އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ނިކަމެތި ފަޤީރު އެކަނިވެރި މައަކު ދަރިފުޅަށްޓަކާ ކުރި ދުޢާއިން ދަރިފުޅަށް ޑޮކްޓަރަކަށް ވެވި އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ނިކަމެތި ފަޤީރު އެކަނިވެރި މައަކު ދަރިފުޅަށްޓަކާ ކުރި ދުޢާއިން ދަރިފުޅަށް ޑޮކްޓަރަކަށް ވެވި އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 0 ސިކުންތު

އަޅުގަނޑު މިކިޔައިދެނީ މީގެ 20 ވަރަކަށް އަހަރު ކުރީގެ ވާހަކައެވެ. ބޭސްފަރުވާއަށް މިހާރުވެސް ސަލާންޖަހަން ނުޖެހޭ ވާހަކައެއް ނޫނެވެ. އެކަމަކު އެންމެ ބޮޑަށް ނުވަތަ ހުރިހާ ކަމަކަށް ސަލާންޖަހަން ޖެހުނު ދުވަސްވަރުގެ ވާހަކައެވެ. އެދުވަސްވަރު ފަޤީރަކަށް ބޮޑު ބައްޔެއް ޖެހިއްޖެނަމަ އޮންނަނީ ނާށިގަނޑުހިފައިގެން ހިނގުމެވެ. ސިޓީލުމޭ ނޫނީ އެހެން ނަމެއްކީނަމަވެސް ކުރެވެނީ އެއް ކަމެކެވެ.  

އަޅުގަނޑުމެންނަކީ ފަޤީރުންނެވެ. ބައްޕަވަނީ ނިޔާވެފައެވެ. ހުރި ދަރިއަކީ އަޅުގަނޑެވެ. އަޅުގަނޑަކީ 20 އަހަރުގެ އަންހެންކުއްޖަކީމެވެ. އުޅުނީ ނަރުސްކޯހެއް ހަދާށެވެ. ކިޔަވަނިކޮށް މަންމަ ވަރަށް ބޮޑަށް ބަލިވީއެވެ. ފުއްޕާމޭގައި ދަވަހެދެނީއެވެ. ޑޮކްޓަރުން ބުނަނީ ރާއްޖެއިން ކުރެވޭނެ ފަރުވާއެއް ނެތް ކަމަށެވެ. އެހެންވެ ރާއްޖެއިން ބޭރަށް ދިއުމަށް ލިޔުންތައް ދިނެވެ.  

ލިޔުން ދިނީމާ ކުރާނީ ކީއްތޯއެވެ؟ ކޮންމެ ދުވަހަކު ދޭ ބޭސް ސިޓީއަށް ބޭސްކޮޅުވެސް ނުނެގިގެން އުޅެންޖެހިފައިވާއިރު ދެން ކުރިމަތިވާނެ ޙާލަތަށް ވިސްނާށެވެ. އެޙާލަތުގައިވެސް މަންމައަކަށް އެއްވެސް ކަމެއް ނުއަންގަމެވެ. މުބުނަނީ މަންމަގެ އަޞްލު ބައްޔާއި ރާއްޖެއިން ބޭރަށް ދާންޖެހިގެން އުޅޭކަމެއް ނުބުނަމެވެ. މަންމަ ގާތުގައި ބުނަމުން ދިއައީ ދުޢާކުރުމަށެވެ.  

މަންމައަކީ ވަރަށް ތަޤްވާވެރި އަންހެނެކެވެ. ރޭއަޅުކަންކުރެއެވެ. ގޭގައި ހެދިކާ ހަދައިގެން ލިބޭ ލާރިކޮޅުން ފުއްދައެވެ. ކިތަންމެ ބޮޑަށް ދަތިވިނަމަވެސް އެއްވެސް މީހެއްގެ ގާތުގައި އެވާހަކައެއް ނުބުނާނެއެވެ. އަޅުގަނޑުވެސް ބޮޑުކުރަމުން އައީ އެގޮތުގައެވެ.  

