އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 4 ސިކުންތު
އަޅުގަނޑުވެސް ކައިވެނިކުރީ މީހަކު ދެކެ ލޯބިވެގެން 2 އަހަރެއްހައި ދުވަހު އެކުގައި އުޅުމަށްފަހު ވަރަށް ފޮނި އުންމީދުތަކަކާއިއެކުގައެވެ. އަޅުގަނޑަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ 2 އަހަރު ދުވަހު ލޯބިވެގެން އުޅުނު ނަމަވެސް އަތުކުރި ނޫން އެއްވެސް ތަނެއްގައި ދެމީހުން ބީހިފައިވެސް ނުވާނެ ކަމެވެ. އެހިތްވަރު އަޅުގަނޑަށް ލިބުނީ މަންމަގެ ތަރުބިއްޔަތުންނެވެ.
ކޮންމެއަކަސް ކައިވެނިކުރީ ޢުމުރުން 23 އަހަރުގައެވެ. 30 އަހަރުވީއިރު 3 ވަނަ ދަރިފުޅު ލިބިއްޖެއެވެ. މައްސަލަތައް ކުރިމަތިވާން ފެށީ 3 ވަނަ ދަރިފުޅު ވިހެއުމުގެ ތެރޭގައި ލިބުނު ގެއްލުމަކާއި ގުޅިގެންނެވެ. އަޅުގަނޑު ވިހެއީ ދެމީހުންގެ ދަރިންނެވެ. ނަމަވެސް އެ އަނިޔާ ލިބުމުން ފިރިމީހާއަށް އެކަން ޤަބޫލެއް ނުކުރެވުނެވެ. އަޅުގަނޑު ދެކެ ފޫހިވާން ފަށައިފިއެވެ. ނިކަމެތި ކުރަމުން ގޮސް އެންމެފަހުން ވަރިކޮށްލާފައި ނުކުމެގެންދިއައީއެވެ.
އަޅުގަނޑަށް ލިބޭ މުސާރައިން އެކަނިމާއެކަނި 3 ދަރިން ބަލަހައްޓައިގެން އުޅެންޖެހުމުން ވަރަށް ނިކަމެތި ޙާލުގައި އުޅެންޖެހުނެވެ. އެހެންކަމާއިއެކުވެސް އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ނުއެދެމެވެ. އުޅެވުނު ގޮތަކަށް އުޅުނީއެވެ. ނުކުރެވޭ ކަންކަން ނުކޮށް ދޫކޮށްލަނީއެވެ.
އަޅުގަނޑަކީ ސިފަ ހުތުރު އަންހެނެއް ނޫނެވެ. އެހެންވެ ކައިވެންޏަށް މީހުން އެދެއެވެ. އަމިއްލަ ޙާލު ކިޔައިދިނީމާ ގިނަ މީހުން ދުރަށްދަނީއެވެ. އަޅުގަނޑުގެ ޙާލު އެގޮތަށް ހުރިނަމަވެސް އެކުގައި ދިރިއުޅެން ބޭނުން ކަމަށްބުނި މީހަކާއި ކައިވެނިކުރީމެވެ. އެހެން ބުނި ނަމަވެސް ކައިވެނީގައިވީ 3 މަސް ދުވަހެވެ. ދެވަނަ މީހާ އާއިއެކު 6 މަސް ދުވަހު އުޅެވުނެވެ. 3 ވަނަ މީހާ އާއިއެކު އަހަރަކަށްވުރެ ގިނަ ދުވަހު އުޅެވުނެވެ.
4 ފިރިންވެސް އަޅުގަނޑު ދޫކޮށްލީއެވެ. އެމީހުން ކުށްވެރިއެއްވެސް ނުކުރަމެވެ. އަދި އެވަރަކުންވެސް އުންމީދު ކަނޑައެއް ނުލަމެވެ. އަޅުގަނޑަށް ކޮންމެވެސް މަގެއް ދައްކަވާނެކަމުގެ ޔަޤީންކަމުގައި ހުރީއެވެ. ހުރިހާ ސަމާލުކަމެއް ދިނީ އަޅުކަމަށާއި 3 ދަރިންނަށެވެ. ދެން ވަޒީފާ އަށެވެ. ލިސްޓް ކިޔާކަށް ނެތީމެވެ. ތަޤްވާވެރިކަން ﷲ ގެ ރުހިވޮޑިގަތުން ލިބޭތޯ ކުރެވެން އޮތް އެއްވެސް ކަމެއް ނުކޮށް ދޫކޮށެއް ނުލަމެވެ.
4 ވަނަ ފިރިމީހާ ވަރިކުރުމުން އެކަނި ހުންނަތާ 2 އަހަރުފަހުން ބައްދަލުވި މީހަކާއި ކައިވެނިކުރީމެވެ. އޭނާއަކީ ތަނަވަސްކަންވެސް ހުރި މީހެކެވެ. ކައިވެނިކޮށް މަހެއްހައި ދުވަސްވެސް ނުވަނީސް އަޅުގަނޑު ގޮވައިގެން ދިއައީ ބެންކޮކަށެވެ. ޑޮކްޓަރުން ބުނީ އެމީހުންނަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.
ރާއްޖެ އައުމަށްފަހު ފިރިމީހާ ބުނީ "ދުނިޔޭގެ ހުރިހާ ޑޮކްޓަރުންނަށް ޙައްލު ނުކުރެވޭ ކަންކަންވެސް ޙައްލުކޮށްދެއްވެވޭނެ ފަރާތެއް ވެއެވެ. ވީމާ އަވަހަށް ޢުމުރާއަކަށް ހިނގާށެވެ. ﷲ އަހަރެމެން މާޔޫސް ނުކުރައްވަވާނެތެވެ. އިން ޝާ ﷲ"
އަޅުގަނޑުމެން ޢުމުރާ ވީމެވެ. މައްކާގައި ތިއްބައިވެސް ހިތްހަމަޖެހުން ލިބެން ފަށައިފިއެވެ. ލިބެން ފެށި ހިތްހަމަޖެހުމަކީ ޙަޤީޤަތެއްކަން ޔަޤީންކުރެވުނީ ރާއްޖެ އައި ފަހުންނެވެ. ބަދަލުތަކެއް އަތުވެއްޖެކަމަށް ޤަބޫލުކުރެވިގެން ސްކޭންކޮށް ޓެސްޓްތައް ހެދުމަށްފަހު ޑޮކްޓަރުންވެސް އެކަން ޔަޤީންކޮށްދިނުމުންނެވެ.
މއިތިބީ އަޅުގަނޑުގެ 5 ވަނަ ކައިވެނިމަތީގައެވެ. އޭނާގެ 3 ވަނަ ކައިވެނިމަތީގައެވެ. މިހާރު 14 އަހަރުވެއްޖެއެވެ. ފިރިމީހާއަށް 2 ދަރިންވެސް ވިހައިފީމެވެ. ފިރިމީހާ ބުނާ ގޮތުން އަޅުގަނޑާއި ކައިވެނިކުރިފަހުން އޭނާއަށް އައީ ތަނަވަސްކަން އިތުރުވަމުންނެވެ. ހަމަ ގައިމުވެސް އަޅުގަނޑާއި ކައިވެނިކުރިފަހުން އިތުރު 3 ވިޔަފާރި ފަށައިފިއެވެ. މާލެއިން ބިންކޮޅެއް ގަނެފިއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ޙަޔާތް ވަރަށް ކުރުގޮތަކަށް މިކިޔައިދިނީ ދިރިއުޅުމުގައި ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިމަތިވި ނަމަވެސް މާޔޫސް ނުވަން ހިތްވަރުދިނުމަށެވެ. ކޮންމެ ބަލިމަޑުކަމެއްވެސް ޖައްސަވަނީ ﷲ އެވެ. ފިއްލަވަންވީމާ ފިއްލަވާނެތެވެ. އިން ޝާ ﷲ. ފިރިން ވަރިކޮށްލާފައިވެސް ދާނެއެވެ. އަނެއް ފިރިއަކު ދެއްވަވާނެތެވެ. އިން ޝާ ﷲ. ހަމައެކަނި ކޮށްލަން ޖެހޭ ކަމަކީ ﷲ ގެ މަގުގައި ސާބިތުވުމާއި ﷲ ގެ ޙަޟްރަތުން ވާގިހޯދަން މަސައްކަތްކޖުރުމެވެ.
- އަނީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
20 ނޮވެމްބަރ 2022