އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 5 ސިކުންތު
އެއިރު އަހަރެންގެ ޢުމުރަކީ 32 އަހަރެވެ. ކައިވެނީގެ 10 ވަނަ އެންވާސަރީ ދުވަހެވެ. އަހަރެމެން ކޮންމެ އަހަރަކުވެސް އެންވާސަރީ ފާހަގަކުރަނީ ގޭގައެވެ. އެންވާސަރީ އާ ގުޅުވައިގެން ކޮންމެ އަހަރަކުނަމަވެސް 2، 3 ދުވަހަށް ބައެއްފަހަރު އެއަށްވުރެ ގިނަ ދުވަހަށް ޗުއްޓީ ހޭދަކޮށްލަން ދަމެވެ. ނަމަވެސް ފަހުން ހަމަޖެހިލައިގެންނެވެ.
އެރޭވެސް މަސައްކަތުން ނިމިގެން ފިރިމީހާ ގެއަށް އަންނަންވާއިރަށް އަޅުގަނޑު ހުރީ ހުރިހާ ކަމެއް ތައްޔާރުކޮށް މޭޒުމަތީގައި އަތުރައިގެންނެވެ. 2 ދަރިންވެސް ނުނިންދަވައި ހިފަހައްޓައިގެންނެވެ.
ފިރިމީހާ ގެއަށް ވަދެ ހިނިތުންވެލާފައި ވަގެން ދިއުމުން އަހަރެން ހީކުރީ ފެންވަރައި ތާޒާވެލައިގެން ނުކުންނަން ދިއައީ ކަމަށެވެ. ނަމަވެސް ފިރިމީހާ ކޮޓަރިން ނުކުތީ ފޮށި ހިފައިގެންނެވެ. އައިސް ދޮރުން ނުކުންނަމުން ބުނީ ކުދިންނާއިއެކު އެންވާސަރީ ފާހަގަކޮށްލީމައި ރަނގަޅުވާނެ ކަމަށާއި 10 ވަނަ އެންވާސަރީ ވީމާ އަހަރެންނަށް ހަދިޔާއަކަށް ވަރިކޮށްފައި އަހަރެންނަށްވުރެ 10 އަހަރު ހަގު ލޯބިވެރިއަކާ ގުޅެންދަނީ ކަމަށެވެ.
އެހެން ބުނުމުން ބުނާނެ އެއްޗެއްވެސް ނުއެނގިފައި ހުއްޓާ ނުކުމެ ކާރަށް އަރައިގެން ދިއުމުން ބައްޕަ އެދިއައީ ކޮންތަނަކަށްތޯ، ކޮއްކޮމެންގާތު ނުވެސް ބުނެ ސަލާންވެސް ނުކޮށް ބައްދާވެސް ނުލައި ފޮށިހިފައިގެން އެދިއައީ ފުރަންތޯ ދަރިން ސުވާލުކުރަން ފަށައިފިއެވެ.
ދަރިންގެ ކުރިމަތީގައި ރޯކަށް ބޭނުމެއް ނުވިއެވެ. ވީގޮތް ބުނެދޭނެ ހިތްވަރެއްވެސް ނުލިބުނެވެ. އެހެންވެ ފިރިމީހާ ބުނިފަދައިން ދަރިންނާއިއެކު އެންވާސަރީ ފާހަގަކޮށްލާފައި ނިންދެވީއެވެ. އެކަމަކު އަހަރެންނަކަށް ނުނިދުނެވެ. ނިދިޖެހިލާއިރަށް ސިއްސައިގެންދަނީއެވެ. ކަންފަތުގައި ގުގުމަނީ ނުކުންނަމުން ފިރިމީހާ ބުނި ބަސްތަކެވެ.
ހަމަ ނިދިނުލިބި 7 މަސްދުވަސް ހޭދަކުރީމެވެ. އެއަސްފަހު މަޑުމަޑުންގޮސް ކަންކަން ހަމައަކަށް އެޅުމުން ދެވަނަ ކައިވެނިކުރީމެވެ. އަލުން ދިރިއުޅުމެއް ހޯދަން މަސައްކަތްފެށީމެވެ.
އެއިގެ 2 އަހަރު ފަހެވެ. ލިބުނީ ފިރިމީހާގފެ މެސެޖެކެވެ. "ލޯބިވާ އަނީއެވެ. މާފުކުރާށެވެ ބުނުން ނޫން ގޮތެއް ނެތެވެ. ކަލާ ވަރިކޮށްފައި ގުޅެވުނު އަނބިމީހާ ވިޔަފާރިއެއް ކުރަން ބޭނުންވެގެން ބުނީމާ ފައިސާކޮޅެއް އޭނާގެ އެކައުންޓަށް ޓްރާންސްފަރކޮށްދިނީމެވެ. އެފައިށާއިން ކުރީ ޑްރަގުގެ ވިޔަފާރިއެއްކަން އެނގުނީ ބަންދުކުރުމުންނެވެ. ޑްރަގުގެ ވިޔަފާރިއަށް އިންވެސްޓްކުރާ މީހެއްކަމަށް ބަލައި 18 އަހަރުގެ ޖަލުޙުކުމެއް އިއްވައިފިއެވެ. އަތުގައި ހުރި ގުރިހާ ފައިސާއަކާއ އެސެޓްތަކުގެ އަގަސްވުރެ ބޮޑު އަދަދަކުން ޖުރުމަނާ ކޮށްފިއެވެ. ނުދެއްކުނީމާ ހުރިހާ އެއްޗެއް ނަގައިފިއެވެ. ޖަލަށް މިދަނީ އަތުގައި އެއްވެސް އެއްޗެއް ފަޤީރެއްގެ ގޮތުގައެވެ.
އަހަރެންނަށް ކަލާ އާއިމެދު ކަންކަްނކުރެވުނު ގޮތުން މާފުކުރަން ވަރަށް އުނދަގޫވާނެކަންވެސް އެނގެއެވެ. ނަމަވެސް މާފުކޮށްދޭށެވެ. އަހަރެންގެ ޙާލުވެސް ބަލައިލަދޭށެވެ. ކަލާއަށާއި ދަރިންނަށް ވަރަށް ހެޔޮދުޢާ ސަލާމް-"
ލިބިފައި ތިބި 2 ދަރިންގެ ބައްޕައަށް އެފަދަ ގޮތެއް މެދުވެރިވުމުން ވަރަށް ދެރަވިއެވެ. އަދި ދަރިންނަށް ކޮންމެވެސް ދުވަހަކުން ލިބިދާނެ ކަމުގެ އުންމީދު އޮތް ތަނަވަސްކަން ގެއްލިގެންދިއައީކަން ވަކިން ބޮޑަށް ދެރަވިއެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނެތުމުން ކެތްތެރިވެގެން ހުރީއެވެ.
އޭނާގެ ޙާލުބެލީމެވެ. ވެވުނު ވަރަކުން އެހީތެރިވެސްވީމެވެ. އެއީ 2 ދަރިންގެ ބައްޕަ ކަމުގައިވީތީއެވެ. އޭނާގެ އުޅުން ރަނގަޅުކަމުން 10 އަހަރުފަހުން ސަލާމަތްވެގެން ގެއަށް އައެވެ. ނަމަވެސް އޭނާ އާއި ވާހަކަ ދައްކާނެ ހިތްވަރެއް ނުލިބުނެވެ. ދަރިންވެސް ވާހަކަ ދައްކަން ބޭނުމެއް ނުވިއެވެ. ވަރަށް ދެރަވެފައި ހުރެގެން އޭނާ ނުކުމެގެން ދިއައީއެވެ. އެއިގެ ފަހުން އަދިވެސް އެއްވެސް ޚަބަރެއް ނުލިބެއެވެ.
މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ކުރުކޮށް ފޮނިކޮށްވެސް ބުނެލަން ބޭނުންވަނީ އެންވާސަރީ ފާހަގަކުރަން އަނބިމިހާއަށް ދިން ހަދިޔާއަށް އެއޮތީ ވަރަށް ރަނގަޅަށް ރާކަނިމަސްކެވިފައެވެ. އަނބިން ވަފާތެރިކަމުގައި ލޯބިދީދީ ތިއްބާ ޒުވާން ކުދިންގެ އަވާގައި ޖެހި އަނބިންނަށް އަނިޔާކުރާ ފިރިންނަށް މިވާހަކައިގައި ޢިބްރަތެއްވާކަން ޔަޤީން ނޫންތޯއެވެ؟
- ނާހިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
12 ސެޕްޓެމްބަރ 2022