މިހައިތަނަށް މީހެއްގެ ގާތުގައި ކަމަކު ނިކިޔައި އުޅެވުނަސް މިހާރު ނުކިޔައިވާކަށް ނެތެވެ. ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރަންޖެހިފައިވާތީއެވެ. އެހެންވެ އެކުވެރިން ގާތުން މިބާވަތުގެ ކަންކަމުގައި އެހީތެރިވާ މީހުންގެ މަޢުލޫމާތު އޮޅުންފިލުވައިގެން ސިޓީތައް ލިޔުނީމެވެ. އަނެއް ދުވަހު ސިޓީތައް ހިފައިގެން ނުކުންނަން ނިންމީމެވެ. އެރޭ މަންމަ ގާތުގައި ހޭލައި އިނދެގެންވެސް ދުޢާކުރީމެވެ. މަންމަ އަށް ޝިފާ ލިބޭނެ މަގެއް ދައްކަވައި ދެއްވެވުން އެދިއެވެ.  

ހެނދުނު މަންމައަށް ސައިދީހަދާފައި މަޑުކޮށްލިތަނާ ޑޮކްޓަރުން އައިސް ބަލާފައި އެދުވަހުގެ ބޭސްސިޓީ ދީފައި ދިއުމުން ބަލައިލިއިރު ބޭސްކޮޅު ނަގާނެ ފައިސާވެސް އަތަކު ނެތެވެ. މާތް ﷲ އަށް ވަކީލްކޮށްގެން ހުރެ ސިޓީތައް ހިފައިގެން ހޮސްޕިޓަލުން ނުކުންނަން ހިނގަމުން ގޮސް ބޭރު ދޮރުން ނުކުންނަނިކޮށް މީހަކު އައިސް ޖެހުނު ބާރުކަމުން ފުރަގަހަށް ވެއްޓުނެވެ. ބޯފެޅި ބޮލުގައި އޮތް ސްކާފްގައި ލޭ އުނގުޅުނެވެ.  

އެމީހާ ވަރަށް ދެރަވެފައި ހުރެގެން އަޅުގަނޑުގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ. އަދި ވަރަށް ބޮޑަށް މާފުކުރާށޭ އަވަހަށް ޑޮކްޓަރަށް ދައްކަން ހިނގާށޭ ހުރިހާ ކަމެއް ކޮށްދޭނަމޭވެސް ބުންޏެވެ.  

އެވަޤުތު އަޅުގަނޑަށް ވަރަށް އެހެންކަހަލަ އުނދަގޫތަކެއްވެސް ވިއެވެ. ކިޔުންތެރިންނަށް ޤަބޫލުކުރަން އުނދަގޫވިނަމަވެސް ވެއްޓިގެން ނަމަވެސް އެއްވެސް ކަމެއްގައި ދުވަހަކުވެސް އެހައިތަނަށް ހިލޭ ފިރިހެނަކު އަޅުގަނޑުގެ ގައިގައި ބީހިފައެއް ނުވާނެއެވެ.  

ކޮންމެއަކަސް އަޅުގަނޑު ވެއްޓުނުއިރު އަތުގައި ކޮތަޅު ވިއްސައިގެން ގޮސްފައި އޮތުމުން އޭނާ ގޮސް ކޮތަޅު ނެގުމުން އޭގައި ހުރި ސިޓީތައް އޭނާއަށް ފެނުނެވެ. ކޮތަޅު ގެނެސް އަޅުގަނޑުގެ އަތަށް ދީފައި ބުނީ ޑޮކްޓަރަށް ދައްކަން ދިއުމަށެވެ. އަޅުގަނޑު ބުނީ އެއީ އެވަރުގެ ކަމެއް ނޫން ކަމަށެވެ. ބޯދޮވެގެން ފެންވަރައިލީމާ ރަނގަޅުވެދާނެ ކަމަށެވެ. އެކަމަކުވެސް އޭނާ ގޮތް ދޫނުކޮށް އަޅުގަނޑު ގޮވައިގެންގޮސް ޑޮކްޓަރަށް ދެއްކިއެވެ.  

އިމަރޖެންސީގައި ތިބިއިރު އެސިޓީތަކާއި ބެހޭ ގޮތުން ސުވާލުކުރީމާ ކިޔައިދިނީމެވެ. އޭނާ ބުނީ ޑޮކްޓަރަށް ދައްކާލާފައި ބޭސް އަޅައިގެން މަންމަ ދެކެލަން ބޭނުން ކަމަށެވެ. އެެހންވެ ބޭސްއަޅައި ނިމިގެން އޭނާ ގޮވައިގެން މަންމަ ގާތަށް ދިއުމުން އިރުކޮޅަކު ބަލަންހުރެފައި ބުނީ ތަންތަނަށް ހިނގާނެ ކަމެއް ނެތް ކަމަށާއި އޭނާ އޮފީހަށް ގޮސްފައި ފޮނުވާ މީހާ ބުނާ ގޮތަކަށް ކަންކަން ކުރީމާ ބޭނުންވެގެން އުޅޭ ކަންތައް ހަމަޖެހޭނެ ކަމަށެވެ. އެހެން ބުނެފައި މަންމަގެ އަތަށް 1000 ރުފިޔާ ލައިދީފައި އޭނާ ދިއައީއެވެ.  

އޭނާ މީހަކު ފޮނުވިއެވެ. މަންމަ އާއި އަޅުގަނޑަށް ބޭހަށް ލަންކާއަށް ދެވޭނެ ގޮތް ހަމަޖައްސައިދިނެވެ. އެއިގެ އިތުރުން ލަންކާގައި ދިރިއުޅޭ އޭނާގެ ދައްތައަކު މެދުވެރިކޮށް ބޭސްފަރުވާކުރެވޭނެ ގޮތްވެސް ހަމަޖައްސައިދިނެވެ. 

ލަންކާގައި 3 މަސްދުވަހު ތިބެންޖެހުނެވެ. އެނބުރި އައުމުން އޭނާ އަޅުގަނޑަށް ވަޒީފާއެއް ދިނެވެ. އަދި ނަރުސްކަން ކިޔެވުމުގެ ބަދަލުގައި ޑޮކްޓަރުކަން ކިޔަވަން ބުނެފައި އެކަމަށްވެސް މަގުފަހިކޮށްދިނެވެ. މިއަދު އަޅުގަނޑަކީ ޑޮކްޓަރަކީމެވެ. މަސައްކަތް މިކުރަނީ އިސްޓްރޭލިއާގައެވެ. ދިރިއުޅެމުން މިގެންދަނީ މަންމައާއި ފިރިމީހާ އާއި 3 ދަރިންނާއިވެސް އެކުގައެވެ.  

އަޅުގަނޑުގެ ބައްޕައެއް ފަދަ އޭނާ މިހާރުވެސް އަޅުގަނޑުމެން ދެމައިންނަށް ގުޅައި ޙާލުބަލައެވެ. ކަމަކު ބޭނުންތޯވެސް ސުވާލުކުރެއެވެ.  

އަޅުގަނޑުގެ މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލި ބޭނުމަކީ ހަމައެކަނި މާތް ﷲ ގެ ޙަޟްރަތުން ވާގިއެދުމުން ދެއްވަވާ ނިޢްމަތްތައް ބަޔާންކުރުމެވެ. މައިންގެ ހެޔޮ ދުޢާގެ ފައިދާ ބަޔާންކުރުމެވެ. އަޅުގަނޑުގެ އުމުރުން 12 އަހަރުގައި ބައްޕަ ނިޔާވުމުން މަންމަ އިތުރު ކައިވެންޏެއް ނުކުރެއެވެ. އެއްވެސް މީހެއްގެ ގާތަކުން އެއްވެސް ކަމަކު ނުއެދެއެވެ. ހުސްވަޤުތެއް ލިބިއްޖެ ނަމަ އިންނާނީ އަޅުކަމުގައެވެ. ދެއަތް އުފުލައި ދުޢާކުރުމުގައެވެ.  

މަންމަ ބުނީ މަންމަ އެންމެ ގިނައިން ދުޢާކުރީ އަޅުގަނޑަށް ހެޔޮ ގޮތް މިންވަރުކުރެއްވެވުން އެދިކަމަށެވެ. ވީމާ މަންމަ ބަލިވުމާއި ޙާލުގައި ޖެހުމާއި މިހުރިހާ ކަންކަން މެދުވެރިވީ އަޅުގަނޑަށް މިދުވަސް މިގޮތަށް ދައްކަވަން އޮތުމުން ކަމަށް ނޫން ގޮތަކަށް އަޅުގަނޑު ޤަބޫލެއް ނުކުރާނަމެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތްތެރި ފިލާވަޅަކަށްވެގެންދާނެ ކަމަށް ހީކޮށް ޙިއްޞާކޮށްލީއެވެ.  

- ޝައި / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް