އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު
ބަރަކާތްތެރި ރަމަޟާން މަހަކީ މުސްލިމުންނަށް އެންމެ އުފާވެރި މައްސަރެކެވެ. އެމަހުގައި ރޯދަހިފުމުން ލިބޭ ހިތްހަމަޖެހުން ބޮޑުކަމުންނެވެ. އެހެންވެ ބަރަކާތްތެރި ރަމަޟާން މަހުގައި ރޯދަހިފޭނެ ގޮތް މެދުވެރިނުވުމުން ކަންބޮޑުވެ ތިމަންމެންނަށް ޘަވާބު ހޯދޭނެ ގޮތަކީ ކޮބައިތޯ ސުވާލުކުރެއެވެ.
އެއީ ހަމަ ހިތުގައި އުފެދޭނެ ސުވާލެކެވެ. ރޯދައިގެ ޘަވާބަށް ދަހިވެތިވާ މީހުންގެ ހިތުގައި ސުވާލު އުފެދޭނެކަން ޔަޤީނެވެ. ވީމާ މިމޭރުމުން ވިސްނައިލާށެވެ!
ހައިޟުވަނީ އަމިއްލައަކަށް ނޫނެވެ. އަދި ނިފާސްކަމުގެ މުއްދަތުވެސް ކަނޑައަޅަނީ އަމިއްލައަކަށް ނޫނެވެ. ރޯދަ މަހު އެހާލަތު މެދުވެރިކުރައްވަވައި ރޯދަ ނުހިފޭނެ ގޮތް މެދުވެރިކުރައްވަވަނީ ވެސް ހަމަ ރޯދަ ހިފުމަށް އަމުރުފުޅު ކުރެއްވެވި ﷲ ތަޢާލާއެވެ.
އަހަރެމެންނަށް އޮތީ އެކަލާނގެ ކުރައްވަވާ ކޮންމެ އަމުރުފުޅަކަށް ފުރިހަމައަށް ކިޔަމަންވުމެވެ. ރޯދަ ހިފުން ފަރުޟު ކުރެއްވެވުމުން ކިޔަމަންތެރިވެ ރޯދަހިފަނީއެވެ. ސުންނަތެއް ކަމަށް ކަނޑައެޅުއްވެވުމުން ވެސް އެމީހަކަށް ހިފުނުވަރަކަށް ހިފަނީއެވެ. ވީމާ ނުހިފަން މިންވަރުކުރެއްވެވުމުން ވެސް އޮތީ އެކަން ޤަބޫލުކޮށް އަމުރުފުޅަށް (މިންވަރުކުރެއްވެވި ގޮތަށް) ކިޔަމަންތެރިވުމެވެ.
ޤަބޫލުކުރަންވީ ކަމަކީ ޘަވާބު ދެއްވަވަނީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމުންކަމެވެ. ހިފަން އަމުރުފުޅު ކުރެއްވެވުމުން ހިފަނީވެސް ކިޔަމަންތެރިވުމށެވެ! ނުހިފަން އަމުރުފުޅު ކުރެއްވެވުމުން ނުހިފަނީވެސް ކިޔަމަންތެރިވުމަށެވެ. ވީމާ ކިޔަމަންތެރިވުމުން ދެއްވަވާ ޘަވާބު ދެހާލަތުގައި ނުލިބިއެއް ނުހުންނާނެއެވެ.
ދުވާލުގެ ވަގުތުތައް ގިނަ ޤައުމެއްގައި 14، 15 ގަޑިއިރު ރޯދައަށް ހުންނަފަހުން އެބަ ޙައިޟުވެއެވެ. މާޔޫސްނުވާށެވެ! އެހިސާބުން ރޯދަ އެއޮތީ ނިމިފައެވެ. ނިންމެވީ ކޮން ފަރާތަކުން ހެއްޔެވެ؟ ރޯދަ ފަރުޟުކުރެއްވެވި ﷲ ތަޢާލާއެވެ. ވީމާ ކަންބޮޑުވާން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.
ރޯދަ މަސް ނިމުމުންވެސް އޮތީ ކިޔަމަންތެރިވުމެވެ. އެއީ ގެއްލުނު ރޯދަ ޤަޟާކުރުމަށް އޮތް އަމުރުފުޅަށް ވީހައި އަވަހަކަށް ޢަމަލުކުރުމެވެ.
ޢާންމުގޮތެއްގައި ޙައިޟުވުމުން 5 ދުވަހާއި 10 ދުވަހާއި ދެމެދުގެ މުއްދަތަކަށް ރޯދަ ގެއްލެއެވެ. ނުހިފައި ހުންނަން ޖެހޭނެތީއެވެ. ކިޔަމަންތެރިވެ ނުހިފައި ހުރުމުން ދެއްވަވާނެ ޘަވާބު އަހަރެމެންނަށް އެނގޭކަށް ނެތެވެ. ނަމަވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެ ވަނީ އެކަން ލިޔުއްވަވައިފައެވެ. ލިޔުއްވަވާފައިވާވަރަށް އެއްވެސް މިނަވަރެއް މަދު ނުކުރައްވަވައި ތިބާއަށް ދެއްވަވާނެތެވެ! އިން ޝާ ﷲ
އުފާކުރާށެވެ! ގެއްލުނު ހުރިހާ ރޯދައެއް ހިފުމުން ހަމަ ރަމަޟާން މަހު ރޯދަ ހިފުމުން ޘަވާބު ދެއްވަވާވަރަށް ޘަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ. އެހެނީ ރަމަޟާން މަހުގެ ދުވަސްތަކުގައި ތިބާ ރޯދަ ނުހިފީ ތިބާއަމިއްލައަށް މެދުވެރިކުރި ކަމަކުން ކަމުގައި ނުވާތީއެވެ.
--މުފްތީ މެންކުގެ ދަރުސަކުން
Advertisement
15 މާޗް 2023