އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ހުރިހާ އުފަލަކީ ފައިސާކަމަށް ދެކެ ޢުމުރުން ދުވަސްވީ ފިރިހެނަކާ ގުޅުނު އަންހެނަކަށް ކުރަންޖެހުނު ހިތި ތަޖުރިބާ އޭނާގެ ދުލުން-

ޢިބްރަތްތެރި ވާހަކަ: ހުރިހާ އުފަލަކީ ފައިސާކަމަށް ދެކެ ޢުމުރުން ދުވަސްވީ ފިރިހެނަކާ ގުޅުނު އަންހެނަކަށް ކުރަންޖެހުނު ހިތި ތަޖުރިބާ އޭނާގެ ދުލުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 54 ސިކުންތު

އަޅުގަނޑަކީ އެންމެ ކުޑައިރުންސުރެ ތަނަވަސް ފިރިހެނަކާއި ގުޅެން ބޭނުންވެގެން ހުރި އަންހެނަކީމެވެ. އަޅުގަނޑަށް އެއިރު ވިސްނިފައި އޮތް ގޮތުން ހުރިހާ އެއްޗަކީވެސް ފައިސާއެވެ. ލޯތްބަކީވެސް ހުރިހާ އުފަލަކީވެސް ފައިސާއެވެ.  

އަޅުގަނޑު ކޮލެޖުން ނިމި ވަޒީފާއަދާކުރަން ފެށިތަނާހެން ރެސްޓޯރަންޓަކަށް ކާން ދިއަރެއަކު މީހަކު ފެނުނެވެ. ދޮށީ ޢުމުރުގެ މީހެކެވެ. ސްމާޓްވެސް މީހެކެވެ. އެހެންވެ ވެއިޓަރުން ގާތު އަހައިލުމުން އެނގުނީ އޭނާއަކީ ވަރަށް ގިނައިން އެރެސްޓޯރަންޓަށް ކާން ގޮސްއުޅޭ މީހެއްކަމެވެ. އަދި ވަރަށް ގިނައިން ތަފާތު އަންހެންކުދިން ގެންދާ ކަމެވެ.  

ހިތަށް އެރިއެވެ. "ތަފާތު އަންހެންކުދިން އެގެންދަނީ އެކަނި ހުރީމައެވެ. އަތުއަޅުވައިލެވިއްޖެނަމަ އެކަން ހުއްޓުވާލައި މިލްކުކޮށްލައިގެން ތަނަވަހުގައި އުޅެވިދާނެއެވެ."  

އެޚިޔާލުގައި އެރޭ އޭނާއަށް ގުޅީމެވެ. ގުޅައިވާހަކަދައްކައިލިތަނުން ސެޓްވެއްޖެއެވެ. އެހިސާބުން ދެމީހުން ބައްދަލުކުރަން ފެށީއެވެ. ދާދިއަވަހަށް ދެމީހުންނަކީ ލޯބިވެރިންކަމަށްވެއްޖެއެވެ. އެއަށްވުރެ މައްޗަށްވެސް ދެވިއްޖެއެވެ.  

ދެމީހުން ބައްދަލުކުރަނީ އޭނާގެ ފްލެޓެއްގައެވެ. އެތަނަކު އެއްވެސް މީހަކު ނުއުޅެއެވެ. އެކަމަކުވެސް އާދޭސްކުރިޔަސް އޯވަރނައިޓަކަށްވެސް ނުބަހައްޓައެވެ. ފޮނުވާލައެވެ. ބުނަނީ ރައްޓެއްސަކު އަތުވެއްޖެނަމަ އެނގޭނެ ކަމަށާއި އެއްވެސް މީހަކަށް އަންގަން ބޭނުން ނުވާ ކަމަށެވެ.  

3 އަހަރުވީއިރުވެސް ކައިވެންޏެއް ނުކުރެއެވެ. ކައިވެނީގެ ވާހަކަދައްކާއިރަށް ބުނަނީ ފަހުން ކަމަށެވެ. އެކަމަކު އަޅުގަނޑު ބުނާ ކަންކަން ކޮށްދެއެވެ. ޚަރަދުކުރެއެވެ.  

އެއްދުވަހަކު މަގަކުން ހިނގާފައި ދަނިކޮށް އަންހެނަކާއި ކުޑަ ދެ ކުދިންނާއިއެކު އޭނާ ގެއަކަށް ވަންނަތަން ފެނުމުން ސުވާލު އުފެދުނެވެ. އެހެންވެ ގޮސް ގެލްޖެހިތަނާ ދޮރުހުޅުވީ އެއަންހެން މީހާއެވެ. އަޅުގަނޑުގެ ބޭނުމަކީ ކޮބައިތޯ ބުނުމުން އޭނާ ޢާއި ބައްދަލުކުރަން އެދުނީމެވެ. ބައްދަލުކުރަނީ ކީއްކުރަންތޯ ސުވާލުކުރުމުން އެއީ އަޅުގަނޑުގެ ލޯބިވެރިޔާކަމަށް ބުނީމެވެ.  

އޭނާ ބުނީ އެއީ އޭނާގެ ފިރިމީހާ ކަމަށެވެ. 5 ދަރިންވެސް ލިބިފައިވާ ކަމަށެވެ. އޭނާގެ ލޯބިވެރިން ކަމަށްބުނެ އަޅުގަނޑު ފަދަ ޒުވާން ކިތަންމެ ކުދިންނެއް އެގެއަށް ހިނގައްޖެ ކަމަށާއި އެހެންވެ އެއީ އޭނާއަށް އައުކަމެއް ނޫން ކަމަށެވެ. އެހެން ބުނިތަނާ އޭނާ އައުމުން އަންތބަކު ހުއްޓައި އޮޅުވައިލީ ކީއްވެގެންތޯ ސުވާލުކުރުމުން ފެށި ހޭނށެވެ! ހީނގެންފައި އަޅުގަނޑު ބޭރަށްލައި ދޮރުލައްޕައިފިއެވެ. ދެން ބެލް ޖަހަޖަހާ ވެސް ނުހުޅުވިއެވެ. ގެއަސް ގޮސް ފޯނުން އެތައްފަހަރަކު އެތައް ދުވަހަކު ގުޅުމުންވެސް ނުނެގިއެވެ.  

ފައިސާގެ ތަނަވަސްކަމަށް ދަހިވެތިކަން ބޮޑުވެފައި ހުރިވަރުން ކުރެވުނު ކަންކަން ވިސްނި ވަރަށް ދެރަވިއެވެ. ނަމަވެސް އޭނާ ކުށްވެރިކުރާކަށް ނެތީމެވެ. ކުށްކުރެވުނީ އަޅުގަނޑަށެވެ. އޭނާއަށް ގުޅައި ވާހަކަ ދައްކައިގެން އޭނާ ސެޓްކުރެވުނީ އަޅުގަނޑަށް ކަމަށްވާތީއެވެ. 

އެހިސާބުން ހޭލުންތެރިވެވުނެވެ. ކުރެވުނު ކުށް ޤަބޫލުކުރީމެވެ. ތައުބާވީމެވެ. އަޅުގަނޑު ދެކެ އަބަދުވެސް ލޯބިވާ ޒުވާނަކާއި ގުޅި ކައިވެނިކޮށްގެން ދިރިއުޅެން ފެށިމެވެ. އޭނާއަކީ ފަޤީރެކެވެ. ފަޤީރު ނަމަވެސް އެއީ ވަރަށް ރަނގަޅު ޒުވާނެކެވެ. އަޅުގަނޑަށް އަޅައިލައެވެ. ލޯބިދެއެވެ.  

ކައިވެނީގައި މިހާރު 11 އަހަރު ވެއްޖެއެވެ. 3 ކުދިންވެސް ލިބިއްޖެއެވެ. ދެމީހުންގެ މެދަކު އެއްވެސް މައްސަލައެއް ނުޖެހެއެވެ. އިރާދަކުރެއްވިއްޔާ ނުވެސް ޖެހޭނެއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ޙަޔާތުގެ ތަޖުރިބާ މިކިޔައިދިނީ އަޅުގަނޑަށް އެއިރު ވިސްނުނު ފަދައިން ތަނަވަސްކަމަކީ ހުރިހާ އުފަލެއްކަމަށް ދެކޭ އަންހެންކުދިންނަށް ފިލާވަޅަކަށްވެ ހޭލުންތެރިވާނެ ކަމުގެ އުންމީދުގައެވެ. އަމިއްލަ ކުށް ޤަބޫލުކުރަމުންނެވެ.

 

--ޒަމީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް