އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢާއިޝަތުގެފާނުގެ ސީރަތު

ޢާއިޝަތުގެފާނުގެ ސީރަތު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 37 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

ފެށުން

އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާ އާއި އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއަކީ އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ ތެރެއިން އެންމެ މަޝްހޫރު ދެބޭކަނބަލުންނެވެ. މިދެބޭފުޅުންވަނީ އިސްލާމްދީނުގެ މަތިވެރި ނަބިއްޔާގެ ދައުވަތުގެ މަސައްކަތްޕުޅުގައި ނުހަނު އިސް ރޯލެއް އަދާ ކުރައްވައިފައެވެ. މައިގަނޑުގޮތެއްގައި ދަންނަނަވާނަމަ މައްކީ ދައުރުގައި މާތް ރަސޫލާގެ އެންމެ އިސް ވާގިވެރިއެއްގެ ގޮތުގައި ހުންނެވީ ޚަދީޖަތުގެފާނެއެވެ. 

ޚަދީޖަތުގެފާނުވަނީ އެކަމަނާގެ ޖާނާއި މާލުން އިސްލާމްދީނަށްޓަކައި އެތަނެއް ޤުރްބާނީތަކެއްވެވަޑައިގެންފައެވެ. އެކަމަނާގެ ސީރަތުގެ މައްޗަށް ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] އަޅުގަނޑުވާނީ ތަރުޖަމާކޮށް މިއަދު ނޫހުގައި ޝާއިއުކޮށްފައެވެ. [ޚަދީޖަތުގެފާނުގެ ޙަޔާތްޕުޅުގެ ރަން ޞަފްޙާތައް] މިނަމުގައެވެ. 

މަދަނީ ދައުރުގައި ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބޭކަނބަލަކީ ޢާއިޝަތުގެފާނެވެ. އެކަމަނާގެ ޚިދުމަތްތައް ނުފެންނަ ރޮނގެއް ނެތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެކަމަނާއަކީ ޢިލްމުވެރިކަމަށް އަރާއިންނެވި ޢާލިމާއެކެވެ. ކުޅަދާނަ ޝާއިރާއެކެވެ. ޢަރަބިބަހުގެ އަދަބިއްޔާތުގެ ތެރެއަށް ވަދެވަޑައިގެން އިންނެވި އަދީބާއެކެވެ. އިސްލާމްދީނުގެ ޙުކުމްތަކާއި ޙިކުމަތްތައް ރަނގަޅަށް ދެނެވަޑައިގެންއިންނެވި ފިޤުހުވެރިއެކެވެ. މުހުތާދުވެރިންނަށް އެހީތެރިވެވަޑައިގެންނެވި ދަރުމަވެރިއެކެވެ. މިހެން ގޮސް އެތައް އެތައް ރޮނގަކުން އެކަމަނާގެ ޚިދުމަތްތައް އަޅުގަނޑުމެންނަށްވަނީ ފެނިފައެވެ.

އިސްލާމީ ތާރީޚުގެ ޞަފްޙާތައް ފަޅުފިލުވައިލައިފައިވަނީ މިފަދަ ހަރުދަނާ ޝަޚްޞިއްޔަތުންގެ ރީތީ ސީރަތުންނެވެ. އަޅުގަނޑުމެން މުސްލިމުންގެ ހީރޯއިންކަމުގައި ބަލަންޖެހޭނީ މިފަދަ ޝަޚްޞިއްޔަތުތެކެވެ. މި ލިޔުމުގައި އަޅުގަނޑުވާނީ އުއްމުލް މުއުމިނީން ޢާއިޝަތުގެފާނުގެ ސީރަތު ވަރަށް ތަފްސީލުކޮށް ގެނެސްދީފައެވެ. މަސްދަރަކީ އިސްލާމީ އުއްމަތުގެ ބޮޑެތި ބޮޑެތި ޢިލްމުވެރިންނާއި، މުއައްރިޚުންނާއި، މުޙައްޤިޤުންގެ ފޮތްތަކެވެ. އެބޭފުޅުން ދެއްވައިފައިވާ ދަރުސްތަކެވެ. އަޅުގަނޑު މި ލިޔުން ލިޔަމުން ގެންދިޔައީ މައުލޫމާތުތަކަށް ޙަވާލާދެމުންނެވެ.

އަޅުގަނޑުގެ އުއްމީދަކީ [ޢާއިޝަތުގެފާނުގެ ސީރަތު] ވިދާޅުވާ ބޭފުޅުންނަށް އެކަމަނާގެ ޠާހިރު ސީރަތުން ޢިބްރަތް ހާސިލުކުރުމުގެ ތައުފީޤު ލިބިގެންދިޔުމެވެ. އިސްލާމްދީނަށް ލޯބިކުރާ، އެދީނުގެ ޙުކުމްތަކަށް ކިޔަމަންގަންނަ ބައެއްކަމުގައި އަޅުގަނޑުމެން އެންމެ ލެއްވުމެވެ. ހެޔޮކަންތައްތައްކޮށް ހެޔޮކަންތައްތައް ކުރުންމަތީ ދެމިތިބުމުގެ ތައުފީޤު އަޅުގަނޑުމެން އެންމެނަށްވެސް ދެއްވުމެވެ.

5 ޝަޢުބާން 1444

25 ފެބްރުއަރީ 2023

+++++++++++++++++++

ޢާއިޝަތުގެފާނުގެ ސީރަތު 

ޢާއިޝަތުގެފާނުގެ ސީރަތު 01: ނަންފުޅާއި ނަސަބުފުޅު، އެކަމަނާގެ ކާފާފުޅާއި މާމާފުޅަކީވެސް ޞަޙާބީން 

ބިސްމިއަށްފަހު ޙަމްދާ ޝުކުރުކޮށް އެންމެ ލޮބުވެތި ޙަޟްރަތަށް

ބަސްތަކުން ޞަލަވާތް އިތުރުކޮށްފަށަމެ އެދިގެން ރަޙްމަތަށް     

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަ ޢަންހާއަކީ، މުސްލުމުންގެ ފުރަތަމަ ޚަލީފާ އަމީރުލް މުއުމިނީން އަބޫބަކުރުއް ޞިއްދީޤު ރަޟިޔަ ޢަންހު ގެ ދަރިކަނބަލެކެވެ. ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ ލޮބުވެތި އަނބިކަނބަލުންނެވެ. އެކަލޭގެފާނުގެ ދުނިޔެ އާއި އާޚިރަތުގެވެސް އަނބިކަނބަލުންނެވެ. މާތް ރަސޫލާގެ ޠާހިރު ސުންނަތުގެ އަގުބޮޑެތި މުތީތައް އިސްލާމީ އުއްމަތަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެއްވި ބޭކަނބަލަކީ އެކަމަނާއެވެ.

ނަންފުޅާއި ނަސަބުފުޅު

އެންމެ ފުރަތަމަ ބައްލަވާށެ އެކަމަނާގެ ފުރިހަމަ ނަސަބުފުޅަށް

    ދެން އެއަށްފަހު ވިސްނަވާށެ، އެކަމަނާގެ ޠާހިރު ހަސަބުފުޅަށް

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަ ޢަންހާއަކީ، ޞަޙާބީ ބޭކަ ކަނބަލުންގެ ތެރެއިން ވަރަށް ޚާއްޞަ މަޤާމެއް ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ. އެކަމަނާގެ ބައްޕަ ފަރާތުގެ ކާފާފުޅު އަބޫ ޤުޙާފަތު ޢުޘްމާނު ބިން ޢާމިރަކީ ޞަޙާބީ ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވީ މައްކާ ފަތަޙަ ކުރެއްވި ދުވަހުއެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވިއިރު، ވަނީ ވަރަށް ބޮޑަށް މުސްކުޅިފުޅުވެފައެވެ. އަބޫބަކުރުއް ޞިއްދީޤު ރަޟިޔަ ޢަންހު އެކަލޭގެފާނުގެ ބަފައިކަލުންގެ އިސްލާމަކަން މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އަރިހުގައި ފާޅުކުރެއްވުމަށްޓަކައި ބަފައިކަލުން ގޮވައިގެން މާތް ރަސޫލާގެ އަރިހަށް ވަޑައިގެންނެވިއެވެ. އެހިނދު މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ.

[އޭ އަބޫބަކުރެވެ. ކަލޭގެފާނުގެ ބަފައިކަލުން އެ ހުންނެވިތަނެއްގައި ބެހެއްޓެވިނަމަ، ތިމަންކަލޭގެފާނު އެކަލޭގެފާނުގެ އަރިހަށް ހިނގައްޖައީމުހެވެ.] އަބޫބަކުރުއް ޞިއްދީޤު ރަޟިޔަޢަންހު ވިދާޅުވިއެވެ. [ކަލޭގެފާނު، އަޅުގަނޑުގެ ބައްޕަގެ ގާތަށް ވަޑައިގެންނެވުމަށްވުރެ، ބައްޕަ ކަލޭގެފާނުގެ އަރިހަށް ވަޑައިގަތުން މާ އައުލާކަން ބޮޑެވެ.] 

އެއަށްފަހު، އަބޫ ޤުޙާފަތު އޭނާގެ އިސްލާމްކަން މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ކުރިފުޅުމަތީގައި އިޢުލާން ކުރެއްވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އަތްޕުޅު މައްޗަށް އިސްލާމްކަމުގެ ބައިޢަތު ހިއްޕެވިއެވެ. ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން، އޭރު އަބޫ ޤުޙާފާ ރަޟިޔަﷲ ޢަންހަކީ ވަރަށް މުސްކުޅިފުޅު ބޭކަލެކެވެ. އެކަލޭގެފާނުގެ އިސްތަށިފުޅުގެ އިސްތަށިކޮޅުތައްވަނީ މުޅިން ހުދުވެފައެވެ. އެހެންކަމުން މާތް ރަސޫލާ އެކަލޭގެފާނުގެ އިސްތަށިކޮޅުތަކުގައި ކުލަޖެއްސެވުމަށް އެންގެވިއެވެ. ޢާއިޝަތުގެފާނު ގެ ބައްޕަ ފަރާތުގެ މާމާފުޅު އުއްމުލް ޚައިރު ސަލްމާ ބިންތު ޞަޚްރު ރަޟިޔަﷲ ޢަންހާއަކީވެސް  ޞަޙާބީންގެ މަތިވެރި ދަރަޖަ ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ. އެކަމަނާއަކީ އިސްލާމްދީނުގެ ނުހަނު ކުރީކޮޅުގައި އިސްލާމްވެވަޑައިގެން އިންނެވި ޞަޙާބިއްޔާއެކެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަބޫބަކްރުއް ޞިއްދީޤު، ޞަފްޙާ 33}  

ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ލޮބުވެތި ބަފައިކަލުންނަކީ އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހެވެ. ކައުއިތުރު ނަބިއްޔާ صلّى اللّـه عليه وسلّم  ގެ ރިސާލަތަށް ބޮޑެތި ފިރިހެނުންކުރެ، އެންމެ ފުރަތަމަ އިޖާބަދެއްވި ފަރާތަކީ އެކަލޭގެފާނެވެ. އެކަލޭގެފާނުގެ މާތްކަމާއި މަތިވެރިކަމުގެ މައުޟޫގައި ބަޔާންވެގެންވާ ޙަދީޘްތަކާއި އާޔަތްތަކަކީ ތާރީޚު ދިރާސާ ކުރާފަރާތަކަށް ވަންހަނާ ވެގެންވާނެ ކަމެއްނޫނެވެ. 

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ މައިކަނބަލުންނަކީ އުއްމު ރޫމާން ރަޟިޔަﷲ ޢަންހާ އެވެ. އެކަމަނާގެ އަސްލުނަންފުޅަކީ ޒައިނަބެވެ. އެކަމަނާއަކީ އިސްލާމްދީނުގެ އެންމެ ކުރީކޮޅުގައި އިސްލާމްވެވަޑައިގެންނެވި ބޭކަނބަލެއްކަމަށް، އިބްނު ސަޢުދު ބަޔާން ކުރައްވައިފައިވެއެވެ. އެކަމަނާ އަވަހާރަވީ ހިޖުރައިން ހަވަނަ އަހަރުގެ ތެރޭގައެވެ. އެކަމަނާއާމެދު މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރައްވައިފައިވެއެވެ.  

[ސުވަރުގޭގެ ހޫރުލްއީނަކު ދެކޭން ބޭނުން މީހަކު އުއްމު ރޫމާން ދެކޭހުށިކަމެވެ.]

އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ޙަޔާތްޕުޅުގައި ހިނގައިދިޔަ ހިތާމަވެރި އިފްކުގެ ޙާދިޘާގައި މުހިއްމު ރޯލެއް އަދާ ކުރައްވައިފައެވެ. {މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 172-176}

 

Advertisement

ކޮމެންޓް ކުރެއްވުމަށް