އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 21 ސިކުންތު
އަޅުގަނޑަކީ ހަޔާތުގެ ފުރަތަމަ ބައިގައި އެއްވެސް އުފަލެއް ނުލިބި ދުނިޔޭގައި އުޅެންޖެހުނު އަންހެނަކީމެވެ. ކިޔަވައިގެން ހުރެމެ، އަމިއްލަ ގެދޮރުހުރެވެސް ހުރެމެ އެފަދަ ގޮތެއް މެދުވެރިވި ވާހަކަ ބުނީމާ ގިނަ ބައަކު ކަންބޮޑުވާނެކަންވެސް އެނގެއެވެ.
އަޅުގަނޑު ކައިވެނިކުރީ އެމީހަކު ދެކެ އަޅުގަނޑު އެންމެ ބޮޑަށް ލޯބިވީ މީހާއެވެ. އޭނާ އާއި ކައިވެނިކުރެވުނު ކަމުގެ ހިތްހަމަޖެހުން ލިބުނެވެ. ކައިވެނިކުރިތަނުން ބަލިވެއިނދެއްޖެއެވެ. ދަރިއަކު ލިބިއްޖެއެވެ. ދަރިއަކު ލިބުނު ހިސާބުން ފެށިގެން ފިރިމީހާގެ ދުލުން އަޅުގަނޑާއިމެދު ހެޔޮ ބަހެއް ބުނި ހަނދާނެއް ނެތެވެ. އަބަދުވެސް އިވޭނީ ޝަކުވާގެ އަޑެވެ.
ދަރިފުޅަށްޓަކައި ކެތްތެރިވީ ފިރިމީހާގެ ކަންކަން ކޮންމެވެސް ހިސާބަކުން އިޞްލާޙްވެ ހެޔޮ ބަދަލެއް އަތުވެދާނެ ކަމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް އެކަމެއް ނުވިއެވެ. ކަންކަން ދިއައީ ގޯހުން ގޯހަށް ބަދަލުވަމުންނެވެ.
އެހެންކަމާއިއެކުވެސް ކެތްތެރިވާން ގަދައަޅައި މަސައްކަތްކުރީމެވެ. އުމުރުން 35 އަހަރެވެ. ލިބިފައިވާ ދަރިފުޅަށް 15 އަހަރެވެ. ޑޮކްޓަރުބުނީ އަޅުގަނޑުގެ ސިކުނޑިއަސް ގެއްލުމެއް ލިބިައިވާކަމަށާއި އަރާމުކުރަން ބޭނުންވާނެ ކަމަށެވެ. ބުރަކޮށް މަސައްކަތް ނުކުރުމަށެވެ. ކޮންމެ ވަގުތަކުވެސް ލޯމައްޗަށް އަނދިރިވެ ވެއްޓިވެސްދާނެ ކަމަށެވެ.
ޑޮކްޓަރުގެ ލިޔުންތައް ދެއްކީމާ ފިރިމީހާކުރީ މަލާމާތެވެ. ބުނީ ތިއައީ ބޯގޯސް ޑޮކްޓަރަކު ލިޔެފައިވާ ވާހަކަތަކެއް ކަމަށެވެ. އެވަރުގެ ބައްޔެއް ހުރިނަމަ ބޭރުންވެސް އެނގޭނެ ކަމަށެވެ. އެވަރުން ނިންމައިލީއެއް ނޫނެވެ. އޮށޯވެލައިފިނަމަ ބުނާނީ އެނދުހުރަސްބަލި ޖެހުނީ ކަމަށެވެ. އޭނާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްނުދޭންވެގެން މަކަރުހަދަނީ ކަމަށެވެ.
އެފަދަ ޙާލެއްގައި އުލެމުންދަނިކޮށް ގޭތެރޭގެ މަސައްކަތުގައި އުޅެނިކޮށް ލޯމައްޗަށް އަނދިރިވެގެން ވެއްޓުނީ ފިރިމީހާގެ ކުރިމައްޗަށެވެ. އެދުވަސްވީ ދެމީހުންގެ ކައިވެނީގެ ފަހު ދުވަހަށެވެ. އެރޭ ބުނީ މިހާ ޒުވާން އުމުރުގައި ތިއަހާ ބަލިމީހަކާއެކު ޙަޔާތް ވޭތިނުކުރެވޭނެކަމަށެވެ. އެހެން ބުނެފައި ވަރިކޮށްލާފައި ނުކުމެގެން ދިއައީއެވެ.
ދަރިފުޅުގެ އުމުރަކީ އެންމެ 15 އަހަރު ނަމަވެސް އޭނާވީ ވަރަށް ހިތްވަރުގަދަ ކުއްޖަކަށެވެ. ބުނީ މަންމަ އެއްވެސް ވަރަކަށް ކަންބޮޑުނުވުމަށެވެ. ﷲ ރިޒުޤް ދެއްވަވާނެ ކަމަށެވެ. ރިޒްޤް ހޯދަން އޭނާ މަސައްކަތްކުރާނެ ކަމަށެވެ.
ދަރިފުޅަކީ ކުރެހުންތެރިއެކެވެ. ކޮމްޕިޔުޓަރު ކައިރީގައި އިނދެގެން ކުރެހުމެއް ކުރަހައި އިޝްތިހާރެއް ހަދައި ވިޔަފާރިވެރިއަކަށް ފޮނުވިއެވެ. އެކުރެހުންވީ އޭނާއަށް ވަރަށް ކަމުދިއަ ކުރެހުމަކަށެވެ. އެހެންވެ ދަރިފުޅު ލައްވައި މަސައްކަތްކުރުވަން ފަށައިފިއެވެ. ކުރާ މަސައްކަތަށް އަގުވެސްދެއެވެ. ލިބޭ ފައިސާކޮޅުން ދެމައިންނަށް ފުދޭވަރުވެއެވެ.
ދަރިފުޅު ލައްވައި މަސައްކަތްކުރުވާތާ ދުވަސްކޮޅެއްފަހުން ތަންކޮޅެއް ބޮޑު މަސައްކަތެއް ޙަވާލުކުރަންވެގެން އޭނާ އަހަރެމެންގެ ގެއަށް އައެވެ. ދަރިފުޅަކީ 15 އަހަރުގެ ކުޑަކުއްޖެއްކަމާއި މިހާރުވެސް އުޅެނީ ސްކޫލްގައިކަން އެނގުމުން އޭނާ ހައިރާންވިއެވެ. އަދި ކިޔަވަމުން އެމަސައްކަތްކުރާތީ ވަކިން ބޮޑަށް ޙައިރާންވިއެވެ. އަހަރެމެންގެ ދިރިއުޅުމުގެ ޙާލަތު ކިޔައިދިނުމުން އޭނާއަށް ވަރަށް އަސަރުކުރިއެވެ. އެހީވުމުގެ ގޮތުން ކަމެއްކޮށްދޭނެކަމަށްވެސް ބުންޏެވެ.
އޭނާ ކޮށްދިން ކަމަކީ ގޭދޮރުމަތީގައި އޮތް ހުސްތަންކޮޅުގައި ކުޑަވަރެއްގެ ފިހާރައެއް އަޅައިދިނުމެވެ. ބުނީ އެތަން ކުއްޔަށްދިނީމާ ދެމައިންނަށް ފުދޭވަރަށް ފައިސާ ލިބޭނެ ކަމަށެވެ.
ކޮންމެއަކަސް އޭނާއަށް މަސައްކަތްކޮށްދީގެން ލިބޭ ފައިސާ އާއި ކުއްޔަށް ލިބޭ ފައިސާ އެއްކޮށްލުމުން ހަމަ ތަނަވަސް ދިރިއުޅުމެއް އުލެލެވޭވަރުވެއެވެ. ދެއްވެވި ނިޢްމަތަށް ޝުކުރުކޮށްގެން އުޅެމުން ދަނިކޮށް ދަރިފުޅު ސްކޫލުން ނިމިއްޖެއެވެ. ސްކޫލުން ނިމުނުތަނާ މޮޅަށް މަސައްކަތް ދަސްކުރަން ކޯހެއްގައި ދަރިފުޅު މެލޭސިޔާއަށް ފޮނުވައިފިއެވެ. މެލޭސިޔާގައި ހުރެ ކިޔަމުންދާއިއރުވެސް އޭނާއަށް ކޮށްދޭންޖެހޭ މަސައްކަތްކޮށްދޭގޮތަށެވެ. ކުރާ މަސައްކަތުގެ އަގު އަޅުގަނޑަށް ދޭނެ ކަމަށްވެސް ބުންޏެވެ.
ދަރިފުޅަށް ލިބުނު އެއްވެސް ފައިސާއެއްގައި އަޅުގަނޑު ނުޖެހެމެވެ. އަހަރުދުވަސްކޮށްފައި އެނބުރި އައިއިރު ކުލީގެ ފައިސާއިންނާއި އެކު އެކަށީގެންވާ ޢަދަދެއްގެ ފައިސާ އަތުގައި ހުއްޓެވެ. ދަރިފުޅު އެހިސާބުން ބޭނުންވީ ގެހަދާށެވެ. ލޯނެއްވެސް ނަގައިގެން ގެ ހެދީއެވެ. ފްލޯތައް ކުއްޔަށް ދިނުމުން ދެމައިންގެ ތަނަވަސްކަން އިތުރުވާން ފަށައިފިއެވެ.
ދެން މިކިޔައިދެނީ ބަލީގެ ވާހަކައެވެ. ފިރިމީހާ ނުކުމެގެން ދިއަފަހުން އަރާމުކުރާނެ ވަގުތުލިބޭތީ އަރާމުކުރަމެވެ. ބޭސްކަމެވެ. ނަތީޖާއަކަސްވީ ބަލި ފަސޭހަވުމެވެ.
އަހަރެމެން ދެމައިން ގެވެސް އަޅައި ތަނަވަހުގައި އުޅެންފެށިތަނާ ކުއްލިއަކަށް ފެނުނީ ފިރިމީހާ އައިސް ގޭގައި ހުއްޓައެވެ. ބުނީ ހެދުނީ ގޯހެއްކަން ވިސްނުނީމާ އެނުރި އައީ ކަމަށެވެ. އަޅުގަނޑަށްވުރެ ކުރިން ޖަވާބުދިނީ ދަރިފުޅެވެ. ބުނީ މަންމަ ބަލިވީމާ އެކަމުގެ އަދަބު މަންމއަށާއި ލިބިފައިހުރި އެންމެ ދަރިފުޅަށް ދޭންކުރުނު މީހާގެ ހިތް ދުވަހަކުވެސް ނުފުރޭނެ ކަމަށެވެ. އިޞްލާޙްވެސް ނުވާނެ ކަމަށެވެ. ވީމާ ބަލިކަމަށް ހެދި އެނދުހުރަސްބަލި ޖެހުނު މަންމަގެ ފަހަތުން ދުވުމަށްވުރެ ރަނގަޅުވާނީ ދުވަހަކުވެސް ބަލިނުވާނެ އަންހެނަކު ހޯދުން ކަމަށެވެ.
އެއްވެސް އެއްޗެއް ބުނުމުގެ ފުރުޞަތު އަޅުގަނޑަށް ނުވެސްދީ މަންމަ މަޑުން އިންނާށޭ ބުނެފައި ބައްޕަ ގެއިން ނެރެ ބޭރުކޮށްލީވެސް ހަމަ ދަރިފުޅެވެ. ފަހުން ބުނީ މަންމައަށް އެއްވެސް އެއްޗެއް ބުނަން ފުރުޞަތު ނުދިނީ ހަމްދަރުދީވެ ބައްޕަ އަލުން ގޭގައި ބަހައްޓަން މަންމަ ބޭނުންވެދާނެތީ ކަމަށެވެ.
މިއަދުނޫހުގެ ކިޔުންތެރިނަނަށް ބުނެލަން އޮތީ ފިރިމީހާ އަޅުގަނޑު ދޫކޮށްލިކަމުން ލިބުނު ފައިދާގެ ވާހަކައެވެ. އަޚޅުގަނޑުގެ ބޮލަށް ޖެހުނު ބަލި ފަސޭހަވީ އޭނާ ދިއުމުން އޭނާ ކިޔާއެއްޗެއްސަށް ނުވިސްނީމައެވެ. ގެހެދި ތަނަވަސްކަން ލިބުނީވެސް އޭނާ ގެއިން ނުކުމެގެން ދިއައީތީއެވެ. އަދި މިހުރިހާ ކަންކަން ފައިވެގެން ދިއައީ އޭނާގެ ސަބަބުން ބޮލުގަ ރިއްސި ރިއްސުން ކެނޑި ގިނައިރު ޚުޝޫޢަތްތެރިކަމާއިއެކު އަޅުކަމުގައި އިނދެ ދުޢާކުރާނެ މަގުފަހިވުމުން ކަމަށެވެ.
އަޅުގަނޑުވެސް ބުނެލަން އޮތީ ހަމަ އެއްވާހަކައެކެވެ. ﷲ އަށް ތެދުވެރި އަޅުންނަށް ރަނގަޅު ގޮތްތައް އަބަދުވެސް މެދުވެރިކުރައްވަވައި ދެއްވަވާނެ ކަމަށެވެ. ނުބައި ނުލަފާ ފިރިން ރުއްސަން ވަގުތު ހޭދަކުރުމަށްވުރެ ﷲ ގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމުން ކުރާ ފައިދާ މާބޮޑުކަން އަޅުގނޑަސް މިވަނީ ވަރަށް ރަނގަޅަށް ތަޖުރިބާކުރެވިފައި ކަމަށެވެ.
- އިޙްޞާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
25 މާޗް 2022