އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: 3 އަހަރުވީއިރުވެސް އެއްވެސް ޢީދެއްގައި ދަރިފުޅަށް ހެދުމެއް ގަނެނުދެވިގެން މައަކު އެޅި ކަރުނައިގެ އަގަކަށް ލިބުނު ބޮޑު ތަނަވަސް ކަމުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: 3 އަހަރުވީއިރުވެސް އެއްވެސް ޢީދެއްގައި ދަރިފުޅަށް ހެދުމެއް ގަނެނުދެވިގެން މައަކު އެޅި ކަރުނައިގެ އަގަކަށް ލިބުނު ބޮޑު ތަނަވަސް ކަމުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 39 ސިކުންތު

ޢީދު ދުވަހު އެންމެން ޚާއްޞަކޮށް ކުޑަކުދިން އައު ހެދުންލައި ނަލަހެދިގެން ތިބުމަކީ ޢީދުގެ އެންމެ ޚާއްޞައެއްކަންތަކެވެ. ނަމަވެސް އަޅުގަނޑުގެ ހުރި އެންމެ ދަރިފުޅަށް އަހަރުގައި އަންނަ 2 ޢީދުގައިވެސް ހެދުމެއް ގަނެނުދެވޭތާ 3 އަހަރުވެއްޖެއެވެ. ކޮންމެ ޢީދެއްގައިވެސް ލައްވަންޖެހެނީ ކޮންމެވެސް އެކުވެރިއަކު ދޭ އެމީހުންގެ ދަރިން ލައްވާފައިވާ ހެދުމެކެވެ. 

އެކަމަކާއި އެހައި ބޮޑަށް ދެރައެއްވެސް ނުވެއެވެ. އަދި ދަރިފުޅުވެސް އެކަމާއި ކަންބޮޑުވެގެނެއްވެސް ނުއުޅެއެވެ. އަޅުގަނޑު ދަރިފުޅު ތަރުބިއްޔަތުކޮށްފައި ހުންނާނީ އެގޮތަށް ލިބޭ ހެދުމަކީ އައު ހެދުންކަމަށް ޤަބޫލުކުރެވޭ ގޮތަށެވެ.

އެއީ ޙައްޖު ދުވަހުގެ ކުރީ ދުވަހެވެ. ޢީދު ޗުއްޓީ ލިބުނީއެވެ. އޮފީސް ނިމިގެން ގެއަށް ދިއަ މަގުމަތީގައި ވަރަށް ރީތި ހެދުންތަކެއް ހުރި ފިހާރައެއް ފެނުނެވެ. ގަންނާނެ ފައިސާ އަތުގައި ނެތްއިރުވެސް ވަދެބަލައިލާ ހިތްވުމުން ވަދެބަލައިލީމެވެ. ވީދެރައިން ރޮވެން ފެށިއެވެ. ލޮލުން ކަރުނަ ފާއްދަން ފެށުމުން ޓިޝޫއަކުން މޫނު ފުހެމުން އިސްދަށަށް ޖަހައިގެން ހުރެ ނުކުންނަން ހިނގައި ގަތީމެވެ. 

އެވަޤުތު ކައުންޓަރު ކައިރީގައި ހުރި ފިރިހެނަކު އަޅުގަނޑަށް ގޮވައިލިއެވެ. ބަލައިލުމުން އަޅުގަނޑު ގާތަށް އައިސް ބުނީ ވާހަކަދައްކާލަން ބޭނުން ކަމަށާއި އޭނާ އާއި އެކު މަތީ ބުރިއަށް އެރުމަށެވެ. އެކަމަށް މާބޮޑު ޝައުޤުވެރިކަމެއް ނެތް ނަމަވެސް ނޫނެކޭ ނުބުނަންވެގެން އޭނާއާއިއެކު އެރީމެވެ. އެތަނުގައި ހުރި ވަރަށް ކުޑަކުޑަ އޮފީހަކަށް ވަދެއިށީނދެފައި އަޅުގަނޑު ގާތުގައި އިށީންނަން ބުނުމުން އިށީނީމެވެ. އިށީނުމުން އޭނާ އެދުނީ ދޮގު ނުހަދައި އެއްވެސް ކަމެއް ނުފޮރުވައި އަޅުގަނޑު އެފިހާރައިން ރޮމުން ނުކުންނަން ދިއަ ސަބަބު ކިޔައިދިނުމަށެވެ. 

އަޅުގަނޑު ވަރަށް ކުރު ގޮތަކަށް ކިޔައިދިނީމެވެ. އެކަނިވެރި މައެއް ކަމަށާއި 10 އަަހަރުގެ ބަލި ކުއްޖަކު ގޮވައިގެން އުޅޭ ވާހަކަ ބުނީމެވެ. ދަރިފުޅަށް ކުރަންޖެހޭ އޮޕަރޭޝަން ރާއްޖެއިން ނުކުރެވޭ ކަމަށާއި ބޭރަށް ނުދެވި ލަސްވަނީވެސް ފައިސާ ނެތުމުން ކަމަށް ބުނީމެވެ. ލިބޭ އެއްޗަކުން އެކަމަށް ފައިސާ އެއްކުރަން މަސައްކަތްކުރާތީ ދިރިއުޅޭ ދަތި ޙާލާއި މާލީ ޙާލަތު ހުރި ގޮތްވެސް ކިޔައިދިނީމެވެ. ރޮވުނު ސަބަބުވެސް ބުނީމެވެ. 

އަޅުގަނޑުގެ ވާހަކަތައް އަޑު އަހާފައި އަޅުގަނޑުގެ ވަނަވަރު އޮޅުންފިލުްފިލުވައި ފޯނު ނަމްބަރުވެސް ނެގުމަށްފަހު ބުނީ މިރޭ ފިހާރަ ބަންދުކޮށްފައި ގޮސް ބައްދަލުކޮށްލަން ބޭނުން ކަމަށާއި ނުނިދައި މަޑުކޮށްލަން އެދޭކަމަށެވެ. 

ގެއަށް ގޮސް އޭނާއަށް އިންތިޒާރުކުރެވުނެވެ. ނަމަވެސް ލިބިފައި ލަނޑުތައް ގިނަކަމުން އޭނާވެސް އަންނާނެ ކަމަކަށް ޔަޤީނެއް ނުކުރަމެވެ. އެހެންވެ ދަރިފުޅު ގާތުގައިވެސް ނުބުނަމެވެ. އެހެނަސް ކަންތައް މެދުވެރިވީ އެހެން ގޮތަކަށެވެ. ހީކުރެވުނު ގޮތަކަށް ނޫނެވެ. ބުނި ގަޑިއަށް އޭނާއައެވެ. އެއިރު ދަންވަރު 12 ޖަހަނީއެވެ. 

އަޅުގަނޑު ދިރިއުޅޭ ޙާލު ލޮލުން ފެނި ނިދާފައި އޮތް ދަރިފުޅުވެސް ފެނުމުން އޭނާ ބުންޏެވެ. "އަހަރެންގެ ހުށަހެޅުމެއް އެބަ އޮތެވެ. އަހަރެންގެވެސް ދަރިއަކު އެބަހުއްޓުވެ. އަނބިމީހާ ވަރިވެގެން ދިއަތާ 2 އަހަރުވެއްޖެއެވެ. ދަރިފުޅު މިބަލަނީ ގޭގައި ގެންގުޅޭ މީހާ ލައްވައެވެ. އަހަރެންގެ ދަރިފުޅު ބަލައިދޭނެ ނަމަ މިހުރީ ކައިވެނިކުރާށެވެ. އަހަރެން ކަލޭގެ ދަރިފުޅުވެސް ބަލައިދޭނަމެވެ. ބޭސްވެސް ކޮށްދޭނަމެވެ." 

ދަރިފުޅަށް ބޭސްފަރުވާ ކޮށްދޭނެ ކަމަށް ބުނުމުން އޭނާގެ ސިފައަކަށް ނުބަލަމެވެ. އުމުރުން 10 އަހަރު ދޮށިކަމާއިމެދަކުވެސް ނުވިސްނަމެވެ. ދަރިފުޅަށްޓަކައި ކައިވެނިކުރަން ވަޤުތުން އެއްބަސްވީމެވެ. ބުނީމެވެ. "އެއްބަސްމިވަނީ ކައިވެނިކުރާށެވެ. ލޯބިވެގެން އުޅޭކަށް ނޫނެވެ. އެއްވެސް ފާފައެއް ނުކުރާނަމެވެ." 

އޭނާ އެކަމަށް އެއްބަސްވިއެވެ. މާދަމާ ހެކިވެރިން ފޮނުވާނެ ކަމަށް ބުނެފައި ދަމުން ދަރިފުޅުގެ ބޯދަށަށް ރުފިޔާކޮޅެއް ލާފައި ބުނީ ދަރިފުޅަށް ހެދުންގަންނާށެވެ. އަޅުގަނޑަށްވެސް ހެދުން ގަންނާށެވެ. އެހެން ކަންކަންވެސް ކުރާށެވެ. 

އެއީ ބަންދު ދުވަހަކަށްވުމުން އޮފީހަށްދާން ނުޖެހޭތީ ހުރީގޭގައެވެ. ހެނދުނު 10 ޖެހިތަނާ 3 މީހަކު އައިސް ރަންކިޔުއްވިއެވެ. ހަވީރު 4 ޖަހަނިކޮށް ގުޅާފައި ބުނީ އެރޭ ކައިވެނި ކުރެވޭނެ ކަމަށެވެ. ބަންދު ދުވަހަކަށްވުމުން ހުރީ ޙައިރާންވެފައެވެ. ނަމަވެސް އެ ޒަމާނަކީ ކައިވެނިކުރުމުގެ ކަންކަން މިހައި އުނދަގޫ ޒަމާނެއް ނޫންވީމާ ކުރެވިދާނެކަން ވިސްނުނެވެ. 

ކޮންމެއަކަސް އެރޭ ކައިވެނިކުރެވުނެވެ. އެކައިވެނީގައި މިހާރު 30 އަހަރުވީއެވެ. ބުނަން އޮތީ އޭނާ ފަދަ ހުރިހާ ގޮތަކުން ރަނގަޅު ފިރިއަކު ލިބޭނީ މަދު އަންހެނަކަށް ކަމަށެވެ. މިއަދު އޭނާއަކީ ތަނަވަސްކަން ބޮޑު މީހެކެވެ. 3 ގެ ހަދައި ކުއްޔަށްދީގެން ފައިސާ ހޯދައެވެ. 3 ގޭގައިވެސް އޭނާގެ އަމިއްލަ ފިހާރަހުރެއެވެ. 

މިހާރުވެސް އެންމެ ބޮޑަށް ހަނދާންވާ އެއްކަމަކީ ދަރިފުޅުގެ ޢުމުރުން 4 އަހަރުގައި ވަރިކޮށްލާފައި ދަމުން ފިރިމީހާ ބުނި ބަސްތަކެވެ. "ކަލޭގެ ކިބައިގަ ފިރިއަކަށް ބޭނުންވާނެ އެއްވެސް ރަނގަޅު ސިފައެއް ނެތެވެ. ކަލެއާ އިންނާނެ މީހަކުވެސް ނުވާނެއެވެ." 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ފިރިމީހާ ވަރިކޮށްލައި ބާކީކޮށްލުމުން ދެވަނަ ފިރިއަކު ލިބެން މުއްދަތެއް ނަގައިފާނެއެވެ. ނަމަވެސް ކެތްތެރިވެލައި ދުޢާކުރުންމަތީގައި އިނދެއްޖެނަމަ ހަމަ މާރަނގަޅު ފިރިއަކު ދެއްވަވާނެތެވެ. 6 އަހަރުގެ އިންތިޒާރަކަށްފަހު އަޅުގަނޑަށް މިވަނީ އެކަން ތަޖުރިބާ ކުރެވިފައެވެ. 

- ޒުލޭޚާ / މިއަދުނޫހުގެ ކިޔުންތެރިއެއް     

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް