އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރިމީހާގެ ވާގިނެތުމުން ކުރިމަތީގަ ހިލޭ ފިރިހެނުން ގެންގުޅެ އޭނާގެ ގެވެސް ވިއްކާލައި މަގުމައްޗަށް އެއްލައިލި އަންތބަކަށް ޖެހުނު ޙާލުގެ ވާހަކަ-

ފިރިމީހާގެ ވާގިނެތުމުން ކުރިމަތީގަ ހިލޭ ފިރިހެނުން ގެންގުޅެ އޭނާގެ ގެވެސް ވިއްކާލައި މަގުމައްޗަށް އެއްލައިލި އަންތބަކަށް ޖެހުނު ޙާލުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 36 ސިކުންތު

އެދެމަފިރިންނަކީވެސް ހަމަ ލޯބިން އެކުގައި ދިރިއުޅެމުން ދިއަ ދެމަފިރިންނެވެ. ކައިވެންޏަށް ދެވަނަ އަހަރު ކުރިމަތިވި އެކްސިޑެންޓަޚާއި ގުޅިގެން ފިރިމީހާ ވާގިނެތުނެވެ. ހިނގައި ނުއުޅެވި އަދި އެއްގޮތަކަށްވެސް ވާހަކަ ނުދެއްކޭވަރުވިއެވެ.

ޑޮކްޓަރުން ބުނަނީ އެޙާލަތުގައި ދެވޭނެ ހަމައެކަނި ފަރުވާއަކީ އޭނާ އާއި އަޅާލައި މަސްރަތުކުރުވުން ކަމަށެވެ. ކޮންމެ ޑޮކްޓަރަކުވެސް ބުނީ ހަމަ އެއްގޮތަކަށެވެ. ދަސްކޮށްދެނީ އެއް ކަސްރަތުތަކެކެވެ. 

މަހެއްހައިދުވަސްވީއިރުވެސް މާބޮޑު ކުރިއެރުމެއް ނުލިބުމުން އަނބިމީހާ ފިރިމީހާގެމަތިން ފޫހިވިއެވެ. ހިލޭ ފިރިހެނުން ގެއަސް ވައްދައި ފިރިމީހާގެ ކުރިމަތީގައި ގެންގުޅެން ފެށިއެވެ. ފިރިމީހާއަކަށް އެކަން ހުއްޓުވަން ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ޖެހެނީ ބަލަހައްޓައިގެން އިންނާށެވެ.  

އެވަރުންވެސް އަނބިމީހާ ފުއްދައިލީއެއް ނޫނެވެ. ފިރިމީހާއަށް ދެކޮޅު ހެދޭނެ ގޮތަށް ދެކޮޅު ހަދަމުން ދަނިކޮށް ލިޔުންތަކުގައި ފިންގަރޕްރިންޓް ޖައްސުވައި ފިރިމީހާގެ ގެވެސް ވިއްކައިލީއެވެ. ލިބުނު ފައިސާ އަނބިމީހާގެ އެކައުންޓަށް ޖަމާކުރުވާފައި ފިރިމީހާ ގޮވައިގެން ދުރުއަވަށަކަށް ގޮސް މަގުމައްޗަށް ދޫކޮށްލާފައި ފިލީއެވެ. 

7 އަހަރުފަހެވެ. ތަނެއް ދޮރެއް ނުބަލައި ހިލޭ ފިރިހެނުންނަށް ޚަރަދުކުރަމުން ގޮސް އަތްމަތި ހުސްވީއެވެ. ކައިވެނިކުރާނެ ކަމަށްބުނެ އޭނާގެ އަތުން ފައިސާ ހޯދަމުންދިއަ އެކަކުވެސް އޭނާއާއި ކައިވެންޏެއް ނުކުރިއެވެ. ފަޤީރުވެ ސަލާންޖަހަން ޖެހުމުން ވަޒީފާއެއް ހޯދަން ބެލިއިރު ކިޔެވިފައެއް ނެތެވެ. މަސައްކަތުގެ ތަޖުރިބާއެއްވެސް ނެތެވެ. އެހެންވެ ކުނިކަހައި ފޮޅައި ސާފުކުރާ މަސައްކަތު އަންހެނެއްގެ ވަޒީފާ ލިބޭތޯ މަސައްކަތްކުރަނިކޮށް އަމިއްލަ ކުންފުންޏަކުން ވަޒީފާއެއް ލިބުނެވެ. އެވަޒީފާގައި މަސައްކަތްކުރާތާ 3 މަސްވަރުވީފަހުން އެއްދުވަހަކު ވެރިން ޒިޔާރަތްކުރާތީ އިތުރަށް ސާފުކޮށް ރީތިކުރަން އެންގިއެވެ. 

އެދުވަހު ހަވީރު ވެރިންގެ އިސްތިޤްބާލުގައި އެންމެން ސަފުހަދައިގެން ތިއްބައި އަގުބޮޑު ކާރެއްގައި އައިސް ފޭބީ އޭނާގެ ކުރީގެ ފިރިމީހާ އާއި ޒުވާން އަންހެން ކުއްޖެކެވެ. ހީކުރެވުނީ އެއީ އެހެން މީހެއް ކަމަށެވެ. އޭނާގެ ފިރިމީހާއަށް ނުވާނެ ކަމަށެވެ. އެގޮތަށް ވިސްނައިގެން ހުއްޓައި އެންމެންނާއި ސަލާންކުރަމުން އައިސް ސަލާންކޮށްލާފައި ނަމުން ގޮވާލުމުން އޭނާ ދިއައީ ސިއްސައިގެންނެވެ. 

ފުރަތަމަވެސް ގަތީ ބިރެވެ. އެއީ ވަޒީފާއިން ވަކިކޮށްފާނެތީއެވެ. ފިރިމީހާ އާއިމެދު ކަންކަން ކުރެވުނު ގޮތް ހަނދާންވުމުން ދެރަވެ ރޮވުނެވެ. ބިރުން ތުރުތުރު އަޅަން ފެށިއެވެ. އެޙާލެއްގައި ހުއްޓައި މީހަކު އައިސް ވެރިމީހާގެ ގާތަށް ދާން ބުނުމުން އިތުރަށް ބިރުގަތެވެ. 

ދިއުމުން ފިރިމީހާ ބުންޏެވެ. "އަހަރެންގެ ވާގިނެތުނަސް ސިކުނޑި ފުރިހަމައަށް މަސައްކަތްކުރިއެވެ. އެހެންވެ ކަންތައްތައް ކުރި ގޮތް ވަރަށް ރަނގަޅަށް އެނގެއެވެ. ކަލޭ އަހަރެން މަގުމައްޗަށް އެއްލާލާފައި ދިއުމުން މަގުމަތީގައި އިންދާ އަހަރެންނާއި އެހީތެރިވީ މީނާއެވެ. މީނާއަކީ އަހަރެންގެ މި އަނބިމީހާގެ ނަމެވެ. މީނާއަކީވެސް މަގުމަތީގައި ސަލާންޖަހަން އުޅުނު އަންހެނެކެވެ.

ﷲ ގެ ރަޙްމަތްފުޅު ކިތަންމެހައިވެސް ބޮޑެވެ. ބައްދަލުވި ތަނަވަސް މީހަކު އަހަރެންނަށް ފައިސާގެ ގޮތުން އެހީތެރިވީއެވެ. ﷲ ގެ ވާގިފުޅާއިއެކު މީނާ ކޮށްދިން ބުރަ މަސައްކަތުން އަހަރެން ގަދަވީއެވެ. މިތަނަވަސްކަމަކީ އަހަރެން ގަދަވުމުން އެމީހާ އަހަރެންނަށް ދިން ހަދިޔާއެކެވެ. ވިޔަފާރި ހިންގަނީ މުވައްޒިފުންނެވެ. އަހަރެމެން ދެމަފިރިން މިތަނަށް އަންނަނީ ވަރަށް މަދުންނެވެ. އަހަރެމެން ދިރިއުޅެނީ ފަތުރުވެރިން އުޅޭ ސަރަހައްދުން ބަންގަލޯއެއް ގަނެގެން އެތަނުގައެވެ.

ކަލޭގެ އެއްވެސް ވާހަކައެއް އަޑުއަހާކަށްވެސް ބޭނުމެއް ނޫނެވެ. އެކަމަކު ބުނަންހެއްޔެވެ؟ ވަޒީފާއަކުން ވަތްކެއް ނުކުރާނަމެވެ. މިހާރު ތިއަވަނީ ރަނގަޅު ފިލާވަޅެއް ލިބިފައެވެ. ނުބައިކޮށް ކަންކަން ކުރާ މީހުންނަށްވެސް ދެވަނަ ފުރުޞަތު ދިނުމަކީ އަހަރެންގެ އުޞޫލުކަމަށްވުމުން ކަލޭގެ ވަޒީފާ މައްޗަށް ޖައްސާލައި ސުޕަވައިޒަރަކަށް ބަދަލުކުރަން ބުނާނަމެވެ. ދެން އަވަހަށް މިތަނުން ދާށެވެ." އެހެން ބުނެފައި އެންމެ ކުޑަމިނުން މާފަށް އެދުމުގެ ފުރުޞަތުވެސް ނުދީ ވެރިމީހާގެ އޮފީހުން ބޭރުކޮށްލީއެވެ. 

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަނބިމީހާވިޔަސް ފިރިމީހާ ވިޔަސް މިފަދަ ނިކަމެތި ޙާލެއްގައި ޖެހުމުން މިފަދަ ގޮތްގޮތަށް ޢަމަލުކުރުމަކީ އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައިދިއުމެވެ. މިހުންނަނީ ބޮޑުވަރެވެ. 

ރާއްޖޭގައި ހިނގާ ކަންކަމާއި ކަންކަން ހިނގާގޮތް ތަފާތުވިނަމަވެސް ބައިވެރިޔާއަށް މިފަދަ ނިކަމެތި ޙާލުޖެހުމުން މިފަދައިން އަނިޔާވެރިވި ކިތަންމެ ހާދިސާތަކެއް ވަނީ ހިނގައިފައެވެ. އަޅުގަނޑަށް އެނގިގެން ހިނގާފައިވާ ހާދިސާތަކުގައި ނުކުތް ނަތީޖާވެސް ހަމައެހައި ހިތްޗެވެ. ވީމާ ވިސްނައިލަމާތޯއެވެ! 

- މަޢްޞޫމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


13%
ވ.ރަނގަޅު
10%
ރަނގަޅު
35%
އޯކޭ
40%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް