އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ކިތަންމެ ބައިވަރުދިނަސް ވަޤުތާ ލޯތްބާ އަޅައިލުން ނުދޭތީ ފުދިގެން ނީންނަން ވަރިވި އަންހެނަކު އޭނާ ބޭނުންވާ ހުރިހާ ކަންކަން ހޯދިގޮތުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ކިތަންމެ ބައިވަރުދިނަސް ވަޤުތާ ލޯތްބާ އަޅައިލުން ނުދޭތީ ފުދިގެން ނީންނަން ވަރިވި އަންހެނަކު އޭނާ ބޭނުންވާ ހުރިހާ ކަންކަން ހޯދިގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 0 ސިކުންތު

އަޅުގަނޑުގެ ޙަޔާތުގެ މިވާހަކަތައް ޤަބޫލުކުރަން އުނދަގޫވެދާނެއެވެ. ނަމަވެސް އަޑުއައްސަވައިލައްވާށެވެ. ނުވަތަ މިލުޔުން ވިދާޅުވެލައްވާށެވެ. އެއަށްފަހު ގޮތް ނިންމަވާށެވެ. ވަރަށް ފައިދާކުރާނެ ވާހަކަކޮޅަކަށްވުންވެސް އެކަށީގެންވެއެވެ.

އަޅުގަނޑަށް ކައިވެނިކުރެވުނީ ވިޔަފާރިވެރިއަކާއިއެވެ. އޭނާއަކީ އެންމެ ކަމެއް ފިޔަވައި ހުރިހާ ކަމަކުންވެސް ރަނގަޅު މީހެކެވެ. ވަރަށް ގިނައިން ހަދިޔާދެއެވެ. ދެނީވެސް އަގުބޮޑު އެއްޗެއްސެވެ. ފާހަގަކުރަްނޖެހޭ ދުވަސްތައްވެސް ހަނދާންހުރެއެވެ. އެދުވަސްތަކުގައި ޚާއްޞަ ހަދިޔާވެސް ލިބެއެވެ. އަޅުގަނޑު އެންމެ ބޮޑަށް ބޭނުންވާ ކަންތައް ފިޔަވައި އެހެންހުރިހާ ކަންކަންވެސް ކޮށްދެއެވެ. ދުވަހަކުވެސް ރުޅި އައިސް ޒުވާބުކުރުން ފަދަ ކަމެއްވެސް ނުކުރެއެވެ.  

މިފަދަ ގޮތަކަށް ކައިވެނީގެ ފުރަތަމަ 5 އަހަރު ނިމުމުން ފިރިމީހާއަށް ވިސްނައިދޭން މަސައްކަތްކުރީމެވެ. އަޅުގަނޑު އޭނާ އާއި ކައިވެނިކުރީ އަގު ބޮޑު ހަދިޔާ އާއި ތަނަވަސް ދިރިއުޅުމެއްގެ ދަހިވެތިކަމުގައި ނޫންކަމެވެ. އަޅުގަނޑަށް އެންމެ ބޮޑަށް ބޭނުންވަނީ އެކުގައި ވަގުތު ހޭދަކުރުން ކަމެވެ. ފާހަގަކުރަންޖެހޭ ދުވަސްތައް ފާހަގަކުރަންވެސް ބޭނުންވަނީ އަގުބޮޑު ހަދިޔާއެއް ނޫންކަމާއި ކިތަންމެ އާދައިގެ ތަނެއްގައި ނަމަވެސް އެކުގައި ޗުއްޓީ ހޭދަކޮށްލުން ފަދަ ކަންކަން ކަމެވެ.  

ފިރިމީހާ ކުރީ އިންކާރެވެ. ބުނީ އޭނާއަށް އެންމެ މުހިންމީ މަސައްކަތްކަމަށެވެ. އަގުބޮޑު ހަދިޔާ ދެވެނީވެސް ބުރަކޮށް މަސައްކަތްކުރާތީ ކަމަށެވެ. އަޅުގަނޑު ބުނީ އެކުގައި ވަޤުތު ހޭދަނުކުރެވޭ ފިރިއެއްގެ އަތުން ލިބޭ ހަދިޔާ ކިތަންމެ އަގުބޮޑުނަމަވެސް އެއިގައި އެއްވެސް ޙަޤީޤީ އަގެއް ނެތް ކަމަށެވެ.  

އަޅުގަނޑު ދެއްކި މިވާހަކަތަކުގެ ނަތީޖާއަކަށްވީ އަޅުގަނޑު ދޫކޮށްލަން ނިންމުމެވެ. ބުނީ އަޅުގަނޑަށް ދީފައި އޮތްކާރާއި އެހެންވެސް އަގުބޮޑު ހަދިޔާތައް ބަހައްޓާފައި ގެއިން ނުކުމެގެންދިއުމުން ވަރިކުރާނެ ކަމަށެވެ. ފިރިމީހާ އެހެން އެބުނީ އެއެއްޗެތީގެ ދަހިވެތިކަމުގައި އަޅުގަނޑު މަޑުން ހުންނާނެ ކަމަށް ބަލައިގެން ކަމަށްވެދާނެއެވެ. ނަމަވެސް އަޅުގަނޑު ނިންމީ އޭނާދީފައިވާ ހުރިހާ އެއްޗެއް އޭނާއަށް ދޫކޮށްލާފައި ދިއުމަށެވެ.  

ގެއަށް ގޮސް ގޭގައި އުޅެމުން ވަޒީފާއެއް ހޯދީމެވެ. އަމިއްލައަށް ދިރިއުޅެން މަސައްކަތްކުރީމެވެ. އެދުވަސްވަރު ގޭގެ އެއާކޮންޑިޝަން ހަލާކުވެގެން ހަދަން ގެނައި މީހަކާއި އަޅުގަނޑާއި ދެމެދު ގުޅުން އުފެދި ކައިވެނިކުރީމެވެ. އެކަން އެނގުމުން ކުރީގެ ފިރިމީހާ ވަރަށް މަލާމާތް ކުރިއެވެ. ދެމީހުން އެކުގައި މަގުމަތިން ފެނުނަސް މަލާމާތް ކުރެއެވެ.  

އަޅައެއް ނުލަމެވެ. ފިރިމީހާގެ ކިބައިން އަޅައިލުމާއި ލޯބިލިބޭތީ ޚާއްޞަކޮށް އަޅުގަނޑަށް ވަޤުތުދޭތީ ހުރީ ވަރަށް އުފަލުންނެވެ. ޙާލަތަކީ ﷲ ބަދަލުކުރައްވަވައި ދެއްވެވުމުން ބަދަލުވާ އެއްޗަކަށްވާތީ ޙާލަތު މިހާރު މިވަނީ ބަދަލުވެފައެވެ.  

ފިރިމީހާއަށް ހީވަރުދީ އެހީތެރިވެގެން ގޭގެ ކޮޓަރިއެއްގައި ހުޅުވި ވޯކްޝޮޕް ކުރިއަރައި މިހާރު އަޅުގަނޑުމެން ދެމީހުންނަކީ އެއާކޮންޑިޝަން މަރާމާތުކޮށްދިނުމުގެ އިތުރުން އޭސީ އެތެރެކޮށް ވިއްކާ ބައެކެވެ. އެކަމުން އުފަލުގައި ދިރިއުޅެވޭވަރުގެ އާމްދަނީއެއްވެސް އަންނަނީ ލިބެމުންނެވެ.  

ކުރީގެ ފިރިމީހާގެ ވާހަކައެއްވެސް ބުނެލާނަމެވެ. އޭނާގެ ވަރަށް ގާތް އެކުވެރިއަކަށް ދިން ގިނަ ޢަދަދެއްގެ ފައިސާ އަނބުރާ ނުލިބުމުންނާއި ފަހުން ކައިވެނިކުރި މީހާއަށް ކުރަންޖެހޭ ޚަރަދު ބޮޑުވެފައި އޭނާގެ ޢާއިލާއަށް ދިން ލޯނުތައްވެސް އަނބުރާ ނުލިބުމުން މިހާރު އުޅެނީ ދަތިޙާލުގައެވެ. ދާދިފަހުން އޭނާގެ ގޭގެ 2 އޭސީ ހަލާކުވެގެން ބުނީމައި 2 އޭސީ އަޅުވައި ދޭންޖެހުނީ ފަހުން އަގުދައްކާގޮތަށެވެ.   

މިއަދުނޫހުގެ ކިޔުންތެރިންނަސް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވިގޮތެވެ. ބުނެލަން ބޭނުންވަނީ އަގުބޮޑު ހަދިޔާ ކިތަންމެ ގިނައިން ދިންނަމަވެސް ހިތްހަމަޖެހިގެން މަޑުން ތިބޭނީ އެއްޗެއްސަށް ކައިވެނިކުރާ އަންހެނުންނެވެ. ގިނަވާނީ ކޮން ބައެއް ކަމާއިމެދު ބަހުސްކުރާކަށް ނެތީމެވެ. ނަމަވެސް ޔަޤީންކަމަކީ ކިތަންމެ ގިނައިން އަގުިބޮޑު ހަދިޔާތައް ދިންނަމަވެސް ވަޤުތާއި ލޯތްބާއި އަޅައިލުން ނުދޭނަމަ އެކުގައި އުޅެން ބޭނުން ނުވާނެ ހަމަ އަޅުގަނޑުފަދަ ކިތަންމެ އަންހެނުންނެއް ތިބޭނެއެވެ. ވީމާ މިއީ ވިސްނައިލުން ރަނގަޅު ކަމެކެވެ.  

- ޝަރީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް