އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ވާދަކުރަންޖެހޭ މީހުން އަޑިއަށް ގަންބާލާފަ ކުރިއަރަން މަސައްކަތްކުރުމަކީ މޮޅުމީހުންގެ ގޮތެއް ނޫން! އެއިރުން އެހޯދެނީ ކާމިޔާބީއެއްވެސް ނޫން!

ޙަޤީޤީ ޙާދިސާ: ވާދަކުރަންޖެހޭ މީހުން އަޑިއަށް ގަންބާލާފަ ކުރިއަރަން މަސައްކަތްކުރުމަކީ މޮޅުމީހުންގެ ގޮތެއް ނޫން! އެއިރުން އެހޯދެނީ ކާމިޔާބީއެއްވެސް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 6 ސިކުންތު

އަޅުގަނޑަކީވެސް ރާއްޖޭގެ މަޝްހޫރު ރިޒޯޓެއްގެ ބަދިގޭގައި ކައްކާ މީހެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި މީހަކީމެވެ. ރާއްޖެއިން ބޭރުގައި އެކުންފުނިން ހިންގާ ރިޒޯޓެއްގައި ބާއްވާ ކެއްކުމުގެ މުބާރާތަކަށް ރާއްޖޭގެ ރިޒޯޓުން ފޮނުވާނެ ކައްކާއަކު ހޮވަންވެގެން ރިޒޯޓުން ޗެލެންޖެއް ބޭއްވިއެވެ. 

އެޗެލެންޖުގައި ހުރިހާ ޝެފުންވެސް ވާދަކުރިއެވެ. އަޅުގަނޑު ވަރަށް ކުރިއާލައި ތައްޔާރުކުރާނެ ޑިޝްއަކާއިމެދު ވިސްނީމެވެ. ބޭނުންވީ އަމިއްލައަށް ޑިޝްއެއް އުފައްދާށެވެ. އެވާހަކަ އެކުވެރިންގެ ގާތަކު ނުބުނަމެވެ. އެއީ ކޮންމެހެން ނުބުނަންވެގެނެއްވެސް ނޫނެވެ. މުބާރާތެއްގައި ވާދަކުރަނީ މޮޅުވުމުގެ ބޭނުމުގައިކަމަށްވާތީއެވެ. 

ކޮންމެއަކަސް ދުވަސް އައިސް ޖެހި މުބާރާތަށް ކައްކަން ފަށައި އަޅުގަނޑު ތައްޔާރުކުރަމުން ދިއަ ޑިޝް ނުނިމެނީސް ފާޚާނާއަކަށްދާންޖެހުނެވެ. ގިނިމަޑުކޮށްލާފައި ގޮސް ފާޚާނާކޮށްލައިގެން އައިސް ރަހަބަލާލިއިރު ލަނީ މުޅިން ތަފާތު ރަހައެކެވެ. އަޅުގަނޑު ބޭނުންނުކުރާ އެއްޗެތީގެ ރަހަވެސްލައެވެ. 

ކެންސަލްކޮށްފައި އަލުންތައްޔާރުކުރާނެ ވަޤުތު ނެތުމުން ދެން މަސައްކަތްކުރީ ހަމަ އެއަށް އިތުރު އެއްޗެތި އަޅައިގެން ތަފާތު ރަހައެއް ލެއްވޭތޯއެވެ. ފޭލްވުމާއި ކާމިޔާބުވުން ވަކީލްކުރީ ﷲ އަށެވެ. ވީހާ ރަނަގަޅަކަށް، ވީހާމީރުކޮށް ތައްޔާރުކުރަން މަސައްކަތްކުރީމެވެ. އަތްމަތި ވަރަށް އަވަސްކުރީމެވެ. ތެޅި ފޮޅުނީމެވެ. ނިންމަންޖެހޭ ގަޑިއަށް ނިންމައި ފަނޑިޔާރުންގެ މޭޒުމައްޗަށް ނެރުނީމެވެ. 

ކޮންމެ މީހަކަށްވެސް އެމީހަކު ތައްޔާރުކުރި އެއްޗެއް ތައްޔާރުކުރި ގޮތް ކިޔައިދޭން ޖެހުނެވެ. ކޮންމެ ކައްކާއަކުވެސް ބުނަމުން ދިއައީ އެއީ މިވެނި ޤައުމެއްގެ މިވެނި ނަމެއް ކިޔާ ޑިޝްއެއް ކަމަށެވެ. އަޅުގަނޑަށް ލިބުނު ފުރުޞަތުގައި އަޅުގަނޑު ތައްޔާރުވިގޮތާއި ނަމަވެސް ކަންކަން ނިމިގެންދިއަގޮތްވެސް ކިޔައިދިނީމެވެ. ތައްޔާރުކުރަން ބޭނުންވި ޑިޝް ތައްޔާރު ނުކުރެވުނު ކަމަށާއި ނަމަވެސް އަޅުގަނޑުގެ ޑިޝްއަކީ މުޅިން އަމިއްލަ އުފެއްދުމެއް ކަމަށާއި މުބާރާތުގައި ބައިވެރިނުކުރެވުނު ނަމަވެސް އެހެން ފުރުޞަތެއްގައި އަޅުގަނޑު ތައްޔާރުކުރަން ބޭނުންވި ޑިޝް ތައްޔާރުކޮށްފައި ފަނޑިޔާރުންނަށް ކާންދޭނެ ކަމަށްވެސް ބުނީމެވެ. 

ދަންނަވަންތޯއެވެ! ނަޞީބަކީ ކަތީބަކު ދޭއެއްޗެއް ނޫންކަމަށް ބުނާ ބުނުން ތެދުވިއެވެ. ފަނޑިޔާރުންނަށް އެންމެ ކަމުދިއައީ އަޅުގަނޑުގެ ޑިޝްއެވެ. އެެހންވެ ބޭރުގެ މުބާރާތަށް ދިއުމުގެ ފުރުޞަތުވެސް ލިބުނެވެ. ބޭރުގެ މުބާރާތުންވެސް ގޯލްޑެއް ލިބުނެވެ. އެނބުރި އައުމުން ވަޒީފާވެސް މަތިވިއެވެ. 

އަޅުގަނޑު މިވާހަކަ މިއަދުނޫހާއި ޙިއްޞާމިކުރީ އެންމެ ބޭނުމަކުއެވެ. ބުނެލަން ބޭނުންވަނީ ތިމާ ކުރިއަރަން ކިތަންމެ ބޮޑަކަށް ބޭނުންވި ނަމަވެސް އެހެންމީހުން ގަންބާއަޑިއަށް ދުއްވާލާފައި ކުރިއަރަން މަސައްކަތްނުކުރާށެވެ. ކުރިއަރަން މަސައްކަތްކުރަންވީ ހިތްވަރުންނެވެ. ބުރަމަސައްކަތުންނެވެ. މޮޅަށް ކަންކަން ކުރަން ވިސްނައިގެންނެވެ. 

މިއަދުނޫހުގައި ޝާއިޢުކުރާ "ޙަޤީޤީ ޙާދިސާ" ސިލްސިލާއިން ގިނައިން ފެންނަނީ ލޯބީގެ ވާހަކަތަކާއި ދިރިއުޅުމުގެ ވާހަކަތަކެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އަޅުގަނޑު މިކިޔައިދިން ވާހަކައަކީވެސް ސިލްސިލާއަށް ކޮލިފައިވާ ޢިބްރަތްތެރި ވާހަކައެކެވެ. ގޮތް ނިންމާނީ ކިޔުންތެރިންނެވެ. 

- ޝަހީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް