބާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
1 މާޗް 2022