އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްމާޢީލްގެފާނުގެ ސިޔަރަތު‍ 5: ޚުލުޤުފުޅު

އިސްމާޢީލްގެފާނުގެ ސިޔަރަތު‍ 5: ޚުލުޤުފުޅު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 47 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

ޚުލުޤުފުޅު: 

އެނގިވަޑައިގަންނަވާނެ ފަދައިން، إسماعيل عليه السّلام އަކީ ތައުޙީދުގެ ބައްޕަކަމުގައިވާ إبراهيم عليه السّلام ގެ އެންމެ ދޮށީ ދަރިކަލުންނެވެ. إبراهيم عليه السّلام އަކީ، އެންމެހައި މަކާރިމުލް އަޚްލާޤަކުން ޒީނަތްތެރިވެވަޑައިގެން ހުންނެވި ރަސޫލުބޭކަލެކެވެ. ނަބީބޭކަލެކެވެ. އެހެންކަމުން، އެންމެ ތުއްޕުޅުއިރުވެސް، إسماعيل عليه السّلام ދެކެވަޑައިގެންފައިވަނީ ޖާހިލުކަމާއި ޝިރުކުން ސާފުވެގެންވާ ވެއްޓެކެވެ. ނަތީޖާއެއްގެ ގޮތުން އެކަލޭގެފާނު ވެވަޑައިގެންފައިވަނީ، ތަޤްވާވެރި، ދީންވެރި، އެންމެހައި ރީތި ސިފަފުޅުތަކާއި ހެޔޮ ޚުލުޤުފުޅުން ޒީނަތްތެރިވެވަޑައިގެން ހުންނެވި ބޭކަލަކަށެވެ. 

إسماعيل عليه السّلام ގެ މިދެންނެވި ހެޔޮ ޚުލުޤުފުޅުތަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ އެކަލޭގެފާނު ވެވަޑައިގަންނަވާ ވަޢުދުގައި، ތެދުވެރިވުމެވެ. އެހެންކަމުން ޢާލަމްތަކުގެ ވެރިރަސްކަލާންގެ އެކަލޭގެފާނުގެ ވަޢުދުފުއްދެވުމުގެ ސިފައަށް ތާރީފު ކުރައްވައި މަރްޔަމް ސޫރަތުގެ 54 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. 

"وَاذْكُرْ فِي الْكِتَابِ إِسْمَاعِيلَ ۚإِنَّهُ كَانَ صَادِقَ الْوَعْدِ وَكَانَ رَسُولًا نَّبِيًّا ﴿٥٤﴾"

މާނައީ: "ކަލޭގެފާނު މި ފޮތުން إسماعيل ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، وعد ފުއްދުމުގައި ތެދުވެރިޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި رسول އަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނުވިއެވެ." 

ތަފްސީރުލް ޤުރްޠުބީގައި ރިވާވެގެންވެއެވެ. "އެއްފަހަރަކު إسماعيل عليه السّلام މީހެއްގެ ގާތުގައި ބައްދަލުވުމަށް ވަޢުދުވެވަޑައިގެންނެވިއެވެ. ބައްދަލުވެވަޑައިގަންނަވަން ވަކިތަނެއް ކަނޑައަޅުއްވައި ވަކި ވަޤުތެއް ޢައްޔަން ކުރައްވައިފައެވެ. ނަމަވެސް އެމީހާ ހަނދާން ނެތިގެން ނުވަތަ ކޮންމެވެސް ސަބަބަކާހުރެ، އެވަޤުތަށް އެތަނަށް ޙާޒިރެއްނުވެވުނެވެ. ނަމަވެސް إسماعيل عليه السّلام އޭނާއަށް އިންތިޒާރު ކުރެއްވުމުގައި ތިން ދުވަސްވަންދެން އެތަނުގައި ހުންނެވިއެވެ. "

{އިމާމުލް ޤުރްޠުބީ ރަޙިމަހުއް، ތަފްސީރުލް ޤުރްޠުބީ މަރްޔަމް ސޫރަތުގެ 54 ވަނަ އާޔަތުގެ ތަފްސީރު} 

އިބްނު ޖުރައިޖު ވިދާޅުވެފައިވެއެވެ. "إسماعيل عليه السّلام ވެވަޑައިގަންނަވާ ވަޢުދުތަކުގެ ތެރެއިން އެއްވެސް ވަޢުދެއް އެކަލޭގެފާނު ނުފުއްދަވައި ދޫކޮށް ނުލައްވަތެވެ."

{ތަފްސީރު އިބްނު ކަޘީރު މަރްޔަމް ސޫރަތުގެ 54 ވަނަ އާޔަތުގެ ތަފްސީރު} 

ވަޢުދުފުއްދުމުގެ ސިފައަކީ ތެދުވެރި މުއުމިނުންގެ ސިފައެކެވެ. މާތްފޮނުއްވި އެންމެހައި ނަބީބޭކަލުންވަނީ މިސިފައިން ފުރިހަމައަށް ޒީނަތްތެރިވެވަޑައިގެންފައެވެ. ވަޢުދާއި ޚިލާފުވުމަކީ މުނާފިޤުންގެ ސިފައެކެވެ. ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރައްވައިފައިވެއެވެ. 

"آيَةُ الْمُنَافِقِ ثَلَاثٌ: إِذَا حَدَّثَ كَذَبَ، وَإِذَا وَعَدَ أَخْلَفَ، وَإِذَا ائْتُمِنَ خَانَ { صحيح مسلم/ باب بَيَانِ خِصَالِ الْمُنَافِقِ / ޙަދީޘް ނަންބަރު 117}

މާނައީ: "މުނާފިޤުންގެ އަލާމާތްތައް ތިނެކެވެ. އެބައިމީހުން ވާހަކައެއް ދައްކައިފިނަމަ ދޮގުހަދައެވެ. ވަޢުދެއް ކޮށްފިނަމަ އެ ވަޢުދަކާއި ޚިލާފުވެއެވެ. އަމާނާތެއް ޙަވާލުކުރެއްވިއްޖެނަމަ ޚިޔާނާތްތެރިވެއެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް