އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 54 ސިކުންތު
އޭނާއަކީ ސްކޫލްގައި އެކުގައި އުޅުނު ދުވަސްވަރުން ފެށިގެން އަހަރެންގެ ފަހަތުން އަޅައިގަނެގެން އުޅުނު ކުއްޖެކެވެ. ކޮލެޖުގައި ވެސް އުޅުނި އެކުގައެވެ. އެހެންނަމަވެސް އޭނާގެ މިޒާޖާއި އަހަރެންގެ މިޒާޖާއި ނުގުޅޭތީ މާބޮޑު ގުޅުމެއް ނުބާއްވަމެވެ.
ކޮލެޖު ނިމި 2،3 އަހަރުފަހުން ރެސްޓޯރަންޓަކުން އޭނާ އާއި ބައްދަލުވިއެވެ. އޭނާ ބުނީ މިހާރު އޭނާއަކީ ވަރަށް ތަނަވަސް މީހެއް ކަމަށާއި ވަރަށް އަގުބޮޑު ދިރިއުޅުމެއް އުޅެމުން ގެންދާ ކަމަށެވެ. އަދި އަހަރެންދެކެ ވަރަށް ބޮޑަށް ލޯބިވާކަމަށާއި މިހާރުން މިހާރަށް ކައިވެނިކުރަންވެސް ބޭނުން ކަމަށެވެ.
އެގެ ފަހުން އޭނާ ގުޅައެވެ. ދެމީހުން ވާހަކަވެސް ދައްކަމެވެ. އެގޮތުގައި ދުވަސްތަކެއް ފާއިތުވީ ފަހުން އޭނާ ދިން ދައުވަތަކަށް އެއްރޭ އެގެއަށް ދިއައިމެވެ. ބޮޑު ރީތި ތަނަވަސްގެއެކެވެ. ނަމަވެސް އޭނާ ބުނީ އެގޭގައި އުޅެނީ އޭނާ އެކަނި ކަމަށެވެ.
އެރޭ އަހަރެން ނިދީވެސް އެގޭގައެވެ. ނަމަވެސް ކައިވެނިނުކޮށް އެކުގައި ނުނިދާނެ ކަމަށްބުނެ ދެމީހުން ނިދީ ދެކޮޓަރީގައެވެ. އޭނާ އަހަރެންނަށް ވަރަށް ވަރުގަދަ އަމުރެއް ކުރިއެވެ. އެއީ ގޭގެ މަތީ ބުރިއަށް ނޭރުމަށެވެ. ބުނީ އެތަނުގައި މަރާމާތުކުރުމުގެ މަސައްކަތްތަކެއް ކުރާތީ ކަމަށްވެސް ބުންޏެވެ. އޭނާ އެކަމަށް ބާރުއެޅިވަރުން އެބައިގައި ކޮންމެވެސް ގޯހެއް އުޅެނީކަމާއިމެދު ޝައްކުވެސް ކުރެވުނެވެ.
ނިދި ޖެހުނުތަނާ ހޭލެވުނީ މުސްކުޅިއަކު ރޯއަޑު ފާޑުގެ އަޑެއް އިވިގެންނެވެ. ހޭލެވުމުން އެއީ ހަމަ ޙަޤީޤަތުގައިވެސް އިވޭ އަޑެއްކަން ޔަޤީންކުރުމަށްފަހު އަޑު އަންނަ ދިމާއަށް ދިއުމުގެ ބަދަލުގައި ފުލުހުންނަށް ގުޅައި އެވާހަކަ ބުނީމެވެ. އަދި އޭނާ ކުރިން ބުނި ވާހަކަތައްވެސް ކިޔައިދިނީމެވެ.
ފުލުހުން އައިސް ބެލްޖަހާތާ އެތައް އިރެއްވީއިރުވެސް ދޮރު ނުހުޅުވުމުން އަހަރެން ގޮސް ދޮރުހުލުވީމެވެ. ފުލުހުން ވަދެ ފުރަތަމަ ގޮވީ އޭނާއަށެވެ. އޭނާ ބުނީ ނިދާފައި އޮތީމާ ބެލްޖެހިއަޑު ނުއިވުނީކަމަށެވެ. ނަމަވެސް އެއިރު އޭނާގެ މޫނުމަތީގާ ނިދީގެ އެއްވެސް އަސަރެއްވެސް ނެތެވެ. ތިރީބުރި ޗެކޮކޮށްފައި މަތީބުރިއަށް އަރައިފިއެވެ. ފުރަތަމަ ދޮރު ހުޅުވިތަނުން ފެނުނީ އެނދަކާލައި ޗޭނުޖަހާފައި އޮތް މުސްކުޅި ފިރިހެނެކެވެ.
ފުލުހުން ގާތު އޭނާ ބުނީ އޭނާއަކީ ވަޒީފާގައި ގެންގުޅުނު މުވައްޒިފެއް ކަމަށެވެ. އަދި އޭނާއަށް އެހާލު ޖައްސުވާފައި އޭނާގެ ތަނަވަސްކަމުގައި މަޖާ ނަގަމުން ގެންދާތާ 3 އަހަރުވެއްޖެ ކަމަށެވެ. ދެން އޭނާ ބުނީ ބައެއް ރޭރޭ ޒުވާން އަންހެންކުދިން ރޯއަޑާއި އެމީހުންނަށް އަނިޔާނުކޮށް ދޫކޮށްލައިދިނުން އެދި އާދޭސްކުރާއަޑު ދޭތެރެދޭތެރެއިން އިވޭ ކަމަށެވެ.
ފުލުހުން އެފަންގިފިލާގައި ދެންހުރި 3 ކޮޓަރި ހުޅުވިއިރު ކޮންމެ ކޮޓަރިއެއްގައި ވެސް ވަރަށް ބޮޑަށް ތުން އައްސައި ސީލްކޮށްފައި ހުރި ކަލު ކޮތަޅު ހުއްޓެވެ. އެއްކޮޓަރީގައި 3، ދެންހުރި ކޮޓަރީފައި 5 ދެންހުރި ކޮޓަރީގައި 2 ކޮތަޅު އޮތެވެ. އެތަން ފެނުމުން ފުލުހުން މަރުކަޒަށް ގުޅައި ޚާއްޞަ ޓީމެއް ގެނުވައިކޮތަޅުތައް ހުޅުވައިގެން ބެލިއިރު ކޮތަޅުތަކުގައި ހުރީ މިނިކަށްޓެވެ.
ތަޙްޤީޤުން އެނގުނީ ޒުވާން އަންހެންކުދިން ގެއަށް ގެނުވައި އެކުދިންގެ ބޭނުން ގަދަކަމުން ކުރުމަށްފަހު މަރާފައި ކޮތަޅުތަކުގައި ބަންދުކޮށްފައި ބަހައްޓަނީ ކަމެވެ. އެކަން ޔަޤީންކުރެވުނީ އެއިރުވެސް ކުނިވަމުންދާ ހަށިގަނޑެއް ފެނުމުންނެވެ.
އެކަންކަން ފެނުމުން ގަތް ބިރެއްވެސް ނުއެނގުނެވެ. ވަރަށް އުފާވެސްވިއެވެ. އެތައްފަހަރަކު ﷲ އަށް ޙަމްދުކުރީމެވެ. އަދި މިހާރުވެސް މިގެންދަނީ އަހަރެންނަށް އެފަދަ ޙާލެއް ނުޖެހި ފުރާނަ ސަލާމަތްކުރެއްވެވި ކަމަށްޓަކައި ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރަމުންނެވެ. ލިބޭ މިންވަރަކުން ޞަދަޤާތްވެސް ކުރަމުންނެވެ.
ފުލުހުންގެ ތަޙްޤީޤުގައި އޭނާ ބުނެފައިވަނީ އޭނާއަކީ އެހައި ރަޙުމް ކުޑަ މީހަކަށް ބަދަލުވީ އޭނާ އެންމެ ލޯބިވާ ކުއްޖާ އޭނާ ދެކެ ލޯބިނުވުމުން ކަމަށެވެ. އަނެކާ ދެކެ ލޯބިވުމާއި ނުވުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. މީހަކު ތިމާދެކެ ލޯބިނުވުމަކީ މީހުން މަރަންޖެހެންވީ ސަބަބެއްކަމަށް އެއްވެސް މީހަކު ޤަބޫލުކުރާނެ ހެއްޔެވެ؟ ދެރައީ ލޯތްބަކީ ނުހަނު މާތް، މަތިވެރި އެއްޗަކަށްވާއިރު މިފަދަ އަނިޔާވެރިކަން ބޮޑު ޖަރީމާތަކާއި ލޯތްބާއި ގުޅުވާކަމެވެ.
އަންހެންކުދިންނަށް ބުނަން އޮތީ ފިރިހެނުންދޭ ދައުވަތުތައް ޤަބޫލުކޮށް ގޭގެއަށް ނުދާށެވެ. މިފަދަ އެތައް ބައިވަރު ފިރިހެނުން އުޅޭނެއެވެ. ދެރައެއް ލިބޭނީ ބުނެފައެއް ނޫނެވެ. ޙައްލަކީ ހަމަ ﷲ އަށް ބިރުވެތިވުމެވެ.
އޭނާގެ ޝަރީޢަތްކޮށް މިހާރުވަނީ މަރުގެ އަދަބުވެސް ދީފައެވެ. އެއީ މީހަކަށް ދުނިޔެމަތީގައި ލިބޭނެ އެންމެ ބޮޑު އަދަބުކަމަށްވެދާނެއެވެ. ހިތާމައަކީ މިފަދަ ބޮޑެތި އަނިޔާވެރިންގެ ތެރެއިން އަތުލައިގަނެވުނީ މަދުބައަކު ކަމެވެ.
- ޝަމްސިއްޔާ / ޚާންޕޫރު / ޕާކިސްތާން
Advertisement
7 މާޗް 2022