އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ބަލިޙާލުގަ އޮތް މަންމަ ގާތުގަ އަނބިމީހާއަށް ހޮސްޕިޓަލުގަ އުޅެންޖެހޭތީ އެއްދުވަހަށް ކުއްޖަކު ހޯދިމީހެއްގެ ތިޖޫރީ ހުސްވުމުގެ އިތުރުން އެޗްއައިވީ ޖެހުނު ގޮތުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ބަލިޙާލުގަ އޮތް މަންމަ ގާތުގަ އަނބިމީހާއަށް ހޮސްޕިޓަލުގަ އުޅެންޖެހޭތީ އެއްދުވަހަށް ކުއްޖަކު ހޯދިމީހެއްގެ ތިޖޫރީ ހުސްވުމުގެ އިތުރުން އެޗްއައިވީ ޖެހުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 17 ސިކުންތު

އެއިރު އަނބިމީހާ ހުންނަނީ އޭނާގެ މަންމަ ހޮސްޕިޓަލުގައި ބާއްވައިގެން އުޅޭތީ ހޮސްޕިޓަލުގައި މަންމަ ގާތުގައެވެ. ގެއަށް އަންނަނީވެސް ވަރަށް މަދުންނެވެ. ދުވާލަކު އެއް ފަހަރު ކަހަލަ ގޮތަކަށެވެ. 

އެއް ދުވަހަކު ހަވީރު ފިރިމީހާގެ ފޯނަށް ގުޅައިލުމުން ނެގީ އަންހެނެކެވެ. ފިރިމީހާ ފާޚާނާގައި ކަމަށް ބުނެފައި ބޭއްވީއެވެ. އެރޭ ގުޅާލުމުންވެސް ނެގީ ހަމަ އޭނާއެވެ. އެފަހަރު ފޯނު ނަގާފައި ބުނީ "އަނބިމީހާ ބަދަލުވީ ކަމަށާއި އުނދަގޫކުރަން ދެން ފޯނަށް ނުގުޅުމަށެވެ." 

ކޮންމެއަކަސް އެއްވަރުގެ ބޮޑު 2 ހިތާމަކުރިމަތިވީއެވެ. މަންމަ ނޭވާނުލެވިގެން މަރަށް ތެޅިފޮޅެނީއެވެ. ހިތުގެ ވިންދު ކޮންޓްރޯލު ނުކުރެވިގެން ޑޮކްޓަރުން ކަންބޮޑުވެ ތެޅި ފޮޅެނީއެވެ. އަނެއްކޮޅުން 10 އަހަރުވަންދެން ކައިވެނިކޮށްގެން އެކުގައި ދިރިއުޅުނު ފިރިމީހާ، 2 ދަރިންގެ ބައްޕަ ގެއްލިގެންދިއައީއެވެ. 

ހޮސްޕިޓަލް މިސްކިތަށް ގޮސް ނަމާދުކޮށްލީމެވެ. ދުޢާކުރީމެވެ. ކުރިމަތިވެފައިވާ ހިތްދަތި ހުރިހާކަމަކުން ސަލާމަތްކޮށްދެއްވެވުން އެދިއެވެ. މަންމައަށް އަވަސް ޝިފާއެއް ދެއްވެވުން އެދިގެންނާއި ފިރިމީހާއަށް ހެޔޮވިސްނުން ދެއްވެވުން އެދިގެންނެވެ. 

އެވަގުތުން ފެށިގެން ފިރިމީހާގެ ފޯނަކަށް ނުގުޅަމެވެ. ގެއަކަށްވެސް ނުދަމެވެ. ގެއަށް ނުދާތާ 2 ދުވަސްވުމުން ދަރިން ގުޅަން ފަށައިފިއެވެ. ޖަވާބުގައި ބުނީ މާމަ ގެއަށް ގެންދެވުނީމަ ދަރިން ގާތަށްދާނެ ކަމަށާއި އާންތުގެ ބަސް އަހައިގެން ރީތިކޮށްތިބުމަށެވެ. (އާންތުއަކީ ކުދިން ބެލުމުގައި އަޅުގަނޑަށް އެހީތެރިވާން މުސާރަދިފައި އަޅުގަނޑު ބަހައްޓާފައި ހުންނަ ކުއްޖެކެވެ.) 

އެއިގެ ހަފްތާއެއްހައި ދުވަސްފަހުން މަންމަ ނިޔާވީއެވެ. ޖަނާޒާގެ ކަންކަމުގައި ފިރިމީހާވެސް ބައިވެރިވިއެވެ. ހުރިހާ ކަންކަން ނިމިގެން އެކުގައި ގެއަށް ހިނގާށޭ ބުނީމާ އަޅުގަނޑު ބުނީ އިހަށް މިވަގުތު ދާން ބޭނުމީ މަންމަގެ ގެއަށް ކަމަށާއި ގޭތެރޭގެ ކަންކަން ހަމައަކަށް އަލުވާލާފައި ފަހުން ބައްދަލުކުރާނަން ކަމަށެވެ. 

ގެއަށްގޮސް ހަމަޖެހިލުމަށްފަހު 3 ކުދިން ގޮވައިގެން ހެދުންކޮޅަކާއި ފޮތްތަކާއި ޔުނިފޯމްތައްވެސް ހިފައިގެން ގެއަށް އަންނަން ބުނީމެވެ. އާންތު ކުދިން ގޮވައިގެން އައި ގަޑީގައި ގޭގައި ނެތުމުން ފިރިމީހާއަކަށް އެކަމެއް ނުއެނގެއެވެ. ފިރިމީހާއަށް އެނގުނީ އެކަންތައްތައް ހިނގައި ދިއަފަހުންނެވެ. 

ފިރިމީހާ އެރޭ ގުޅާފައި ކުދިން ގޮވައިގެން ގެއަށް އަންނާނީ ކޮންއިރަކުންތޯ ސުވާލުކުރުމުން އަޅުގަނޑު ބުނީ އަޅުގަނޑާއި 3 ކުދިންނާ އާންތުވެސް އިހަށް މަންމަގެ ގޭގައި މަޑުކޮށްލާނީ ކަމަށެވެ. ފިރިމީހާގެ ގެއަށް ދެވޭނެ ވަކިދުވަހެއް ބުނަން ނުއެނގޭ ކަމަށެވެ. 

3 ވަނަ ދުވަހުގެ ރޭ ފިރިމީހާ އަޅުގަނޑާއި ބައްދަލުކުރިއެވެ. ކުދިންނާއި އަޅުގަނޑު އޭނާގެ ގެއަށް ދިއުމާއިބެހޭގޮތުން ވާހަކަދެއްކުމުން އޭނާގެ ފޯނަށް ގުޅީމާ ލިބިފައި ހުރި ޖަވާބުތަކުގެ އަޑު އިއްވީމެވެ. ބުނީމެވެ. 

"ނިކަން ވިސްނައިލަބަލާށެވެ! އަހަރެންގެ މަންމަ މަރަށް ތެޅެނީއެވެ. ފެންނުވަރައި ނުކައި ނުބޮއި ނުނިދައި އަހަރެމެން އެންމެން ހޮސްޕިޓަލުގައި ތެޅިފޮޅެނީއެވެ. ކަލެއަށް ކުރަންފެނުނު ކަމަކީ ހިލޭ އަންހެނަކު ކޮޓަރިއަށް ވައްދައިގެން މަޖާކުރުމެވެ. އެންމެ ބޮޑަށް ދެރަވީ ކައިވެނި ކުރީންސުރެ ހުއްޓާލައިގެން ހުރެފައި 3 ދަރިން ލިބި އެކުދިންނަށް ކަންކަން ވިސްނޭވަރުވީމާ އަނެއްކާ ފުޅިބޯންފެށިކަމެވެ. ދެމީހުން ވެގެން އަހަރެންވެސް ނިދި ކޮޓަރީގައި އަހަރެންވެސް ނަމާދުކުރަން މުސައްލައަޅާ ތަނުގައި އެކަންކުރީތީއެވެ. އިރާދަކުރެއްވިއްޔާ ކަލޭ ނަޖިސްކުރި އެކޮޓަރިއަކަށް ދެން ދުވަހަކުވެސް ނުވަންނާނަމެވެ." 

ފިރިމީހާ ބުނީ އެއީ ވަރަށް ބޮޑަށް ފޫހިވެގެން ހަމަ އެންމެ ރެއަކަށް ހޯދި އަންހެން ކުއްޖެއް ކަމަށެވެ. އަޅުގަނޑު ގުޅުމުން އޭނާ ފޯނުނެގިކަމެއްވެސް ނުދެނެހުރިން ކަމަށެވެ. އަޅުގަނޑު ބުނީ އެނގުމާ ނުއެނގުމަކީ އަޅުގަނޑާއި ބެހޭ މައްސަލައެއް ނޫން ކަމަށާއި އެއިން އެއްވެސް ކަމަކަށް އެއްވެސް ޝަކުވާއެއް ނެތެވެ. "މަންމަ މަރުވުމުގެ ކުރިން އަލަތު ފިރިމީހާ ވަނީ މަރުވެފައެވެ. މިހާރު ދުނިޔޭގައި ހުރީ އޭނާގެ ހަށިގަނޑެވެ." 

ފިރިމީހާ ބުންޏެވެ. "އަހަރެންގެ އެކުވެރިއަކު މެދުވެރިވެގެން ކުރެވުނު އެކުށުގެ ޖަޒާއެނގޭ ހެއްޔެވެ؟ އެންމެ ދުވަހަކަށް ގެއަށް ގެނައީ އެދުދުވަހު ހަވީރުއެވެ. އެރޭ މެންދަން ނުވަނީސް ފިލައިފިއެވެ. އެކަން އެނގުނީ ހެނދުނުއެވެ. ފިލީ ތިޖޫރީގައި ހުރި ހުރިހާ ފައިސާވެސް ވަގަށް ބަގައިގެންނެވެ." 

އަޅުގަނޑު ބުނީމެވެ. "ތިއަކިޔައިދިން ވާހަކައިގައި ވެސް އަޅުގަނޑާއި ގުޅުމެއްހުރި ކަމެއް ނެތެއް ނޫން ހެއްޔެވެ؟ ކުއްޖާ ހޯދައިދިނީ އެކުވެރިއެކެވެ. ވަގަށް ނެގީ ކަލޭގެ ފައިސާއެވެ. ފިލުނީ ކަލޭގެ އިހުމާލުންނެވެ! އަދި ކަލެއަށް ނޭނގޭ ބައި މިކިޔައިދެނީއެވެ. ކަލޭ ނިދިގެން ވެއްޓުނީމަ ތިޖޫރީ ހުޅުވައިގެން ފައިސާ ނެގީ ކަލޭގެ ތިއަބުނާ އެކުވެރިޔާއެވެ. އެ ކަސްބީ އަންހެނާއަށް ދިނީ ވަރަށް ކުޑަކުޑަކުޑަ ފައިސާކޮޅެކެވެ. 

ދެން މިބުނަނީ އެންމެ މުހިންމު ވާހަކައެވެ. ދަރިއެއްގެ އަތުގައި ހިފާލިނަމަވެސް ބޮސްދީ ޚާއްޞަކޮށް މޫނުގައި ބޮސްދީ ނުހަދާށެވެ! އަމިއްލަ ލޭ އެޗްއައިވީއަށް ޓެސްޓްކުރަމުން ގެންދާށެވެ. މިކިޔައިދިނީ ހަމަ މިއަދު އެނގުނު ކަންކަމެވެ." 

ވާހަކަތައް ކިޔައިދިނުމުން ބުނާނެ އެއްޗެއްވެސް ނުއެނގިފައި ފިރިމީހާ އެތައް އިރަކު އިނެވެ. ކުދިންނާއިއެކު ކާންހެދީމާ ކައިގެން ނުކުމެގެން ދިއައީއެވެ. އެއިގެ 3 މަސް ފަހުން އަޑުއިވުނީ އޭނާ ކުރަމުން އައި ވިޔަފާރި ވިއްކާލާފައި ރާއްޖެއިން ފުރައިގެންދިއަ ވާހަކައެވެ. ފުރަމުން 3 ދަރިންނަށް އެއްވެސް މިންވަރެއް ދިއްކޮށްނުލާތަނުގައި ބައްދަލުކޮށްލަންވެސް ނާދެއެވެ. 

ދެން މިކިޔައިދެނީ އެންމެ އަގުހުރި ބައެވެ. ފިރިމީހާ ފިލައިގެން ދިއުމުން ކޯޓަށް ފޯމުލައިގެން ވަރިވެވުނު ދުވަހަކީ އަޅުގަނޑުގެ އުމުރުން 38 އަހަރު ފުރުނު ދުވަހެވެ. އެދުވަހު ހަވީރު ކޭކު ހަދައި ޑެލިވަރީކޮށްދޭ ތަނަކުން އަޅުގަނޑަށް ކޭކެއް ގެނެސްދިނެވެ. ފޮނުވި މީހަކަށް ޖަހާފައި އޮތީ "ނަޒީރު" އެވެ. 

މުޅިން ޔަޤީން ނުވި ނަމަވެސް ލަފާކޮށްފައި ނަޒީރަށް ގުޅައި ކޭކެއް ފޮނުވިންތޯ ސުވާލުކުރުމުން ބުނީ ކޭކެއް ފޮނުވިން ކަމަށާއި ހަމަ މިރޭ 9 ޖަހާއިރު އޭނާގެ މަންދޫބުން ކޮޅެއް އަލުގަނޑާއި ބައްދަލުކުރާނެ ކަމަށެވެ. 

ނަޒީރަކީ އަޅުގަނޑުގެ ފުރަތަމަ ލޯބިވެރިޔާއެވެ. އަޅުގަނޑު މީހަކާ އިންނަންދެން އަޅުގަނޑަށް އިންތިޒާރުކުރިއެވެ، އަޅުގަނޑު ނަޒީރު ދެކެ ވަރަށް ލޯބިވެސް ވެއެވެ. ނަމަވެސް ކުރީގެ ފިރިމީހާ އަޅުގަނޑުގެ މައިންބަފައިން މެދުވެރިކޮށް ކުރި މަސައްކަތްތަކުގެ ސަބަބުން ނަޒީރު އާއި ކައިވެނިނުކުރެވުނީއެވެ. އަޅުގަނޑަށް ފަހުން އެނގިފައި އޮތީ ނަޒީރުވެސް ކައިވެނިކޮށްގެން ރަނގަޅަށް ދިރިއުޅޭ ކަމަށެވެ. 

ކޮންމެއަކަސް އެރޭ 9 ޖެހިތަނާ ނަޒީރުގެ އަންހެން ކޮއްކޮއާއި 2 ފިރިހެނަކު ގެއަށް އައެވެ. ދިއްކޮށްލީ ނަޒީރުގެ ނޯޓެކެވެ! "ވަރަށް މުހިންމު ބައްދަލުވުމަކަށް ޔޫއޭއީއަށް ފުރަން މިރޭ 7 ޖަހާއިރަށް ޓިކެޓްވެސް ނެގިފަ އޮތީމަ ފުރަން މަޖުބޫރުވީ. އިރާދަ ކުރެއްވިއްޔާ 3 ދުވަސްތެރޭ އެނބުރި އަންނާނަން. ނަޒީރުގެ ފަރާތުން ކޮއްކޮ އެގެންދާ ފޯމު ފުރާލަދޭތި އިނގޭ.! އޯލްވޭޒް ލަވިންގ ޔޫ. ނަޒީރު" 

އެބުނި ފޯމަކީ ކައިވެނިކުރުމުގެ ފޯމެވެ. އެހެންވެ ދޮންބެގެ އަނބިމީހާ ކޮބައިތޯ ސުވާލުކުރުމުން ބުނީ 2 ދަރިން ދީފައި ފިލައިގެން ރަށަށް ދިއައީ ކަމަށާއި ދޮންބެ އެދިއެދިވެސް ނައުމުން ވަރިކުރިތާ މިހާރު އަހަރެއްހައި ދުވަސްވެދާނެ ކަމަށެވެ. 

ކޮންމެއަކަސް އެއޮންނަ އުޞޫލުތަކުގެ ތެރެއިން އަހަރެމެންގެ ކައިވެނިކުރެވުނެވެ. ޙަޤީޤަތަކީ އަޅުގަނޑުގެވެސް އޭނާގެވެސް ފުރަތަމަ ލޯބިވެރިންނަކީ އަޅުގަނޑުމެން ދެމީހުން ކަމެވެ. ވީމާ ފިރިމީހާ އަޅުގަނޑަށް ދިން ދެރައިން އަޅުގަނޑަށް ލިބުނީ އުފާވެރިކަމެވެ. އެއިގެ ފަހުން މިހާރު 12 ވަރަކަށް އަހަރުވެދާނެއެވެ. އޭނާގެ އެއްވެސް ޚަބަރެއް ނުވެއެވެ. ޚަބަރެއް ހޯދާކަށްވެސް ނުއުޅެމެވެ. 

އަޅުގަނޑު މިކިޔައިދިން އަޅުގަނޑުގެ ޙަޔާތުގެ ވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކޮށްފިނަމަ އަޅުގަނޑުގެ މަޤްޞަދު ޙާޞިލުކުރެވުނީއެވެ. ޚާއްޞަކޮށް ލިބޭ ކުޑަކުޑަ ފުރުޞަތުތަކުގައިވެސް އެއްރެއަށް އެއް ދުވަހަށް ނަމަވެސް ބުޅިޖަހާލަން ބޭނުންވާ މީހުންނަށް ޢިބްރަތަކަސް ފުދޭނެ ކަމަށް ހީކުރަމެވެ. 

- ސަމިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް