އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 58 ސިކުންތު
އަހަރެމެން ދެ މީހުން ކައިވެނިކޮށްގެން ދިރިއުޅެން ފެށީ ސުމަކުންނެވެ. އަދާކުރާ ވަޒީފާ ނޫން އިތުރު އެއްވެސް އެއްޗެއް އަތަކު ނެތެވެ. އެޕާޓްމަންޓެއް ކުއްޔަސް ހިފޭނެ ފެންވަރު ނެތުމުން ދިރިއުޅުނީ ހެޔޮއަގެއްގައި ކުޑަކޮޓަރިއެއް ހިފައިގެންނެވެ.
ﷲ ގެ ރަޙްމަތްފުޅުން ދެމީހުންނަށްވެސް ލިބޭ އާމްދަނީ އިތުރުވިއެވެ. އަތުގައި ފައިސާ ޖަމާކުރެވުނެވެ. ކުޑަކުޑަ ކެޕިޓަލަކުން ފިރިމީހާގެ ނަމުގައި ވިޔަފާރިއެއް ފަށައި އެވިޔަފާރިވެސް ކުރިއަރައި ގެއެއް ގަނެވުނެވެ. ކާރެއްވެސް ގަނެވުނެވެ. 2 ދަރިންވެސް ލިބިއްޖެއެވެ.
ކުއްލިއަކަށް ފިރިމީހާ ލޯބިވެރިއަކު ހޯދައި އަހަރެންނާއި އަދި ދެދަރިންނާއި އަޅައިވެސް ނުލަން ފަށައިފިއެވެ. އެހިސާބުން ފިރިމީހާ ގާތުގައި އިޞްލާޙްވާން ބުނީމެވެ. ނަމަވެސް އޭނާ ބުނީ އެއަންހެން މީހާ އޭނާދެކެ މާބޮޑަށް ލޯބިވާކަމަށެވެ.
އަހަރެން ބުނީމެވެ. ދިރިއުޅެން ފެށި ޙާލު ކަލެއަށް ރަނގަޅަށް އެނގޭނެއެވެ. ފުދުންތެރިވެ ވިޔަފާރިފެށުނު ގޮތްވެސް އެނގޭނެއެވެ. ވިޔަފާރި ކަލޭގެ ނަމުގައިކުރިނަމަވެސް ވިޔަފާރީގެ ދެބައިކުޅައެއްބައާއި ގެއާއި އެހެންވެސް ތަނަވަސްކަމުގެ ދެބައިކުޅަ އެއްބައަކީ ހަމަ އަހަރެންގެ ފައިސާކަން ކަލެއަށް ރަނގަޅަށް އެނގޭނެއެވެ.
ބޮޑަށް ލޯބިވަނީ އޭނާކަމަށް ތިއަބުނާއިރު އަހަރެން ކަލޭގެ ކިބައިން އެއްވެސް ކަމަކަށް ނޭދެމެވެ. ވިޔަފާރި ކަލޭގެ އެކަނި ނަމުގައި އޮންނާތީ ކަންބޮޑެއްވެސް ނުވަމެވެ. އަޅެ ގޮތް ބަލައިލަން ނިކަން ގެއާއި ވިޔަފާރި އަހަރެންގެ ނަމަށް ނިކަން ބަދަލުކޮށްލަބަލާށެވެ. ތިއަބުނާ އަންހެނަކު ކަލޭދެކެ ލޯބިވާވަރު އެއިރުން އެނގިދާނެއެވެ. އެއިރުން އަމިއްލައަށް ވަރިވެސް ވެދާނަމެވެ. ނޫނީ ދެއަނތބަށް ކައިވެނިކުރަން ރުހިވެސްދާނަމެވެ.
އަހަރެންދެއްކި ވާހަކަތައް ޤަބޫލުކޮށް ފިރިމީހާ އެގޮތަށް ކަންތައް ކުރިއެވެ. އަހަރެން ބުނީމެވެ. ތިއަ ނިމުނީއެވެ. މިހާރުވެސް ތިއަކުރާގޮތަށް މަސައްކަތްކުރަމުން ގެންދާށެވެ. ނަމަވެސް ދެން ލިބޭނީ މުސާރައެކެވެ. ވަރަށް ގިނަ ދުވަހު ކަލޭއަހަރެންނަށް ދިނީ ގޭގެ ޚަރަދު ނޫންހެއްޔެވެ؟ ހިލޭ އަންހެނުންނަށް ޚަރަދުކޮށް ފައިސާ މަތީގަ އުދުހިއްޖައިމު ނޫންހެއްޔެވެ؟ ދެން އުދުހޭނީ އަހަރެންނެވެ.
އެހިސާބުން ފިރިމީހާ ބޭނުންވީ އަހަރެން ވަރިކޮށްލާފައި އޭނާދެކެ ބޮޑަށް ލޯބިވާ މީހާ އާއި ކައިވެނިކުރާށެވެ! ރަންވެސް ކިޔުއްވައިފިއެވެ. ވިޔަފާރިއާއި ގެދޮރާ މުދައު އަހަރެންގެ ނަމަށް ބަދަލުކުރިކަން އޭނާއަށް އެނގުނީ ރަންކިޔުއްވިފަހުންނެވެ. އެކަން ހަމަ އެނގޭއިރަށް ރަންކަނޑައިފިއެވެ. ދެމީހުން ވަކިވެއްޖެއެވެ. ފިރިމީހާ އަލުން އަހަރެންނާއި ކައިވެނިކުރަން ބޭނުންވެއްޖެއެވެ.
އަހަރެން ބުނީމެވެ. ދެވަނަ އަންތބަކަށް ނަމަވެސް ބައިންދައި ދިނުން އެދި އާދޭސްކުރަނިކޮށް ވަރިކޮށްލީމާ ދެން ކައިވެނިކުރާކަށް ބޭނުމެއް ނެތެވެ. ނަމަވެސް ވަޒިފާގައި އުޅޭށެވެ. ވިޔަފާރީގެ ފައިދާ ކަލޭ ބޭނުންކުރިހައި ދުވަހު އަހަރެންވެސް ބޭނުންކޮށްފައި ދެމީހުންގެ މިލްކަކަށް ހަދާނަމެވެ. ވިޔަފާރީގެ އެއްބައި ކަލެއަށްދޭނަމެވެ. އިންޞާފަކީ އެއީ ނޫން ހެއްޔެވެ؟ 10 އަހަރު މަޑުކޮށްލާށެވެ!
ދުވަސްކޮޅަކުން ދެވަނަ ކައިވެނިކުރީމެވެ. ދެވަނަ ފިރިމީހާގެ ވިސްނުން ތަފާތެވެ. އޭނާ ބުނީ ކުންފުނިން އޭނާ އަމިއްލައަށް ކުރި ޚަރަދުތައް އުނިކޮށްފައި އޭނާގެ ޙިއްޞާ އޭނާއަށް ދީފައި އެކަން ނިންމައިލާށެވެ. އެއިގެ ފަހުން އޭނާ ބޭނުން ނަމަ މުވައްޒިފެއްގެ ގޮތުގައި ގެންގުޅުމުގެ މައްސަލައެއް ނެތް ކަމަށެވެ.
އެގޮތަށް އެކަން ކުރުމުން އޭނާއަށް ދޭންޖެހުނުވަރުދީފައި އޭނާއަށް ދިނުމުން އޭނާ ބޭނުންވީ ވަޒީފާއިން ވަކިވެ އަމިއްލައަށް މަސައްކަތްކުރާށެވެ. އެހިސާބުން ދެނަމަ ފިރިމީހާ ކުންފުނީގެ ދެބައިކުޅަ އެއްބައި ޙިއްޞާ ގަނެ ދެމީހުންގެ ވިޔަފާރިއަކަށް ހަދައި ދެމީހުންވެގެން ކުންފުނި ހިންގަން ފެށީއެވެ. އަހަރެމެންގެ ވިޔަފާރި ދިއައީ ކުރިއަރަމުންނެވެ.
ކުރީގެ ފިރިމީހާ އަމިއްލައަށް ވިޔަފާރި ފެށިއެވެ. އޭނާދެކެ ބޮޑަށް ލޯބިވާ އަންހެންމީހާ އާއި ކައިވެނިކޮށް ދެމީހުންވެގެން ކުންފުނި ހިންގަން ފެށިއެވެ. ނަމަވެސް 3 އަހަރު ނުވަނީސް ބަނގުރޫޓުވެއްޖެއެވެ. ބޮޑަށް ލޯބިވާ އަނބިމީހާ ފައިސާތައް ދަމައިގަތީއެވެ. އެހިސާބުން ވަރިކޮށްފައި ވަޒީފާއަކަށް އެދި އަހަރެންގެ ގާތަށް އައީ ދަރަނިވެރިވެހުރެއެވެ.
ނަމަވެސް ފިރިމިހާ އެކަން ޤަބޫލެއް ނުކުރިއެވެ. ބުނީ ދެދަރިންގެ ބައްޕަވީމާ ހެޔޮކޮށްހިތާށެވެ. ނަމަވެސް އެކަހަލަ މީހަކު ގެންގުޅެގެން ލިބޭނެ ގެއްލުން މާބޮޑުވާނެ ކަމަށެވެ.
މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ ތަނަވަސްކަން ލިބުމުން މާބޮޑަށް ލޯބިވާ ފިރިން ފެންނަ ފިރިން ގިނަކަމުންނެވެ. އަޅުގަނޑުގެ ފުރަތަމަ ފިރިމީހާއަށްވެސް ދިމާވީ ހަމަ އެފަދަ ގޮތެކެވެ. ކައިވެންޏަށް 18 އަހަރު ފުރުނުފަހުން މާބޮޑަށް ލޯބިވާ މާޒުވާން މާރީތި ކުއްޖަކު ފެނިގެން އަޅުގަނޑު އެއްލައިލީއެވެ. އެއަނބިމީހާއަށް ގޯއްޗެއް ގަނެދީ އެނާ ބޭނުންވި ކަންކަން ކޮށްދިންތަނުން ލޯބިގެއްލިއްޖެއެވެ. ގަދަކަމުން ވަރިވެއްޖެއެވެ. ދަރަނިން ސަލާމަތްނުވެގެން ޖެހުނީ ހިންގި ދެ ފިހާރަވެސް ވިއްކައިލާށެވެ. ވީމާ މިއީ ނުދައްކައިތިބޭވަރުގެ ވާހަކައެއް ނޫނެވެ.
- އަނީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
31 މާޗް 2022