އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ތުއްތު ކުއްޖަކު ބަލައިދޭން ކިޔަވަމުން ދިއަ ކޯސް މެދުކަނޑާލުމުން ލިބުނު ސެޓުފިކެޓާ ވަޒީފާއިން ހިތްފުރި ބަންޑުންވި އަންހެނެއްގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ތުއްތު ކުއްޖަކު ބަލައިދޭން ކިޔަވަމުން ދިއަ ކޯސް މެދުކަނޑާލުމުން ލިބުނު ސެޓުފިކެޓާ ވަޒީފާއިން ހިތްފުރި ބަންޑުންވި އަންހެނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 6 ސިކުންތު

އަޅުގަނޑަށް ކިޔަވައިދިނުމުގެ ބޭނުމުގައި މައިންބަފައިން އަޅުގަނޑު މާލެގެނައި އިރު އަޅުގަނޑުގެ އުމުރަކީ 22 އަހަރެވެ. އިންމީދަކީ ޓީޗިންގ ދާއިރާއިން ކިޔެވުމެވެ. އަޅުގަނޑު މާލެ ގެނެސް ބޭލި ގޭގައި އުޅެނީ ވަރަށް މުސްކުޅި ދެމަފިރިއަކާއި އެމީހުންގެ ފިރިހެން ދަރިފުޅެވެ. އެމީހުންނަކީ ވަރަށް ތަނަވަސް ބައެކެވެ. 

މާގިނަ ދުވަހެއްނުވެ އެ ފިރިހެން ކުއްޖާ ކައިވެނިކޮށްގެން އަނބިމީހާ ގެއަށް ގެނެސްފިއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެއަންހެން މީހާގެ ބާރު މުޅި ގެއަށް ހިންގަން ފަށައިފިއެވެ. މަންމައާއި ބައްޕަ ޢާއި ދިމާއަށް އެއްޗެތިކިޔާވަރުން އެދެމަފިރިން ކޮޓަރިން ނުނުކުމެ ތިބެން ފަށައިފިއެވެ. އަޅުގަނޑަށްވެސް އެއްވެސް ކަމެއް ރަނގަޅަށް ކުރެވޭ ކަމަކަށް ނުވެއެވެ. 

އެކަން ކަމަކަށް ނުހަދައި ކެތްތެރިވީމެވެ. މާލެ އައި މަޤްޞަދު ކޮންމެ ގޮތަކުން ނަމަވެސް ޙާޞިލްކުރުމުގެ ބޭނުމުގައެވެ. އަދި އަމިއްލަ މައިންބަފައިން ނޫން ކޮންމެ ބައެއްގެ ގާތުގައި އުޅުނު ނަމަވެސް ތަފާތު މައްސަލަތައް ކުރިމަތިވާނެކަމަށް ބަލައި އެއީ މައްސަލައެއް ކަމަކަށް ނުހަދަމެވެ. 

ދުވަސްކޮޅަކުން އޭނާ ބަލިވެއިނދެއްޖެއެވެ. އެންމެންވެސް ހީކުރީ އެހިސާބުން އޭނާ އިޞްލާޙްވާނެ ކަމަށެވެ. ނަމަވެސް ކަންތައްތައް ވެގެންދިއައީ އެގޮތަކަށް ނޫނެވެ. ކަންތައްތައް ދިއައީ ގޯހުން ގޯހަށެވެ. ބައެއް ފަހަރު އެ ޒުވާނާ ވަރަށްދެރަވެފައި އިންނަތަންވެސް ފެނެއެވެ. އެހާލަތުގައިވެސް މައިންބަފައިން އެދެމުން ދިއައީ ދަރިއަކު ލިބެން އުޅޭތީ ކެތްތެރިވުމަށެވެ. 

ދުވަސްފުރައި ވިހައިފިއެވެ. ނަމަވެސް ކުއްޖާއަކާއިވެސް އަޅައެއް ނުލައެވެ. ދޭތެރެއިން ދަރިފުޅު އެނދުންވެސް ވެއްޓެއެވެ. އެނދުން ވެއްޓުނު ދުވަހަކު ރޯއަޑަށް އަޅުގަނޑު އެކޮޓަރިއަށްވަދެ ދަރިފުޅު ނެގިވަގުތު ޒުވާނާ މަސައްކަތުން ނިމިގެން އައިސް ކޮޓަރިއަށްވަނެވެ. ސުވާލުކުރުމުން ޖަވާބެއް ނުދެމެވެ. ނަމަވެސް ކުއްޖާ ވެއްޓުނީ މޫނުވަތަށް ކަމަށްވުމުން ވެގެން އުޅޭގޮތް އޮޅޭކަށް ނުޖެހެއެވެ. ދަިފުޅުގެ މޫނުމަތިން ފެންނަން ހުރުމުންނެވެ. 

