އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 57 ސިކުންތު
އޭނާއަކީ އަބަދުވެސް އަހަރެން ފެނުމުން ކަޅިއަޅާ ފިރިހެނެކެވެ. ނަމަވެސް އަހަރެން އޭާއަކަށް ސަމާލުކަމެއް ނުދެމެވެ. އަހަރެންނަށް އެނގޭ ގޮތުން އޭނާއަކީ ކޮންމެވެސް ރިޒޯޓެއްގެ ވަޒީފާގައި މަސައްކަތްކުރާ މީހެކެވެ. އޭނާގެ މަސައްކަތަކީ އެއާޕޯޓަށް ފަތުރުވެރިން އައުމުން ރިޒޯޓުގެ ލޯންފަހަރަށް އަރުވާފައި ފޮނުވާލުމެވެ.
އަހަރެން އަބަދުވެސް އުންމީދުކޮށްގެން ހުންނަނީ ވަރަށް ތަނަވަސް މީހަކާ ކައިވެނިކުރުމަށެވެ. އެހެން ހުއްޓައި އެއްރޭ ގޭދޮރުމަތީގައި ހުއްޓައި މަގުމަތިން އޭނާ އަހަރެންނާ ވާހަކަދެއްކިއެވެ. އޭނާއަށް އަހަރެން ވަރަށް ކަމުދާކަމަށްބުނެ އަހަރެންނާއި ކައިވެނިކުރަން އެދުނެވެ. އޭނާ ވާހަކަދެއްކީވެސް ލަދުވެތިކަމުގައި ހުރެ ވަރަށް މަޑުންމަޑުންނެވެ. ނަމަވެސް އަހަރެން ވަގުތުން ދެކޮޅު ހެދީމެވެ. ވާހަކަ ދެއްކުނީވެސް ތަންކޮޅެއް ދުރުގައި ތިބި މީހުންނަށް އަޑުއިވޭވަރަށެވެ.
ދުވަސްކޮޅެއްފަހުން ކައިވެނިކުރީމެވެ. އެއީ ސިވިލް އިންޖިނޭރެކެވެ. އެކަށީގެންވާ އާމްދަނީއެއްވެސް ހޯދާ މީހެކެވެ. ކައިވެންޏަށް 6 އަހަރުފުރުން ފާހަގަކުރަން އޮތް ދުވަހު ފިރިމީހާއަށް ލިބުނު މަސައްކަތެއް ސާރވޭކުރަން ރިޒޯޓަކަށް ދިއައިރު ދިއައީ އަހަރެންނާއި ކުދިންވެސް ގޮވައިގެންނެވެ. ރިޒޯޓުން އެފުރުޞަތު ހިލޭ ދީފައިވާތީ ޢާއިލާއަށް ދެވުނީއެވެ. އަގުދީގެންނަމަ ދާކަށް ފަސޭހައެއް ނުވީހެވެ.
އެއީ ހުކުރު ދުވަހަކަށްވުމުން ބައެއް ތަނަވަސް ޢާއިލާތައް ރިޒޯތުގައި އުޅެއެވެ. އަހަރެންގެ ހިތަށް އެރިއެވެ. "އެމީހުން އަގުދީފައި އައިސް ޗުއްޓީ ދުވަސް ހޭދަކޮށްލަނީ ވަރަށް އަރާމުގައެވެ. އަހަރެމެންނަށް މިފަދަ ތަނަކަށް މިއާދެވުނީ ހިލޭ ފުރުޞަތެއް ލިބުމުންނެވެ." ޙަޤީޤަތުގައި އަހަރެންނަކީވެސް އެފަދަ ފުރުޞަތުތަކަށް ވަރަށް ބޭނުންވާ އަންހެނެކެވެ. ފިރިމީހާގެ ތަނަވަސްކަން ކުޑަވުމުން ފުރުޞަތު ނުލިބެނީއެވެ.
އެ ރޭ ރެސްޓޯރަންޓުން ކައިނިމިގެން ގޮނޑިން ތެދުވަން އުޅެނިކޮށް ރެސްޓޯރަންޓް މެނޭޖަރު މަޑުކޮށްލަން ބުނުމުން މަޑުކޮށްލައިގެން ތިއްބާ ވެއިޓަރުން "ހެޕީ އެންވާސަރީ" ޖަހާފައޮތް ކޭކެއް ގެނެސްދިނުމުން ފިރިމީހާއަށްވެސް އަހަރެންނަށްވެސް ލިބުނީ ޙައިރާން ކަމެކެވެ. ބުނީ އެއީ އެމްޑީ ގެ ހަދިޔާއެއް ކަމަށެވެ.
ކޭކުފަޅައި ކައި ނިމިގެން ރެސްޓޯރަންޓުން ނުކުންނަން ދަނިކޮށް ކުރިމަތިން ފެނުނީ އަހަރެންނާއި ކައިވެނިކުރަން އެދުމުން އޭނާގެ މަޤާމު ދައްކަމުން ދެކޮޅު ހަދައި ލަދުގަންނަވައިލެވުނު މީހާ އާއިއެވެ. ފިރިމީހާ އޭނާއަށް ވަރަށް އިޙްތިރާމްކުރިއެވެ. އަހަރެންނަށްވެސް އޭނާ ތަޢާރްފަކޮށްދިނެވެ. "އަހަރެންނަށް މި ޕްރޮޖެކްޓް ޙަވާލުކުރީވެސް ރިޒޯޓަށް ދައުވަތުދިނީވެސް ކޭކު ހަދިޔާކުރީވެސް މީނާއެވެ. މީނާއަކީ މީގެ ކުރިންވެސް އަހަރެންނަށް މަސައްކަތް ހޯދައިދޭ ވަރަށް ގާތް އެކުވެރިއެކެވެ. އަހަރެންނަށް ވަރަށް ހެޔޮ މީހެކެވެ."
އެހެން ބުނުމުން އޭނާ އަހަރެންނަށް ބަލާލާފައި ހިނިތުންވެލިއެވެ. އެކަމަށް އެއްވެސް އެއްޗެއް ނުބުނެއެވެ. މަސައްކަތުގައި މާދަން ބައްދަލުކުރާނެ ކަމަށްބުނެފައި ދިއައީއެވެ. ކޮޓަރިއަށް ގޮސް އޭނާ އާއިބެހޭ ގޮތުން ސުވާލުކުރުމުން ބުނީ އެ ރިޒޯޓަކީ އޭނާގެ ޙިއްޞާ އޮންނަ ތަނެއް ކަމަށެވެ. އެރިޒޯޓުގެ މައި ހިއްސާދާރަކީ ބޭރުމީހެއް ކަމަށާއި ރިޒޯޓު ހޯދައިދޭން އޭނާ މަސައްކަތްކުރީތީ ޙިއްސާ ދިނީ ކަމަށެވެ.
އަނެއްދުވަހު ސްވިމިންގ ޕޫލަށް ކުދިން ގޮވައިގެން ދިއައިރު އޭނާވެސް އޭނާގެ އަނބިމީހާ އާއި ކުދިން ގޮވައިގެން ހަމަ އެތަނުގައި އުޅެއެވެ. ހިތަށް އެރިއެވެ. "އޭނާގެ އަނބިދަރިން ބޭނުން ކޮނަމެ ދުވަހަކުވެސް ރިޒޯޓަށް އަންނާނެތާއެވެ. ތިބޭނީ ވަރަށް އުފަލުންތާއެވެ! އަހަރެންނަށް ލިބުނު ފުރުޞަތު ބޮލާލައި ނުޖެހުނު ނަމައެވެ."
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ތަނަވަސް ފިރިއަކަށް ދަހިވެތިވުމުގެ ހުރި ނުބައިކަން ވަރަށް ރަނގަޅަށް އިޙްޞާޞްކުރެވިއްޖެއެވެ. އަހަރެންގެ ފިރިމީހާއަކީވެސް ފުދޭވަރެއްގެ އާމްދަނީއެއް ހޯދާ މީހަކަށްވާތީ ދިރިއުޅެލެވޭވަރުވެއެވެ. ނަމަވެސް ލިބެން އޮތް މާރަނގަޅު ފުރުޞަތު ނަގައިލެވުނީތީ އެކަން ހަނދާންވާ ކޮންމެ ފަހަރަކުވެސް ވަރަށް ދެރަވެއެވެ.
އަހަރެންގެ މިތަޖުރިބާއިން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށް އުންމީދުކުރަމެވެ.
- އައިޝް / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
17 މާޗް 2022