އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: އަނބިމީހާއަށް ކެންސަރުޖެހުމުން ބޭސްކުރަން 3 ލައްކަ ރުފިޔާއަށް 2 ކާރު ވިއްކައިލި ފިރިމީހާއަށް 3 މިލިއަނަށްވުރެ އަގު ބޮޑު ފްލެޓެއް ލިބުނު ގޮތުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: އަނބިމީހާއަށް ކެންސަރުޖެހުމުން ބޭސްކުރަން 3 ލައްކަ ރުފިޔާއަށް 2 ކާރު ވިއްކައިލި ފިރިމީހާއަށް 3 މިލިއަނަށްވުރެ އަގު ބޮޑު ފްލެޓެއް ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 20 ސިކުންތު

ކައިވެންޏަށްފަހުގައިވެސް ދެމީހުން ދިއައީ ވަޒީފާ އަދާކުރަމުންނެވެ. އެއީ އަޅުގަނޑު އެންމެ ބޮޑަށް ދެރަވާންޖެހުނު އެއް ސަބަބެވެ. އެއީ އަޅުގަނޑަކީ ކައިވެނިކުރުމަށްފަހު ވަޒީފާ އަދާކުރަން ބޭނުންވި އަންހެނެއް ނޫނެވެ. އަޅުގަނޑު އުންމީދުކޮށްގެން ހުރީ ކައިވެންޏަށްފަހު ގޭގައި އިނދެ ފިރިމީހާއަށް ޚިދުމަތްކުރާ އަންތބަކަށްވުމުގެ ފުރުޞަތު ލިބޭނެކަމަށެވެ. އެގޮތަށް އުންމީދުކޮށްގެން ހުރި ނަމަވެސް އެފުރުޞަތު ނުލިބުނީ ފިރިމީހާގެ މަންމައަށް ދާއިމީ ބައްޔެއްގައި އުޅެންޖެހިފައިވާއިއރު އެކަމަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވުމުންނެވެ. 

އެހެންވެ އަޅުގަނޑު އެކަމުގެ ވާހަކައެއް ނުދައްކަމެވެ. ޤަބޫލުކުރީ އަޅުގަނޑުގެ މަންމަ އެފަދަ ބައްޔެއްގައި އުޅެންޖެހިފައިވީނަމަވެސް ކަންކަން މެދުވެރިވާނީ ހަމައެގޮތަށް ކަމަށެވެ. އެހެންވެ ހިތުގައި އެއްވެސް ބުރަކަމެއް ނުބާއްވަމެވެ. ފިރިމީހާއަށް ލިބޭ މުސާރައެކުގައިހެން ޚަރަދުކުރަނީ އޭނާގެ މަންމައަށެވެ. ދިރިއުޅެމުން އައީ އަޅުގަނޑަށް ލިބޭ މުސާރައިންނެވެ. 

އެދުވަހަކީ އަޅުގަނޑަށް ތަންކޮޅެއް ކުރިން އޮފީހުން ގެއަށް އައުދެވުނު ދުވަހެކެވެ. އެހެން ދުވަސްތަކުގައި ފިރިމީހާ ގެއަށް އަންނަނީ އަޅުގަނޑަށްވުރެ ފަހުންނެވެ. ނަމަވެސް އެދުވަހު ގެއަށް އައުދެވުނުއިރު ފިރިމީހާ ހުރީގޭގައެވެ. އެއީ އެންމެ ދުވަހަކު ދިމާވިކަމެއްކަމުން އެއީ މާބޮޑު ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. އެކަމަކު ފިރިމީހާގެ މޫނުމަތިން ފެންނަން ހުރީ ނުތަނަވަސްކަމެވެ. ފުރަތަމަވެސް ބުނީ ކާނެ އެއްޗެއް ނެތަކަމަށާއި އަވަހަށް ކެއްކުމަށެވެ. 

އެވަގުތު އަޅުގަނޑަށް ވަރަށް އަސަރުކުރިއެވެ. ސަބަބަކީ އަޅުގަނޑު އަވަހަށް ގެއަށް އައީ ހުންއައިސް އޮފީހުގައި ކެތްނުކުރެވިގެންނެވެ. ވީމާ އެހެން ދުވަހަކު ދިމާނުވާ ކަމެއް ކުރިމަތިވުމުން ވީގޮތެއް އޮޅުންފިލުވައިވެސް ނުލައި އަވަހަށް ކައްކަން ބަދިގެއަށް ވަންނަން ބުނުންވީ އަޅުގަނޑަށް ވަރަށް އަސަރުކުރި ކަމަށެވެ. 

ބަދިގޭގައި އުޅެނިކޮށް މޫނުމައްޗަށް އަނދިރިވާން ފެށުމުން ކެއްކުން ހުއްޓާލާފައި ގޮސް ސޯފާގައި އިށީންވަޤުތު ފިރިމީހާ އައިސް އެއްޗެތި ގޮވަން ފެށިއެވެ. "އެވަރަށް ބުނީމާވެސް ކައްކަން ނުއުޅެ އަރާމުކުރަން އިނީތީއެވެ." 

އެހެންބުނެފައި ފިރިމީހާ އުޅުނު ގޮތުންނާއި ދޮރަށް ހުރަސްއެޅޭނެ ގޮތަށް ހުއްޓުމުން ވައްކަޅިން ބަލައިލެވުނު ވަޤުތަކީ ގެއަށް ވައްދައިގެން ގެންގުޅުނު އަންހެނަކު ގެއިން ބޭރަށް ނުކުތްވަޤުތެވެ. މަންޒަރު ފެނުމުން ވަރަށް ދެރަވިއެވެ. އަދި ފިރިމީހާގެ ބަސްމަގާއި ޢަމަލުތައް އެގޮތަށް އެބެހެއްޓީ އަޅުގަނޑު ކޮޓަރިއަށް ދިއަނުދޭންކަންވެސް ވިސްނުނެވެ. 

ލޮލަށް ކަންކަން ފެނުމުން ޒުވާބުކުރާކަށް ނުހަދަމެވެ. މަންމައަށް ގުޅާފައި ބުނީމެވެ. "މަންމާއެވެ. އަޅުގަނޑު ވަރަށް ބަލިވެއްޖެއެވެ. މަންމަގެ ގާތުގައި ދުވަސްކޮޅަކު މަޑުކޮށްލަން ގެއަށް ގޮސްލަން ކަމަށެވެ." މަންމަ މަރުޙަބާ ކިޔުމުން ގެއަށް ގޮސް ގޭގައި މަޑުކުރީއެވެ. އެވާހަކަތައް އަޑު އަހަން ހުރެފައި އަދި ދާން އުޅެން ފެށުމުންވެސް ފިރިމީހާ އެއްވެސް އެއްޗެއް ނުބުނެއެވެ. ބައްޔަކީ ކޮބައިތޯ ސުވާލެއްވެސް ނުކުރެއެވެ. 

އަޅުގަނޑު ގެއަށް ދިއަތާ 8 ވަނަ ދުވަހަކީ މުސާރަޖަމާވި ދުވަހެވެ. އެހައިތަނަށް ޚަބަރުވެސް ބަލާނުލައި ހުރި ފިރިމީހާ މެސެޖްކޮށްފައި ބުނީ މުސާރަ އޭނާގެ އެކައުންޓަށް ޖަމާކޮށްދިނުމަށެވެ. އެމެސެޖަކަށް އަޅުގަނޑު ޖަވާބެއް ނުދެމެވެ. ޖަވާބު ނުދިނީމާ އެތައް ފަހަރަކު ގުޅިއެވެ. ފޯނެއް ނުނަގަމެވެ. އަނެއް ދުވަހު ފޮނުވި މެސެޖުގައި އޮތީ ވަރިކުރީ ކަމަށެވެ. 

ދެދުވަހެއް ފަހުން ބޮލުގައި ރިއްސުން ގަދަވެ ކެތްނުކުރެވިގެން ޑޮކްޓަރަށް ދެއްކުމުން ހެދި ޓެސްޓްތަކުން އެނގުނީ އިނީ ބަލިވެކަމެވެ. ފިރިމީހާއަށް ރިޕޯޓް ފޮނުވުމުން އެއްވެސް ޖަވާބެއް ނުދެއެވެ. އިތުރަކަށް ނުގުޅަމެވެ. ވިހަން ހޮސްޕިޓަލަށް ދަމުން މެސެޖްކުރީމެވެ. ޖަވާބު ނުދިންތަނުގައި ދަރިފުޅު ދެކެލަންވެސް ނައުދެއެވެ. 

ކޮންމެއަކަސް ވިހައި ގަދަވެ ޢިއްދަވެސް ހަމަވެ ހުރިހާ ކަމެއް ނިމުމުން ދެވަނަ ކައިވެނިކުރީމެވެ. ދެވަނަ ކައިވެންޏަށް އަހަރުވީތަނާ އެނގުނީ އަޅުގަނޑުގެ ލޭގައި ކެންސަރުގެ އަސަރުހުރިކަމެވެ. ފިރިމީހާއަކީ ވަރަށް ރަނގަޅު މީހެކެވެ. އަޅުގަނޑު ގޮވައިގެން ހޮސްޕިޓަލަށްވެސް ދެއެވެ. ނަމަވެސް އެކަން އެނގުނީ އޭނާއަށް ކަމެއް ދިމާވެ އޮފީހުން ނުނުކުމެވުނު ދުވަހަކު އެކަނި ދިއުމުންނެވެ. 

ރިޕޯޓް ލިބުމުން އެންމެ ބޮޑަށް ކަންބޮޑުވީ އެވާހަކަ ފިރިމީހާ ގާތުގައި ބުނުމުން ކަންތައް ކުރާނެ ގޮތަކާއިމެދުގައެވެ. ދެފިރިން އަޅުވަން ނުވާނެ ނަމަވެސް ހަނދާނަށް އައީ ބަލިވެގެން އޮފީހުން ގެއަށް ދިއަދުވަހު ކުރީގެ ފިރިމީހާ ކަންތައްކުރި ގޮތެވެ. 

ކޮންމެއަކަސް އެރޭ ނިދަން ތިބެފައި ރޮމުން ފިރިމީހާއަށް ރިޕޯޓް ދެއްކީމެވެ. އޭނާއަށް ހީކުރެވުނީ ބަލީގެ ސަބަބުން ރޮނީކަމަށެވެ. ނަމަވެސް އަޅުގަނޑަށް ރޮވުނީ ކުރީގެ ފިރިމީހާ ކަންތައްކުރި ގޮތަށް ކަންތައް ކޮށްފާނެތީއެވެ. 

ފިރިމީހާ ޢަމަލުކުރީ މުޅިން ތަފާތު ގޮތަކަށެވެ. ބުނީ ތިއައީ ރޯންވީ ކަމެއް ނޫން ކަމަށާއި ދެމީހުން ރޭގަނޑު ދުޢާކުރާ ވަޤުތު އިތުރުކޮށްލީމާ އެއްވެސް ކަމަކަށްނުވެ ބަލިފަސޭހަވެދާނެ ކަމަށެވެ. އަދި ލަސްނުކޮށް ބޭސްފަރުވާގެ ކަންތައް ފަށަންވީ ކަމަށެވެ. ޓެކްސީކުރަން ދީފައި އޮންނަ 2 ކާރު ވިއްކައިލީމާ ބޭސްފަރުވާ ފަށާނެ ފައިސާ ލިބޭނެ ކަމަށާއި މީސްމީހުންގެ އަތުން ފައިސާ ހޯދާނީ އަމިއްލައަށް ބޭސް ނުކުރެވިއްޖެނަމަ ކަމަށެވެ. 

ފިރިމީހާ 2 ކާރު ވިއްކާލާފައި އަވަހަށް އަޅުގަނޑު ގޮވައިގެން އިންޑިއާއަށް ދިއައެވެ. ޓެސްޓްތައް ހެދުމަށްފަހު ބުނީ ބަލީގެ އަސަރުހުރީ ވަރަށް ކުޑަކޮށް ކަމަށާއި ބޭހުން ރަނގަޅުވާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. 3 މަސްދުވަހު އިންޑިއާގައި ތިބެފައި އެނބުރި ރާއްޖެއައީ ﷲ ގެ ރަޙްމަތްފުޅުން ބަލިފަސޭހަވެގެންނެވެ.   

ރާއްޖެ އައިތަނުން ފިރިމީހާ މަސައްކަތްކުރާ ކުންފުނީގެ އަހަރީ ދުވަސް ފާހަގަކުރިއެވެ. އެއީ ކުންފުނީގައި އެންމެ ރަނގަޅަށް މަސައްކަތްކުރާ މުވައްޒިފްގެ ގޮތުގައި ވިދިވިދިގެން ފިރިމީހާ ހޮވުނު 3 ވަނަ އަހަރެވެ. އަދި އެއަހަރުވީ ކުންފުންޏަށް ރެކޯޑް ޢަދަދަކަށް ފައިދާވި އަހަރެކެވެ. ފައިދާ ވުމުގައި ފިރިމީހާގެ ދައުރު ބޮޑުކަމުން ހަދިޔާއެއްގެ ގޮތުގައި ފިރިމީހާއަށް ކުންފުނިން ފްލެޓެއް ހަދިޔާކުރިއެވެ. 

މިއަދުނޫހުގެ ކިޔުންތެރިން ވިސްނަވައިލައްވާށެވެ. އަޅުގަނޑަށް ބޭސްކުރަން ފިރިމީހާ ވިއްކައިލި 2 ކާރުގެ އަގަށް 3 ލައްކަ ރުފިޔާ ހަމައެއް ނުވެއެވެ. ލިބުނު ފްލެޓުގެ އަގު 3 މިލިއަން ރުފިޔާއަށްވުރެ ބޮޑެވެ. އިތުރަށް އަޅުގަނޑު ދަންނަވާނީ ކޮންވާހަކައެއްތޯއެވެ؟ 

ހަމައެކަނި ބުނެލަން ބޭނުންވަނީ ތެދުވެރި އިޚްލާޞްތެރި އަނބިންނަށް ހެޔޮކޮށް ކަންކަން ކުރާށެވެ! ބަދަލުގައި މާގިނައިން ދެއްވަވާނެތެވެ. އިން ޝާ ﷲ 

ދެން ބުނެލަން ބޭނުންވަނީ ކައިވެންޏަށް މިހާރު 7 އަހަރުވީއެވެ. ދިރިއުޅެމުން މިއަންނަނީ ހަމަ ވަރަށް އުފަލުގައި ހިތްހަމަޖެހިގެންނެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ކާމިޔާބީގެ ސަބަބަކީ ދެމީހުން އެކުގައި ކުރާ ރޭއަޅުކަމެވެ. އަޅުގަނޑުމެން 9 ޖަހާއިރު ނިދަމެވެ. 3 ޖަހާއިއރު ހޭލަމެވެ. ދެން ނިދަނީ ފަތިސްނަމާދުވެސްކޮށް ޛިކުރުތައްވެސް ކިޔައި ސައިވެސް ބޮއިގެންނެވެ. 

އަޅ:ުގަނޑު ޙިއްޞާމިކުރި ވާހަކައިން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށް އުންމީދުކުރަމެވެ.

 

- ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް