އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ތަނަވަސް އަންހެނަކު ފެނުމުން އަނބިދަރިން ނިކަމެތިކޮށް އެއްލައިލި ފިރިއަކަށް އެއްލައިލި އަނބިމިހާގެ ނޯކަރަށްވާންޖެހުނު ގޮތުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ތަނަވަސް އަންހެނަކު ފެނުމުން އަނބިދަރިން ނިކަމެތިކޮށް އެއްލައިލި ފިރިއަކަށް އެއްލައިލި އަނބިމިހާގެ ނޯކަރަށްވާންޖެހުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 9 ސިކުންތު

އަޅުގަނޑަކީވެސް މީހަކު ދެކެ ލޯބިވެގެން ދުވަސްތަކަކު އުޅެފައި ކައިވެނިކުރި އަންހެނަކީމެވެ. ދިރިއުޅެމުން އައީވެސް ހަމަ އުފަލުގައެވެ. ނަމަވެސް އެކަން ދެމިއޮތީ ދަރިއަކު ލިބެންދެންނެވެ. ލިބުނު ދަރިފުޅަކީ ހިނގޭ ކުއްޖެއް ނޫންކަން އެނގުނު ހިސާބުން ފެށިގެން ފިރިމީހާ އަޅުގަނޑާއި ދުރުހެލިވާން ފަށައިފިއެވެ. ދެމައިންނަށް ކުރާ ޚަރަދުތައް ކުޑަކުރަން ފަށައިފިއެވެ. 

އަޅުގަނޑަކީވެސް ކިޔަވައިގެން އިން އަންހެނަކީމެވެ. ނަމަވެސް ވަޒީފާއެއް އަދާކުރަން އޮތް ހުރަހަކީ ދަރިފުޅު ގާތުގައި އަބަދު ހުންނަން ޖެހޭކަމެވެ. ބަލިކުއްޖަކު ޙަވާލުކޮށްފައި ވަޒީފާއަށް ދެވޭވަރަށްވުރެ މަންމަ މުސްކުޅިއެވެ.

އެހެންކަމާއިއެކުވެސް މަޖުބޫރުވުމުން ވަޒީފާއެއް ހޯދަން ވިސްނީމެވެ. ވިސްނަމުންގޮސް ހަފްލާތައް ބާއްވައިދީ ހަދާ އެކުވެރި އަންހެނެއްގެ ގާތުން ވަޒިފާއަކަށް އެދުނީމެވެ. އޭނާ އަޅުގަނޑަށް ދިނީ ވެއިޓަރެއްގެ ވަޒިފާއެވެ. މަސައްކަތުގައި އުޅެންޖެހެނީ މަދުވަގުތުކޮޅަކުއެވެ. ރަނގަޅު އާމްދަނީއެއް ލިބެއެވެ. އެވާހަކަ ފިރިމީހާ ގާތަކު ނުބުނަމެވެ. އޭނާ ގެއަށް އަންނަނީ މެންދަންވާފަހުން ކަމަށްވުމުން އޭނާއަކަށް އަޅުގަނޑު އެވަޒީފާއަށްދާކަމެއް ނުއެނގެއެވެ. 

އެއްރެއަކު ބޭއްވި ހަފްލާއެކެވެ. އާދައިގެމަތިން މަސައްކަތުގައި އުޅެނިކޮށް ފެނުނީ ތަނަވަސް އަންހެނަކާއިއެކު ފިރިމީހާ ވަދެގެން އަންނަތަނެވެ. އަތުގައިހުރި ތަބަށް އަރިއަޅާލައި ތަށިތަށް ނުވެއްޓުނީވެސް ކިރިޔާއެވެ. ނަމަވެސް ކެތްތެރިވީމެވެ. ފެނުނު ކަމަކަށްވެސް ނުހަދަމެވެ. އެދެމީހުންނަށްވެސް ޚިދުމަތްދިނީމެވެ. 

އެރޭ ފިރިމީހާ ގެއަށް އައީ ދަންވަރު 3 ޖެހިއިރުއެވެ. ނިދާފައި ކަމަށް ހެދިގެން އޮތީއެވެ. އަނެއް ދުވަހު ހެނދުނު ތެދުވެ ފިރިމީހާ އޮފީހަށްދާން އުޅުމުން ވަރިކޮށްދިނުމަށް އެދުނީމެވެ. ފިރިމީހާ ބުނީ އޭނާ އާއި ގުޅިގެން އުޅެނީ ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އަލުގަނޑު ބުނީ އޭނާއަށްވިޔަސް މަކަރު ހެދުން ހުއްދަ ނޫން ކަމަށެވެ. އަދި އެނާއަތުން ފައިސާލިބޭނަމަ އަހަރެމެންނަށް ޚަރަދުނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ތިއަ ދައްކާ އެއްވެސް ވާހަކައެއް ދެކޮޅު ނުޖެހޭ ކަމަށެވެ.

ކޮންމެއަކަސް މަހެއްހައި ދުވަސްފަހުން އަޅުގަނޑު ވަރިކޮށްދީފިއެވެ. އުޅެމުން ދިއައީ ވަރަށް ދަތިޙާލުގައެވެ. ނަމަވެސް ކެތްތެރިވީމެވެ. އެއްވެސް މީހެއްގެ ގާތުން އެހީތެރިކަމަކަށް ނުއެދެމެވެ. އެހެން އިނދެ އިއްދަ ހަމަވިތަނާ ބޭއްވި ޙަފްލާއަކުން ފިރިހެނަކާއި ބައްދަލުވިއެވެ. އޭނާ އަޅުގަނޑުގެ ކަންކަން އޮޅުންފިލުވިއެވެ. ކުރުގޮތަކަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. އެނާ އެދުމުން ފޯނު ނަމްބަރުވެސް ދިނީމެވެ. ފިރިއަކު ލިބޭނީވެސް ފިރިހެނުންނާއި ވާހަކަ ދައްކައިގެން ކަމަށްވާތީއެވެ. 

އަނެއް ދުވަހު އޭނާ އަޅުގަނޑަށް ގުޅާފައި އަޅުގަނޑު ކަމުދާކަމަށްބުނެ ފުރަތަމަވެސް އެދުނީ އޭނާ އާއި ކައިވެނިކުރުމަށެވެ. އަޅުގަނޑު ބުނީ ކަމުދާނަމަ ކައިވެނި އަވަސްކުރުމަށެވެ. ލޯބިވެގެން އުޅެން ވަގުތު ހޭދަކުރެވެން ނެތްކަމަށެވެ. ވަރަށް އަވަހަށް ފިރިއެއްގެ އެހީތެރިކަމަށް ބޭނުންވާ ކަމަށެވެ. 

އޭނާ އެކަން ޤަބޫލުކުރިއެވެ. 10 ވަރަކަށް ދުވަސްތެރޭގައި ކައިވެނިކޮށްފިއެވެ. އޭނާއަކީ ކިހާ ފެންވަރެއްގެ މީހަކުކަން ރަނގަޅަށް އެނގުނީވެސް ކައިވެނިކުރި ފަހުންނެވެ.

ކައިވެންޏަށްފަހު އޭނާ ފުރަތަމަވެސް ބޭނުންވީ ދަރިފުޅުގެ ފަރުވާއަށް ބެންކޮކަށްދާށެވެ. އަދި އެދަތުރަކީ ހަނީމޫން ދަތުރަށްވެސް ހަދާށެވެ. އެދަތުރު ނިމިގެން އައިސް ފިރިމީހާ ބުނީ އޭނާގެ އެއްކުންފުނި ހިނަގައިދޭންވާނީ އަލުގަނޑު ކަމަށެވެ. ކަންކަން އެނގޭ މީހުން ވަޒީފާތަކުގައި ތިބޭނެ ކަމަށާއި އެމީހުން ކުރާ ކަންކަން ބަލަހައްޓާލުމުން ފުދޭނެ ކަމަށެވެ. 

އަޅުގަނޑު ގޮވައިގެން ފުރަތަމަ ދުވަހު އޮފީހަށް ދިއައީ ފިރިމީހާއެވެ. ދިއައިރު ހުރިހާ މުވައްޒިފުން އިސްތިޤްބާލުގައި ތިއްބެވެ. އެދުވަހުވެސް ލިބުނީ ބޮޑު ސިހުމެކެވެ. ކުރީގެ ފިރިމީހާއަކީ އެކުންފުނީގެ މުވައްޒިފެކެވެ. ނަމަވެސް ދަންނަ މީހަކު ކަމަކަށްވެސް ނުހަދަމެވެ.

އެއްދުވަހަކު ލިޔުމެއްގައި ސޮއިކުރުވަން އައިސް ވާހަކަދައްކަން ފެށިއެވެ. "އަހަރެންނަށް މާފުކުރާށެވެ. ކަލޭ ވަރިވިތަނުން އޭނާވެސް އަހަރެންނާއި ވަކިވެއްޖެއެވެ. މިހާރު އޭނާ މީހަކާ ކައިވެނިވެސް ކޮށްފިއެވެ. ލިބުނީ ވަރަށް ބޮޑު ދެރައެކެވެ." ޖަވާބުގައި ބުނީމެވެ. "ފިރިހެން މުވައްޒިފުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމުގެ ވާހަކަ އަޑުއަހަންޖެހޭނީ އަހަރެންގެ ފިރިމީހާ އާއިއެކުގައެވެ. ރަނގަޅަށް މަސައްކަތްކުރާށެވެ. ވަޒީފާގައި ހުރެވޭނެއެވެ." 

ފަހުން ދުވަހަކު ފިރިމީހާ ގާތުގައި "އެއޮފީހަށް އަހަރެން ގެންދިއައީ ހުރިހާ ކަންކަން ހަމަ އެނގި ހުރެގެންތޯ؟" ސުވާލުކޮށްލީމެވެ. ޖަވާބުގައި ބުނީ އިމްތިޙާންކޮށްލީ ކަމަށާއި އިމްތިހާނުން ފާސްވެއްޖެކަމަށެވެ. އެހެން ބުނެފައި އަޅުގަނޑު އެސުވާލުކުރި ސަބަބު ވިސްނިގެން ކުރީގެ ފިރިމީހާ އެހެން ކުންފުންޏެއްގެ ވަޒީފާއަށް ބަދަލުކޮށްފިއެވެ.

އަޅުގަނޑުގެ ދެވަނަ ކައިވެންޏަށް މިއީ 12 އަހަރެވެ. އިރާދަފުޅުން ދިރިއުޅެމުން މިދަނީ ހަމަ އުފަލުގައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ބޭވަފާތެރި ފިރިންގެ މަޅީގައި ތާށިވެގެން ތިބޭނަމަ އަބަދުވެސް ޖެހޭނީ ރޮއިރޮއި އިންނާށެވެ. ކައިވެންޏަކީ އަހުދުނާމާއެކެވެ. ބޭވަފާތެރިވާ ހިސާބުން އަހުދުނާމާ އުވުނީއެވެ. ދެން ރަނގަޅުވާނީ އެހެން ގޮތެއް ހޯދަން މަސައްކަތްކުރުމެވެ. އަހަރެމެން އަންހެނުން ރަނގަޅު ގޮތުގައި ތިބޭނަމަ މާރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

މިއީ އަޅުގަނޑަށް ކުރެވުނު ތަޖުރިބާއެވެ. އަޅުގަނޑަށް ދަސްވި ފިލާވަޅެވެ. 

- ސަމީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް