އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 45 ސިކުންތު
ޢަލީ އިޙްޞާން ފިރާޤް
ތައިރޮއިޑް ގްލޭންޑަކީ ކޮކާލެއްގެ ބައްޓަމަށް ހުންނަ ގުނަވަނެކެވެ. އެއީ ކަރުގެ ކުރިމަތީ ފަރާތުގައި ހުންނަ ގުނަވަނެކެވެ. މި ގުނަވަން ހުންނަނީ ފަސްވަނަ ސާވިކަލް ވާރޓެބްރާއިން (C-5) ފެށިގެން އެއްވަނަ ތޮރަސިކް ވާރޓެބްރާ (T-1) އާ ހަމައަށެވެ. މި ގުނަވަނުގައި ދެ ލޯބު ވެއެވެ. އެއީ ކަނާތް ފަރާތު ލޯބް އާއި ވާތްފަރާތު ލޯބްއެވެ.
ތައިރޮއިޑް ގްލޭންޑުގެ ވަޒީފާ ނުވަތަ ދައުރު ބިނާވެގެންވަނީ އެ ގުލޭންޑުން ދޫކުރާ ހޯމޯންތަކުގެ މައްޗަށެވެ. އެ ހޯމޯންތަކަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ކޮންޓުރޯލްކޮށް ހިފަހައްޓައި ދިނުމަށް އެހީތެރިވެދޭ ހޯމޯންތަކެކެވެ.
އަހަރެމެން ކެއުމަށް ބޭނުންކުރާ ތަކެތީގައި ހިމެނޭ އަޔޮޑިން ބޭނުންކޮށްގެން ތައިރޮއިޑް ގްލޭންޑް އިން މައިގަނޑު ދެ ހޯމޯންއެއް އުފައްދައެވެ. އެއީ
· ޓްރައިއަޔޯޑޯ ތައިރޮނީން (ޓީ3) (Triiodothyronine (T3))
· ތައިރޮކްސިން (ޓީ4) Thyroxine (T4)
ޓީ3 އަދި ޓީ4 ގެ މިންވަރު ކަންޑައެޅިގެންވާ މިންވަރަށްވުރެ މަތިނުވެ އަދި ކަނޑައެޅިގެންވާ މިންވަރަށްވުރެ ދަށްނުވެ ހުރުމަކީ މުހިންމު ކަމެކެވެ. ސިކުނޑީގައި ހުންނަ ދެ ގްލޭންޑް ކަމަށްވާ ހައިޕޮތެލަމަސް އާއި ޕިޓޫއިޓަރީ މުއާމަލާތްކޮށްގެން ޓީ3 އާއި ޓީ4 ބެލެންސް ބެލެންސްކޮށް އެއްވަރެއްގައި ހިފަހައްޓައިދެއެވެ.
ތައިރޮއިޑް މަތިވުން:
ތައިރޮއިޑް ގްލޭންޑުން މިދެންނެވި ދެ ހޯމޯން އުފައްދާ މިންވަރު ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވުރެ އިތުރުވާ ހާލަތަށް ކިޔަނީ ހައިޕާތައިރޮއިޑިޒަމްއެވެ. ދިވެހިބަހުން އެއަށް ތައިރޮއޮޑް މަތިވުމޭވެސް ކިޔާ އުޅެއެވެ. މިފަދަ ހާލަތްތަކުގައި ފެނިދާނެ ބައެއް އަލާމާތް ތިރީގައި މިދަންނަވައިލަނީއެވެ.
· ހާސްވެ ކަންބޮޑުވުން
· ރުޅިގަދަވުން ނުވަތަ މީހާގެ މޫޑަށް ބަދަލު އައުން
· ނިދަން އުނގަދޫވުން
· އަބަދުވެސް ވަރުބަލިކަން އިހްސާސްވެފަ ހުރުން
· އަތް ތުރުތުރު އެޅުން
· އިސްތަށިތައް ފޭބުން
· މައްސަރުކަންތަކުގައި މައްސަލަ ދިމާވުން .
މިދެންނެވި އަލާމާތްތަކުގެ އިތރުންވެސް އެފަދަ އެހެން އަލާމާތްތައްވެސް ތައިރޮއޮޑް މަތިވުމުން ފެނިގެންދާނެއެވެ.
ތައިރޮއިޑް ދަށްވުން:
ތައިރޮއިޑް ހޯމޯން ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ ދަށުން އުފައްދާ ހާލަތަށް ކިޔަނީ ހައިޕޯތައިރޮއިޑިޒަމްއެވެ. މި ހާލަތަށް ދިވެހިބަހުން ކިޔާ އުޅެނީ ތައިރޮއިޑް ދަށްވުމެވެ. ތައިރޮއިޑް ދަށްވުމުން ފެނިދާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި:
· ނިދުމަށް އުނދަގޫވުން
· ވަރުބަލިވުން
· ކަންތައްތަކަށް ސަމާލުކަން ދިނުމަށް އުނގަދޫވުން
· ހަންގަނޑު ކުރަކިވުން
· ފިކުރުބޮޑުވުން
· ފިނިވުމުން އުނގަދޫ އިހްސާސްވުން
· ހާސްވެކަންބޮޑުވުން
· ހުޅުހުޅުތަކާއި މަސްތަކުގައި ރިއްސުން
ތައިރޮއިޑްގެ ދުޅަހެޔޮކަމަށް ކުރެވިދާނެ ބައެއް ކަންތައްތައް:
ތައިރޮއިޑް ގްލޭންޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެއެވެ. އެގޮތުން ކެއިން ބުއިމުގައި ހަކުރު މަދުކުރުމާއި، ޕްރޮސެސްޑް ކާނާ މަދުކުރުމާއި، މަދުވެގެން ހަފްތާއަކު ތިންފަހަރު ނުވަތަ ފަސްފަހަރު ކަސްރަތު ކުރުމާއި، ކެއުމުގައި ތަރުކާރީއާއި މޭވާގެ ބާވަތްތައް ހިމެނުމާއި، ހަށިގަނޑުގެ ބަރުދަން ރަނގަޅު މިންވަރެއްގައި ހިފެހެއްޓުން ހިމެނެއެވެ.
Advertisement
19 އޮކްޓޯބަރ 2022