އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ކުށެއްނެތި ވަގުބަދުނާމު އަޅުވާފަ ވަޒީފާއިން ވަކިކުރުވި އެކަނިވެރި މައަކަށް ބޮޑު މުސާރައާ މެނޭޖަރެއްގެ ވަޒީފާ ލިބުނު ގޮތުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ކުށެއްނެތި ވަގުބަދުނާމު އަޅުވާފަ ވަޒީފާއިން ވަކިކުރުވި އެކަނިވެރި މައަކަށް ބޮޑު މުސާރައާ މެނޭޖަރެއްގެ ވަޒީފާ ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 57 ސިކުންތު

އެއީ ފޭރާން ވިއްކާ ފިހާރައެކެވެ. ސޭލްސް ގާލްސްގެ ގޮތުގައި 6 އަންހެންކުދިން މަސައްކަތްކުރެއެވެ. އެއިގެ ތެރެއިން އެއް ކުއްޖަކީ އެހެންކުދިންނަށްވުރެ ފަލަ އަދި ސިފަވެސް ހުތުރު ކުއްޖެކެވެ. ނަމަވެސް އެންމެ ގިނަ އެއްޗެތި ވިއްކަނީ އޭނާއެވެ. 

ބައެއް ކަސްޓަމަރުން ފިހާރައަށްވަދެފައި ފުރަތަމަވެސް ހޯދަނީ އޭނާއެވެ. އެއީ ރިވެތި ގޮތުގައި މުޢާމަލާތުކުރާތީއެވެ. އެމީހުން ބޭނުންވާ ފެޗަނާއި ޑިޒައިން އޭނާ ދެނެގަނެ އެމީހެއްގެ ރަހައާއި އެއްގޮތަށް ހެދުން ދައްކަން އެނގޭތީއެވެ. އެކަމުގެ ސަބަބުން ފިހާރައިގައި ހޭދަކުރަންޖެހޭ ވަޤުތު މަދުވާތީއެވެ. ބޭނުންވާ އެތި ގަނެގެން އަވަހަށް ދެވޭތީއެވެ. 

ކަސްޓަމަރުން ކުރާ ވިޔަފާރިން މުވައްޒިފުންނަށް ކޮމިޝަނެއް ދެއެވެ. ކޮންމެ މަހަކުވެސް އެންމެ ގިނައިން ލިބެނީ އެ ފަލަ ކުއްޖާއަށެވެ. އެހެންވެ އެކަމަށް ޙަސަދަވެރިވެ އޭނާގެ ބޮލުގައި ވަގުބަދުނާމު އަޅުވައި ވަޒީފާއިން ވަކިކުރުވިއެވެ. 

އެކަމާއި ގުޅިގެން ބައެއް ކަސްތަމަރުން އެފިހާރައަށް ދިއުން ހުއްޓައިލިއެވެ. ވިޔަފާރި ދަށަށް ދިއައެވެ. އެކަމަށް ވެރިން މައްސަލަ ޖައްސަން ފެށިއެވެ. ސޭލްސް މަތިކުރަން އެންގިއެވެ. ނަމަވެސް އެކަމެއް ނުކުރެވުނެވެ. 

އެފިހާރައިން ވިޔަފާރިކުރި ގިނަ ކަސްޓަމަރުން އެފިހާރައަށް ދިއުން ހުއްޓާލައި ފަލަކުއްޖާ މަސައްކަތްކުރާ ފިހާރައަށް ބަދަލުކޮށްލީއެވެ. ނަތީޖާއަކަށްވީ ފިހާރައިގެ ވެރިން އެކުއްޖާ ހޯދައިގެން ވާހަކަދައްކައި ކަންކަން ހިނގި ގޮތް އޮޅުންފިލުވުމެވެ. އޭނާގެ ކުށެއް ނެތްކަން އެނގުމުން އަލުން ފިހާރައަށް ގެންދަން ބޭނުންވުމުން އޭނާ ބުނީ އެހައި ހަސަދަވެރި ބައަކާއިއެކު މަސައްކަތްކުރަން އުޅެފިނަމަ ދެން އަޅުވާނީ ކޮންފަދަ ބޮޑު ބަދުނާމެއްކަންވެސް ނުއެނގޭ ކަމަށެވެ. ވީމާ އެމީހުންނާއިއެކު މަސައްކަތްކުރަން ދެވެން ނެތްކަމަށެވެ. 

އެންމެފަހުން ވެރިން ނިންމީ 5 ކުދިން އެކުގައި ވަޒީފާއިން ވަކިކޮށްފައި އެފަލަކުއްޖާއަށް އިސް މަޤާމެއް ދޭށެވެ. އަދި އޭނާގެ ދަށުން މަސައްކަތްކުރަން އެހެން 5 ކުދިން ހޯދުމަށެވެ. 

މިއަދުނޫހުގެ ކިޔުންތެރިން ވިސްނައިލާށެވެ. ޢޭނާއަށް ދެރަދޭން ރާވައި ވަގުބަދުނާމު އަޅުވާފައި ވަޒީފާ ގެއްލުވައިލި ކުއްޖާއަށް އެލިބުނީ މަޤާމުގެ ކުރިއެރުމަކާއި ބޮޑު މުސާރައެކެވެ. ހަސަދަވެރިވި ކުދިންގެ ވަޒީފާވެސް ގެއްލުނީއެވެ. 

އަޅުގަނޑު މިކިޔައިދިނީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. ބޭނުމަކީ ވަޒީފާގެ މާޙައުލުގައިވެސް ޙަސަދަވެރިވެ އެހެން މުވައްޒިފުންނަށް ދެރަދޭން މަސައްކަތް ނުކުރަން ބުނުމެވެ. އެކަން ކޮންމެވެސް ސިފައެއްގައި އަރައިހަމަކުރާނެ ދުވަހެއް އަންނާނެއެވެ. ހިތާމަކުރަން ނުޖެހިއެއް ނުދާނެއެވެ.

އަޅުގަނޑަކީވެސް ހަމަ މިފަދަ ގޮތަކަށް ފިހާރައެއްގެ ސޭލްސް ޣާލެއްގެ ވަޒީފާ ގެއްލުނު އަންހެނަކީމެވެ. ވަޒީފާއިން ވަކިކުރީމާ އެދުވަހު އަޅުގަނޑު ނުކުތީ ރޮމުންނެވެ. އެއީ އަޅުގަނޑަކީ ލިބުނު ކުޑަކުޑަ މުސާރައިން 2 ދަރިން ބަލަމުން އައި އެކަނިވެރި މައަކަށްވާތީއެވެ. އެހާލަތުގަ ކުރާނެ އަސަރު ނިކަން ހިތަށް ގެނެސްބަލާށެވެ! 

ވަރަށް ދަތިޙާލުގައި އުޅޭތާ 3 މަސް ފަހުން ކުރީގެ ކަސްޓަމަރަކާއި ބައްދަލުވެގެން ސުވާލުކުރީމާ  ކަންކަން ހިނގި ގޮތް ކިޔައިދިނީމެވެ. އޭނާ ބުނީ އޭނާ ފިހާރައެއް ހުޅުވާނެ ކަމަށާއި ފިހާރައިން ވަޒީފާ ދޭނެ ކަމަށާއި ފިހާރަ ހުޅުވެންދެންވެސް އަޅުގަނޑަށް އެހީތެރިވެދޭނެ ކަމަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ފިހާރައެއް ހުޅުވާފައި އަޅުގަނޑަށް ވަޒީފާދިނެވެ. އާދައިގެ ވަޒީފާއެއްވެސް ނޫނެވެ. މެނޭޖަރުގެ ވަޒީފާއެވެ. މާބޮޑު މުސާރައެއްވެސް ދިނެވެ. 

އެވަޒީފާގައި މިހާރު 3 އަހަރުވީއެވެ. ވީމާ އެހެން މީހުންނަށް ދެރަދޭން މަސައްކަތް ނުކުރާށެވެ. މޮޅުގޮތްވެސް ދެރަގޮތްވެސް މިންވަރުކުރައްވަވަނީ ﷲ އެވެ. އެއްވެސް ސިފައެއްގައި މީހަކަށް ދެރައެއް ދީފައި ކުރިއަރައިދެވޭނެ ކަމަށް ހީވެސް ނުކުރާށެވެ! އެކަން ދުނިޔޭގައިވެސް އެމީހަކާއި އަރާހަމަކުރާނެއެވެ. 

- ވަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް