އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: މާމައަށް ހެޔޮކޮށްހިތި ދަރިއަކު މާމައާ ދެކޮޅަށް ކައިވެނިކުރުމުން ލިބުނު ދެރައާ ހުވަފެނުގަ މާމަދެއްކި މީހަކާ ކައިވެނިކުރުމުން ލިބުނު ބޮޑު ނިޢްމަތުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: މާމައަށް ހެޔޮކޮށްހިތި ދަރިއަކު މާމައާ ދެކޮޅަށް ކައިވެނިކުރުމުން ލިބުނު ދެރައާ ހުވަފެނުގަ މާމަދެއްކި މީހަކާ ކައިވެނިކުރުމުން ލިބުނު ބޮޑު ނިޢްމަތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 22 ސިކުންތު

އަޅުގަނޑު ވަރަށް ކުޑައިރު އަޅުގަނޑުގެ މައިންބަފައިންވަނީ ނިޔާވެފައެވެ. ވަރަށް ބުރަ މަސައްކަތުން ގެންގުޅެ ބޮޑުކުރީ މާމައެވެ. އެހެންވެ މާމަދެކެ ވަރަށް ލޯބިވެއެވެ. މާމަ ނިޔާވީ މާމަ ބަލިއެނދުގައި ބާއްވައިގެން ހަމަ މަންމައަކު ބަލާ އުޞޫލުން، ވީހައި ރަނގަޅަކަށް ބަލަމުން ގެންދާތާ 7 އަަހރުވީފަހުންނެވެ. 

ހުރިހާ ކަމެއްގައިވެސް މާމަގެބަސް ޤަބޫލުކުރީމެވެ. މާމަގެ ނުޤަބޫލުގައި ކުރެވުނީ އެންމެ ކަމެކެވެ. އެއީ އަޅުގަނޑުގެ ފުރަތަމަ ކައިވެންޏެވެ. ކައިވެނިކުރަންއުޅުނުއިރު އެއީ އަޅުގަނޑުގެ ފިރިއަކަށް ކަމުދާ މީހެއް ނޫންކަމަށް އެތައްފަހަރަކު މާމަ ބުންޏެވެ. ނަމަވެސް އެކަން އަޅުގަނޑަށް ޤަބޫލުނުކުރެވި ކައިވެނިކުރެވުނީއެވެ. ލޯބީގެ އަވާގައި ޖެހިގެން ކައިވެނިކުރިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މާމަ ނިޔާވެއްޖެއެވެ. އެކަމުގެ ހިތާމައިން ސަލާމަތްނުވެވި ހުއްޓާ ފިރިމީހާ ބޭވަފާތެރިވެއްޖެކަން ފަޅާއަރައިފިއެވެ.  

އެދުވަހު މާމަގެމަތިން މާބޮޑަށް ހަނދާންވިއެވެ. އެއީ އަޅުގަނޑުގެ ފިރިއަކަށް ކަމުދާ މީހެއް ނޫންކަމަށް މާމަ އެތައް ފަހަރަކު ބުނެފައިވާތީއެވެ. އެހަނދާންތައް ކުރުމަކުން މިއަދުކުރާނެ އެއްވެސް ފައިދާއެއް ނެތްކަންވެސް އެނގެއެވެ.  

ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނު ނަމަވެސް އަޅުގަނޑު ޤަޞްދުކުރީ ފިރިމީހާ ގާތުން ވަރިވާށެވެ. ދެހިތާމަ ފައްތަރުވާނެކަންވެސް އެނގެއެވެ. ކުރަންޖެހޭ ހިތާމަ ދެގުނައަށް ބޮޑުވާނެކަންވެސް އެނގެއެވެ. އެއާއިއެކުގައިވެސް ވަރިވީ ކުރަންޖެހޭ ހިތާމަތަކެއްކޮށް އެކުގައި އެކަމުން ސަލާމަތްވުމުން ފަހުން ލިބޭނެ ހިތްހަމަޖެހުން މާބޮޑުވާނެ ކަމަށް ބަލައިގެންނެވެ. 

ވަރިކޮށް ޢިއްދަހަމަވީތަނާ މީހަކު އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވެގެން ކިޔަންފަށައިފިއެވެ. ޢޭނާއަކީ އެހައި ތަނަވަސް މީހެއް ނޫންނަމަވެސް އަމިއްލަ މަސައްކަތުން ދިރިއުޅޭ މީހެކެވެ. ދިރިއުޅެލެވޭވަރުގެ އާމްދަނީއެއްވެސް ލިބެއެވެ. ބަސްމަދު އަޚްލާޤްވެސް ރަނގަޅު މީހެކެވެ. ނަމާދުވެސް ކުރެއެވެ.  

އެހެންކަމާއިއެކުވެސް އޭނާ އާއި ކައިވެނިކުރަން އެހައި ހިތްހަމައެއް ނުޖެހުނެވެ. އެހެންވެ ވަކިޖަވާބެއް ނުދީ ހުއްޓައި އެއްރޭ ފެނުނު ހުވަފެނެކެވެ. އަޅުގަނޑާއި އެމީހާއާއި ތިބީ ރެސްޓޯރަންޓެއްގައި ކާށެވެ. އެހެން ތިއްބައި އެތަނަށް އަންނަނީ މާމައެވެ. ތަންކޮޅެއް ދުރުގައި ހުރެގެން އިޝާރާތުން ބުންޏެވެ. "ތިއައީ ބަރާބަރު މީހެކެވެ. އަވަހަށް ކައިވެނިކުރާށެވެ!"  

ހޭލެވުމުން ވިސްނައިލެވުނެވެ. ހިތަށް އެރީ އެއީ ޝައިޠޯނާގެ ވަސްވާސް ކަމަށެވެ. އެހެންވެ އަނެއްކާވެސް ނިދީއެވެ. ގަހަކުން އެކަމަކަށް ނުވެސް ވިސްނަމެވެ. އެހެން ހުއްޓައި އަނެއްކާވެސް ހުވަފެނުގައި މާމަފެނިއްޖެއެވެ. އެރޭވެސް މާމަ ކަންތައްކުރީ ހަމަ އެކަހަލަ ގޮތަކަށެވެ. ދެންވެސް ހުވަފެނުގައި މާމަ އެބުނާ ވާހަކައަކަށް ސަމާލުކަމެއް ނުދެމެވެ. އެހެން ހުއްޓައި 3 ވަނަ ފަހަރަށްވެސް ހަމަ އެގޮތަށް ހުވަފެނުގައި ފެނިއްޖެއެވެ.  

އެހިސާބުން ހިތަށް އެރިއެވެ. މިކަމުގައި ކޮންމެވެސް ސިއްރެއްވާނެއެވެ. ނޫންނަމަ 3 ރޭމަތިން އެއްގޮތަކަށް އެއް ހުވަފެނެއް ނުފެންނާނެއެވެ. ވީމާ ސިފައަސް ގަޔާވުން ދޫކޮށްލާނީއެވެ. މާމަ ދެއްކި މީހާ އާއި ކައިވެނިކުރާނީއެވެ. އެވިސްނުން އައުމުން ﷲ ތަޢާލާއަށް ވަކީލްކޮށްފައި އޭނާއާއި ކައިވެނިކުރީމެވެ.  

އެކައިވެންޏަށް މިހާރު 23 އަހަރުވީއެވެ. ފުލުފުލުގައި 4 ދަރިން ލިބި ބޮޑެތިވަނީއެވެ. އެކުގައި ދިރިއުޅެން ފެށުމުން ދެމީހުންވެސް އެކަކު އަނެކަކު ދެކެ ނުލާހިކު ލޯބިވެއެވެ. ގަޔާވެސްވެއެވެ.  

ކައިވެނިކުރިއިރު ފިރިމީހާއަކީ 2 މީހަކު ގޮވައިގެން ގޭގެއަށް ގޮސް ކުދިކުދި މަސައްކަތްކޮށްލައިދީގެން އެކަމުން ލިބޭ އާމްދަނީން ދިރިއުޅޭ މީހެކެވެ. މިއަދު ފިރިމީހާއަކީ އަމިއްލަ މޮންސްޓްރަކްޝަން ކުންފުންޏެއް ހިންގާ މީހެކެވެ. ބޮޑެތި ބިޑްތައް ކާމިޔާބުކޮށްގެން އިމާރާތްކުރާ މީހެކެވެ. އެއިގެ އިތުރުން ކުޑަވަރެއްގެ ވަޑާންގެއަކާއި ވޯކްޝޮޕެއްވެސް ހިންގައެވެ. އާއިލާއަށްދޭންޖެހޭ އަޅައިލުމާއި ލޯބިދޭ ފިރިއެކެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ މައިންބަފައިންނަށް، މާމަކާފަމެންނަށް ހެޔޮކޮށްހިތާށެވެ. އެކަމުގެ ރަޙްމަތް ﷲ ތަޢާލާ މިދުނިޔޭގައިވެސް މިންވަރުކުރައްވަވާނެތެވެ. އަޅުގަނޑަށް ފެނުނު މާމަގެ ހުވަފެންތަކަކީ ވަސްވާހަކަށްވީނަމަވެސް ބަލައިގަނެ ޢަމަލުކުރުމުން މިވަނީ އުފާވެރި ދިރިއުލުމެއް ލިބިފައެވެ. މާމަގެ ބަސް ޤަބޫލުނުކުރެވުނީތީ ހިތާމަކުރަންވެސް މިވަނީ ޖެހިފައެވެ.  

ވީމާ މިއީ ހަމަ ކޮންމެ މީހަކަށްވެސް ފުދޭވަރެއްގެ ޢިބްރަތަކަށްވާނެ ކަމަށް އުންމީދުކުރަމެވެ. މިބަސް ބުނީ ހަމައެކަނި އަނހެނުންނަކަށް ނޫނެވެ. ފިރިހެނުންވެސް ހިމަނައިގެންނެވެ. ހެޔޮކޮށް ހިތަން އަންގަވާފައިވާ މީހުންނަށް ހެޔޮކޮށް ހިތުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމަކަށްވާތީއެވެ.   

- ޢަޒީޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް