އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާއަށްޓަކައި ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުވިގެންދާނެ 2 ޢަމަލު: ޝައިޚް ޢާމިރު ޖަމީލް

ތިބާއަށްޓަކައި ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުވިގެންދާނެ 2 ޢަމަލު: ޝައިޚް ޢާމިރު ޖަމީލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު

އިންސާނާއަށް ކުރިމަތިވާ ހުރިހާ މައްސލަތަކެއްގެ އަސްލަކީ ވެސް އެމީހާގެ ހިތްކަމުގައި ބުނެވިދާނެއެވެ. މީހާގެ އަމަލުތަކާއި މިޒާޖަށް ހުރިހާ ބަދަލުތަކެއް ގެނެސްދޭ ވަސީލަތަކީ އެމީހާގެ ހިތް ކަމުގައިވާތީއެވެ. އިންސާނާގެ ހުރިހާ ޢަމަލުތަކެއް ހިތާއި ގުޅިފައިވާ ކަމަށް ޙަދީޘްފުޅުގައި އެއޮންނަނީ މި ސަބަބަށްޓަކައެވެ. ހިތް ރަނގަޅުވެއްޖެ ނަމަ ހުރިހާ ޢަމަލުތަކެއް ރަނގަޅުވާނެ ކަމަށާއި ހިތް ގޯސްވެއްޖެ ނަމަ ހުރިހާ ޢަމަލުތަކެއް ގޯސްވެގެންދާނެކަން އެނގިގެންދަނީ އެ ޙަދީޘްފުޅުންނެވެ.

ނިޔަތާއި ހިތަކީ ގުޅި ލާމެހިފައިވާ ދެއެއްޗެކެވެ. އެހެނީ ނިޔަތް އޮންނާނީ ހިތް އެދޭ ގޮތުގެ މައްޗަށެވެ. އަހަރެމެންގެ އަމަލުތައް ގޯސްވެގެންދަނީ ނިޔަތް ނުބައިވުމުންނެވެ. ނިޔަތް ނުބައިވަނީ ހިތް ގޯސްވުމުންނެވެ. ވީމާ އެއީ ވަކިކުރެވެން އޮތް ދެ އެއްޗެއް ނޫނެވެ.

ކަން މިހެން އޮތުމުން ހިތް ޠޯހިރު ކުރުމަކީ ހުރިހާ ރަނގަޅުކަމެއްގެ ތަޅުދަނޑިއެވެ. ހިތުގެ ޠޯހިރުކަން ގެއްލި ނަޖިސްވަނީ ހިތުގެ މައްޗަށް ޝައިޠާނާ ވެރިވެގަންނާތީއެވެ. ބާރާއި ނުފޫޒު ހިތުގެ މައްޗަށް ހިންގާތީއެވެ. އެކަން ޝައިޠާނާ ކުރާނެއެވެ. ހުއްޓައެއް ނުލާނެއެވެ. ކޮންމެ ދުވަހަކުވެސް ކުރާނެއެވެ. އަބަދުވެސް ދާނީ ކުރަމުންނެވެ.

ހިތް ޠޯހިރު ކުރެވޭނެ ހަމައެކަނި މަގަކީ ﷲ ތަޢާލާގެ ރަޙްމަތް އެމީހަކަށް ލިބުމެވެ. އެކަން ޙާޞިލުކުރެވޭނީ އެކަމަށް އެދި މަސައްކަތްކުރުމުންނެވެ. ވީމާ އަހަރެމެންގެ މައްޗަށް އޮތީ ހިތް ޠޯހިރުކުރަން މަސައްކަތްކުރުންމަތީގައި އަބަދުވެސް ދެމިތިބުމެވެ. ވީމާ މި ބުނެދެނީ އެކަމަށް ކުރެވޭނެ އެންމެ ފަސޭހަ ދެކަންތަކެވެ. އެންމެ ފަސޭހައި ކުރެވޭނެ ދެކަންތަކެވެ.

ފުރަތަމަ ކަމަކީ ކީރިތި ޤުރްއާން ކިޔެވުން ގިނަކުރުމެވެ.

ކީރިތި ޤުރްއާން ކިޔެވުމުގައި 3 ދަރަޖައެއް ވެއެވެ. ފުރަތަމަ ދަރަޖައަކީ ހަމަ ކިޔަވައިލުމެވެ. ދެވަނަ ދަރަޖައަކީ ސަމާލުކަން ދީގެން ތަޖުވީދުވަމަގަށް ރައްކައުތެރިވެގެން ކިޔެވުމެވެ. 3 ވަނަ ދަރަޖައަކީ ކިޔަވާ ތަކެތީގެ މާނަ ހިތަށް ހިތަށް ގެނެސް ވިސްނައި ފިކުރުކޮށް ހިތަށް ބިރުވެތިކަން ގެންނަމުން ކިޔެވުމެވެ. މީގެ ތެރެއިން ފުރަތަމަ ދަރަޖަ ކަމަށް މިބުނި ގޮތަށް ކިޔަވައިގެން ކީރިތި ޤުރްއާން ކިޔެވުމުގެ މަޤްޞަދު ޙާޞިލުކުރެވިދާނެ ކަމަށް ޤަބޫލުކުރެވޭކަށް ނެތެވެ. އެކަން ކުރެވޭނީ 2 ވަނަ އަދި 3 ވަނަ ދަރަޖައިގައި ކިޔަވައިގެންނެވެ.

ކީރިތި ޤުރްއާން ކިޔަވަން އޮތް މަގުން ކިޔަވާނަމަ ކޮންމެ އަކުރަކަށް 10 ޘަވާބު ލިބިގެން އެބަދެއެވެ. މާނައަކީ ކޮންމެ އަކުރަކަށް 10 ރަޙްމަތް ލިބިގެންދާކަމެވެ. ވީމާ ކީރިތި ޤުރްއާނުން އެންމެ ޞަފްޙާއެއް ކިޔެވި ނަމަވެސް އެމީހަކަށް ލައްވަވާނެ ރަހްމަތުގެ އަދަދާއިމެދު ވިސްނައިލާށެވެ!

ދެވަނަ ގޮތަކީ ރަސޫލް (ﷺ) އަށް ޞަލަވާތް ކިޔެވުން ގިނަކުރުމެވެ. ކިތަންމެ ކުރުކޮށް ނަމަވެސް ރަސޫލް (ﷺ) އަށް ޞަލަވާތް ކިޔަވައިފިނަމަ އެމީހަކަށް 10 ރަޙްމަތް އެބަ މިންވަރުކުރައްވަވައެވެ.

މީސްތަކުންނޭވެ! ހިތް ޠޯހިރު ނޫންނަމަ އެމީހާ ކުރާ އަޅުކަމުގެ ފައިދާއެއް ނެތެވެ. ވީމާ އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތަކީ ހިތް ޠޯހިރުކުރަން ކުރަންޖެހޭ މަސައްކަތްތަކެވެ. އެހެނީ ކުރާ އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީ ސާފު ޠޯހިރު ހިތަކާއިގެން އަޅުކަން ކުރުމުންނެވެ. ވީމާ ހިތް ޠީހިރުކަންމަތީގައި ދެމެހެއްޓުމަށްޓަކައިވެސް ކީރިތި ޤުރްއާން ކިޔެވުން ގިނަކުރާށެވެ! ރަސޫލް (ޞޢވ) އަށް ޞަލަވާތް ކިޔެވުން ވެސް ގިނަކުރާށެވެ!

--ޝައިޚް ޢާމިރު ޖަމީލުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް