އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްމާޢީލްގެފާނުގެ ސިޔަރަތު-3: ކައިވެނިފުޅު

އިސްމާޢީލްގެފާނުގެ ސިޔަރަތު-3: ކައިވެނިފުޅު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 11 މިނެޓް, 55 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

އަލްޙާފިޡް އިބްނު ކަޘީރު ރަޙިމަހުއް، އޭނާގެ ތާރީޚު ފޮތްކަމުގައިވާ އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވާ ގޮތުގައި إسماعيل عليه السّلام އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގެންނެވީ ޢައްމާރާ ބިންތު ސަޢުދު ބިން އުސާމަތު ނަމަކަށް ކިޔުނު ބޭކަނބަލަކާއެވެ.  

ޢަބްދު ބިން ޢައްބާސް ރަޟިޔަ ޢަންހު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘްކުރެއްވިއެވެ. إسماعيل عليه السّلام ކާވެނި ބައްލަވައިގަތުމަށްފަހު އެއްދުވަހަކު إبراهيم عليه السّلام، މައްކާއަށް ޢާއިލާގެ ޙާލު ބެއްލެވުމަށް ވަޑައިގަތެވެ. އެދުވަހު إسماعيل عليه السّلام އާ ބައްދަލުވެ ވަޑައެއްނުގަތެވެ. ނަމަވެސް އެކަލޭގެފާނުންގެ އަނބިކަނބަލުންގެ އަރިހުން إسماعيل عليه السّلام އާ ބެހޭގޮތުން ސުވާލުކުރެއްވިއެވެ. إسماعيل عليه السّلام ގެ އަނބިކަނބަލުން ދެންނެވިއެވެ. "އެކަލޭގެފާނު ނުކުމެ ވަޑައިގަތީ ފަރިއްކުޅުއްވާނެ އެއްޗެއް ހޯއްދެވުމަށެވެ." 

ދެން إبراهيم عليه السّلام، إسماعيل عليه السّلام ގެ ދިރިއުޅުއްވުމާ ބެހޭގޮތުން ސުވާލުކުރެއްވިއެވެ. އެހިނދު إسماعيل عليه السّلام ގެ އަނބިކަނބަލުން ދެންނެވިއެވެ. "ތިމަންމެން މިއުޅެނީ ވަރަށް ދަތިޙާލުގައެވެ. ވަރަށް މުޞީބާތުގައެވެ." އެހިނދު إبراهيم عليه السّلام ވިދާޅުވިއެވެ. "ކަމަނާގެ ފިރިކަލުން އެނބުރި ވަޑައިގަތުމުން ތިމަންކަލޭގެފާނުގެ ސަލާމް ފިރިކަލުންނަށް ނަންގަނެދެއްވާށެވެ! އެކަލޭގެފާނަށް، އެކަލޭގެފާނުންގެ ގެކޮޅުގެ އޮޅި ބަދަލުކޮށްލެއްވުމަށް ވިދާޅުވި ވާހަކަވެސް ދަންނަވާށެވެ!"  

ދެން إسماعيل عليه السّلام އެނބުރި ވަޑައިގެން މީހަކު އައިސްފައިވާކަން އެނގި ވަޑައިގެން ވިދާޅުވިއެވެ. "މިގެއަށް އެއްވެސް މީހަކު އައިހެއްޔެވެ؟" އެހިނދު އަނބިކަނބަލުން އާދޭހޭ ދެންނެވިއެވެ. މިވެނި ސިފައެއްގެ މުސްކުޅިއަކު ވަޑައިގެން ކަލޭގެފާނާ ބެހޭގޮތުން ސުވާލުކުރެއްވިއެވެ. އަދި ތިމަންކަމަނާ އޭގެ ޖަވާބުވެސް ދެއްވީމުއެވެ. އަދި ތިމަންމެންގެ ދިރިއުޅުމާ ބެހޭގޮތުންވެސް ސުވާލުކުރެއްވިއެވެ. އެހިނދު ތިމަންމެން ދިރިއުޅޭ ދަތި ޙާލުގެ ވާހަކަވެސް ދެންނެވީމުއެވެ. ދެން إسماعيل عليه السّلام ވިދާޅުވިއެވެ. 

"އެބޭކަލަކު އެއްވެސް ކަމަކަށް ވަޞިއްޔަތެއް ކުރެއްވިތޯއެވެ؟" އަނބިކަނބަލުން ދެންނެވިއެވެ. "އާދޭހެވެ. އެބޭކަލަކު ތިމަންކަމަނާއަށް އަމުރުކުރެއްވީ ކަލޭގެފާނަށް ސަލާމް ނަންގަނެދެއްވުމަށާއި ކަލޭގެފާނުންގެ ގެކޮޅުގެ ދޮރުގެ އޮޅި ބަދަލުކުރެއްވުމަށެވެ." އެހިނދު އިސްމާޢީލްގެފާނު ވިދާޅުވިއެވެ. "އެބޭކަލަކީ ތިމަންކަލޭގެފާނުންގެ ބައްޕާފުޅެވެ. ތިމަންކަލޭގެފާނަށް އެ އަމުރު ކުރެއްވީ ކަމަނާއާ ވަކިވެވަޑައިގަތުމަށެވެ. ކަމަނާ، ކަމަނާގެ ގެއަށް ވަޑައިގަންނަވާހުށިކަމެވެ!"

{ صحيح البخاري/ كتاب أحاديث الأنبياء/ باب ‏{‏يَزِفُّونَ‏}‏ النَّسَلاَنُ فِي الْمَشْىِ/ ޙަދީޘް ނަންބަރު 3364} 

އަލްޙާފިޡް އިބްނު ކަޘީރު ރަޙިމަހުއް، ވިދާޅުވެފައިވެއެވެ. ދެން އެކަމަނާ ވަރިކުރެއްވުމަށްފަހު إسماعيل عليه السّلام  ކާވެނިބައްލަވައިގެންނެވީ ޖުރުހުމް ޤަބީލާގެ ބޭކަނބަލަކާއެވެ. އެކަމަނާގެ ނަންފުޅަކީ  السيدة بنت مضاض بن عمرو الجرهمي އެވެ.

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު} 

އެކަމަނާގެ ވާހަކަ ޢަބްދު ބިން ޢައްބާސް ރަޟިޔަ ޢަންހު އަރިހުން ބުޚާރީ ރިވާކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. ދެން إسماعيل عليه السّلام  އެމީހުންގެ ތެރެއިން އެހެން އަންހެން ބޭކަނބަލަކާ ކައިވެނި ބައްލަވައިގަތެވެ. އަނެއްކާވެސް އެތައް ދުވަހެއްފަހުން إبراهيم عليه السّلام ވަޑައިގަތެވެ. އެފަހަރުވެސް إسماعيل عليه السّلام އާ ބައްދަލުވެ ވަޑައެއްނުގެންނެވިއެވެ. ދެން إسماعيل عليه السّلام ގެ އަނބިކަނބަލުންގެ އަރިހުން އެބޭފުޅުންގެ ދިރިއުޅުމާ ބެހޭގޮތުން ސުވާލުކުރެއްވިއެވެ. އެހިނދު އެކަލޭގެފަނުގެ އަނބިކަނބަލުން ދެންނެވިއެވެ. 

"އަޅުގަނޑުމެން މިއުޅެނީ ހެޔޮ ޙާލުގައެވެ." އަދި އެކަމުގެ މައްޗަށް އެކަމަނާ މާތްالله އަށް ޙަމްދާއި ތަޢުރީފު ވެސް ބަޔާންކުރެއްވިއެވެ. 

ދެން إبراهيم عليه السّلام ވިދާޅުވިއެވެ. "ތިޔައިގެ ދެމަފިރިކަނބަލުން ފަރިއްކުޅުއްވަނީ ކޮން އެއްޗެއްތޯއެވެ؟ " އެކަމަނާ ދެންނެވިއެވެ. މަހެވެ. ދެން إبراهيم عليه السّلام ވިދާޅުވިއެވެ. "ހިއްޕަވަނީ ކޮންއެއްޗެއްތޯއެވެ؟ " އެކަމަނާ ދެންނެވިއެވެ. ފެނެވެ. ދެން إبراهيم عليه السّلام ދުޢާ ދެންނެވިއެވެ. 

"އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޯއެވެ! އެމީހުނަށް އެމީހުންގެ ފެނާއި މަހުގައި ބަރަކާތްލައްވާނދޭވެ!" ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘްކުރެއްވިއެވެ. "އެޒަމާނުގައި އެމީހުންނަކަށް ގޮވާމުގެ އޮއްޓަރެއް ނުވެއެވެ. އެމީހުން ކެއުމަށް އެހެން އެއްޗެއް ބޭނުންކުރާކަމުގައި ވީނަމަވެސް އެއެއްޗަކަށް ބަރަކާތް ލެއްވުމަށް އެދި އެކަލޭގެފާނު ދުޢާދެންނެވީހެވެ."  

ޢަބްދު ބިން ޢައްބާސް ރަޟިޔަ ޢަންހު ވިދާޅުވިއެވެ. "މައްކާ ނޫން ތަނެއްގައި ހަމައެކަނި މިދެބާވަތްކާނަމަ އެބައެއްގެ ބަނޑަށް އުނދަގޫވާހުއްޓެވެ. ނަމަވެސް އެދެބާވަތް ކާބަޔަކަށް މައްކާގައި އެދެބާވަތް ކެއުމަކުން އެބައެއްގެ ބަނޑަކަށް އެއްވެސް އުނދަގުލެއް ނުވާހުއްޓެވެ." 

ދެން، إبراهيم عليه السّلام ވިދާޅުވިއެވެ. "ކަމަނާގެ ފިރިކަލުން އެނބުރި ވަޑައިގަތުމުން ސަލާމް ނަންގަނެދެއްވާށެވެ! އަދި ދަންނަވާށެވެ! ކަލޭގެފާނުންގެ ގެކޮޅުގެ ދޮރުގެ އޮޅި ދޫކޮށްނުލައްވާހުށިކަމެވެ." 

ދެން، إسماعيل عليه السّلام އެނބުރި ވަޑައިގެން ވިދާޅުވިއެވެ. ކަމަނާގެ އަރިހަށް އެއްވެސް މީހަކު އައިތޯއެވެ؟ އެކަމަނާ ދެންނެވިއެވެ. އާދޭހެވެ! ވަރަށް ރަނގަޅު ސިފަރީތި މުސްކުޅިއަކު ވަޑައިގަތެވެ. އެކަމަނާ إبراهيم عليه السّلام އަށް ތަޢުރީފު ކުރެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. އެބޭކަލަކު ކަލޭގެފާނާ ބެހޭގޮތުން ސުވާލު ކުރެއްވިއެވެ. ދެން ތިމަންކަމަނާ އެބޭކަލަކަށް ކަލޭގެފާނާ ބެހޭގޮތުން މަޢުލޫމާތު ދެއްވީމެވެ. ދެން އެބޭކަލަކު ސުވާލުކުރެއްވީ ތިމަންމެންގެ ދިރިއުޅުމާ ބެހޭގޮތުންނެވެ. އެހިނދު ތިމަންކަމަނާ، ދިރިއުޅުން ރަނގަޅުކަމަށްވެސް ދެންނެވީމެވެ. އެހިނދު އިސްމާޢީލުގެފާނު ވިދާޅުވިއެވެ. 

އެބޭކަލަކު ކަމަނާއަށް އެއްވެސް ކަމަކާބެހޭގޮތުން އެއްވެސް ވަޞިއްޔަތެއް ކުރެއްވިތޯއެވެ؟ އެކަމަނާ އާދޭހޭ ދެންނެވިއެވެ. އެބޭކަލަކު ކަލޭގެފާނަށް ސަލާމް ނަންގަނެދެއްވުމަށް ވިދާޅުވުމަށްފަހު ވިދާޅުވީ ކަލޭގެފާނުންގެ ގެކޮޅުގެ ދޮރުގެ އޮޅި ޘާބިތުކަމާއެކު ބެހެއްޓެވުމަށެވެ. އެހިނދު إسماعيل عليه السّلام ވިދާޅުވިއެވެ. އެބޭކަލަކީ ތިމަންކަލޭގެފާނުންގެ ބައްޕާފުޅެވެ. ގެކޮޅުގެ ދޮރުގެ އޮޅިއަކީ ކަމަނާއެވެ. ބައްޕާފުޅު އެއަމުރުކުރެއްވީ ކަމަނާ ވަރިނުކުރުމަށެވެ.

{ صحيح البخاري/ كتاب أحاديث الأنبياء/ باب ‏{‏يَزِفُّونَ‏}‏ النَّسَلاَنُ فِي الْمَشْىِ/ ޙަދީޘް ނަންބަރު 3364} 

Advertisement

ކޮމެންޓް ކުރެއްވުމަށް