ކުއްޖާ ހުއްޓުވޭތޯ އުޅެނިކޯށް ކުއްޖާގެ މަންމަވެސް ބޭރުން އައިސްވަދެއްޖެއެވެ. ވަންގޮތަށް ދަރިފުޅު އަތުލާފައި އެއްޗެތިކިޔަންފެށީ އަޅުގަނޑާއި ދިމާއަށެވެ. އެއްޗެތި ކިޔަމުން ގޮސް "މިހެރަ ލަދުހަޔާތްކުޑަ ނިކަމެތި ނޯކިރީ އަންހެނާ މިކޯޓަރިއަށް ވަދެ އަހރެންގެ ފިރިމީހާ ބޮލަށް ޗިޕްޖަހަން ދެންމީ ކާކު؟" ތޯ ސުވާލުކުރުމުން ވަރަށް ދެރަވިއެވެ. އަދި އެކޮޓަރިއަށް ވަންކަމުގެ އަދަބެއްގެ ގޮތުން އެގެއިން ވަގުތުން ނުކުންނަން އަމުރުކުރުމުން ރޮމުން ކޮޓަރިން ނުކުމެވުނީ މުސްކުޅި ދެމަފިރިންގެ ކުރިމައްޗަށެވެ. 

މަންމަ ގައިގައި އަޅުގަނޑަށް އޮޅުލައިގަނެވުނެވެ. ބޭރުގައި ތިބެގެން އެދެމަފަރިން ވަނީ ދެއްކި ވާހަކަތައް އަޑުއަހައިފައެވެ. އެމީހުން ބުނީ އަޅުގަނޑު ގެއިން ހިނގައްޖެނަމަ އެދަމަފިރިންނަށް ވަރަށް ނިކަމެތި ޙާލު ޖެހޭނެ ކަމަށާއި ގެއިން ނުދިއުމަށެވެ. 

އެއަޑު އިވިގެން އެމީހުންގެ ދަރިފުޅު ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އަދި އަނބިމީހާއަށް ބުންޏެވެ. "ކަލެއަށް ރަނގަޅަށް ކަންކަން ކުރެވޭތޯ ވަރަށް މަސައްކަތްކޮށްފީމެވެ. ނަމަވެސް ނުކުތް ނަތީޖާއެއް ނެތެވެ. ކުޑައިރުންސުރެ ބަލައި ބޮޑުކުރި މައިންބަފައިން ނިކަމެތިކޮށްލައިފީމުއެވެ. ދަރިއަކު ލިބުމުން ނުބަލައި އަބަދު ތިއައުޅެނީ ބޭރުގައެވެ. ކޮންމެ ދުވަހަކު ބޭރަށް ނުގޮހެއްވެސް ނުވެއެވެ. މިހައިތަނަށްވެސް ކެތްތެރިވީ މަންމަމެންގެ ބަހަށެވެ. ނަމަވެސް މިއަދު އަހަރެންގެ ބަސް މިބުނަނީ އެވެ. ދެން ކަލޭ މިގެއިންދާށެވެ. އިތުރަށް ކަލޭ މިގޭގައި އިންނަންވެއްޖެނަމަ ފެންނާނީ ދަރިފުޅު ވެއްޓި ތަނެއް ބިނދިފައި އޮއްވައި ނޫންކަމެއްވެސް ނުއެނގެއެވެ." 

އެވަރުންވެސް އޭނާގެ ކުށް ޤަބޫލުކުރަން ބޭނުމެއް ނުވިއެވެ. އޭނާ ބުނީ ދާނީ ދަރިފުޅު ބާއްވާފައި އެކަނިކަމަށެވެ. އޭނާ އެގޮތަށްވެސް ރުހުމުން އަނބިމީހާ ނުކުމެގެން ހިނގައްޖެއެވެ. އެހިސާބުން ގޭތެރެ އަމާންވެއްޖެއެވެ. ނަމަވެސް އެކަންވީ އަޅުގަނޑަށް ކުރިމަތިވި ވަރަށް ބޮޑު މައްސަލައަކަށެވެ. އެއީ މައަކަށްވެގެން ގޭގައި އިންނަން ޖެހުމުންނެވެ. ކިޔެވުންވެސް މެދުކަނޑާލަން ޖެހުމުންނެވެ. 

ﷲ އަށް އިޚްލާޞްތެރިނަމަ އެއްދޮރު ބަންދުކުރައްވަވާނީ އެއަށްވުރެ މާބޮޑު ދޮރެއް ހުޅުއްވަވައި ދެއްވަވާފައިކަމަށް ބުނެވޭ ބަހަށް ޔަޤީންކަން އޮންނާތީ ޤަޞްދުކުރީ ކުރިމަތިވި ޙާލަށް ކެތްތެރިވާށެވެ. އެއީ އެކުއްޖާގެ މާމަ އާއި ކާފައަށް ކުއްޖާ ނުބެލޭނެތީއެވެ. އަދި ކުއްލިއަކަށް ކުއްޖާ ބަލާނެ އަންހެނަކުވެސް ނުހޯދޭނެކަން އެނގޭތީއެވެ. 

ކުއްޖާ ބަަލަމުންދާތާ އަހަރުވީއިރުވެސް ކުއްޖާ ބަލާނެ އަންހެނަކު ހޯދަން ނުއުޅުމުން އެއްދުވަހު އޭނާކުރެން އަހައިލީމެވެ. "އަޅުގަނޑަށް ކިޔަވަން ދެވެން ފަށާނީ ކޮންދުވަހަކުންތޯއެވެ؟" ސުވާލަށް އޭނާދިނީ ވަރަށް ކުރު ޖަވާބެކެވެ. "މިހާރު ކިޔަވައި ނިމިއްޖެއެވެ. ދެން އޮތީ ސެޓުފިކެޓް ދިނުމުގެ ރަސްމިއްޔާތު ބޭއްވުމެވެ." 

އެބުނި ބަހުގެ މާނައެއް ނުވިސްނުނެވެ. ނަމަވެސް އިތުރަށް ސުވާލުކުރާކަށް ނުކެރުނެވެ. އޭނާއަކީ އެހައި ގިނައިން ވާހަކަދައްކާ މީހަކަށްނުވާތީއެވެ. އެކަމަކު އެރޭ މަންމަމެން ގާތުގައި އެވާހަކަ ދެއްކީމާ ފެށީ ހޭނށެވެ. ބުނީ "ކަންކަން އެބަ ރަނގަޅުވޭތާއެވެ. ތިއަ ރަސްމިއްޔާތަށް ދާން ޜީތި ހެދުމެއް ކޮންމެގޮތަކުންވެސް ފަހަންޖެހޭނެތާއެވެ!" އަނެއްކާވެސް އެރީ އޮޅުމެވެ. ކަމެއް އޮޅުންފިލާނެ ގޮތެއް ނުވިއެވެ. 

އެއިގެ މަހެއްހައި ދުވަސްފަހުން ފެނުނީ ކުއްލިއަކަށް އަޅުގަނޑުގެ މަންމައާއި ބައްޕަ މާލެ އައިތަނެވެ. އެރޭވެސް އޭނާ ބުނީ މަންމަ ޢާއި ބައްޕަ މާލެ އައީ އަޅުގަނޑަށް ސެޓުފިކެޓްލިބޭ ރަސްމިއްޔާތަށް ކަމަށްވެސް ބުންޏެވެ. އެއިގެ އިރުކޮޅެއްފަހުން ސިޓިންގ ރޫމަށް ދިއައިރު އެނާގެ މަންމައާއި ބައްޕައާއި އަދި އަޅުގަނޑުގެ މަންމަ އާއި ބައްޕަ ޢާއި އިތުރު ދެމީހަކު އެތަނުގައި ތިއްބެވެ. 

އަޅުގަނޑު ދިއުމުން ބުނީ މިއީ ރަސްމިއްޔާތުގެ ކުޑަބައި ކަމަށާއި އެހިސާބުން އެބައި ފެށުނީކަމަށެވެ. "މިރަސްމިއްޔާތަކީ އަހަރެން ޝިފްނާ އާއި ކައިވެނިކުރަން ބޭނުންވާތީ އޭނާގެ ރުހުން ހޯދައި ރުހޭނަމަ ރަންކިޔަން ބާއްވާ ރަސްމިއްޔާތު. މިރަސްމިއްޔާތު ކުރިއަށް ގެންދާނީ ހެކިވެރިން." ކަމަށް ބުނުމުން އަޅުގަނޑު ލަދުންގޮސް ހަލާކުނުވީ ހަމަކިރިޔާއެވެ. އެއީ އޭނާގެ ދުލުން އެބާވަތުގެ ބަހެއްވެސް އެހައިތަނަށް ބުނެފައި ނެތި ކުއްލިއަކަށް އެގޮތަށް ކަންތައް ކުރުމުންނެވެ. 

ދުވެފައި ގޮސް އެގޭގެ މަންމަގެ ގައިގައި އޮޅުލައިގްނެވުނެވެ. މަންމަ ބުންޏެވެ. "އަޅައިވެސް ނުލާ އަވަހަށް ރަންކިޔައި މިކަން ނިންމައިލާށެވެ. މާދަމާރޭ ސެޓުފިކެޓް ދިނުމުގެ ރަސްމިއްޔާތު އޮންނާނެއެވެ." އެހިސާބުން އަޅުގަނޑުގެ މަންމަވެސް އައިސް ރަންކިޔަން ބުނެފިއެވެ.

ކޮންމެއަކަސް އަނެއްރޭ ކައިވެނިކޮށްފިއެވެ. ކައިވެނީގެ ކަންކަން ނިމުނީމާ ކައިވެނި ސެޓްފިކެޓް އަޅުގަނޑު އަތަށް ދީފައި ފިރިމީހާ ބުންޏެވެ. "މިރޭ ތިއަ ލިބުނު ސެޓުފިކެޓުން މާފައިދާކުރާނެއެވެ." 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަޅުގަނޑުގެ އެއްވެސް ކުށެއް ނެތި އަޅުގަނޑާއިދިމާއަށް އެހައި ހުތުރުކޮށް ބަސްތައް ބުނި އެއަނހެން މީހާ އެބުނި ނުބައި ބަސްތަކަށް ކެތްތެރިވެ ޖަވާބެއް ނުދިނުމުގެ އަގު އަޅުގަނޑަށް ލިބުނީ މިފަދައިންނެވެ. އަޅުގަނޑުމެންގެ ކައިވެންޏަށް މިހާރު 20 އަހަރުވީއެވެ. އަޅުގަނޑުމެންނަށްވެސް 4 ދަރިން ލިބިއްޖެއެވެ. ކުރިން ލޯބިވެގެން ނުއުޅުނު ނަމަވެސް ކަިވެންޏަސްފަހު ދިރިއުޅެމުން މިދަނީ ވަރަށް ލޯބިންނެވެ. 

ހަމައެކަނި ޢިބްރަތަކަށްޓަކާ މިވާހަކަކޮޅުވެސް ބުނެލާނަމެވެ. އަޅުގަނޑުމެން ކައިވެނިކުރިތަނާދަރިފުޅު ހަނދާންވާތީކަމަށް ބުނެ ދަރިފުޅު ހޯދަން އައެވެ. ނަމަވެސް އޭނާގެ ޙަޤީޤަތް އެނގޭތީ ފރިމީހާ އޭނާއަށް އެފުރުޞަތު ނުދިނީއެވެ. އެނާ ދަރިފުޅަށް ފަރިވާކުޑަކޮށް ގެއިން ބޭރުގައި އުޅުނު ސަބަބާއި އެނބުރި އެއީ އެކަންތައްވެސް ކާމިޔާބުނުވުމުންކަން ވެސް ފިރިމީހާއަށް އެނގެއެވެ. 

އޭނާގެ އަނިޔާގައި އަޅުގަނޑު އެތައް އަހަރަކު ކެތްތެރިވީމެވެ. އެ ތުއްތު ދަރިފުޅު ބަލައިދޭ އެހައިވަރުން ކިޔަވަމުން ދިއަ ކިޔެވުންވެސް މެދުކަނޑައިލީމެވެ. ބަދަލުގައި އަޅުގަނޑަށް ލިބުނު ސެޓުފިކެޓާއި ވަޒީފާއިން ދިއައީ ހިތްފުރި ބަންޑުންވެގެންނެވެ. އެއީ ދުވަހަކުވެސް އުންމީދުވެސްކުރި ކަމެއް ނޫނެވެ. އެހެނަސް އަޅުގަނޑުދެކެނީ އެއީ އަޅުގަނޑު ކެތްތެރިވުމުންނާއި ވީ ޤުރްބާނީގެ އަގު ކަމަށެވެ. 

އަޅުގަނޑުގެ މިވާހަކަކޮޅުން ކިޔުންތެރިންނަށް ފައިދާއެއް ކުރާނެ ކަމަށް އުންމީދުކުރަމެވެ. 

- ޝިފްނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް