އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ފުރަތަމަ އަނބިމީހާގެ ހިތުގަޖައްސައި ދެރަދީފައިވުމަކީ ދަރިން ނުލިބޭ ސަބަބަކަށްވި މީހެއްގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ފުރަތަމަ އަނބިމީހާގެ ހިތުގަޖައްސައި ދެރަދީފައިވުމަކީ ދަރިން ނުލިބޭ ސަބަބަކަށްވި މީހެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 3 ސިކުންތު

އަހަރެމެން ދެމަފިރިންނަކީ ކައިވެންޏަސްފަހުގައިވެސް ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. ހަމައެކަނި މައްސަލައަކީ ކައިވެންޏަށް 6 އަހަރު ފުރި 7 ވަނަ އަހަރަށް އެޅިގެންދިއައިރުވެސް ދަރިއަކު ނުލިބުނު ކަމެވެ.  

އެތައް ޑޮކްޓަރުންނަކަށް ދެއްކުނެވެ. އެތައް ބައިވަރު ޓެސްޓްތަކެއް ހެދުނެވެ. އެއްވެސް ޓެސްޓަކުން އެކެއްގެ ކިބައިގައިވެސް ދަރިން ނުލިބެންވީ މައްސަލައެއް ހުރިކަން ފާހަގައެއް ނުކުރެވުނެވެ. އެހެންވެ ވަރަށް ލަދުން ތިބެވެސް ދީނީ ޢިލްމުވެރިއަކާއި މަޝްވަރާކޮށްލީމެވެ.  

އޭނާ ބުނީ ކޮންމެ މީހެއްގެ ވެސް ސިއްރުތަކެއް ހުންނާނެ ކަމަށެވެ. ވީމާ ކުރިން ކުރެވިފައިވާ ކަންކަމުގެ ވާހަކަ ދެއްކުމަކީ ގިނަ ފަހަރަށް މައްސަލަތައް އުފެދޭކަމަކަށްވާތީ އެފަދަ ވާހަކަތައް ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. ނަމަވެސް ދެމީހުންވެސް އަމިއްލައަށް ވިސްނައިލާށެވެ. ތިމާގެ ސަބަބުން އެހެން މީހެއްގެ ހިތުގައި ޖެހޭ ފަދަ ކަމެއް މެދުވެރިވެފައިވޭތޯއެވެ. އެއްވެސް މީހަކަށް ހިތްދަތިކަމެއް ދެވިފައިވޭތޯއެވެ؟ އެފަދަ ކަމެއް ކުރެވިފައިވާނަމަ އަވަހަށް މާފަށް އެދޭށެވެ. އަދި އެއީ ބަދަލުދެވެން އޮތްކަމެއް ނަމަ ބަދަލުވެސްދީ ހިތްޙަލާލުވެސް ހޯދާށެވެ!  

އެފަދަ ކަންކަމަކީވެސް ތިމާ އެންމެ ބޭނުންވާ ކަންކަން ޙާޞިލުވުމަށް ހުރަސް އެޅޭ ކަމެކެވެ. އެހެން މީހަކަށް ދެރައެއް ދީފައި އުފަލުގައި ދިރިއުޅެން ނުވިސްނާށެވެ. އެކަން ކޮންމެވެސް ސިފައެއްގައި އެމީހަކާއި އަރައިހަމަކުރާނެއެވެ.

އަޅުގަނޑު ވަރަށް ބޮޑަށް ވިސްނީމެވެ. އަޅުގަނޑަށް އެފަދަ ކަމެއް ކުރެވިފައިވާކަން ހަނދާނަކަށް ނައެވެ. އެހެންވެ ފިރިމީހާ ގާތުން އޭނާ އާއިމެދު ސުވާލުކުރަން ފެށީމެވެ. އޭނާ ބުނަނީ އޭނާވެސް އެފަދަ ކަމެއް ކުރިކަން ހަނދާނުގައި ނެތްކަމަށެވެ.  

އަޅުގަނޑަކީ އަބަދުވެސް އަޅުކަންކުރަން، ޚާއްސަކޮށް ދަމުނަމާދުކުރަން ސަމާލުކަންދީގެން އުޅެމުން އައި އަންހެނަކީމެވެ. ފިރިމީހާއަކީވެސް 5 ނަމާދުކުރާ މީހެކެވެ.  

އެއިގެ ކުޑަ ދުވަސްކޮޅެއްފަހުން އަޅުގަނޑަށް ހުވަފެނުގައި ފެނުނީ 8، 10 އަހަރުގެ ކުޑަކުއްޖެކެވެ. "ދޮންމަންމާ!" ގޮވާލާތަނުން ހޭލެވެނީއެވެ. އެހުވަފެން 3 ރޭ ފެނުމުން ފިރިމީހާ އާއި ސުވާލުކުރީމެވެ. "ކަލޭ ކުރިން ކައިވެންޏެއް ކުރިންހެއްޔެވެ؟ ކުރިނަމަ އަބިމީހާ ކޮބައިހެއްޔެވެ؟ ދަރިއަކު ލިބުނު ހެއްޔެވެ؟ ލިބުނުނަމަ ދަރިފުޅު ކޮބައިހެއްޔެވެ؟"  

ފިރިމީހާއަށް ހީކުރެވުނީ އަހަރެންނަށް ކަންތައްތަކެއް އެނގިގެން ސުވާލުކުރީކަމަށެވެ. އެހެންވެ ބުންޏެވެ. "ދޮގެއް ހަދާކަށް ނެތީމެވެ. ރަށުގައި އުޅުނުއިރު އަހަރެން ކައިވެންޏެއް ކުރީމެވެ. މާލެއައިސްފައި ވަރިކުރީއެވެ. އެއިގެފަހުން އޭނާގެ ޙާލެއް ނުބަލަމެވެ. އެކަން އެހެންވީ ސަބަބަކީ އެއީ ޢޭނާ އަހަރެންނާއި ހެދި އުޅެން ހަދައިގެން ކުރެވުނު ކައިވެންޏަކަށްވާތީއެވެ."  

އަނެއް ދުވަހު ފިރިމީހާ އޭނާގެ މަންމައަށް ގުޅައި އެ އަންހެންމީހާ ކޮބައިތޯ ސުވާލުކުރުމުން ކިޔައިދިނެވެ. "ވަރިކުރިއިރު އިނީ ބަލިވެއެވެ. އޭނާ އެކަމާ ހިތާމަކުރަމުންގޮސް ވަރަށް ބޮޑަށް ބަލިވިއެވެ. ވިހާފައި މަރުވީއެވެ. ކުއްޖާ އެބަ އުޅެއެވެ."  

ކޮންމެއަކަސް ފިރިމިހާއަށް ވިސްނައިދީގެން އެރަށަށް ދިއައިމެވެ. އެކުއްޖާ ހޯދީމެވެ. އޭނާ ބަލަނީ މާމަ އާއި ކާފައެވެ. އެދެމަފިރިންގެ ކިބައިން ފިރިމީހާ މާފަށް އެދުނެވެ. އަދި ދަރިފުޅު ރަނގަޅު ގޮތުގައި ބަލައި ބޮޑުކުރާނެ ކަމުގެ ޔަޤީންކަން ދީފައި އަޅުގަނޑުމެން އައީ ދަރިފުޅު ގޮވައިގެންނެވެ. އަދި އެއީ ވަރަށް ނިކަމެތި ބައަކަށްވާތީ މަހުން މަހަށް އެހީތެރިކަންވެސް ފޯރުކޮށްދޭން ފެށީމެވެ.  

ދަންނަވަންތޯއެވެ؟ އަޅުގަނޑުމެން އެގޮތަށް ކަންކަން ކުރަންފެށިތާ ހައެކަމަސްވެސް ނުވަނީސް އަޅުގަނޑު ބަލިވެ އިނދެ އެއްމާބަނޑު ދެކުދިން ލިބިއްޖެއެވެ. އަދި މިހާރު އަޅުގަނޑުމެންގެ 5 ކުދިން އެބަތިއްބެވެ. 6 ވަނަ ކުއްޖަކީ ފިރިމީހާގެ އެދަރިފުޅެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ މިކިޔައިދިނީ ތިއަ ބޭފުޅުންނަށްވެސް ފައިދާއެއް ކޮށްފާނެ ކަމުގެ އުންމީދުގައެވެ. އިމާމުގެ ނަޞޭޙަތުން ފައިދާކުރާނެ ކިޔުންތެރިންވެސް ތިބެދާނެކަމަށް ޤަބޫލުކުރެވޭތީއެވެ.

 

- ނިޝާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް