އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާ ދަށުދަރަޖައިގެ މަސައްކަތެއް ކުރާތީ ލަދުން ވަރިކުރި މީހާގެ ސީއޯއޯއަކަށް އަނބިމީހާ ވީމާ މައުބޮނޑި ހިފައިގެން މަރުޙަބާކިޔަން ދިއުމުން ޖެހުނު ޙާލުގެ ވާހަކަ-

އަނބިމީހާ ދަށުދަރަޖައިގެ މަސައްކަތެއް ކުރާތީ ލަދުން ވަރިކުރި މީހާގެ ސީއޯއޯއަކަށް އަނބިމީހާ ވީމާ މައުބޮނޑި ހިފައިގެން މަރުޙަބާކިޔަން ދިއުމުން ޖެހުނު ޙާލުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 46 ސިކުންތު

އެހެން މީހުން ފަދައިން އަޅުގަނޑުމެންވެސް ކައިވެނިކުރީ ލޯބިވެގެން އެކުގައި ދުވަސްތަކެއްވަންދެން އުޅުމަށްފަހުގައެވެ. އެއިރު ދެމީހުން ތިބީ ރަނގަޅު ވަޒީފާއެއްގައެވެ. ކަންތައް ދިމާވިގޮތުން ކައިވެނިކުރިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުގެ ވަޒީފާ ގެއްލިއްޖެއެވެ. މަސައްކަތްކުރި ކުންފުންޏަށް ކުރިމަތިވި މާލީ ދަތިތަކެއްގެ ސަބަބުން ކުންފުނި ބަނގުރޫޓުވީއެވެ. 

އެހިސާބުން ފިރިމީހާ ކުދިކިޔަން ފަށައިފިއެވެ. ވަޒީފާއެއް ނެތި ހުންނާތީ އެއްޗެތިގޮވަން ފަށައިފިއެވެ. ތަންތަނަށް ސިޓީލައިލައިވެސް ވަޒީފާއެއް ލިބޭނެ ގޮތެއް ނުވިއެވެ. އެންމެ ބޮޑު މައްސަލައަކީ ކުރިން މަސައްކަތްކުރި ކުންފުނީގެ މައްސަލައެވެ. ކުންފުނި ބަނގުރޫޓުވެފައިވުމެވެ. 

އެޙާލެއްގައި އުޅެނިކޮށް އޮފީހެއްގެ ގޯތިތެރެ ކުނިކަހާ އަންހެނެއްގެ ވަޒީފާ ދޭން ބުނުމުން ކުރަންޖެހޭ މަސައްކަތަށް ނުބަލައި ވަޒީފާ އާއި ޙަވާލުވީމެވެ. މަޤާމުގެ ގޮތުން ދަށްނަމަވެސް ލިބޭ އުޖޫރަ ބޮޑެވެ. ކުރިން އަދާކުރި ވަޒީފާގައި ލިބޭވަރާއި ދާދިގާތަށް މުސާރަލިބެއެވެ. 

ފިރިމީހާއަށް އެ މަސައްކަތެއް ކަމަކު ނުދިއައެވެ. ބުނީ އޭނާގެ އަގުވައްޓާލަން ހޯދިވަޒީފާއެއް ކަމަށާއި ވަގުތުން ވަޒީފާއިން ވަކިވުމަށެވެ. އަޅުގަނޑު އެކަމުގައި ފިރިމީހާއާއި ދެކޮޅުހެދީމެވެ. ފިރިމީހާގެ ޢަމަލާއި ބަސްމަގު ހުރިގޮތުން އަުގަނޑުދެކެ ލޯބިނުވާކަން ޔަޤީންކުރެވޭތީއެވެ. ލޯބިވާނަމަ ވަޒީފާ ގެއްލުމަކީ އަޅުގަނޑާއިމެދު އެގޮތަށް ކަންތައް ކުރަންޖެހޭނެ ސަބަބެއް ނޫންކަމަށް ވިސްނޭތީއެވެ. 

ފިރިމީހާ އަޅުގަނޑު ވަރިކޮށްލިއެވެ. ގެއިން ނެރެލިއެވެ. އަޅުގަނޑު ހޮސްޓެލަކަށް ބަދަލުވީމެވެ. ހޮސްޓެލުގައި ހުންނަތާ 4 މަސްވީތަނާ އެއްދުވަހަކު ހެނދުނު އޮފީހާދިމާއިން މަގުމަތި ކުނިކަހަން ހުއްޓާ ބައްދަލުވި މުސްކުޅި ދެމަފިރިއަކު އަޅުގަނޑުގެ ވަނަވަރު އުޅުންފިލުވިއެވެ. އަދި އެޑްރެސް ކާޑެއްދީފައި ބުނީ އެރޭ އެގެއަށް ގޮސް ދެމަފިރިންނާއި ބައްދަލުކޮށްލުމަށެވެ. އެދައުވަތު ޤަބޫލުކުރީމެވެ. 

އެއީ ވަރަށް ރަނގަޅު ދެމަފިރިންނެވެ. އަޅުގަނޑަށް ވަރަށް ބޮޑަށް ކަމޭހިތައި މެހްމާންދާރީ އަދާކުރިއެވެ. އެކުގައި ކައިނިމިގެން ބުންޏެވެ. "އަހަރެމެން ދެމަފިރިން ކަލެއަށް ދައުވަތުމިދިނީ އެތައް ދުވަހަކު ކަލެއަށް ބެލުމަށްފަހުގައެވެ. އަހަރެމެން ދެމަފިރިންނަށް ލިބުނީ އެންމެ ދަރިފުޅެކެވެ. އެއީ އަންހެންދަރިފުޅެކެވެ. އެދަރިފުޅު ވަނީ ދާދިފަހުން ނިޔާވެފައެވެ. އެދަރިފުޅާއި ކަލެއާއި އެއްވެސް ތަފާތެއް ނެތެވެ. އެހެންވެ އަހަރެމެން ބޭނުންވަނީ އަހަރެމެންގެ ދަރިއަކަށް ހަދައިގެން މިގޭގައި ގެންގުޅޭށެވެ. އަހަރެމެންގެ އަތުގައި ތަނަވަސްކަންވެސް އެބަހުއްޓެވެ. ނެތިގެން މިއުޅެނީ މިއުމުރުގައި އަހަރެމެން ބަލައިދޭނެ ދަރިއެކެވެ." 

ލިބުނު އުފަލެއްގެ ބޮޑުކަމާއެވެ! ވަގުތުން ހުށަހެޅުން ޤަބޫލުކުރީމެވެ. އެދެމަފިރިންގެ ގެއަށް ދިރިއުޅުން ބަދަލުކުރީމެވެ. ވަޒީފާއަށް ފޮނުވަން އެމީހުން ބޭނުންނުވުމުން ވަޒީފާވެސް ދޫކޮށްލީމެވެ. 

ހައަކަމަސް ފަހެވެ. އެގޭ ބޭބެ ބުނީ މާދަމާ ރެއަކީ އޭނާގެ ކުންފުނީ އަހަރީ ޙަފްލާ އޮންނަ ރޭކަމަށާއި ޖަލްސާއަށްދާންޖެހޭނެ ކަމަށެވެ. ލާންޖެހޭނީ ހަވީރުހެދުމެއް ނޫންކަމަށާއި ރަސްމީ ހެދުމެއް ކަމަށެވެ. އެހެންވެ ބޭބެ ބުނިގޮތަށް ހެދުންއަޅައިގެން ބޭބެމެން ދެމަފިރިންނާއިއެކު ދިއައިމެވެ. 

ޙަފްލާގެ ތެރެއިން ވާހަކަދައްކަމުން ބޭބެ އިއުލާނުކުރިއެވެ. "ނިޔާވި އަހަރެމެންގެ ދަރިފުޅު، މިކުންފުނީގެ ސީއޯއޯގެ މަޤާމަށް އަހަރެމެން ދެމަފިރިން އިއްތިފާޤުވެގެން މިކަނޑައަޅަނީ މިހާރު އަހަރެމެންގެ ދަރިއަކަށް ހަދާފައިވާ މަރީއެވެ. މިހާރު އޭނާއަކީ ހަމަ އަހަރެމެންގެ ދަރިފުޅެވެ. މިވަގުތުން ފެށިގެން ކުންފުނީގެ ސީއީއޯއެވެ. މާދަމާއިން ފެށިގެން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަން ފަށާނެއެވެ. ހުރިހާ މުވައްޒިފުންވެސް ދަރިފުޅަށް އެއްބާރުލުން ދޭށެވެ." 

އަނެއް ދުވަހު އޮފީހަށް ނުކުތުމުން ހުރިހާ މުވައްޒިފުން ވަރަށް ހޫނުމަރުޙަބާއެއް ކިޔެވެ. އަހަރެން ބުނީ މުވައްޒިފުންނާއި ފަހުގެ ތާރީޚެއްގައި ބައްދަލުކުރާނެ ކަމަށާއި އިހަށް ބައްދަލުކުރާނީ މިވަގުތު ބައްދަލުކުރަން ޖެހޭ މުވައްޒިފުންނާއި ކަމަށެވެ. އެހެންބުނެފައި އިސްކޮށް ތިބި ބައެއް އަންހެން މުވައްޒިފުންނާއިއެކު ގޮސް ކޮޓަރިއަށް ވަނީމެވެ. ފިރިހެނުންނަކަށް ނުވެސް ބަލަމެވެ. 

މެންދުރުވީތަނާ ޓަކިޖަހާފައި މައުބޮނޑިއެއް ހިފައިގެން ވަނީ ކުރީގެ ފިރިމީހާއެވެ. މަރުޙަބާކިޔާފައި އިށީންނަމުން ބުނީ އޭނާއަކީވެސް ކުންފުނީގެ މުވައްޒިފެއް ކަމަށެވެ. އަހަރެން ބުނީމެވެ. "ގެނައި މައުބޮނޑި ހިފައިގެން އެނބުރިދާށެވެ. މުވައްޒިފުންނާއި ބައްދަލުކުރާނީ ފަހުން ކަމަސް ބުނީމެއް ނޫންހެއްޔެވެ؟" ޖަވާބުގައި މާފަށް އެދި ވާހަކަތައް ދައްކަން ފެށުމުން ބުނީމެވެ. "ކަލެއާއި ކައިވެނިކުރެވުނުކަން މިހާރަކު ހަނދާނެއް ނެތެވެ." 

އަޅުގަނޑު އޭނާ ވަޒީފާއަކުން ވަތްކެއް ނުކުރަމެވެ. ދުވަސްކޮޅެއްފަހުން އަޅުގަނޑު ކައިވެނިކުރަން އުޅޭކަން އެނގުމުން އޭނާއަށް ކެތްނުކުރެވިގެން ވަޒީފާއިން ވަކިވެގެންދިއައީއެވެ.

އަޅުގަނޑުގެ ޙަޔާތުގައި ދިމާވި ކަންކަމަށްބަލާއިރު އަޅުގަނޑު ފުރަހަމަ އަދާކުރި ވަޒީފާއިން ވަކިވުން ވެގެންދިއައީ އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަށެވެ. ފިރިމީހާ އަޅުގަނޑު ވަރިކުރީވެސް ވަޒީފާ ގެއްލުމުންނެވެ. ކުނިކަހާ މަސައްކަތު އަންހެނެއްގެ ވަޒީފާ ހޯދަންޖެހުނީވެސް އެވަޒީފާ ގެއްލުމުންނެވެ. ބޭބެމެން ދެމަފިރިންނާއި ބައްދަލުވެ މިފަދަ ބޮޑު ނިޢްމަތެއް މިލިބުނީވެސް އެވަޒީފާ ގެއްލުމުންނެވެ. 

ވީމާ އަހަރެން ހުރިހާ އެންމެންގެ ގާތުގައިވެސް ބުނެލަން ބޭނުންވަނީ ކުރިމަތިވާ އެއްވެސް މުޞީބާތަކީ ނުއުފުލޭނެވަރުގެ ތަކްލީފެއްކަމަށް ނުދެކޭށެވެ. ތިމާ ހުރީ ތެދުވެރި ގޮތުގައިކަމަށްވާނަމަ މުޞީބާތަށްފަހު ލައްވަވާ ރަޙްމަތް މާބޮޑުވާނެއެވެ. 

މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ ކައިވެނިކުރުމަށްފަހު އަނބިންނަށް ޚަރަދުކުރަންޖެހޭނީ ފިރިހެނުންނަށްކަން ނުދަނެ އަނބިން ލައްވައި މަޖުބޫރުން ވަޒީފާއަދާކުރުވައިގެން ފައިސާ ހޯދަން ބޭނުންވާ ފިރިހެނުންނަށް މިވާހަކައިގައި ޢިބްރަތެއްވާތީއެވެ. މިހާރު ގިނައީ ފިހާރަތަކުގެ ހަރުގަޑުތަކުގައި މުދައު އަތުރައި އިޝްތިހާރުކޮށްގެން މުދައު ވިއްކާ އުޞޫލުން އަނބިން ބާޒާރަށް ނެރެ ވިއްކަން ބޭނުންވާ ފިރިންނެވެ. މަޖާކަމަކީ ވިއްކަން ނެރުނީމާ  މީހަކު ގަނެފިނަމަ އަނބިމީހާ ކުށްވެރިވެސް ކުރާތީއެވެ! 

--ޙައްވަ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް